ފީފާ ވޯލްޑްކަޕް 2026: އެމެރިކާއިން ސެނެގާލްގެ ފުޓްބޯޅަ އޮފިޝަލުންނަށް ވިސާ ނުދިން

ސެނެގާލްގެ ފުޓުބޯލް ފެޑެރޭޝަން އަދި ސަރުކާރުގެ ބައެއް އޮފިޝަލުން--

އެމެރިކާގައި ބާއްވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އިންތިޒާމީ މަސައްކަތްތަކުގައި ބައިވެރިވުމަށް ދަތުރުކުރަން އުޅުނު ސެނެގާލް ފުޓްބޯޅަ ފެޑަރޭޝަނުގެ ހަ މެމްބަރަކަށް އެމެރިކާއިން ވިސާ ދިނުމަށް ވަނީ އިންކާރުކޮށްފައެވެ. މިކަން ގުޅިފައިވަނީ 2026 ވަނަ އަހަރުގެ ކުރީކޮޅު އެމެރިކާގެ އިމިގްރޭޝަން ގަވާއިދުތަކަށް ގެނައި ހަރުކަށި ބަދަލުތަކާއެވެ. މި މައްސަލައާ ގުޅިގެން ފީފާއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެފްރިކާ އަދި އެހެނިހެން ސަރަހައްދުތަކުގެ ގައުމުތަކަށް މިފަދަ ހުރަސްތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ވަނީ އުފެދިފައެވެ.

  • ސެނެގާލް ފުޓްބޯޅަ ފެޑަރޭޝަނުގެ 6 މެމްބަރަކަށް އެމެރިކާއިން ވިސާ ނުދިން
  • ވިސާ ނުދިނީ އެމެރިކާގެ އިމިގްރޭޝަން ގަވާއިދުތަކަށް ގެނައި ހަރުކަށި ބަދަލުތަކާ ގުޅިގެން
  • ވިސާ ނުލިބުނު ފަރާތްތަކުގެ ތެރޭގައި ފެޑަރޭޝަނުގެ ނައިބު ރައީސް ހިމެނޭ
  • މިކަމާ ގުޅިގެން ފީފާއިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި

އެމެރިކާގައި ބާއްވަން ތައްޔާރުވާ ފީފާ ވޯލްޑް ކަޕްގެ އިންތިޒާމީ ކަންކަމުގައި ބައިވެރިވުމަށް އެމެރިކާއަށް ދަތުރުކުރަން އުޅުނު ސެނެގާލް ފުޓްބޯޅަ ފެޑަރޭޝަނުގެ ހަ މެމްބަރަކަށް އެމެރިކާގެ އެމްބަސީން ވިސާ ދޭން އިންކާރުކޮށްފިއެވެ.

ޑަކާރުގައި ހުންނަ އެމެރިކާ އެމްބަސީން މިގޮތަށް ނިންމީ 2026 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އެމެރިކާގެ އިމިގްރޭޝަން ގަވާއިދުތަކަށް ގެނައި ހަރުކަށި ބަދަލުތަކާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވިސާ ނުލިބުނު ބޭފުޅުންގެ ތެރޭގައި ސެނެގާލް ފެޑަރޭޝަނުގެ ހަތަރުވަނަ ނައިބު ރައީސް އަމަދޫ ކާން އާއި ބައެއް ކްލަބްތަކުގެ ރައީސުން ހިމެނެއެވެ.

އެމެރިކާގެ އާ ގަވާއިދުތައް ބުނާގޮތުން ރަސްމީ ވަފުދުތަކުގައި ހިމެނޭ މީހުންގެ ދަތުރުގެ ބޭނުމާއި އިދާރީ ލިޔެކިޔުންތައް ކުރިއަށްވުރެ ބޮޑަށް ޗެކް ކުރަންޖެހެއެވެ.

ސެނެގާލްގެ އޮފިޝަލުންނަށް ވިސާ ނުލިބުނީ ލިޔެކިޔުންތައް ފުރިހަމަ ނުވުމުން ނުވަތަ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބެލެވުނު ނަމަވެސް، އެމްބަސީން މިކަމާ ގުޅޭގޮތުން ރަސްމީ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

މިއީ ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތަކަށް ތައްޔާރުވަމުން އަންނަ ގައުމުތަކުގެ އޮފިޝަލުންނަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މި މައްސަލައާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފީފާ އިން މީގެ ކުރިން ބުނެފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މި މުބާރާތުގައި ބައިވެރިވާ ހުރިހާ ވަފުދުތަކަކަށް ދަތުރުފަތުރުގެ ކަންކަން ފަސޭހަކޮށްދޭނެ ކަމަށެވެ.

ނަމަވެސް އެމެރިކާގެ އިމިގްރޭޝަން ގަވާއިދުތައް ހުރި ގޮތުން، އެފްރިކާގެ ގައުމުތަކާއި އެހެނިހެން ސަރަހައްދުތަކުގެ ފެޑަރޭޝަންތަކަށް ވޯލްޑް ކަޕްގެ މަސައްކަތްތަކުގައި ބައިވެރިވުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ.

comment ކޮމެންޓް