ޔައިލްގެ ޖަވާބު އިޒީއަށް ގަބޫލެއް ނުކުރެވުނެވެ.
*********
ގަބޫލު ކުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟ ޔައިލްގެ ސިއްރުވެރި ގޮތެއް ހުރިކަން އެންމެ ފުރަތަމަ ދުވަހު ވެސް އިޒީއަށް ވަނީ ފާހަގަ ކުރެވިފައެވެ. ބައެއްފަހަރު ޔައިލް އުޅޭ ގޮތުންނާއި، ކުރާ ކަންކަމުން، މާކުރިން ފެށިގެން ޔައިލްއަށް އިޒީ އެނގޭހެން އޭނާއަށް ހީވެއެވެ. ޔައިލްގެ ފަހަތުން ހިނގަމުން ދިޔައިރު، އޭނާގެ މަގުސަދާ މެދު އިޒީގެ ހިތުގައި ސުވާލު އުފެދިފައިވިއެވެ.
"ވާރޭ ވެހެން ކަންނޭނގެ އެ އުޅެނީ..." ފަސްއެނބުރި އިޒީއަށް ބަލައިލިއިރު، ޔައިލްގެ މޫނުން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރެވެ. "ނަސީބެއް ވެހެންވާއިރަށް މިހިސާބަށް އާދެވުނުކަން..."
އިޒީއަށް ހަމަހޭވެރިކަންވީ ޔައިލް ދެފަހަރަކު ގޮވައިލުމުންނެވެ. އޭރު ދުނިޔެމަތި އަނދިރިވެއްޖެއެވެ. ކަޅު، ބޯ ވިލާތަކުން އުދަރެސް ވަނީ ބައްދާލާފައެވެ.
"އަވަހަށް އާދޭ..."
ޔައިލް ހުއްޓިލައިގެން ހުރީ ފަޅު އިމާރާތެއްގެ ކުރިމަތީގައެވެ. ބޭރުން އިމާރާތް ފެންނަނީ އެފަދަ ގޮތަކަށެވެ. ގޭގެ ވަށައިގެން ސަތަރިޖަހައި ބަންދުކޮށްފައި ވާއިރު، އެތެރެއަށް ވަންނަ ދޮރު ހުރީ ޓިނުން ހަދާފައެވެ. ކުރަކި އަޑެއް ކިޔާލާފައި، ވަޔާއެކު ދޮރު ހުޅުވުނީ އިޒީ އެ އިމާރާތަށް ބަލަން ހުއްޓައެވެ. ގޯތިތެރެ އޮތީ ޖަންގައްޔެއް ހެންނެވެ. މައްޗަށް އެރެން ހުރި ސިޑިއަށް ދެވޭ ހަނި މަގު ފިޔަވައި، ވަށައިގެން ހެދިފައިވާ ގަސްތަކުން މުޅި ގޯތިތެރެ އޮތީ ފުރިފައެވެ.
"މީ ރަނގަޅު ގެތަ؟.." އިޒީ ހުރީ ޝައްކެއްގެމަތީގައެވެ.
އިންޒާރެއް ދިނުމެއްނެތި ވެހެންފެށި ވާރޭ ބޯކޮށްލަން ނެގީ ހިނދުކޮޅެކެވެ. ގޭގެ ދެވަނަ ފަންގިފިލާގެ ބާލުހާނާގައި ހިއްކަން އަޅާފައިވާ އަންނައުނުތައް ނެގުމަށް މުސްކުޅި ފުރައިގެ ފިރިހެނަކު ދުވެފައި ނުކުތްތަން އިޒީއަށް ފެނުނެވެ.
"ދެން ނޭނގެ ހުއްޓާނެ ކަމެއްވެސް..." ޔައިލްގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. "ތެމިދާނެ.. އާދޭ އަވަހަށް އެތެރެއަށް..."
