ކުރީގެ މަޝްހޫރު، ރީތި ބަތަލާ ޕޫޖާ ބަޓްރާގެ އިސްކޮޅު ދިގުވުމުގެ ސަބަބުން ފިލްމުތަކުން ފުރުސަތު ގެއްލުނު ކަމަށާއި، ބައެއް މަންޒަރުތަކުގައި ބަތަލުންނަށްވުރެ ކުރުކޮށް ފެނުމަށްޓަކައި އޭނާ "ސްޕްލިޓްސް" ހަދަން ޖެހުނުކަން ހާމަކޮށްފިއެވެ.
ހިންދީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބަތަލާއިންގެ ތެރެއިން ސަންގީތާ ބިޖްލާނީ، ޕޫޖާ ބަޓްރާ، ސުޝްމިތާ ސެން އަދި ދީޕިކާ ޕަދުކޯން އަކީ ކުރިން މޮޑެލްކޮށް، ފަހުން ފިލްމީ ދާއިރާއަށް ނުކުތް ތަރިންނެވެ.
މީގެ އިތުރުން މި ހުރިހާ ތަރިންގެ ހުރި އެއްގޮތް ސިފައަކީ އެމީހުންގެ އިސްކޮޅު އާދަޔާ ޚިލާފަށް ދިގުވުމެވެ. ބޮލީވުޑްގެ ގިނަ ފިރިހެން ތަރިންނަކީ މި ބަތަލާއިންނަށްވުރެ އިސްކޮޅުން ކުރު ބައެއް ނަމަވެސް، ބަތަލާއިންނަށްވުރެ ކުރުކޮށް ފެނުމަކީ ބައެއް ފިރިހެން ތަރިން ދެކޭ ގޮތުގައި ލަދުވެތި ކެތްކުރެވޭ ކަމަކަށް ނުވާތީ، މިއީ އޭރު ދާއިރާގައި އޮތް ބޮޑު ގޮންޖެހުމެކެވެ.
ދިގު އިސްކޮޅެއް ހުންނަ ބަތަލާ ޕޫޖާ ކިޔައިދިން ގޮތުގައި، އޭނާގެ އިސްކޮޅު ދިގުވުމުގެ ސަބަބުން ފިލްމީ ދާއިރާގައި ކުރިއަށް ދިއުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ސަންގީތާ ބިޖްލާނީ އޭރު އޭނާއަށް އިންޒާރު ދިނެވެ.

ޕޫޖާ އެކްޓަރު އަނިލްއާ އެކު ފިލްމު "ވިރާސަތު"ގެ މަންޒަރެއްގައި -- ފޮޓޯ/ އިންޑިއަން އެކްސްޕްރެސް
ސަންގީތާގެ މި ބަސްތަކުގެ ސަބަބުން ޕޫޖާ ވަރަށް ބޮޑަށް މާޔޫސްވި ނަމަވެސް، އޭނާއަށް ލިބުނު ކޮންމެ ރޯލެއް ވެސް ފުރިހަމައަށް އަދާކުރަން މަސައްކަތް ކުރިއެވެ. ޕޫޖާ ބުނި ގޮތުގައި އޭނާ ފަދަ އިސްކޮޅުން ދިގު ބަތަލާއިންނަށް ބައެއް ރަނގަޅު ފުރުސަތުތައް ގެއްލުނީ ހަމައެކަނި އިސްކޮޅުގެ ސަބަބުންނެވެ.
ނަމަވެސް އޭނާ އާއި ސަންގީތާ ފަދަ ތަރިންގެ ސަބަބުން، ފަހުން ފިލްމީ ދާއިރާއަށް ތައާރަފްވި އިސްކޮޅުން ދިގު ބަތަލާއިން ކަމަށްވާ، ސުޝްމިތާއާއި ދީޕިކާ ފަދަ ބަތަލާއިންނަށް ކުރިމަތިވި ގޮންޖެހުންތައް މަދުކަމަށް ޕޫޖާ ވަނީ ބުނެފައެވެ.
