ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅުނު ސިފައިންގެ މީހެއްގެ ހާލު ދެރަވެގެން ފަރުވާ ދެނީ

ވ. އަތޮޅު ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހެއްގެ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ވަނީ ފަށާފައެވެ. ބުރާސްފަތި ދުވަހު ގެއްލުނު ފަސް މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފުން ހޮހަޅައެއްގެ ތެރެއިން ފެނިފައިވާއިރު، ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން އެ މީހުން ދަތުރުކުރި ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށް، ފަތުރުވެރިކަމުގެ ސަލާމަތީ ގަވާއިދުތަކަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

  • ގެއްލުނު ފަތުރުވެރިން ހޯދަން އުޅުނު ސިފައިންގެ މީހަކަށް އޭޑީކޭގައި ފަރުވާދޭން ފެށުން
  • ގެއްލުނު ފަސް މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިފައިވުން
  • ފަތުރުވެރިން ދަތުރުކުރި ސަފާރީގެ އޮޕަރޭޓިން ލައިސަންސް ސަސްޕެންޑްކުރުން
  • ސަލާމަތީ ގަވާއިދުތަކަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކުރުން

ވ. އަތޮޅު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީއަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅުނު ސިފައިންގެ މީހެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފިއެވެ.

އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ބުރާސްފަތި ދުވަހު ގެއްލުނު އެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ އެންމެ މީހެކެވެ. އެ މީހާ ފެނިފައި ވަނީ މަރުވެފައި އޮއްވައެވެ. ބާކީ ހަތަރު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފުން ވަނީ ފުޅާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ވެސް ފަށައިފައެވެ.

އެމްއެންޑީއެފުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ، ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން މީގެ ކުރިން މައުލޫމާތު ދިން ގޮތުގައި ގެއްލުނު ފަސް މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ކޭވްއެއް ނުވަތަ ހޮހަޅައެއްގެ ތެރެއިންނެވެ.

އެ މައްސަލައާ ގުޅިގެން އެ ފަތުރުވެރިން ޑައިވިންއަށް ދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސެންސް ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

https://sun.mv/222055

ޓުރިޒަމް މިނިސްޓްރީއިން ވަނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއްކަން ފާހަގަކޮށް، ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ވަނީ ދެއްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު