ވ. އަތޮޅު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީއަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އެމީހުން ހޯދަން ފީނަން އުޅުނު ސިފައިންގެ މީހާ މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އެމްއެންޑީއެފް ކޯސްޓް ގާޑުގެ ސްޓާފް ސާޖަންޓް، މުޙައްމަދު މަހުދީއެވެ. އޭނާގެ އުމުރަކީ 43 އަހަރެވެ.
ބުރާސްފަތި ދުވަހު ގެއްލުނު އެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ އެންމެ މީހެކެވެ. އެ މީހާ ފެނިފައި ވަނީ މަރުވެފައި އޮއްވައެވެ. ބާކީ ހަތަރު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފުން ވަނީ ފުޅާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ވެސް ފަށައިފައެވެ.
އެމްއެންޑީއެފުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ، ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައެވެ.
އެމްއެންޑީއެފްއިން މީގެ ކުރިން މައުލޫމާތު ދިން ގޮތުގައި ގެއްލުނު ފަސް މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ކޭވްއެއް ނުވަތަ ހޮހަޅައެއްގެ ތެރެއިންނެވެ.
އެ މައްސަލައާ ގުޅިގެން އެ ފަތުރުވެރިން ޑައިވިންއަށް ދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސެންސް ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
ޓުރިޒަމް މިނިސްޓްރީއިން ވަނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއްކަން ފާހަގަކޮށް، ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ވަނީ ދެއްވާފައެވެ.