ޔައިލް ހިނގައިގަތުމުން ވެސް އިޒީ ހުރީ އިމާރާތަށް ބަލާށެވެ. އާދެވުނީ ރަނގަޅު މަންޒިލަށްހެން އޭނާއަށް ހީނުވަނީއެވެ. ހިނދެއް ހިނދަކަށް ވާރޭ ބޯކުރަމުން ދިޔައެވެ. މާޒީގެ ހަނދާންތައް އައިސް އިޒީ ވަށައިލި ކަހަލައެވެ. ވިއްސާރަ އެ ރޭގެ ބިރުވެރި ހާދިސާ ކުރިމަތިން ސިފަވިއެވެ. އަސްކަނިދަށުގައި ހުއްޓަސް، އިޒީ ލައިގެން ހުރި ހެދުން ތެމެމުން ދިޔައެވެ. އިޒީއަށް ހީވީ މާޒީ އިއާދަވި ހެންނެވެ.
އޭނާ ހުރީ ސްކޫލް ޔުނީފޯމުގައެވެ. ބޯ ވާރޭގެ ސަބަބުން ވަށައިގެން ފެންނަމުންދިޔަ އޮރެންޖު އަލި ވަނީ ފަނޑުވެފައެވެ. މަގުމަތި ފަޅެވެ. ދުރުދުރުން ކާރެއްގެ އަޑު އިވުނުހެން އިޒީއަށް ހީވިއެވެ.
އިޒީ ސިހުނީ ނުހަނު ކައިރިން ޔައިލް ފެނުމުންނެވެ. އިޒީ ނުވިސްނާ ހުއްޓާ، ޔައިލް އޭނާގެ ކުރިމަތީގައި ހުއްޓުނެވެ. ވާރެއިން އިޒީ ސަލާމަތްކުރުމަށް އަމިއްލަ ހަށިގަނޑު އައްޑަނައަކަށް ހެދިއެވެ. އެއްވެސް ރަހުމެއްނެތި ޔައިލްގެ ހަށިގަނޑަށް އަމާޒުވަމުންދިޔަ ހަމަލާތަކުން އިސާހިތަކު އޭނާ ލައިގެން ހުރި ހުދު ގަމީސް ތެމި ފޯވިއެވެ. އެވަރުންވެސް ޝަކުވާއެއްނެތި، އިޒީގެ ބަހަކަށް އޭނާ މަޑުކުރިއެވެ.
ޔައިލްގެ އެ އަމަލުން ސިހުން ލިބުނު އިޒީއަށް ހުރެވުނީ ނުހަނު ކައިރިން އެ މޫނަށް ބަލާށެވެ. ހާސްކަމާއި އެއްވަރަށް ޔައިލްގެ ދެލޮލުން އަޅާލުމާއި އޯގާތެރިކަން އޭނާއަށް ފެނުނެވެ. އެވަގުތުވެސް ޔައިލް ވިސްނީ އިޒީ އާއި މެދުގައެވެ. އޭނާގެ މަގުސަދަކީ، އަމިއްލަ ނަފުސަށް ގެއްލުންވިޔަސް، އިޒީ ސަލާމަތްކުރާށެވެ.
ތެމެމުންދިޔަ ޔައިލްގެ އިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތިކިތައް، އެ މޫނުގެ ދެފަރާތުން ތިރިއަށް އޮހޮރެން ފެށިއެވެ. އެ ފިނި ތަނުގައި ޔަގީނުންވެސް އިޒީގެ ހިތް އަވަސްކުރުވާނެހައި ފުރިހަމަ މަންޒަރެކެވެ. ޔައިލްގެ ފިނިފިނި ނޭވާގެ އިހުސާސް އިޒީގެ މޫނަށް ކުރެވޭ ކޮންމެ ފަހަރަކު އެހިތުގެ ވިންދު އަވަސްވެއެވެ. ޔައިލް ވެސް އެފަދައެވެ. ވަޔާއިއެކު އިޒީގެ މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަން އޭނާ އެތައް ފަހަރަކު އަތް އުފުލައިލިއެވެ. އެހެނަސް، އެ ހިތްވަރު ނުލިބި، އަލުން ޖީބަށް އަތް ޖަހައިލަނީއެވެ. ދެމީހުންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓިފައިވި ވަގުތުކޮޅު، އެތައް ކަމަކަށް ދައުވަތު ދެވުނެވެ. އިޒީ ދިން ފުރުސަތުގެ ބޭނުން ހިފައި، ޔައިލް ކުޑަކޮށް އިޒީ އާއި ކައިރިވެލިއެވެ. ސައިކަލެއްގެ އަޑު ނީވުނުނަމަ، އިޒީއަށް އޭނާގެ އަމިއްލަ ނަފުސުގެ ލަގަން ޔައިލްގެ އަތްމައްޗަށް ދޫކޮށްލެވުނީހެވެ.