ކާމިޔާބު ފިލްމު "ވިރާސަތު"އިން ފިލްމީ ދާއިރާއަށް ނުކުތް ޕޫޖާ ހާމަކުރި ގޮތުގައި، ކްލޯޒްއަޕް މަންޒަރުތަކުގައި ބަތަލުންނަށްވުރެ ކުރުކޮށް ފެނުމަށްޓަކައި ކެމެރާ ކުރިމަތީގައި "ހާފް ސްޕްލިޓްސް" ހަދަން އޭނާއަށް މަޖުބޫރުވިއެވެ. އަދި ބައެއް މަންޒަރުތަކުގައި ކުރުކޮށް ފެނުމަށްޓަކައި ވަކި ކަހަލަ ފައިވާނާއި ހެދުން ބޭނުންކުރަން އޭރު ޖެހުނެވެ.
ގިނަ ތަރިންނަށް އޭނާގެ އިސްކޮޅުގެ ސަބަބުން އުނދަގޫތަކެއް ވީ ނަމަވެސް، ސަލްމާން ޚާން އަކީ އެފަދަ އެއްވެސް މައްސަލައެއް ނެތް ތަރިއެއް ކަމަށް ޕޫޖާ ފާހަގަކުރިއެވެ.
"ސަލްމާން ބުނާނެ ބޭނުން ވަރަކަށް އުސް ފައިވާނަށް އަރާށޭ، އޭނާއަށް އެއްވެސް މައްސަލައެއް ނެތޭ. އޭނާއަކީ އަމިއްލަ ނަފްސަށް ވަރަށް ބޮޑު އިތުބާރެއް އޮންނަ މީހެއް،" ޕޫޖާ ބުންޏެވެ.
ހަމަ އެފަދައިން ސުޝްމިތާ ސެން ވެސް ވަނީ "ބީވީ ނަމްބަރު 1"ގެ ސެޓުގައި ސަލްމާން އޭނާއަށް އުސް ފައިވާނަށް އެރުމަށް ހިތްވަރު ދިން ކަމަށާއި، އެއީ ސަލްމާންގެ ކިބައިން އޭނާ އެންމެ ގަޔާވާ ކަންތައް ކަމަށް މީގެ ކުރިންވެސް ފާހަގަކޮށްފައިވެއެވެ.
ޕޫޖާ ގަބޫލުކުރާ ގޮތުގައި މިހާރު ހިންދީ ސިނަމާއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެއީ ހަމައެކަނި މީހުން ދެކޭ ގޮތް ބަދަލުވުމުން އެކަންޏެއް ނޫނެވެ. ކެމެރާގެ ޓެކްނޮލޮޖީއަށް އައި ބަދަލުތަކުގެ ސަބަބުން، ކިތަންމެ އިސްކޮޅު ދިގު މީހަކު ވެސް ސްކްރީނުން ކުރުކޮށް ދެއްކުމުގެ ފުރުސަތު މިހާރު އޮވެއެވެ.
އިންޑިއާގެ އެންމެ ކުރިއަރާފައިވާ މޮޑެލުންގެ ތެރޭގައި ހިމެނުމަށްފަހު ޕޫޖާ ފިލްމީ ދާއިރާއަށް ނުކުމެ "ކުޗް ކައްޓީ ކުޗް މީޓީ"، "ޖޯޅީ ނަމްބަރު 1"، "ނާޔަކް" އަދި "ތަލާޝް" ފަދަ ފިލްމުތަކުގެ އިތުރުން ތަމަޅަ، ތެލުގޫ އަދި މަލަޔާޅަމް ފިލްމުތަކުގައި ވެސް މަސައްކަތްކުރިއެވެ.
އެކްޓަރު ނަވާބު ޝާހްއާ ކައިވެނިކުރުމަށް ފަހު ޕޫޖާ ފިލްމީ ދާއިރާއިން ފެންނަ މިންވަރު މަދުވެފައިވާއިރު ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، 2021ގައި ޒީ ސިނަމާއިން ގެނެސްދިން ފިލްމު "ސްކްއަޑް"އިންނެވެ.