ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓުވުމަށްޓަކައި އިންޓަނެޓް ބޭނުންކުރާ މީހުންގެ އައިޑެންޓިޓީއާއި އުމުރު ކަށަވަރުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ތައާރަފުކުރި އެޕްލިކޭޝަނަށް، ވީޕީއެންގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެއްޖެއެވެ.
ވީޕީއެން ބޭނުންކޮށްގެން މީހާ ހުރި ތަން ނޫން އެހެން ތަނެއް ދައްކައިގެން އީޔޫގެ ގަވާއިދުތަކުން ރެކިގަނެވޭތީ، މި "ލޫޕްހޯލް" ބަންދުކުރަންޖެހޭ ކަމަށް ޔޫރަޕިއަން ޕާލިމަންޓް ރިސާޗް ސާވިސް (އީޕީއާރުއެސް)އިން ވަނީ އިންޒާރު ދީފައެވެ.
ސައިބާ އިންސައިޑާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވީޕީއެން ބޭނުންކުރާ މީހުން އެ މީހުންގެ ލޮކޭޝަން އީޔޫއިން ބޭރު ގައުމަކަށް ބަދަލުކޮށްލުމުން، އުމުރު ކަށަވަރުކުރުމުގެ މަރުހަލާތަކާ ނުލައި މުނިފޫހިފިލުވުމުގެ ސައިޓްތަކަށާއި ސޯޝަލް މީޑިއާއަށް ވަދެވެއެވެ. މިއީ އީޔޫގެ އުމުރު ކަށަވަރުކުރުމުގެ ގާނޫނު ތަންފީޒުކުރުމަށް އޮތް ބޮޑު ހުރަހެއް ކަމަށް އެ އިދާރާއިން ގަބޫލުކުރއެވެ.
މި މައްސަލައަށް އޮތް ހައްލެއްގެ ގޮތުން، 18 އަހަރުން މަތީގެ މީހުންނަށް ނޫނީ ވީޕީއެން ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވެއެވެ. އިނގިރޭސިވިލާތުގެ ޗިލްޑްރަންސް ކޮމިޝަނަރު ވެސް ވަނީ އެ ގައުމުގައި މިފަދަ ފިޔަވަޅެއް އެޅުމަށް ގޮވާލާފައެވެ.
ނަމަވެސް, ވީޕީއެންއަކީ އިންޓަނެޓްގައި ޕްރައިވެސީ ހިމާޔަތްކުރުމަށް ބޭނުންކުރާ ވަސީލަތަކަށް ވާތީ، މިކަން މަނާކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން އީޕީއާރުއެސްއިން ފާހަގަކުރެއެވެ.
އުމުރު ކަށަވަރުކުރުމުގެ ގަވާއިދުތައް ހަރުކަށިކުރާ ކޮންމެ ފަހަރަކު ވީޕީއެން ބޭނުންކުރާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން، އިނގިރޭސިވިލާތުގައި މިދިޔަ އަހަރު އުމުރު ކަށަވަރުކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ޕްރޮޓޯން ވީޕީއެން ބޭނުންކުރާ މީހުންގެ އަދަދު 1400 އިންސައްތަ އިތުރުވެފައިވެއެވެ. ހަމައެހެންމެ، ފްރާންސްގައި 18 އަހަރުން ދަށުގެ ކުދިންނަށް ބައެއް ސައިޓްތައް ބްލޮކް ކުރުމުން ވެސް މިފަދަ ނަތީޖާއެއް ފެނިފައިވެއެވެ.
ޔޫރަޕްގެ އިތުރުން އެމެރިކާގެ ބައެއް ސްޓޭޓްތަކުން ވެސް ދަނީ ވީޕީއެން މެދުވެރިކޮށް ގަވާއިދާ ހިލާފުވާ މީހުން ހުއްޓުވަން މަސައްކަތް ކުރަމުންނެވެ. މިގޮތުން، ޔޫޓާ ސްޓޭޓްގައި މި މަހު އަމަލުކުރަން ފެށި ގާނޫނެއްގައި ބުނެފައިވަނީ، ވީޕީއެން ބޭނުންކުރި ކަމުގައި ވިޔަސް އެ މީހަކު ހުރީ އެ ސްޓޭޓްގައި ނަމަ، އުމުރު ކަށަވަރުކުރުމުގެ ގަވާއިދުތަކަށް ތަބާވާންޖެހޭނެ ކަމަށެވެ. އަދި، ވިސްކޮންސިން ފަދަ ބައެއް ސްޓޭޓްތަކުން ވީޕީއެން ބޭނުންކުރުން މަނާކުރުމަށް ވެސް މީގެ ކުރިން މަސައްކަތް ކޮށްފައިވެއެވެ.
ކުޑަކުދިން އިންޓަނެޓްގެ ނުރައްކާތަކުން ސަލާމަތްކުރުމަށް ސަރުކާރުތަކުން ކުރާ މަސައްކަތުގައި ވީޕީއެންއަކީ ބޮޑު ހުރަހަކަށް ވެފައިވާތީ، ކުރިއަށް އޮތް ތަނުގައި މިފަދަ ޕްރައިވެސީ ޓޫލްތައް ކޮންޓްރޯލްކުރުމަށް ގައުމުތަކުން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ބެލެވެއެވެ. އިންޓަނެޓްގެ މިނިވަންކަމާއި ކުޑަކުދިންގެ ރައްކާތެރިކަމާ ދެމެދު އޮތް މި ކުރިމަތިލުމަކީ މިހާރު ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޮޑު ކަންބޮޑުވުމެކެވެ.