"ކުރިން ޕޮލިހުގަ މަސައްކަތްކުރި ބޭބެއެއް އުޅޭނެ މިގޭގެ ދެވަނަ ފްލޯގަ.... މިހާރު ރިޓަޔަރކޮށްފަ ހުންނަތާ ދުވަސްކޮޅެއް ވެއްޖެ... އޭރުގެ މުހިއްމު ރެކޯޑުތައް ފައިލުކޮށް ބަލަހައްޓާނީ އެ ބޭބެ... ކުރީގެ ވަރަށް ގިނަ ކޭސްތަކުގެ މައުލޫމާތު އެ ބޭބެއަށް އެނގޭނެ..." ކުރެވުނު ކަންތައް އިހުސާސްވެ، ޔައިލްއަށް ހުރިހާ އެއްޗެއް ބުނެވުނީ އެއް ނޭވާ އިންނެވެ. "އެއްވެސް ހެއްކެއް ނުއެއް ގެއްލޭނެ، ބަޔަކު ގެއްލުވާލަން ނޫޅެންޏަކާ..."
ޔައިލް ބުނީ ރަނގަޅު ވާހަކައެކެވެ. ފޮރުވަންޖެހޭ ކަމެއް ނެތްނަމަ، ހެކި ގެއްލެންވީ ސަބަބެއް ވެސް ނެތެވެ. އިންޒާރުގެ މެސެޖުތަކުގެމަތީން އޭނާ ހަނދާންނެތުނެވެ. އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާ ހުރީ ހަގީގަތް އެނގެން ބޭނުންވެފައެވެ. އަނެއްކޮޅުން އަމިއްލަ ހިތުގެ ހާލު ޔައިލްގެ ކުރިމަތީގައި ބޭޒާރުވުމުން، އިޒީ އިންތިހާއަށް ލަދުގަތެވެ. އޭނާ ބޭނުންވީ ޔައިލްގެ ނަޒަރުން ސަލާމަތް ވާށެވެ.
ގޭތެރެއިން ޔައިލްމެންނަށް މަރުހަބާ ކީ، އުމުރުން ދުވަސްވީ ފިރިހެނެކެވެ. އެއީ ބާލުހާނާއިން އިޒީއަށް ފެނުނު މީހާއެވެ. ކުޑަކޮށް ތެމިފައި ހުރުމުން، އޭނާ ހުރީ ފިނިވެފައެވެ. އިޒީއަށްވުރެ ބޮޑަށް ތެމިފައި ހުރީ ޔައިލްއެވެ. އޭނާ ލައިގެން ހުރި ތުނި ގަމީސް ހުރީ ގައިގައި ތަތްލާފައެވެ. ކަސްރަތީ ހަށިގަނޑުގެ ވަނާތައް ރީތިކޮށް އެނގެން ހުއްޓެވެ. އިޒީ ލަދުން އިސްޖަހައިލިއެވެ.
"ކޮންކަމަކު ގަފޫރުބެއާ ބައްދަލުކޮށްލަން ބުނީ؟..." ފަންކާ ނިވާލާފައި ގޮސް، ސޯފާމަތީގައި ހުރި އަންނައުނުތައް އެއްފަރާތްކުރަމުން ގަފޫރު ވާހަކަ ދެއްކިއެވެ. "އިށީނދޭ..."
