ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރުފަތުރު ކުރުމަށް ތައްޔާރުވަމުންދަނިކޮށް، މި އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފެށިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވަނީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެންނެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، ދެކުނަށް ފެށުނު މި މޫސުމުގެ އަސަރުތައް ކުރިއަށް އޮތް ދުވަސްތަކުގައި މެދުރާއްޖެތެރެއަށް ފޯރާނެއެވެ. އަދި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް ލަފާކުރެވެއެވެ.
އާންމު ގޮތެއްގައި ރާއްޖޭގައި ހުޅަނގު މޫސުން ދެމިގެންދަނީ މޭ މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
ހުޅަނގު މޫސުން ފެށުނު ކަމަށް ކަނޑައަޅަނީ ބައެއް މުހިންމު މިންގަނޑުތަކަށް ބަލައިގެންނެވެ. އޭގެ ތެރޭގައި ވާރޭވެހުމާއި، ވައިގެ މިސްރާބާއި ބާރުމިން ހިމެނެއެވެ.
މެޓް އޮފީހުން ބުނީ މި މަހުގެ އެއްވަނަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ 60 އިންސައްތަ ސްޓޭޝަނުން ދުވާލެއްގެ މައްޗަށް 2.5 މިލިމިޓަރަށް ވުރެ ގިނައިން ވާރޭ ރެކޯޑުކުރެވިފައިވާ ކަމަށެވެ. އަދި، ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހޭ ހާލަތު ވިދިވިދިގެން ދެ ދުވަހު ދެމިގެންގޮސްފައިވާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ވައި ގަދަވެފައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އެޑްވައިޒަރީއެއް ނެރެފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑަކާއި އިރުއުތުރުން އުފެދިފައިވާ 'ލޯޕްރެޝާ ޓްރަފް'އެއްގެ ސަބަބުން ގިނަ އަދަދަކަށް ބޯ ވިއްސާރަ ވިލާ އުފެދޭ ދުވަސްވަރެއް ކަމަށް މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
މިކަމުގެ ސަބަބުން ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، ދަތުރުފަތުރު ކުރުމުގައި ސަލާމަތީ ކަންކަމަށް އިސްކަންދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ވަކިން ޚާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުންނާއި މުދާ އުފުލާ އުޅަނދުފަހަރުން ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ކޯސްޓްގާޑުން ވެސް ވަނީ އިރުޝާދު ދީފައެވެ.
މި އަހަރު ބޮޑު ޢީދު ދުވަހަށް ވަނީ މި މަހުގެ 27 ވާ ބުދަ ދުވަހެވެ. އަންގާރަ ދުވަހަކީ ޙައްޖު ދުވަހެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ގިނަ އަދަދެއްގެ މީހުން ޢީދު ބަންދާ ދިމާކޮށް ރަށްރަށަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.