ކުޅުނު ހަތް ބުރުގެ ތެރެއިން އެއްވެސް ބުރަކުން ބަލިނުވެ، އެސްޓީއޯ ބޮޑުރިޔާ ޗެމްޕިއަންޝިޕް 2026 ގެ ޗެމްޕިއަންކަން 'ކުލަބް ޑަބަލް އެއިޓުން ހޯދައިފިއެވެ.
ކާސަލް ޗެސް ކުލަބުން މޯލްޑިވްސް ޗެސް އެސޯސިއޭޝަނާ ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި ދިހަ ބޯޑުގެ 'ރެޕިޑް ޗެސް' މި މުބާރާތުގައި ހަތް ކުލަބަކުން 84 ކުޅުންތެރީން ވާދަކޮށްފައިވާއިރު، ޢުމުރުން ނުވަ އަހަރުން ފެށިގެން ފަސްދޮޅަސް އަހަރުން މަތީގެ ކުޅުންތެރީންވެސް ކުޅެފައިވެއެވެ.
ޗެމްޕިއަންކަން ހޯދައި، ބައިލައްކަ ރުފިޔާގެ އިނާމު ކަށަވަރު ކުރި 'ޑަބަލް އެއިޓް'ގެ ކުޅުންތެރީންގެ ތެރޭގައި، ރާއްޖޭގެ އެންމެ މޮޅުކުޅުންތެރިޔާ، އަދި އެންމެ ގިނަފަހަރު ޤައުމީ މުބާރާތް ކާމިޔާބު ކޮށްފައިވާ، މުޙައްމަދު ޝުޢާއުގެ އިތުރުން، މުޙައްމަދު ޙަސަން (މޯހަން)، ޢަބްދުއްރަޙްމާން ޢަލީ (އަދުރޭ)، އަޙްމަދު އަޝްރަފް (އާނަންދު)، މުޙައްމަދު ޙަމީދު (ބޮޑޭ)، މުޙައްމަދު ރައްޔާން ޝާކިރު، ޢަބްދުއްޞަމަދު އަޙްމަދު، ޢަޙްމަދު ނިޒާމް، މުޙައްމަދު ރާކިން ފަޔާޒް، ޙުސައިން ނިމާލް، ޢަލީ އަރްޙަމް، އަދި ނަބީލް ޢަބްދުލް މުޙްސިން ހިމެނެއެވެ.

އެސްޓީއޯ ބޮޑުރިޔާ ޗެމްޕިއަންޝިޕް 2026 ގެ ރަނަރަޕް ޓީމު--
މި މުބާރާތުގެ ދެވަނަ ހޯދައިފައިވަނީ، ޒުގްޒުވާން ޗެސް ކުލަބުންނެވެ. މި ކުލަބުންވެސް ވަނީ ކުޅުނު ހަތް ބުރުގެ ތެރެއިން ހަ ބުރު ކާމިޔާބުކޮށްފައެވެ.
މުބާރާތުގައި ކުޅެ ޓީމަށް ޕޮއިންޓެއް ކަށަވަރުކޮށްދިން އެންމެ ހަގު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، ޕާސްޑް ޕޮއުންސް ޗެސް ކުލަބު އެންޑް އެކެޑެމީގެ ޢުމުރުން އެންމެ ދިހަ އަހަރުގެ އިސްމާޢީލް އާކިން ޙަސަނެވެ. އަދި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައިވަނީ ހަމަ އެކުލަބުގެ ޢާއިޝަތު ޒާރާ ޝިމާދެވެ.
މުބާރާތުގައި ކުލަބަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދީގެން މުބާރާތުގެ އެންމެ 'ވެލިއުބަލް' ކުޅުންތެރިންނަށް ހޮވިފައިވަނީ، ކުލަބު ޑަބަލް އެއިޓުގެ ޙުސައިން ނިމާލް، ޒުގްޒުވާންގ ޗެސް ކުލަބުގެ އަޙްމަދު އަބޫބަކުރު (ބަކާ)، އަދި ކާސަލް ޗެސް ކުލަބުގެ އަޙްމަދު ޔަމީނެވެ.

