އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 1-0 އިން ކާމިޔާބުކޮށް ތަށި ހޯދުމަށް އާސެނަލުން ކުރަމުންދާ މަސައްކަތުގައި ވަރަށް މުހިންމު ފިޔަވަޅެއް އަޅައިފިއެވެ.
މެޗުގެ ފަހުކޮޅު ލިއަންދުރޯ ޓްރޮސާޑް ކާމިޔާބުކޮށްދިން ލަނޑާއެކު އާސެނަލަށް ތިން ޕޮއިންޓް ކަށަވަރުވީއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވެސްޓް ހޭމްގެ ކެލުމް ވިލްސަން ޖެހި ލަނޑެއް ވީއޭއާރުން ބަލައިނުގަތުމަށް ނިންމުމުން މުޅި ދަނޑު ހަލަބޮލިވެގެން ދިޔައެވެ.
ވީއޭއާރުން އެ ލަނޑު ކެންސަލް ކުރީ، ލަނޑު ޖެހުމުގެ ކުރިން ވެސްޓް ހޭމްގެ ފޯވާޑް ޕަބްލޯ، އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާއަށް ހުރަސްއަޅައި ފައުލްކޮށްފައިވާތީއެވެ.
މެޗުގެ ކުރީކޮޅު އާސެނަލުން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ޓްރޮސާޑް ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހުނުއިރު، ރިކާޑޯ ކަލަފިއޯރީ ބޮލުން ފޮނުވާލި ބޯޅައެއް ވެސްޓް ހޭމްގެ ކުޅުންތެރިން ވަނީ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.

ވެސްޓް ހޭމްއާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން--
ނަމަވެސް މެޗުގެ ތެރެއިން އާސެނަލްގެ ބެން ވައިޓަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުން، ކޯޗު މިކޭލް އާޓެޓާ ގެނައި ބަދަލުތަކާއެކު އާސެނަލްގެ ކުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސް، ކުރިން އޮތް ބާރު ކުޑަވިއެވެ.
މި މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށްވުރެ ފަސް ޕޮއިންޓް ކުރީގައެވެ.
ލީގު ނިމެން ބާކީ ދެ މެޗު އޮތްއިރު، މިއީ އާސެނަލަށް ތަށި ހޯދުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ހަމައެއާއެކު، ވެސްޓް ހޭމް ބަލިވުމުގެ ސަބަބުން ލީޑްސް ޔުނައިޓެޑަށް ވަނީ އަންނަ ސީޒަނުގައި ޕްރިމިއާ ލީގުން ޖާގަ ކަށަވަރުވެފައެވެ.
ނަމަވެސް މި ބައްޔާއެކު ވެސްޓް ހޭމްއަށް ވަނީ ރެލިގޭޝަނުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.