ރައްޔިތުންގެ މަޖިލީހުގެ ތ. ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދުގެ އާއިލީ ކުންފުންޏެއް ކަމަށްވާ ޕޮޕިއުލާ މޯލްޑިވްސްއަށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދިއްޖެއެވެ.
މިއީ 2014 ވަނަ އަހަރުން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާކުރި ފައިސާއިން ޕޮޕިއުލާ މޯލްޑިވްސް ކުންފުންޏަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.
އޭސީސީން ބުނީ، ޖުލައި 13، 2015 ގައި އެސްއޯއެފްގެ ޗެކެއް މެދުވެރިކޮށް 150،000 ޑޮލަރު ޕޮޕިއުލާ މޯލްޑިވްސްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
ޕޮޕިއުލާ މޯލްޑިވްސް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބިޒްނަސް ޕޯޓަލްއިން ދައްކަނީ ރައުޝަމް ރިޔާޒާއި ރީޝަމް ރިޔާޒް ކިޔާ ދެ މީހުންގެ ނަން މަތީގައެވެ. އެނގިފައިވާ ގޮތުގައި އެއީ ކުރީގެ މެންބަރު ރިޔާޒް ރަޝީދުގެ ދަރިންނެވެ.
އޭސީސީން ބުނީ، މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދައްކަން އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"މި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްގުތައް ސިއްރުކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން މަސައްކަތްކޮށްފައިވާކަން ވެސް ތަހުގީގަށް ވަނީ ހޯދިފައެވެ،" އޭސީސީން މިއަދު ނެރުނު ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ތ. އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ. ތ. އޮޅުގިރި ކުއްޔަށް ދިނުމާ ގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގައި ތ. އޮޅުގިރީގައި ރިޒޯޓެއް ހަދާ ތަރައްގީކުރަންވާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެ ކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިހުތިޔާރާއި އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާކަމަށް ތަހުގީގާ ހަވާލާދީ އޭސީސީން ބުންޏެވެ.
އެހެންވެ، މަނީ ލޯންޑްރިންއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުވާކޮށްދޭން އެދި އޭސީސީން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ. އަދި، ޕޮޕިއުލާ މޯލްޑިވްސްގެ އެކައުންޓަށް ޖަމާވި 150،000 ޑޮލަރު އަނބުރާ ހޯދަން ވެސް އޭސީސީން ވަނީ އެދިފައެވެ.
މީގެ އިތުރުން، އެއްބަސްވުމުގައިވާ ކަންތައްތައް ނުކުރާތީ، ތ. އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ފޮނުވުމަށް ވެސް އޭސީސީން ވަނީ ނިންމާފައެވެ.
އޭސީސީން މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ޚިޔާނާތުގެ ފައިސާގެ ތެރެއިން ރިޔާޒަށް ލިބުނު ކަމަށް ތުހުމަތުވާ 455،000 އެމެރިކާ ޑޮލަރު އޭނާގެ މެރީޑިއަން ކުންފުނި މެދުވެރިކޮށް، ޕޮޕިއުލާ މޯލްޑިވްސް ކުންފުންޏަށް ދެ ފަހަރެއްގެ މަތިން ޓްރާންސްފާކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ އިތުރުން ވެސް އެމްއެމްޕީއާރުސީއާ ގުޅޭ ގިނަ ސީރިއަސް މައްސަލަތަކެއްގައި ދަޢުވާކުރުމާ މެދު ގޮތެއް ނިންމަން ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް އޭސީސީން ބުންޏެވެ.
ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތެރެއިން ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް އަމިއްލަ ކުންފުނިތަކަށް ޖަމާކުރިއެވެ. އެ ފައިސާ ބޭނުންކޮށްގެން ސިޔާސީ އެކި ކަންކަމަށް ޚަރަދުކުރިކަން ވެސް ފަހުން ވަނީ ފަޅާއަރާފައެވެ. އެ ޚިޔާނާތް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް އިއުތިރާފުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އެ މައްސަލައިގައި އޭރު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި އަބްދުﷲ ޒިޔަތު ވެސް ހައްޔަރުކޮށް، ޖަލަށްލިއެވެ.
އެކަމަކު، މިދިޔަ އެމްޑީޕީގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އަދީބަށް ވެސް މާފުދެއްވާފައެވެ. އެހެންވެ، އެ މައްސަލައިގައި މިހާރު ޖަލުގައި އެއްވެސް މީހަކު ނެތެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ވެސް ތިން ދައުވާއެއް މީގެ ކުރިން އުފުލާފައިވެއެވެ. އެކަމަކު، މަތީ މަރުހަލާގެ ކޯޓުތަކުން ވަނީ އެ ތިން ދައުވާ ވެސް ސާބިތު ނުވާކަމަށް ކަނޑައަޅާފައެވެ.