ވ. އަތޮޅުގައި ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް މީހުންގެ ތެރެއިން، މިހާތަނަށް ފެނިފައިވަނީ އެކަކު ކަމަށާއި، ފަސް މީހުން ވެސް މަރުވެފައިވާކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ފަހުން ފުލުހުން ބުނެފިއެވެ.
މި ހާދިސާގައި ގެއްލިގެން އުޅޭ ފަސް މީހުންނަކީ ވެސް އިޓަލީ ފަތުރުވެރިންނެވެ. މި މީހުން ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ.
މީގެ ކުރިން ފުލުހުން ވަނީ ގެއްލުނު ފަސް މީހުންވެސް މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް މައުލޫމާތު ދީފައެވެ. ނަމަވެސް، ފުލުހުން ފަހުން ބުނެފައިވަނީ، އެންމެން ފެނިފައިވާ ކަމަށް ކުރިން ބުނެވުނީ އެ މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު މީހުންނަށް އެރި އޮޅުމަކުން ކަމަށެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ ހުއްޓުމެއް ނެތި ކުރަމުންކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް ލިބުމާ އެކު، މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދިޔައީ ކުރަމުން ކަމަށެވެ. މި މަސައްކަތުގައި ސަފާރީއަކާއި ، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަންދަނީ ލިބެމުން ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދުގެ 18:13 ހާއިރު މޫދު އަޑިންނެވެ. އެމީހާގެ ހަށިގަނޑު މިހާރުވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.
މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައެވެ. މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، މި ހާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބެމުންދާ ވަރަކަށް މީޑިއާއާ ހިއްސާ ކުރަމުންދާނެ ކަމަށެވެ. ގެއްލިފައިވާ މީހުން ހޯދުމަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.