އެލް ކްލެސިކޯ ކާމިޔާބުކޮށް، ބާސެލޯނާއިން 29 ވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފި

އެލް ކްލެސިކޯ މެޗުން މޮޅުވި ބާސެލޯނާ ތަށި އުސުލާލަނީ.. ފޮޓޯ: އިންޓަނެޓް

ސްޕެނިޝް ލަ ލީގާގައި ރެއާލް މެޑްރިޑް 2-0 އިން ބަލިކޮށް ބާސެލޯނާއިން ވަނީ ލީގު ކާމިޔާބުކޮށްފައެވެ. މިއީ އެލް ކްލަސެކޯ މެޗަކުން ލީގު ޗެމްޕިއަންކަން ކަށަވަރުވި ފުރަތަމަ ފަހަރެވެ. ބާސެލޯނާއިން މި ކާމިޔާބީ ހޯދީ 35 މެޗުން 91 ޕޮއިންޓް ހޯދައިގެންނެވެ. މެޗުގެ ގޯލުތައް ޖަހައިދިނީ މާކަސް ރަޝްފޯޑު އަދި ފެރާން ޓޮރެސްއެވެ. މި މެޗު ހާއްސަވެގެން ދިޔައީ ބައްޕަ ނިޔާވުމުގެ ހިތާމައިގައި ހުރި ބާސެލޯނާގެ ކޯޗު ހާންސީ ފްލިކަށެވެ.

  • ބާސެލޯނާއިން ރެއާލް މެޑްރިޑް ބަލިކޮށް 29 ވަނަ ފަހަރަށް ލަ ލީގާ ކާމިޔާބުކުރުން
  • މާކަސް ރަޝްފޯޑާއި ފެރާން ޓޮރެސް ބާސެލޯނާއަށް ގޯލު ޖަހައިދިނުން
  • ރެއާލް މެޑްރިޑަށް މި ސީޒަނުގައި އެއްވެސް ތަށްޓެއް ނުލިބި ނިންމާލަން ޖެހުން
  • ބާސެލޯނާގެ ކޯޗު ހާންސީ ފްލިކްގެ ބައްޕަ ނިޔާވުމާއެކުވެސް މެޗުގައި އިރުޝާދުދިނުން

ސްޕެނިޝް ލަ ލީގާގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ވާދަވެރި ރެއާލް މެޑްރިޑް 2-0 އިން ބަލިކޮށް، ބާސެލޯނާއިން އަނެއްކާވެސް ލީގު ޗެމްޕިއަންކަން ކާމިޔާބު ކޮށްފިއެވެ.

މިއީ އެލް ކްލަސެކޯ މެޗެއްގެ ނަތީޖާއިން ލީގު ކާމިޔާބުކުރި ޓީމެއް ކަނޑައެޅުނު ފުރަތަމަ ފަހަރެވެ.

މި މެޗުން ހޯދި މޮޅާއެކު ބާސެލޯނާއިން ލީގު ޔަގީންކުރީ ކުޅުނު 35 މެޗުން 91 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 35 މެޗުން ލިބިފައިވަނީ 77 ޕޮއިންޓެވެ.

މިއީ ބާސެލޯނާއިން ލަ ލީގާ ކާމިޔާބުކުރި 29 ވަނަ ފަހަރެވެ. ލީގު ތަށީގެ ރެކޯޑު 36 ތަށްޓާއެކު ރެއާލް އަތުގައި އޮތް ނަމަވެސް، 21 ވަނަ ގަރުނުގައި 13 ތަށްޓާއެކު އެންމެ ކާމިޔާބު ޓީމަކީ ބާސެލޯނާއެވެ.

މެޗުގެ ކުރީކޮޅު ބާސެލޯނާއިން ވަނީ މެޗުގެ ކޮންޓްރޯލް ނަގައިފައެވެ. އެގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މާކަސް ރަޝްފޯޑު ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ލީޑު ނަގައިދީފައެވެ.

މިއީ 2012 ވަނަ އަހަރުގެ ފަހުން އެލް ކްލަސިކޯ މެޗެއްގައި ހިލޭ ޖެހުމަކުން ފެނުނު ފުރަތަމަ ގޯލެވެ. އޭގެ ނުވަ މިނެޓް ފަހުން ފެރާން ޓޮރެސް ވަނީ ބާސާގެ ދެވަނަ ގޯލު ޖަހައިދީފައެވެ.

އަނިޔާގެ ސަބަބުން ކިލިއަން އެމްބާޕޭ ނުލައި ކުޅުނު ރެއާލް މެޑްރިޑުން ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރިއެވެ. ޖޫޑް ބެލިންހަމް ފޮނުވާލި ހަމަލާއެއް ގޯލަށް ވަން ނަމަވެސް، ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ. މި ނަތީޖާއާއެކު ރެއާލް މެޑްރިޑަށް މި ސީޒަން ނިންމާލަން ޖެހުނީ އެއްވެސް ތަށްޓެއް ނުލިބި ހުސް އަތާއެވެ.

ރޭގެ މޮޅު އެންމެ ހާއްސަވީ ބާސާގެ ކޯޗު ހާންސީ ފްލިކަށެވެ. ފްލިކްގެ ބައްޕަ އިއްޔެ ވަގުތެއްގައި ނިޔާވި ނަމަވެސް، އޭނާ ނިންމީ މެޗަށްފަހު ނޫނީ ޖަރުމަނަށް ނުދިއުމަށެވެ. ބާސާގެ ކުޅުންތެރިން ޖެހި ގޯލުތަކަށްފަހު ކޯޗަށް ހާއްސަ ޓްރިބިއުޓެއް ދީފައިވާ އިރު، މެޗު ނިމުމުން ފްލިކް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި ހުރެ ކުޅުންތެރިންނާއެކު އުފާފާޅުކޮށްފައެވެ.

މި ސީޒަނުގައި މިހާތަނަށް އަމިއްލަ ދަނޑުގައި ބަލިނުވެ ބާސެލޯނާއިން ދައްކަމުންދާ މޮޅު ކުޅުމާއެކު، އެޓީމުން މިވަނީ އަނެއްކާވެސް ސްޕެއިންގެ ރަސްކަން ހޯދާފައެވެ.

comment ކޮމެންޓް