އެއްބަސްވުމަކަށް ނާދެވެނީ ޓްރަމްޕްގެ މައްޗަށް ނަތަންޔާހޫގެ ބާރު ހިނގާތީ: އީރާން

އެމެރިކާގެ ރައީސް ޓްރަމްޕްގެ ސިޔާސަތުތަކުގެ ފަހަތުގައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ކަމަށް ތުހުމަތުކޮށް، އެމެރިކާ ރުއްސުމަށް އީރާނުގެ ސިޔާސަތުތައް ބަދަލުނުކުރާނެކަމަށް އީރާނުން ވަނީ ހާމަކޮށްފައެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމުގެ އިތުރުން، އީރާނުގެ ސަރުކާރު ވައްޓާލުމާއި، ގައުމު ބައިބައިކޮށްލުމަކީ އިސްރާއީލުގެ މަގުސަދެއްކަމަށް އީރާނުން ދެކެއެވެ. އެހެންކަމުން، އަމިއްލަ ދިފާއުގައި ފިޔަވަޅުއެޅުމުގެ ހައްގު ދޫކޮށްނުލާނެކަމަށާއި، އަލުން ހަނގުރާމަ ފަށައިފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމަށް އީރާނުން ވަނީ އިންޒާރުދީފައެވެ.

  • ޓްރަމްޕްގެ ނިންމުންތަކަށް ނުފޫޒު ފޯރުވަނީ ނަތަންޔާހޫ ކަމަށް އީރާނުން ބުނުން
  • އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، ވެރިކަން ވައްޓާލަން އިސްރާއީލުން މަސައްކަތްކުރާކަމުގެ ތުހުމަތު
  • ނިއުކްލިޔާ ޕްރޮގްރާމާއި ދިފާއީ ހައްގުތައް ދޫކޮށްނުލުމަށް އީރާނުން ކަނޑައަޅާފައިވާ ރަތްރޮނގުތައް
  • އެމެރިކާއިން އަލުން ހަމަލާދީފިނަމަ، އެމެރިކާ އަދި އިސްރާއީލަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު

ތެހެރާން (10 މެއި 2026) : އީރާން އާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލު ފަށާފައިވާ ޣައިރު ގާނޫނީ ހަނގުރާމަ ދާއިމީ ގޮތަކަށް ނިމުމަކަށް ގެނައުމަށް ޓަކައި އީރާން އެންމެފަހުން ހުށަހެޅި ހުށަހެޅުމަށްވެސް އެމެރިކާގެ ރައީސް ޓްރަމްޕް ދެކޮޅު ހެދުމުން އެކަމާމެދު ކަންބޮޑުނުވާކަމާއި ޓްރަމްޕް ރުހޭގޮތަށް އީރާނުގެ ސިޔާސަތުތައް ބަދަލުކުރަން ނުޖެހޭނެ ކަމަށް އެ ގައުމުން ބުނެފިއެވެ.

އީރާނުގެ އިސް މަސްއޫލުވެރިއަކާ ހަވާލާދީ އެ ގައުމުގެ "ތަސްނީމް" ނިއުސް އެޖެންސީ ބުނިގޮތުގައި ޓްރަމްޕްގެ ފަހަތުގައިވަނީ ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ އެވެ. ޓްރަމްޕް ވާހަކަ ދައްކަނީ ނަތަންޔާހޫ ގެ ދުލުންނެވެ. ނަތަންޔާހޫގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ރޫޅާލުން އެކަންޏެއް ނޫނެވެ. ހަނގުރާމައިން ހާސިލް ނުކުރެވުނު މަގްސަދުތައް ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގެ ތެރެއިން ހާސިލް ކުރާށެވެ. މިމަގްސަދުތައް ހާސިލް ނުކުރެވޭ ހުށަހެޅުމެއް ޓްރަމްްޕް ގަބޫލުނުކުރާނެކަމަށްވެސް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

މި މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ރޫޅާލައި ނިއުކްލިޔާ ހައްގުތަކުން އީރާން މަހުރޫމް ކުރުން އެކަންޏެއް ނޫނެވެ. އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހުރިހާ ހަތިޔާރަކާއި އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހުރިހާ ހައްގުތަކުންވެސް އީރާން މަހުރޫމް ކުރުމެވެ.

އެއަށްފަހު އީރާނުގެ ވެރިކަން ވައްޓާލައި ޔަހޫދީ އިސްރާއީލު ބޭނުންވާ ގޮނޑިކޮއްކޮ ނިޒާމެއް އީރާނުގެ ވެރިކަމަށް ގެނައުމެވެ. މިކަންކަން ނުކުރެވިއްޖެނަމަ އީރާނުގެ އެތެރެ ގަޑުބަޑުކޮށް އީރާނުގައި ދާޚިލީ ހަނގުރާމަ އުފައްދައި އީރާންގެ ދައުލަތް ރޫޅާލައި ކުދިކުދި އެންޓިޓީތަކަކަށް އީރާން ބައިބައިކޮށްލުންކަން އީރާނުގެ މަސްއޫލުވެރިޔާ ފާހަގަ ކުރެއްވިއެވެ.

އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި މިސަބަބުތައް މިގޮތަށް ހުރުމުން ޓްރަމްޕް ރުހޭގޮތަށް އީރާނުގެ ސިޔާސަތުތައް ބަދަލުކުރާކަށް ނުޖެހޭނެއެވެ. އީރާން ވިސްނާނީ އަދި ސިޔާސަތުތައް ބައްޓަން ކުރާނީވެސް ޓްރަމްޕް ރުއްސަން ނޫންކަމަށް އީރާނުގެ މަސްއޫލުވެރިއާ އާ ހަވާލާދީ "ތަސްނީމް" ނިއުސް އެޖެންސީ ބުނެފައިވެއެވެ.

ޔަހޫދީ އިސްރާއީލަކީ އެކަހެރި ގޮތެއްގައި އީރާން އާ ހަނގުރާމަ ކުރެވޭވަރަށްވުރެ ކުޑަ އަދި ބަލިކަށި އެންޓިޓީއަކަށްވާތީ ޓްރަމްޕް މިދިޔަ ފެބްރުއަރީ މަހު އީރާން އާ ދެކޮޅަށް ހަނގުރާމަ ފެށީ ނަތަންޔާހޫގެ އެދުމުގެ މަތިންކަމަށް އީރާން ދެކެއެވެ. އެމެރިކާގެ ވެސް ގިނަ ބަޔަކު މިކަން މިގޮތަށް ގަބޫލުކުރާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހަނގުރާމައިން ކުރީގައި ދެންނެވި އެއްވެސް މަގްސަދެއް ހާސިލް ނުވުމާ އަދި އީރާނުގެ ރައްދު ހަމަލާތަކުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި އިގްތިސާދީ މަސްލަހަތުތަކަށާ އަދި ޔަހޫދީ އިސްރާއީލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދިޔުމުގެ ސަބަބުން ޓްރަމްޕް ވަނީ ޕާކިސްތާން މެދުވެރިކޮށް އީރާން އާ ވާހަކަ ދައްކައިގެން ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަކަށް ގޮސް ހަމަލާތައް މެދުކަނޑާލާފައެވެ.

އެއަށްފަހުވެސް ޓްރަމްޕް ގެންދަނީ އީރާން ވުޖޫދުން ފުހެލާނެކަމަށް ބުނެ ހިކިހިއްވަރުގެ އިންޒާރުތައް ދީ އީރާނަށް ބިރު ދައްކައިގެން ޓްރަމްޕް އެދޭ ޝަރުތުތަކަށް އީރާން އެއްބަސްކުރުވޭތޯ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެމެރިކާއަށް ދޫދިނުމަކީ މައްސަލަ ހައްލުކުރެވޭނެ ގޮތް ނޫންކަމަށް ބަލައި އީރާންވަނީ އެމެރިކާ ކުރިމަތީގައި ރަތްރޮނގުތަކެއް ކަނޑައަޅާފައެވެ.

މީގެތެރޭގައި ނިއުކްލިޔާ ޕްރޮގްރާމު ރޫޅާލުމަށް އެއްބަސްނުވުމާއި ފައްކާކޮށްފައިވާ ޔޫރޭނިޔަމް އެމެރިކާއަށް ނުދިނުމާއި އަމިއްލަ ނަފްސު ދިފާއުކުރުމަށްޓަކައި ހަތިޔާރު އުފެއްދުމުގެ ހައްގު ދޫކޮށްނުލުމާއި އީރާނުގެ ބައިވެރިންނާއި އެގައުމު ދުރުކުރުންފަދަ ކަންކަމަށް އެއްބަސްނުވުން ހިމެނެއެވެ.

ނަންހާމަ ކުރަން ނޭދޭ އީރާން ގެ މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި އެމެރިކާ އަލުން ހަނގުރާމަ ފަށަން ބޭނުންވާނަމަ ފަށަންވީއެވެ. ނަމަވެސް އަލުން ހަނގުރާމަ ފަށައިފިނަމަ ކުރިން ދިން ހަމަލާތަކަށް ވުރެ ވަރުގަދަ ހަމަލާތަކެއް އީރާންއިން ގަލްފުގައިވާ އެމެރިކާގެ މަސްލަހަތުތަކަށާއި ޔަހޫދީ އިސްރާއީލަށް ދޭނެއެވެ. އަދި އެމެރިކާއާއި އިސްރާއީލަށް ބިރުން ހަނގުރާއިގެ މައިދާނުން އީރާން ނުފިލާނެއެވެ.

comment ކޮމެންޓް