ގޭތެރެއިން ފެނުނީ ފަޅުކަމެވެ. އިތުރު މީހަކު އުޅޭކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ގަފޫރަކީ ފޮތަށް ލޯބިކުރާ މީހެއްކަން ހާމަކޮށްދެ އެތައް ހެއްކެއް ގޭގެ އެތަން މިތަނުން ފެންނަމުން ދިޔައެވެ. މައިގޭތެރޭގެ ވަށައިގެން ހުރި ކަބަޑުތަކުގައި އެކި ކަހަލަ ފޮތްތަކާއި ލިޔުންތައް ހުއްޓެވެ. ގިނައީ ދުވަސްވީ ލިޔުންތަކެވެ. ނޫސް މަޖައްލާތަކެވެ. ކޮންމެ އެއްޗެއް އަތުރާފައި ހުރީ ތަރުތީބުން ނުހަނު ފުރިހަމައަށެވެ. އަހަރުތައް އެނގޭނޭހެން، ވަކިކޮށްފައެވެ. މެދުގޭތެރޭގައި ހުރި މޭޒުމަތީގައި ލިޔަން ގެންގުޅޭ އެކި ސާމާނުތައް ހުއްޓެވެ.
ތޭރަ އަހަރު ކުރީގެ ހާދިސާގެ ވާހަކަ ޔައިލް ބުނުމާއިއެކު، ގަފޫރުގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ. އެކަން ފާހަގަވީ، އިޒީ އެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލަން ހުރީމައެވެ.
"އަހަރެން އަންގަންޖެހޭ ފަރާތްތަކަށް ހުރިހާ ކަމެއް އަންގާފަ އޮންނާނީ..." ހިތްހަމަނުޖެހިފައި، އެހެނަސް މަޑުމަޑުން ގަފޫރު ބުނެލިއެވެ.
"ދެން އަލުން އެވާހަކަ ކިޔައިދޭންވީނު.." ޔައިލް އެދުނެވެ.
ގަފޫރު އެއްޗެއް ނުބުނެ އިރުކޮޅަކު ވިސްނަން ހުއްޓެވެ.
"ގަފޫރުބޭ..." އާދޭހުގެ ރާގަކަށް ޔައިލް ގޮވައިލިއެވެ. "އަހަންނަށް އެނގޭ ކޮންމެވެސް ކަމެއް ގޯސްކޮށް ހިނގާފަ ކަން އޮތީ... އެކަމުގަ ގަފޫރުބެގެ އެއްވެސް މައްސަލައެއް ނެތްކަންވެސް އެނގޭ..."
"އެއީ އެހާ ބޮޑު މައްސަލައެއް ގޮތަށް ރިޕޯޓުކުރި މައްސަލައެއް ނޫން..." ގަފޫރު ދޫކޮށްލީ ފުން ނޭވާއެކެވެ.
"ކޮން މައްސަލައެއް؟..." އިޒީ ބޭނުންވީ ޔަގީންކުރާށެވެ. ޔައިލް މާބޮޑު ތަފްސީލެއް ނުދެނީސް، އެހާ ކުރީގެ ހާދިސާއެއް ގަފޫރަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ އެހާ ދުވަސްވަންދެން އެ ހަނދާން ހުރީ ކީއްވެ ހެއްޔެވެ؟
ގަފޫރު ފުރަތަމަ ފަހަރަށް އިޒީއަށް ބަލައިލީ ފުން ނަޒަރަކުންނެވެ. އިޒީގެ އަޑުންވެސް އޭނާއަކީ ކާކު ކަން ގަފޫރަށް އެނގުނު ކަހަލައެވެ. އެ ބެލުމުގައިވާ ޝައްކު ޔަގީނަށް ބަދަލުވިފަދަ އަސަރުތަކެއް ފެނުނެވެ. ހީވީ ގަފޫރު ދަންނަ މީހަކު އޭނާގެ ކުރިމަތީގައި ހުރި ހެންނެވެ.
"ތީ... ތީ..." ގަފޫރުގެ ދެފައިން ވާގި ދޫވިހެން އޭނާއަށް ހީވިއެވެ. ފަހަތަށް ފިޔަވަޅެއް ނެގިގޮތަށް އޭނާ ކަބަޑުގައި ހިފެހެއްޓިއެވެ.
އިޒީ ދެލޯ ބޮޑުކޮށްލަމުން ޔައިލްއަށް ބަލައިލިއެވެ. ޔައިލްގެ މޫނުންވެސް ފެނުނީ ހައިރާންކަމެވެ.
