'ފާސްޓް އެންޑް ފިއުރިއަސް' އަށް 25 އަހަރު ފުރުން: ފިލްމުގެ ތަރިންނަށް ޖަޒުބާތީ ވަގުތުކޮޅެއް!

"ފާސްޓް އެންޑް ފިއުރިއަސް" ގެ ކާސްޓުން -- ފޮޓޯ/ ދަ ހޮލީވުޑް ރިޕޯޓާ

މަގުބޫލު ފިލްމު ފްރެންޗައިޒް 'ފާސްޓް އެންޑް ފިއުރިއަސް' އަށް 25 އަހަރު ފުރުން ފާހަގަކުރުމަށް 79 ވަނަ ކާންސް ފިލްމު ފެސްޓިވަލުގައި ޚާއްސަ ޝޯއެއް ވަނީ ދައްކާފައެވެ. މި ހަފުލާގައި ފިލްމުގެ މުހިންމު ތަރިންނާއި، ނިޔާވެފައިވާ އެކްޓަރު ޕޯލް ވޯކާގެ ދަރިފުޅު މެޑޯ ވޯކާ ބައިވެރިވިއެވެ. މި އިވެންޓުގައި ވިިން ޑީސެލް ވަނީ އޭނާއާއި ޕޯލް ވޯކާއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައި، ވަރަށް އަސަރާއެކު ވާހަކަދައްކާފައެވެ. އަދި ޕޯލް ވޯކާގެ މަރަށްފަހު އޭނާގެ ކެރެކްޓާއަށް ފިލްމުގައި ދީފައިވާ އިހުތިރާމާއި އާއިލީ ގުޅުމުގެ މުހިންމުކަން މި ހަފުލާގައި ފާހަގަކުރިއެވެ.

  • 'ފާސްޓް އެންޑް ފިއުރިއަސް' އަށް 25 އަހަރު ފުރުން ފާހަގަކުރީ 79 ވަނަ ކާންސް ފިލްމު ފެސްޓިވަލުގައެވެ.
  • މި ހަފުލާގައި ފިލްމުގެ މައިގަނޑު ތަރިންނާއި ޕޯލް ވޯކާގެ ދަރިފުޅު މެޑޯ ވޯކާ ބައިވެރިވިއެވެ.
  • ވިިން ޑީސެލް ވަނީ 2013 ވަނަ އަހަރު ނިޔާވި ޕޯލް ވޯކާގެ ހަނދާންތައް އައުކޮށްފައެވެ.
  • ޕޯލް ވޯކާގެ މަރަށްފަހު އޭނާގެ ކެރެކްޓާ ފިލްމުން ވަކިކުރީ އާއިލާއަށް ވަގުތު ހުސްކުރާ ގޮތަށް ވާހަކަ ބަދަލުކޮށްގެންނެވެ.

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފްރެންޗައިސް "ފާސްޓް އެންޑް ފިއުރިއަސް"އަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކާންސް ފިލްމު ފެސްޓިވަލުގައި ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

އެގޮތުން 79 ވަނަ ކާންސް ފެސްޓިވަލުގެ "ކާން ކްލެސިކްސް" ޕްރޮގްރާމްގެ ދަށުން އެ ފިލްމުގެ ޚާއްސަ މެންދަމުގެ ޝޯއެއް ވަނީ ދައްކާފައެވެ.

މަލްޓި-ބިލިއަން ޑޮލަރުގެ މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމު 2001 ވަނަ އަހަރު ރިލީޒްކުރީ ވިިން ޑީސެލް އާއި އެކްސިޑެންޓެއްގައި މަރުވެފައިވާ ކުރީގެ އެކްޓަރު ޕޯލް ވޯކާގެ މޮޅު އެކްޓިންއާ އެކުގައެވެ.

މި ފިލްމަކީ އޭރު މުޅިން އާ އަދި ފޯރިގަދަ ފިލްމަކަށް ވުމުން، ވަރަށް އަވަހަށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދިއެވެ. ކާރު ދުއްވުމުގެ ސަގާފަތާއި މަގުމަތީގެ ރޭސިންތައް ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާ މި ފިލްމަކީ އޭގެ ކުރިން ބެލުންތެރިންނަށް ތަޖުރިބާކުރެވިފައި ނުވާ ފަދަ އާދަޔާ ޚިލާފު އުފެއްދުމެކެވެ.

"ފާސްޓް އެންޑް ފިއުރިއަސް"ގެ މަންޒަރެއްގައި ވިިން ޑީސެލް އަދި ކުރީގެ އެކްޓަރު ޕޯލް ވޯކަ -- ފޮޓޯ/ ދަ ހޮލީވުޑް ރިޕޯޓާ

މި ފްރެންޗައިސްގައި ހިމެނޭ ފޯރިގަދަ އެކްޝަން މަންޒަރުތަކަށް ވުރެ ބޮޑަށް، ބެލުންތެރިންގެ ހިތްތަކާ ކުޅެލީ އޭގައި ހިމެނޭ އާއިލީ ގުޅުމުގެ މައްޗަށެވެ. 'ފައުންޑް ފެމިލީ' ނުވަތަ ލޭގެ ގުޅުމަށްވުރެ ބޮޑަށް އިތުބާރާއި ލޯބީގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުންތަކަށް މި ފިލްމުގައި ވަނީ ވަރަށް ބޮޑަށް އަލިއަޅުވާލާފައެވެ.

ފިލްމުގެ ފުރަތަމަ ބަޔަށް 25 އަހަރު ފުރުމާ ގުޅިގެން، ފްރެންޗައިޒްގެ ތަރިން ވަނީ ފްރެންޗް ރިވިއޭރާގައި މިހާރު ކުރިއަށްދާ 79 ވަނަ ކާން ފިލްމް ފެސްޓިވަލްގައި ބައިވެރިވެފައެވެ.