އެސްޓީއޯ ބޮޑުރިޔާ ޗެމްޕިއަންޝިޕް 2026 ގެ ތެރެއިން--
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. މި ރަސްމިއްޔާތުގައި ސަތޭކައަށްވުރެ ގިނަފަރާތުން ބައިވެރިވެފައިވާއިރު، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، 'ބޮޑުރިޔާ ޗެމްޕިއަންޝިފް'ގެ ޓައިޓަލް ސްޕޮންސަރ އެސް،ޓީ.އޯގެ ޑިރެކްޓަރ އޮފް ޖެނެރަލް ޓްރޭޑިން އިބްރާހީމް މިރްޒަޤެވެ.
މި މުބާރާތް އިންތިޒާމުކުރުމުގެ މަސައްކަތްކުރި ހުރިހާ ފަރާތްތަކަކަށާއި، ސްޕޮންސަރުންނަށް މި ރަސްމިއްޔާތުގައި ޚާއްޞަ ޝުކުރެއް އަދާކުރިއެވެ. ވަކިން ޚާއްޞަކޮށް، މުބާރާތުގެ މައި ސްޕޮންސަރ އެސް.ޓީ.އޯ އިން މި މުބާރާތަށް ދެއްވި އެއްބާރުލުން ފާހަގަކުރިއެވެ.
ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން، އިޖްތިމާއީ ޚިދުމަތެއްގެ ގޮތުގައި ވިސްނުންތޫނު ޖީލެއް އުފެއްދުމަށް މިފަދަ ކުޅިވަރުތައް ކުރިއަށްގެންދިޔުމަށް އެހީތެރިކަމާ އެއްބާރުލުން ދެމުން ގެންދެއެވެ. މިގޮތުން ރާއްޖޭގައި އެސްޓީއޯއަކީ، ވިސްނުންތޫނު، ދުޅަހެޔޮ ޖީލެއް އުފެއްދުމަށާއި، ކުޅިވަރާއި އިޖްތިމާޢީ ކަންކަމުގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ.

އެސްޓީއޯ ބޮޑުރިޔާ ޗެމްޕިއަންޝިޕް 2026 ގެ ތެރެއިން--
މީގެ އިތުރުން، އޮފިޝަލް މީޑިއާ ޕާޓްނަރ ސަން.އެމްވީ، ޕްރިންޓިންގ ޕާޓްނަރ އިންކްޑް މޯލްޑިވްސް، ޓެކްނިކަލް ޕާޓްނަރ ގިޒްމޯ، އަދި ޔަމޯ އާއި އޯކިޑްސް އޯރާ އިން ވެދެއްވި އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރިއެވެ.
މިއަހަރުގެ މުބާރާތުގައި ކުޅެފައިވާ ކުލަބުތަކަކީ:
- ކުލަބު ޑަބަލް އެއިޓް
- ކުލަބު ޗެކްމޭޓް
- ކާސަލް ޗެސް ކުލަބު އެންޑް އެކެޑަމީ
- ޒުގްޒުވާންގ ޗެސް ކުލަބު
- މޯލްޑިވްސް ޗެސް ކުލަބު
- ޖީނިއަސް ޗެސް އެކެޑަމީ
- ޕާސްޑް ޕޮއުންސް ޗެސް ކުލަބު އެންޑް އެކެޑަމީ
މުބާރާތް އިންތިޒާމުކުރި ފަރާތުން ފާހަގަކުރި ގޮތުގައި، އެހެން މުބާރާތްތަކާއި ޚިލާފަށް މި މުބާރާތް ޚާއްޞަވަނީ، މިއީ ދިހަ ބޯޑުގެ ޓީމު އިވެންޓެއްގެ ގޮތުގައި ކުރިއަށްދިޔަ މުބާރާތަކަށް ވެފައި، ކޮންމެ ބޯޑެއްގެ ނަތީޖާއަކީ ވެސް މުޅި ޓީމަށް މުހިންމު އަދި ކޮންމެ ކުޅުންތެރިއަކީވެސް މުހިންމު ދައުރެއް އަދާކުރަންޖެހޭ ފަރާތަކަށް ވާތީއެވެ.