"އަހަރެން މީ ކާކުކަން އެނގޭތަ؟.. ކުރިން ބައްދަލުވިތަ؟..." ހިތް އަވަސްވެފައިވާ ހާލު، އިޒީއަށް އެތައް ސުވާލެއް އެއްފަހަރާ ކުރެވުނެވެ.
"ނޫން... ނޭނގެ..." ގަފޫރު ވަގުތުން ޖަވާބު ދިނެވެ. ދެން އޭނާ މަސައްކަތްކުރީ އިޒީއަށް ނުބަލާށެވެ. "އަހަންނަކަށް ނޭނގެ ތީ ކާކު ކަމެއް... ދެންމެ އެހެން ކަމެއް ހަނދާންވީ..."
އިޒީ ފަދައިން ޔައިލްއަށްވެސް ގަފޫރުގެ ނުތަނަވަސްކަން ސިއްރެއް ނުވިއެވެ. އެ މޫނުން ފެނުނު ސިހުމާއި، ޖެހިލުންވުމުގެ އަސަރުތައް ހެކިދެނީ އެންމެ ކަމަކަށެވެ.
"އަހަރެމެން އެނގެން ބޭނުންވަނީ އެންމެ ކަމެއް... އެ ރޭ ކަންތައްވީގޮތް..." ޔައިލް ބުނެލިއެވެ. "އަހަންނަށް އެނގޭ ގަފޫރުބެއަށް ކޮންމެވެސް ކަމެއް އެނގޭ ކަން... ގަފޫރުބެ އެކަމެއް ސިއްރުކުރަން ތި އުޅެނީވެސް ކޮންމެވެސް ކަމެއް ވީމަކަން... އެކަމަކު ގަފޫރުބެ ވިސްނާލަބަލަ... ކަންކަން ސިއްރުކޮށްގެން އެއްވެސް ކަމެއް ހައްލެއް ނުވާނެ... ވިޔަސް ވާނީ އިތުރަށް ގޯސް... އެހެންނު؟..."
ގަފޫރު އުނދަގޫ ގޮތަކަށް ހިންދިރުވައިލިއެވެ. އޭނާ އަނގަ ހުޅުވައިލީ، ހަގީގަތް ހާމަކުރަން ބޭނުންވެގެންނެވެ. އެހެނަސް، އޭގެ ކުރިން ބާރު އަޑެއް އިވިފައި، މުޅިތަނުން ކަރަންޓް ދިޔައެވެ. ގޭތެރެ އަނދިރިވިއެވެ. އިޒީ ހުރީ ފަރާތަކަށް ގުޑިލަންވެސް ނުކެރިފައެވެ. އަނދިރިކަމުގެ ތެރެއިން އޭނާއަށް އިވެމުން ދިޔައީ، ވާރޭގެ އަޑެވެ. ގުގުރާ އަޑެވެ. ވިދައިލާ ވިދުވަރުގެ ގަދަ އަލި ބިއްލޫރިގަނޑުން ފުރޭނިގެން އައީ، ތޫފާނުގެ ވަރުގަދަކަން ހާމަކޮށްދެމުންނެވެ. ތުރުތުރުލަމުންދިޔަ އިޒީގެ ހަށިގަނޑު ފިނިވާން ފެށިއެވެ. ލަމުންދިޔަ ނޭވާވެސް ހީވީ، އިޒީގެ އަމިއްލަ ނަފުސަށް ބޭވަފާތެރިވާން އުޅޭހެންނެވެ.
ގިނައިރެއްނުވެ، ހާސްވެފައި ހުރި އިޒީގެ އަތްތިލައިން ފިނިފިނި އަތްތިލައެއްގެ ބީހިލުން އޭނާއަށް އިހުސާސް ކުރެވުނެވެ. އެ އަތްތިލައިން އިޒީ ބޭނުންވި ރައްކާތެރިކަން ކަށަވަރުކޮށްދިނެވެ.
"ޔައިލް..." އިޒީއަށް ހިތާއިހިތުން ކިޔައިލެވުނީ ޔައިލްގެ ނަމެވެ.
