ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން، އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި ފަށައިފި

ކުރަނގި އޮޕަރޭޝަނުގެ ތިންވަނަ ފިޔަވަހި ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ޝާތިއު މުޙައްމަދު

ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި ހޯމް މިނިސްޓްރީން އިސްނަގައިގެން ހިންގާ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި މިއަދު ވަނީ ފަށާފައެވެ. މި ފިޔަވަހީގެ ދަށުން މާލެ ސަރަހައްދު 24 ޒޯނަކަށް ބަހާލައިގެން، ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން ދަނީ އިންސްޕެކްޝަންތައް ކުރިއަށް ގެންދަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް 98 އިންސައްތަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކުރެވިފައެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޕޯޓުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.

  • އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި މާލޭގައި ފެށުން
  • މާލެ 24 ޒޯނަކަށް ބަހާލައިގެން އިންސްޕެކްޝަން ކުރިއަށް ގެންދިއުން
  • ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު އެއްކޮށް ޑޭޓާބޭސް އައުކުރުން
  • 98 އިންސައްތަ ބިދޭސީންގެ މައުލޫމާތު މިހާތަނަށް ވަނީ އެއްކުރެވިފައި
  • ކުރިއަށް އޮތް ހަ މަސް ތެރޭގައި ގަވާއިދާ ޚިލާފުވާ ފަރާތްތައް ޑިޕޯޓުކުރުން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހޯމް މިނިސްޓްރީން ހިންގާ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި މިއަދު ފަށައިފިއެވެ.

ކުރަނގި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހީގެ ދަށުން ހޯމް މިނިސްޓްރީން އިސްނަގައިގެން މިއަދު މާލޭގައި ފެށި ރެއިޑް ކުރިއަށްގެންދަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެންނެވެ.

މާލޭގައި މިއަދު ފެށި މި އޮޕަރޭޝަން ކުރިއަށްގެންދަނީ މުޅި މާލެ 24 ޒޯނަކަށް ބަހާލައިގެންނެވެ. އިމިގްރޭޝަނުން ބުނީ އިންސްޕެކްޝަންތައް ކުރިއަށްގެންދާއިރު ބޮޑެތި ޒޯންތަކުގައި ތިން ޓީމަކުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އެންމެ ކުޑަ ޒޯނުތަކުގައިވެސް ދެ ޓީމުން ހަރަކާތްތެރިވާނެ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.

އިމިގްރޭޝަނުން ބުނީ ތިންވަނަ ފިޔަވަހީގެ ދަށުން މިފަހަރު ބިދޭސީންނަށާއި ސްޕޮންސަރުންނަށް ދެވޭ ނޯޓިސް ތަފާތު ވާނެ ކަމަށެވެ. އެގޮތުން މިފަހަރު އޮޕަރޭޝަނުގައި ތިން ކެޓެގަރީއަކުން ބިދޭސީންނަށް ނޯޓިސް ދިނުމަށް ވަނީ ނިންމާފައެވެ.

ކުރަނގި އޮޕަރޭޝަނުގެ ތިންވަނަ ފިޔަވަހި ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެތެރެއިން --- ސަން ފޮޓޯ: ޝާތިއު މުޙައްމަދު

އަދި މި މަސައްކަތުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރިކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާ ބޭސް އަޕްޑޭޓު ކުރާނެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް އަޙުމަދު ފަސީހު ވިދާޅުވީ ކުރަނގި އޮޕަރޭޝަނަކީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ އޮޕަރޭޝަނެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ތިންވަނަ ފިޔަވަހީގެ މަސައްކަތް އަތޮޅުތެރެއަށް ވެސް ފުޅާކުރާނެ ކަމަށެވެ.

އެ އޮޕަރޭޝަނާ ގުޅޭ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ، ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުންގެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގައިފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބާކީ ތިބި މީހުން ހޯދައި ރާއްޖެއިން ޑިޕޯޓުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހުގެ 23ގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، 2024 ވަނަ އަހަރުގެ މެއި މަހު އޮޕަރޭޝަން ކުރަނގި ފެށިއިރު ވޯކްޕާމިޓް ފީ ނުދެއްކުން ނުވަތަ ވިސާއެއް ނެތި ތިބުން ފަދަ ކޮންމެވެސް އެއް ކެޓަގަރީއަކަށް ފެތޭ 148,417 ބިދޭސީން ރާއްޖޭގައި ތިބި ކަމަށް ލިޔެކިއުންތަކުން ފެންނަން އޮތް ކަމަށެވެ.

https://sun.mv/221001

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން "އޮޕަރޭޝަން ކުރަނގި" ފެށިއިރު ގަވައިދާ އެއްގޮތަށް ތިބީ އެންމެ 28 ޕަސެންޓް މީހުން ނަމަވެސް, މިހާރު އެ އަަދަދު 62 ޕަސެންޓަށް އިތުރުކޮށްފައިވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގެ އަމާޒަކީ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ގަވައިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖެއަކީ ބިދޭސީންގެ އާބާދީ ބޮޑު ގައުމެކެވެ. އެގޮތުން އެންމެ ފަހުން، 2022ގައި ކުރިއަށްގެންދިޔަ ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގައި 132،493 ބިދޭސީން އުޅެއެވެ. އެގޮތުން، އާބާދީގެ ކޮންމެ ހަތަރު މީހަކުން އެކަކަކީ ބިދޭސީއެއް ކަމަށް ބޯހިމެނުމުން ދެއްކިއެވެ.

comment ކޮމެންޓް