ކިލޯއަކަށްވުރެ ގިނަ ޑުރަގާއެކު ދިވެއްސަކާއި ބިދޭސީއެއް ބަންދަށް

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުން -- ފޮޓޯ: ފުލުހުން

މާލޭގައި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި އޮޕަރޭޝަންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އުމުރުން 29 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ބިދޭސީ މީހާ ދިރިއުޅޭ އެޕާޓްމަންޓުން 1.03 ކިލޯގެ މަސްތުވާތަކެއްޗާއި، ކައްޓާއާއި ޕެކްކުރާ ސާމާނު ފެނިފައިވާއިރު، މި ތަކެތި ފެނުނު ދަބަހެއް ހުޅުވާފައިވަނީ ދިވެހި މީހާގެ އަތުގައި އޮތް ތަޅުދަނޑިއަކުންނެވެ. ކޯޓުން ވަނީ ދިވެހި މީހާގެ ބަންދަށް 10 ދުވަސް އަދި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ. މީގެ އިތުރުން ބިދޭސީ މީހާގެ ވިސާގެ ކަންކަން ސާފުކުރުމަށްވެސް ކޯޓުން ވަނީ ފުލުހުންނަށް އަންގަވާފައެވެ.

  • ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތުން
  • 29 އަހަރުގެ ބިދޭސީއަކާއި 35 އަހަރުގެ ދިވެއްސަކު ހައްޔަރުކުރުން
  • ބިދޭސީ މީހާ ދިރިއުޅޭ އެޕާޓްމަންޓުން މަސްތުވާތަކެއްޗާއި ޕެކްކުރާ ސާމާނު ފެނުން
  • ދިވެހި މީހާ 10 ދުވަހަށް އަދި ބިދޭސީ މީހާ 15 ދުވަހަށް ބަންދުކުރުން
  • ބިދޭސީ މީހާގެ ވަޒީފާގެ ޤާނޫނީ ހައިސިއްޔަތު ބެލުމަށް ކޯޓުން އެންގުން

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި، އެ ތަކެތި ޕެކްކުރަން ގެންގުޅޭ ސާމާނުތަކާއެކު، ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނަކު މާލޭން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ ދެ މީހުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ، ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރީ 29 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 35 އަހަރުގެ ދިވެއްސެކެވެ.

ކޯޓު އަމުރުގައިވާ ގޮތުން، 1.03 ގުރާމުގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކައްޓާއާއި އެ ތަކެތި ޕެކްކުރަން ބޭނުންކުރާ ސާމާނު ފެނިފައިވަނީ ބިދޭސީ މީހާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުންނެވެ.

އަދި މަސްތުވާތަކެތި ފެނުނު އެޕާޓްމަންޓަކީ، މި މައްސަލައިގައި ހައްޔަރުކުރި ދިވެހި މީހާ އާ ގުޅުމެއް ހުރި ތަނެއް ކަމަށް ބެލެވޭ ކަމަށާއި، އެ އެޕާޓްމަންޓުން ފެނުނު ދަބަހެއް ހުޅުވީ އެ މީހާގެ ތަޅުދަނޑިން ކަމަށް، ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައިވެއެވެ.

މައްސަލަ ބެއްލެވި ގާޟީ ޞަފްޢަތު ޙަބީބް ވަނީ، މައްސަލައިގެ ދެން އޮންނަ އަޑުއެހުމުގެ ކުރިން، ހައްޔަރުކުރި ބިދޭސީ މީހާއަކީ ގާނޫނާ އެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރާ ފަރާތެއްކަން ކަށަވަރުކުރުމަށް އަމުރު ކުރައްވައިފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދިވެހި މީހާގެ ބަންދަށް 10 ދުވަސް، އަދި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.

comment ކޮމެންޓް