މި ހަފުލާގައި ވިިން ޑީސެލް، މިޝޭލް ރޮޑްރިގޭޒް، ޖޯޑާނާ ބްރޫސްޓާ އަދި ޕޯލް ވޯކާގެ ދަރިފުޅު މެޑޯ ވޯކާ ވަނީ ރެޑް ކާޕެޓުގައި ހިނގާފައެވެ. ނަމަވެސް، މި އުފާވެރި ވަގުތުކޮޅަކީ ފިލްމުގެ ކާސްޓުންނަށް ހިތާމަވެރި އިހުސާސްތަކެއް ވެސް ކުރެވުނު ވަގުތެކެވެ.

ތިއޭޓަރުގެ ތެރޭގައި ވާހަކަ ދައްކަމުން ވިން ޑީޒަލް ވަނީ ކާންސް ފިލްމް ފެސްޓިވަލާ އޭނާއާ އޮތް ގުޅުމާއި، އޭނާގެ ކެރިއަރުގެ ކުރީކޮޅުގެ ހަނދާންތައް ހިއްސާކޮށްފައެވެ. އަދި 2013 ވަނަ އަހަރު އުމުރުން 40 އަހަރުގައި ނިޔާވި ޕޯލް ވޯކާގެ ހަނދާންތައް އައުކުރީ ވަރަށް އަސަރާއެކުގައެވެ.

ވިިން ޑީސެލް ކުރީގެ އެކްޓަރު ޕޯލް ވޯކަގެ ދަރިފުޅު މެޑޯ ވޯކާ -- ފޮޓޯ/ ދަ ހޮލީވުޑް ރިޕޯޓާ

އޭނާގެ ވާހަކައިގައި ބުނި ގޮތުގައި، މި ފިލްމަކީ އޭނާއާއި އޭނާގެ "ބްރަދާ" ޕޯލްއަށް އަހުވަންތަކަން ނުވަތަ 'ބްރަދަހުޑް' ތައާރަފްކޮށްދިން ފިލްމެކެވެ. އަދި އެ ގުޅުން ދެމެހެއްޓުމަށްޓަކައި ޕޯލްގެ ދަރިފުޅު މެޑޯ އޭނާއާ އެކު މި ހަފްލާގައި ހުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަން އޭނާ ފާހަގަކުރިއެވެ.

ފިލްމު ދައްކާ ނިމުމުން އެތައް ބަޔަކަށް އަސަރުކޮށް ރޮވުނު އިރު، ހުރިހާ ބައިވެރިން ކޮޅަށް ތެދުވެ ފިލްމުގެ ތަރިންނަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

މީގެ 13 އަހަރު ކުރިން ހިނގި ހިތާމަވެރި އެކްސިޑެންޓެއްގައި މަރުވި ޕޯލް ވޯކާ އަކީ މި ފްރެންޗައިޒްގެ މުހިންމު ތަނބެކެވެ. ފިލްމުގެ ޝޯއަށްފަހު ވާހަކަދައްކަމުން ވިިން ޑީސެލް ވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ކޯ-ސްޓާ ޕޯލް ނެތުމުން ފުން އަސަރުތަކެއް މިހާރުވެސް ކުރުވާ ކަމަށް ބުނެފައެވެ.

ޕޯލް ވޯކާ ވަނީ 2001 ވަނަ އަހަރުގެ ފުރަތަމަ ފިލްމުން ފެށިގެން ހަތްވަނަ ފިލްމާ ހަމައަށް ބްރަޔަން އޯކޮނާގެ ރޯލު އަދާކޮށްފައެވެ. އޭނާ މަރުވީ ހަތްވަނަ ފިލްމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.

ޕޯލްގެ ކުއްލި މަރާއެކު "ފާސްޓް އެންޑް ފިއުރިއަސް 7"ގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނެވެ. ނަމަވެސް އޭނާއަށް ހައްގުވާ ފަދަ ވަދާއެއް ދިނުމަށް ފިލްމުގެ ޓީމުން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ.

ޕޯލްގެ ބަދަލުގައި އޭނާގެ ދެ ކޮއްކޮ ކަމަށްވާ ކޭލެބް އަދި ކޯޑީ ވޯކާ ބޭނުންކުރުމާއި، ސީޖީއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފިލްމުގެ މަސައްކަތް ނިންމާލިއެވެ. ފިލްމުގެ ސްކްރިޕްޓަށް ބަދަލު ގެނެސް، ބްރަޔަން އޯކޮނާގެ ކެރެކްޓާ ނުރައްކާތެރި ދިރިއުޅުމާ ދުރަށް ގޮސް އާއިލާއަށް ވަގުތު ހުސްކުރާ ގޮތަށް ވާހަކަ ބަދަލުކުރިއެވެ.

ޕޯލް ނެތް ނަމަވެސް، ފްރެންޗައިޒްގެ ފަހުގެ ފިލްމުތަކުގައި އޭނާގެ ކެރެކްޓާ ދިރިހުރި ކަމަށް ދައްކައެވެ. އަދި 2023 ވަނަ އަހަރު ނުކުތް "ފާސްޓް އެކްސް"ގައި ޕޯލްގެ ދަރިފުޅު މެޑޯ ވޯކާ ވަނީ ކުޑަ ރޯލަކުން ފެނިލާފައެވެ. މިއީ އޭނާގެ ބައްޕައަށް ދިން ޚާއްސަ ޓްރިބިއުޓެކެވެ.

comment ކޮމެންޓް