"ބިރުނުގަންނައްޗޭ... އަހަރެން މިހުރީ ކައިރީގަ..." ޔައިލްގެ އަޑު އިވުނީ އިޒީ އާއި ނުހަނު ކައިރިންނެވެ. އޭނާ އިޒީގެ އަތުގެ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހައިލިއެވެ.
އިޒީގެ ހިތް ތެޅިގަތީ، ބިރަކުން ނޫނެވެ. ޔައިލްގެ ލުއި ބީހިލުމުން ކުރެވުނު ފޮނި އިހުސާސަކުންނެވެ.
"ވިއްސާރަވީމަ ކަރަންޓް އެދިޔައީ..." ގަފޫރު ބުނި އަޑު އިވުނެވެ.
އެއްޗެހިތަކެއް ފައިބައިގަތް އަޑު އިވުނެވެ. ކުޑަ އިރުކޮޅެއްފަހުން މުޅި ތަނަށް ފަނޑު އަލިކަމެއް ވެރިވިއެވެ. ގަފޫރު ހުރީ، އުއްބައްތިއެއް ރޯކޮށްގެންނެވެ. ޔައިލް ދެންވެސް އިޒީގެ އަތުން ދޫކޮށެއް ނުލައެވެ. ޔައިލްގެ އަތުގައި ބާރަށް ހިފައިގެން ހުރެވުނުކަން އިޒީއަށް އިހުސާސްވީ ދެނެވެ. އޭނާ މަޑުމަޑުން އިނގިލިތަކަށް ދުލެއް ދިނެވެ. އެހެނަސް، ޔައިލް އިޒީގެ އަތުގައި ހިފައިގެން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
"ގަފޫރުބެ ދެންމެ އެއްޗެއް ބުނަން އުޅުނީމެއްނު..." ޔައިލްއަށް މުހިއްމުވީ އޭނާ ކުރަން އައި ކަންތަކެވެ.
ގަފޫރު ބޯ ޖަހައިލިއެވެ.
"އެ ރޭ... ހާދިސާ ހިނގި ރޭ.... އެ ކުއްޖާ ސަލާމަތްވާން އުޅުނީ އެ އެކްސިޑެންޓަކުން ނޫން..." ގަފޫރު ދެން ހާމަކޮށްލި ހަގީގަތަކުން އިޒީ އަށާއި ޔައިލްއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.
"އޭނަ ދުވީ، އެހެން މީހެއްގެ ކިބައިން ސަލާމަތްވާން..." ގަފޫރު ބުނެލިއެވެ. "އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބަކީ އެއީ..."
މުޅި ތަނަށް ވެރިވީ ހިމޭންކަމެވެ. ވެހެމުންދިޔަ ބޯ ވާރޭގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ.
"ކާކު ކިބައިން ސަލާމަތްވާން؟..." އިޒީއަށްވުރެ ކުރިން އެ ސުވާލު ކުރެވުނީ ޔައިލްއަށެވެ.
އިޒީ ސުވާލު އުފެދިފައި ޔައިލްގެ މޫނަށް ބަލައިލިއެވެ. ޔައިލްއަށް މުހިއްމުވީ އެ އަންހެން ކުއްޖަކީ ކާކު ކަން ހޯދުމެއް ނޫނެވެ. އޭނާއަށް މުހިއްމުވީ، އެކުއްޖާގެ ފަހަތުން އައި މީހެއް ހޯދުމެވެ. ކީއްވެ ހެއްޔެވެ؟ އެ އަންހެން ކުއްޖަކީ އިޒީ ކަން ޔައިލްއަށް މާ ކުރިން އެނގެނީ ހެއްޔެވެ؟
"އަހަންނަކަށް ނޭނގެ.. އަހަންނަށް އެނގޭ އެއްޗަކީ އެ އެކްސިޑެންޓްގަ އެ ކުއްޖާއަށް ވަރަށް ބޮޑެތި ގެއްލުން ލިބުނު ކަން..." ގަފޫރު ކިޔައިދިނެވެ.
އިޒީގެ ދެފައިން ވަރު ދޫވި ވަގުތު މުޅި ތަން އެނބުރިގަތްހެން އޭނާއަށް ހީވިއެވެ.
(ނުނިމޭ)