އެެމެރިކާއަށް އެއްްބާރުލުން ދޭ ގައުމުތަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުން މަނާކޮށްފި

ހުރުމުޒު ކަނޑުއޮޅި

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުންދޭ ގައުމުތަކުގެ އުޅަނދުތަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުން އީރާނުން މަނާކޮށްފިއެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ހާމަކޮށްފައިވާ ގޮތުގައި، މި ގައުމުތަކުގެ ބޯޓުފަހަރަށް ކަނޑުއޮޅި ހުރަސްކުރެވޭނީ އީރާނާއެކު މަޝްވަރާކޮށް ބޮޑު ފީއެއް ދެއްކުމަށްފަހުގައެވެ. އަދި އީރާނުގެ ޕާލަމެންޓުން ދަނީ މިކަމާ ގުޅޭ ޚާއްސަ ގާނޫނެއް ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު، ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ނެގުމާ ގުޅިގެން އެމެރިކާއިން ފެށި އަސްކަރީ އޮޕަރޭޝަން ވަނީ އީރާނުގެ ހުރަސްއެޅުންތަކާއެކު ހުއްޓާލާފައެވެ.

  • އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތާއީދުކުރާ ގައުމުތަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުން މަނާކުރުން
  • މަނާކޮށްފައިވާ ގައުމުތަކުގެ ބޯޓުފަހަރަށް ކަނޑުއޮޅި ހުރަސްކުރެވޭނީ ބޮޑު ފީއެއް ދައްކައިގެންކަން ހާމަކުރުން
  • އެމެރިކާގެ އަސްކަރީ ބޭސްތައް ނެތް ގަލްފުގެ ގައުމުތަކަށް ހިލޭ ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުން
  • ހުރުމުޒު ކަނޑުއޮޅިން ފީ ނެގުމާބެހޭ ޚާއްސަ އިދާރާއެއް އުފައްދައި ގާނޫނެއް ފާސްކުރަން މަސައްކަތްކުރުން
  • އީރާނުގެ ބާރުގެ ސަބަބުން އެމެރިކާއިން ފެށި އަސްކަރީ އޮޕަރޭޝަން ހުއްޓާލަން މަޖުބޫރުވުން

ތެހެރާން (10 މެއި 2026): އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދޭ ގައުމުތަކުގެ ބޯޓުތަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާނެ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކަނޑުގެ ބާރުތަކުގެ ކޮމާންޑާ ހަވާލާދީ އެ ގައުމުގެ ތަސްނީމް ނޫސް އެޖެންސީ ޚަބަރު ދޭ ގޮތުގައި އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޯލަނބައި، އެ ފިޔަވަޅުތައް ތަންފީޒުކުރަން އެއްބާރުލުންދޭ ގައުމުތަކުގެ މަދަނީ އަދި އަސްކަރީ ބޯޓުތަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސް ނުކުރެވޭނެއެވެ. ހުރަސްކުރެވުނަސް އެކަން ކުރެވޭނީ އީރާނާ ވާހަކަދައްކައިގެން އެ ކަމަށް ބޮޑު ފީއެއް އީރާނަށް ދެއްކުމަށް ފަހުގައެވެ.

އެ ނޫން ގައުމުތަކުގެ ބޯޓުތަކަށް އާދައިގެ ގޮތަށް ޓޯލް ފީއެއް ދައްކައިގެން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުސަތު އީރާނުން ދޭނެއެވެ. ގަލްފުގެ ގައުމުތަކަށް ވެސް އޮންނާނީ މި ގޮތް ކަމަށާއި ނަމަވެސް ގަލްފުގެ ގައުމުތައް އެމެރިކާގެ އަސްކަރީ ވުޖޫދަށް ފުރުސަތު ނުދޭނަމަ އެއްވެސް ފީއަކާ ނުލައި އަމާންކަމާ އެކު ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުސަތު އީރާނުން އެ ގައުުމުތަކަށް ދޭނެއެވެ. ގަލްފުގެ އަރަބި ހުރިހާ ގައުމުތަކެއްގައި ވެސް އެމެރިކާގެ އަސްކަރީ ބޭސްތައް އެބަހުއްޓެވެ.

އީރާނުގެ ޕާލަމެންޓްގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ޕާލަމެންޓުން މިހާރު ގެންދަނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުސަތު ދޭނެ ގައުމުތަކާއި ނުދޭނެ ގައުމުތަކާ ބެހޭ ޚާއްސަ ބިލަކަށް ބަހުސުކުރަމުންނެވެ. މީގެ ކުރިން އީރާނުގެ ޕާލަމެންޓުންވަނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ފީ ނެގުމާ ބެހޭ ބިލެއް ވެސް ފާސްކޮށްފައެވެ. މި ބިލު މިހާރު ވަނީ ގާނޫނަކަށްވުމުގެ މަގުމަތީގައެވެ.

https://sun.mv/221695

މި ގާނޫނު ތަންފީޒުކުރުމަށް ތައްޔާރުވުމުގެ ގޮތުން އީރާނުގެ ސަރުކާރުންވަނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ފީ ނެގުމުގެ ކަންތައްތައް މެނޭޖްކުރާ ޚާއްސަ އިދާރާ އެއްވެސް މިހާރު އުފައްދާފައެވެ. މި އިދާރާއިން މިހާރު ގެންދަނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ ބޯޓުތަކުން ޓޯލް ފީއެއް ނަގަމުންނެވެ. މިކަން މިހާރު ކުރަނީ އީރާނުގެ ރައީސް ނެރުއްވި ރިޔާސީ އަމުރެއްގެ ދަށުންނެވެ. މި ކަމާ ބެހޭ ގާނޫނު ވުޖޫދަށް އައުމާ އެކު މި އަމުރުގެ ބަދަލުގައި ދެން މިކަންކުރާނީ މި ދެންނެވި ގާނޫނުގެ ދަށުން ކަމަށް އީރާން ސަރުކާރުން ބުނެއެވެ.

އީރާނުން ހުރުމުޒު ކަނޑުއޮޅީގެ ފުލް ކޮންޓްރޯލް ނަގާފައިވާ މައްސަލައިގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. މިއާއެކު ގަދަބާރުން ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށްޓަކައި އެމެރިކާއިން ޚާއްސަ އަސްކަރީ އޮޕަރޭޝަނެއް ވެސް ފެށިއެވެ. ނަމަވެސް، އީރާނުން މި އޮޕަރޭޝަނަށް ހުރަސްއެޅުމުން އެމެރިކާއިން ވަނީ މި އޮޕަރޭޝަން ހުއްޓާލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު