ބޭރު ފައިސާގެ ދަތިކަމާ ހުރެ، ފިހާރަތަކަށް ލިބޭ އާމްދަނީއާއި ފިހާރަތަކުގެ ހަރުގަނޑުތަކުގައި ހުރި ތަކެތީގެ މިންވަރު ދަށްވެފައިވާ ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާއަށް ދޫކުރެއްވި ވީޑިއޯއެއްގައި ނަޝީދު ވިދާޅުވީ، މިއަދު ގިނަ މީހުންގެ ކަންބޮޑުވަނީ ބާޒާރުގައި ތަކެތި މަދުވުމާއި، އިންސިއުލިން ފަދަ ޚާއްސަ ބޭސްތައް މަދުވުން ކަމަށެވެ.
"ފިހާރަތަކުގެ ވިކުރާވެސް ހުރީ ވަރަށް ދަށްކޮށް، އަދި ފިހާރަތަކުގެ ޝެލްފްތަކުގައި ހުރި ތަކެތީގެ މިންވަރުވެސް މި ދަނީ ދަށްވަމުން،" ނަޝީދު ވިދާޅުވިއެވެ.
އެއަށްފަހު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިންޑިއާގެ އެސްބީއައިއިން ނެގި 50 މިލިއަން ޑޮލަރުގެ ތިން ޓީބިލުގެ ތެރެއިން އަދި އެއް ޓީބިލު އަންނަ ސެޕްޓެންބަރު މަހުގެ 17ވަނަ ދުވަހު ދައްކަންޖެހޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ވިދާޅުވުމަށް ނަޝީދު ވަނީ އިޝާރާތްކުރައްވައިފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ބޭރުފައިސާގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އެ 50 މިލިއަން ޑޮލަރުގެ ޓީބިލު ދެއްކުމަށާއި، ވިޔަފާރިތަކަށް ބޭނުންވާ މުދަލާއި ތަކެތި ހޯދުމުގެ އިތުރުން، ދައުލަތުގެ ދަރަނި ދައްކައި ޚަލާސްކުރުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް ކަމަށެވެ.
ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ދެކޭ ގޮތުގައި، ރާއްޖޭގެ ދަރަންޏަކީ ސަސްޓެއިނަބަލް ގޮތަކަށް އޮތް ދަރަންޏެއް ނޫން ކަމަށް، ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ތަކުރާރުކޮށް ސަރުކާރަށް ދަންނަވަން، ތި ބޭފުޅުންނަށް މިކަން ރަނގަޅުގޮތުގައި ހިންގެން އޮތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއާ ވާހަކަ ދައްކަވައިގެން ތި ބޭފުޅުން މޭޒު ދޮށަށް ވަޑައިގަތުމަކީ ވަރަށް ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވިއެވެ.
އެއާއެކު، އެމަނިކުފާނު ވަނީ، އެމްޑީޕީއާ މަޝްވަރާކޮށް ރަނގަޅު ގޮތެއް ރައްޔިތުންނަށް ހޯދައިދޭން ސަރުކާރަށް އަނެއްކާވެސް ގޮވައިލައްވައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ނަޝީދަށް ރައްދުދެއްވައި ރައީސް ވިދާޅުވީ، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އަދި ރާއްޖެއާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކުރީގެ ވެރިން މަސައްކަތްކުރާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ހައިރާންވާ ކަމަކީ މާލީ ހާލަތާ ގުޅޭގޮތުން އޮޅުވައިލާއިރު، ދަރަނި ބުރަބޮޑުވީ ކުރީ ސަރުކާރާ ހެދި ނަމަވެސް މި ސަރުކާރުން ދަރަނިތައް ދައްކަމުންދާތީ ވެސް އެކަމާ ދެކޮޅަށް މަސައްކަތްކުރައްވާތީ ކަމަށެވެ.
ރައީސް ވިދާޅުވީ ދަރަނިތައް ދައްކަމުން ދާނީ، މުވައްޒަފުންގެ މުސާރަތައް ދެމުން، އަސާސީ ކާބޯތަކެތި ހޯދަމުން، ތެލަށް ޚަރަދުކުރަމުން، ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ދޭންޖެހޭ ފައިސާ ދެމުން ކަމަށެވެ.