މީގެ އިތުރުން، ރާޒުވާ ކުޅުމުގެ ސަބަބުން ކަންކަމަށް ސަމާލުކަން ދިނުމާއި، އަޚުލާގާއި، ރޭވުންތެރިކަމުގެ އިތުރުން ގޮތް ނިންމުމުގެ ހުނަރު ތަރައްގީވާތީ، މިއީ ތަޢުލީމީ ގޮތުންނާއި އިޖުތިމާއީ ގޮތުން މުޖުތަމައަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކުޅިވަރެއްކަން އެ ފަރާތުން ބަޔާންކުރިއެވެ.

އެސްޓީއޯ ބޮޑުރިޔާ ޗެމްޕިއަންޝިޕް 2026 ގެ ތެރެއިން--
ރާއްޖޭގައި "ރާޒުވާ" ގެ ނަމުން މަޝްހޫރުވެފައިވާ މި ކުޅިވަރަކީ ދިވެހިންގެ ސަގާފަތާއި ތާރީޚާ ވަރަށް ބޮޑަށް ލާމެހިފައިވާ، ދިވެހިންގެ މެދުގައި ޚާއްޞަ މަގާމެއް ދެވިފައިވާ ކުޅިވަރެއްކަން ވެސް އިންތިޒާމުކުރި ފަރާތުން ފާހަގަކުރިއެވެ.
މުބާރާތުގައި ކުޅުނު ޓީމުތަކުން ދެކޭ ގޮތުގައި 'އެސްޓީއޯ ބޮޑުރިޔާ ޗެމްޕިއަންޝިޕަ'ކީ ވަރަށް ފުރިހަމައަށް އިންތިޒާމު ކުރެވިގެން ކުރިޔަށް ގެންދެވުނު މުބާރާތެކެވެ. އަދި މިފޯމެޓަށް ޗެސް މުބާރާތްތައް ކުރިޔަށް ގެންދާނަމަ ކުރިޔަށް އޮތް ތާނގައި މި ކުޅިވަރަށް ލިބޭ ތަރުޙީބު އިތުރުވެގެން ދާނެ ކަމަށެވެ.
ކާސަލް ޗެސް ކުލަބުން ވިދާޅުވީ، މި މުބާރާތް ދެން އަންނަ ކޮންމެ އަހަރެއްގައިވެސް ބާއްވަމުން ގެންދާނެކަމަށާއި، ވުމާއެކު ޓީމުތަކުން 'ބޮޑުރިޔާ' ގެ ކުރިޔަށް ހުރި މުބާރާތްތަކަށް މިއަދުން ފެށިގެން ތައްޔާރުވަމުން ގެންދިޔުމަކީ، މި ކުޅިވަރުގެ ފޯރި އިތުރުވެގެންދާނެ ކަމަށް ކަމަށެވެ.
މި މުބާރާތުގެ ބައެއް މެޗުތައް ކާސަލް ޗެސް ކުލަބުގެ ޔޫޓިއުބު ޗެނަލުން ވަނީ ލައިވް ސްޓްރީމްކޮށްފައެވެ. ވުމާއެކު ކާސަލް ޗެސް ކުލަބުގެ ޔޫޓިއުބު ޗެނަލުން އަދިވެސް މި މެޗުތައް ކުރިއަށްދިޔަގޮތް ބަލާލެވޭނެއެވެ. މިއީ ރާއްޖޭގައި މިގޮތަށް ލައިވް ސްޓްރީމް ކުރެވުނު ފުރަތަމަ ޗެސް މުބާރާތެވެ.