ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެ، ސަރުކާރުގެ އެހީތެރިކަމަށް ގޮވާލައިފި

ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީނާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ

ފަތުރުވެރިކަމުގެ ސިނާޢަތަށް މާރިޗު މަހުން ފެށިގެން 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާކަން މަޓާޓޯ އަދި އެންއެޗްގޭމް އިން ވަނީ ހާމަކޮށްފައެވެ. މި ހީނަރުކަން މެދުވެރިވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް އެރި ބުރޫތަކުގެ ސަބަބުންނެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވުމުގެ ބިރު އޮތުމުން، ސަރުކާރުން މާލީ ލުއިތަކެއް ދިނުމަށް މި ޖަމުޢިއްޔާތަކުން ވަނީ ގޮވާލާފައެވެ.

  • މާރިޗު މަހުން ފެށިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވުން
  • މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު ދަށްވުން
  • މަޓާޓޯ އަދި އެންއެޗްގޭމް އިން ގުޅިގެން ސަރުކާރުގެ އަވަސް އެހީތެރިކަމަށް އެދުން
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ލޯނާއި މާލީ ލުއިތައް ހޯދައިދިނުމަށް ގޮވާލުން
  • މިދިޔަ އަހަރާ އަޅާބަލާއިރު މި މެއި މަހު ފަތުރުވެރިން އައި މިންވަރު 5.4 އިންސައްތަ ދަށްވުން

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ކުއްލި ހީނަރުކަމުގެ ސަބަބުން، މިދިޔަ މާރިޗު މަހުން ފެށިގެން މިހާތަނަށް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާކަން ހާމަކޮށް، ސަރުކާރުގެ އަވަސް އެހީތެރިކަމަށް އިންޑަސްޓްރީގެ އިސް ޖަމުޢިއްޔާތަކުން ގޮވާލައިފިއެވެ.

އެމެރިކާއާއި އިސްރާއީލުން އިސްވެ, ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މަގު ކަމަށްވާ މެދުއިރުމަތީގެ ދަތުރުތަކަށް ވަނީ ބުރޫއަރައިފައެވެ. އޭގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ވަރަށް ބޮޑުތަން ވަނީ ދަށަށް ގޮސްފައެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްގޭމް) އިން ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން މުޅި ޤައުމީ އިޤުތިޞާދަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާކަމުގެ ބޮޑު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، މިއީ ވަޒީފާތަކަށާއި ބޭރު ފައިސާ ލިބޭ މިންވަރަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

މަޓާޓޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

މި ދެ ޖަމުޢިއްޔާއިން އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، މިދިޔަ މާރިޗު އަދި އޭޕްރީލް މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި މި ހިނގާ މެއި މަހުވެސް މި ހީނަރުކަން ދެމިއޮތްކަން ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.

މުހިންމު މާކެޓުތަކުން ކުރިއަށް ހުރި ދުވަސްތަކަށް ހަދާފައިވާ ބުކިންތައް މަދުވުމާއި، ކެންސަލްކުރާ މިންވަރު އިތުރުވުމަކީ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ޚާއްޞަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ އިޤުތިޞާދުގެ މައިބަދަ ކަމުގައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ގެސްޓްހައުސްތަކާއި، ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް މިކަމުގެ ސަބަބުން މާލީ އަދި ހިންގުމުގެ ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ގިނަ ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތައް ބަނގުރޫޓުވެ، ވިޔަފާރިތައް އެއްކޮށް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު އެބައޮތްކަމަށް ބަޔާނުގައި އިންޒާރުދީފައިވެއެވެ.

މި ކާރިސާއިން އަރައިގަތުމަށްޓަކައި، ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކާއި މާލީ އިދާރާތަކުން ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް މަޓާޓޯ އަދި އެންއެޗްގޭމް އިން ވަނީ ގޮވާލާފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އާންމު ބޭންކިން ނިޒާމުގެ ތެރެއިން ލޯނު ހޯދުމަށް ދަތިވެފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ގެސްޓްހައުސްތަކަށް ޚާއްޞަ ލޯނު ފެސިލިޓީތަކާއި އިމަޖެންސީ ފައިނޭންސިން ސްކީމްތައް ތަޢާރަފުކުރުމެވެ.

މީގެ އިތުރުން، ވިޔަފާރިތައް ސަލާމަތްކުރުމަށްޓަކައި ލޯނުތައް ފަސްކޮށްދިނުމާއި، ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް އެހީތެރިވުމާއި، ޓެކްސް ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން އެކި ފީތައް މަޢާފުކޮށްދިނުމަށްވެސް ވަނީ އެދިފައެވެ. ހަމައެހެންމެ، ވިޔަފާރިތައް ހިންގުމަށް ހިނގާ ޚަރަދުތައް ކުޑަކުރުމަށްޓަކައި އެއާޕޯޓުގެ ތެލުގެ އަގުތަކަށް ބަދަލު ގެނައުމާއި، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް އިންތިހާއަށް އުފުލެމުންދާތީ އެކަމަށް ލުޔެއް ހޯދައިދިނުމަށްވެސް ޖަމުޢިއްޔާތަކުން ވަނީ ސަރުކާރަށް ހުށަހަޅާފައެވެ. މިއީ ވަޒީފާތަކުގައި މީހުން ދެމެހެއްޓުމަށާއި ވިޔަފާރިތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންތެރި ކަންތައްތަކެއްކަމަށް އެ ފަރާތްތަކުން ދެކެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ މީގެ ކުރިންވެސް ބައިނަލްއަޤުވާމީ ބޮޑެތި ކާރިސާތަކާ ކާމިޔާބުކަމާއެކު ކުރިމަތިލައި، އަރައިގަނެފައިވާ ސިނާޢަތެއްކަން ފާހަގަކުރަމުން، މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށްވެސް އެންމެން ގުޅިގެން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިންމުކަމަށް މަޓާޓޯ އަދި އެންއެޗްގޭމް އިން ބުނެފައިވެއެވެ.

ވިޔަފާރިތައް ސަލާމަތްކޮށް، ވަޒީފާތައް ރައްކާތެރިކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމަށްޓަކައި ސަރުކާރާއި މާލީ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަމުގެ ޔަޤީންކަން އެ ދެ ޖަމުޢިއްޔާއިން ވަނީ ދީފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު އަށް ލައްކައަށްވުރެ މައްޗަށް އަރާފައިވީ ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 5.4 އިންސައްތަ ދަށްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް