އޭއައި އާ ސީދާ ވާހަކަދައްކައިގެން ވިޔަފާރިކުރެވޭނެ އައު ނިޒާމެއް އަލީބާބާ ގްރޫޕުން ތައާރަފުކުރަން ތައްޔާރުވަމުންދާކަން އެ ކުންފުނީގެ މަސްދަރުތަކުން ހާމަކޮށްފިއެވެ.
މިއީ އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް "ކިއުވެން" އާއި މަގުބޫލު އޮންލައިން ފިހާރަ "ޓައޯބާއޯ" އެއްކޮށްލައިގެން، ކީވޯޑް ޖަހައިގެން މުދާ ހޯދުމުގެ ބަދަލުގައި އޭއައި އޭޖެންޓަކާ ޗެޓްކޮށްލައިގެން ވިޔަފާރީގެ ހުރިހާ ކަމެއް ނިންމާލެވޭނެ އިންގިލާބީ ބަދަލެކެވެ.
މި އައު ބަދަލާއެކު ކިއުވެން އެޕް ބޭނުންކުރާ ފަރާތްތަކަށް ޓައޯބާއޯގައި ހުރި ތަފާތު މުދާ ބަލައި، އެއްޗެހި އަޅާކިޔައި، އަދި ސީދާ އެޕްގެ ތެރެއިން މުދާ ގަނެވޭނެއެވެ. މީގެ ސަބަބުން އެތައް ހާސް މުދަލެއްގެ ތެރޭގައި އަމިއްލައަށް ހޯދަން އުޅުމުގެ ބަދަލުގައި، ބޭނުންވާ އެއްޗެއް އޭއައި އަށް ބުނެލުމުން އެންމެ އެކަށީގެންވާ މުދާ ހޯދައިދޭނެއެވެ.
ކިއުވެން އޭއައި އަށް ޓައޯބާއޯ އާއި ޓީމޯލްގެ ހަތަރު ބިލިއަނަށްވުރެ ގިނަ އުފެއްދުންތަކުގެ މައުލޫމާތު ލިބިގެންވާއިރު، މުދާ ފޮނުވުމުގެ ކަންކަމާއި މުދާ ގަތުމަށްފަހު ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން ވެސް މި ސިސްޓަމަށް ލިބިގެންވެއެވެ. އަދި ކޮންމެ މީހަކުވެސް މީގެ ކުރިން ގަނެފައިވާ ތަކެއްޗަށް ބަލައި، އެމީހަކަށް އެންމެ ކަމުދާނެ ތަކެތި ހުށަހެޅުމުގެ ބާރުވެސް އޭއައި އަށް ލިބިފައިވެއެވެ.
މީގެ އިތުރުން ޓައޯބާއޯ އެޕްގެ ތެރޭގައި ހާއްސަ އޭއައި އެސިސްޓެންޓެއް ހިމެނިގެންދާނެއެވެ. މި އެސިސްޓެންޓް މެދުވެރިކޮށް ހެދުން ފަދަ ތަކެތި ގަންނައިރު އަމިއްލަ ހަށިގަނޑާ ގުޅޭތޯ ބަލައިލުމުގެ ވާޗުއަލް ފުރުސަތުތަކާއި، މުދަލުގެ އަގު ވޭތުވެދިޔަ 30 ދުވަހު އުފުލިފައިވާ ގޮތް ބަލައިލެވޭނެ ވަސީލަތްތައް ލިބޭނެއެވެ.
އަލީބާބާގެ މި އައު ފިޔަވަޅަކީ ހުޅަނގުގެ އީ-ކޮމާސް ކުންފުނިތަކާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެމެޒޯން ފަދަ ކުންފުނިތަކުން އޭއައި ބޭނުންކުރުމުގައި އަދިވެސް ވަކި ވަރަކަށް ހިފަހައްޓަމުންދާއިރު، ޗައިނާގެ މި މޮޑެލްގައި ވިޔަފާރީގެ މުޅި މުއާމަލާތް އޭއައި އިން ބަލަހައްޓާ ފުރިހަމަ "އޭޖެންޓިކް ޝޮޕިން" ތައާރަފުވެގެންދާނެއެވެ.