"އެކަމަކު... އަހަރެން އައިރާއަށް ކިޔައިދީފާނަން." ޒަހްރާން ބުނެލިއެވެ. އޭނަ ހިނިތުންވެލުމަށްފަހު ބާކީ ބައި ބުނެލީ ހިތު ތެރެއިންނެވެ. "އެނގޭ އައިރާއަށް އެނގޭކަން... ބޭނުންވަނީ އަހަރެންގެ ދުލުން އަޑު އަހާކަށްނު. އައިރާއަށް ނޫނެކޭ ބުނުމުގެ ހިތްވަރެއް އަހަރެންގެ ނެތް...އެއަށްވުރެ މާ ބޮޑަށް ލޯބިވޭ... އައި ލަވްޔޫ ސޯ މަޗް..."
"އަހަރެން... އަހަރެން ގެ ދޫކޮށްލާފަ ދިޔަ ސަބަބަކީ ބަސް.... ބަސްމާ... މަންމަގެ ދަރަޖަ އަހަންނަށް އެހެން އަންހެނަކަށް ނުދެވޭނެ." ޒަހްރާން ބުނެލިއެވެ. އޭނަ އައިރާއާ ނަޒަރު ވަކިކޮށްލިއެވެ.
"މަންމަ އެ ލަފުޒު ވެސް ނުކިޔޭވަރަށް ދައްތަ ދެކެ ރުޅިއާދޭތަ؟" އައިރާއަށް ސުވާލުކޮށްލެވުނެވެ. ޒަހްރާން އައިރާއަށް ބަލައިލި ނަމަވެސް، އެ ސުވާލަށް ދޭނެ ޖަވާބެއް އޭނަގެ އަތަކު ނެތެވެ.
"ޒަހްރާން އަހަންނަށް ނަސޭހަތް ދިން ގޮތަށް އަހަރެންވެސް ނަސޭހަތެއް ދެންތަ؟ ލޯބިވާ އާއިލާއެއް ލިބޭނީ ވަރަށް ނަސީބުގަދަ މީހަކަށް. ތީ އޭގެ ތެރެއިން އެކަކު. އަހަރެން ބުނާނެ ހާވެސް ވާހަކައަކީ، ފަހުން ހިތާމަކުރަން ޖެހޭ ވަރު ކަމެއް ނުކުރާތި." އައިރާ މަޑުމަޑުން ބުނެލިއެވެ. އާއިލާއެއްގެ މުހިންމުކަމާއި ލޯތްބަށް އެދޭވަރު އިޙްސާސްވާނީ، އެ ނަސީބު ނެތް އޭނަ ފަދަ މީހަކަށެވެ. ޒަހްރާން ފުންނޭވާއެއް ދޫކޮށްލިއެވެ.
ދެމީހުން އިރުކޮޅަކު އެތަނުގައި ތިއްބެވެ. ޒަހްރާން އޭނަ ދަނީކަމަށް ބުނެ ތިރިއަށް ފައިބަމުން އައިރާ ނުދާނަންތޯ ސުވާލުކޮށްލިއެވެ. އަދި އެތަނުގައި މަޑުކޮށްލާނީކަމަށް ބުނެ އައިރާ ދެކޮޅު ހެދުމުން، ކަމެއް ބޭނުންވެއްޖެނަމަ ގުޅަން ބުނެފައި، ޒަހްރާންވެސް ދިޔައީ ތިރިއަށެވެ. އޭނަ ދަނީކަމަށް ބުނެ އީލާފްއަށްވެސް މެސެޖުކޮށްލިއެވެ.
ޒަހްރާން ދިޔަ ތަން ބަލަން ހުރެފައި އައިރާވެސް އެންމެ ފަހުން ތިރިއަށް ދާން ނިންމިއެވެ. އޭނަ ހުރި ދިމާލަށް އަވި އަރަމުންދިޔައީތީއާ ވެސް އެކުގައެވެ. އޭނަ ސިޑިން ފައިބަމުން ދިޔައިރު، ވަށައިގެން ބެލެމުން ދިޔައެވެ. މަތީގައި ހަރުކޮށްފައިވާ ޗާނދަލިޔާގެ ހިތްގައިމުކަމާއި އިންޓީރިއާގެ ފުރިހަމަކަމެވެ. ބަލާ ބަލާވެސް އެ ފުރިހަމަކަމަކަށް އާދައެއް ނުވެވުނެވެ.
"ކިތަށް ފަހަރުތަ ބުނަންވީ އަހަރެންގެ މަންމައަށް ވާހިތުން ނޫޅޭށޭ... ކިހާ ދެރަކަމެއްތަ ދެން މީ..." އިވިގެން ދިޔައީ ޒަހްރާންގެ އަޑެވެ. އޭރު އައިރާ ހުރީ ސިޑިމަތީގައި ނަމަވެސް، ޒަހްރާނާ ބަސްމާއާ ދެމީހުން އޭނައަށް ފެނުނެވެ. ޒަހްރާން އެހެން ބުނެފައި ގޮސް ނުކުމެގެން ދިޔުމާއެކު، މާޔޫސްކަމާއެކު ބަސްމާ އިސްޖަހައިލިތަންވެސް އޭނައަށް ފެނުނެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު، ބަސްމާ އިސް އުފުލައިލީ ސިޑިން މީހަކު ތިރިއަށް ފައިބަމުން ދިޔައީތީއެވެ. އައިރާ ފެނުމުންނާ އޭނަ ހުރި ގޮތުން ދެންމެގެ މަންޒަރު ސާފުކޮށް އައިރާއަށް ފެނުނުކަން ބަސްމާއަށް އެނގުނެވެ. އެއާއެކު އޭނަ ލަދުގަންނަ ގޮތްވިއެވެ. ބަސްމާ އެއްޗެއް ބުނުމެއްނެތި އެތަނުން ދިޔުމުން، އައިރާވެސް މިސްރާބުޖެހީ، ގެސްޓު ރޫމާ ދިމާލަށެވެ. އެކަމަކު އޭގެ ކުރިން އޭނަ މައި ދޮރުގެ ކައިރިއަށް ހުއްޓުމަށްފަހު، ބޭރު ބަލައިލިއެވެ. އޭރު ޒަހްރާން ކާރަށް އަރާ ދޮރުފަތް ލައްޕައިލަނީއެވެ.
*****
އެ ދުވަހުގެ ބާކީ އޮތް ވަގުތުތަކުގައިވެސް ޒަހްރާން އިރުއިރުކޮޅަކާ އައިރާއަށް މެސެޖުކޮށްލައެވެ. ޙާލު ބަލާލައެވެ. އީލާފްވެސް ހަމަ އެފަދައެވެ. އީލާފްގެ އިތުރުން، ބަސްމާވެސް އައިރާއަށް ވަރަށް ރަނގަޅެވެ. ހެނދުނު އޮފީހަށް ދިޔަގޮތަށް ހަވީއިރު ވީއިރުވެސް، މުރާދާ، އަޔާޝް ގެއަކަށް ނާދެއެވެ. އަޞުރު ނަމާދުކޮށް ނިމިގެން ތެދުވެ މުސައްލަ ފަތް ޖަހާލާފައި އަލަމާރި ތެރޭގައި ބާއްވަމުން، ބަސްމާ ގޮސް ކޮޓަރިން ނުކުމެލިއެވެ. އޭނަ ތިރިއަށް ދިޔައިރު، އީލާފް ސޯފާގައި ދެފައި ދަމާލައިގެން އޮށޯވެލައިގެން އޮތެވެ.
"އީލު. ނަމާދުކޮށްފިންތަ؟" ބަސްމާގެ ސުވާލާއެކު އީލާފް ނޫނެކޭ ބުނެލިއިރު އޭނަގެ ނަޒަރު ވަނީ ފޯނަށް ހުއްޓިފައެވެ.
"ދޭ ނަމާދުކުރަން.... އަވަސް ކުރޭ..." ބަސްމާ އީލާފްއަށް ބުނެލިއެވެ. މަންމަ ކިޔަން ފަށައިފިނަމަ ނުހުއްޓާނެކަން އެނގޭތީ އެންމެފަހުން އީލާފްވެސް ސޯފާއިން ތެދުވެއްޖެއެވެ. އޭނަ ސިޑިން މައްޗަށް އަރައިގެން ދާން ފެށުމުން ބަސްމާ މިސްރާބުޖެހީ ގެސްޓް ރޫމާ ދިމާލަށެވެ. އޭނަ އައިރާގެ ޙާލު ބަލައިލަން ބޭނުންވީއެވެ. މެންދުރުގެ ކެއުމަށްފަހު އައިރާ ކޮޓަރިއަށް ވަނީ ބޮލުގައި ރިއްސާތީ އަރާމުކޮށްލަން ބޭނުންވާކަމަށް ބުނެއެވެ. ބަސްމާ ގޮސް ގެސްޓް ރޫމުގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހައިލި ނަމަވެސް، ދޮރެއް ނުހުޅުވިއެވެ. އޭނަ ތަޅުގައި ހިފިއިރު ނަސީބަކުން ދޮރު ހުރީ ތަޅުނުލައެވެ. ދޮރު ހުޅުވައިލުމާއެކު އޭނަގެ ލޮލުގައި އަޅައިގަތީ ނަމާދުކުރަން ހުރި އައިރާއެވެ. ބަސްމާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވުމާއެކު، އޭނަ ދޮރު ލައްޕައިލިއެވެ.
އިރު އޮއްސެން އުޅެނިކޮށް އަޔާޝް ގެއަށް އައި ނަމަވެސް، މުރާދެއް ނާދެއެވެ. އަޔާޝްވެސް ގޮސް ވަނީ ކޮޓަރިއަށެވެ. ފެންވަރާ ތާޒާވެލައިގެން އޭނަ ދިޔައީ މިސްކިތަށެވެ. އެނބުރި އޭނަ އައީ އިޝާ ނަމާދުވެސް ކޮށްލައިގެންނެވެ.
މުރާދު ގެއަށް އައީ، ނުވައެއް ޖަހަން އުޅެނިކޮށެވެ. އެމީހުން އެންމެން ރޭގަނޑުގެ ނާސްތާކޮށްފިކަމަށް ބުނެ، މުރާދަށް ކާން ހަދަންވީތޯ ބަސްމާ ސުވާލުކޮށްލީ ލަހުން އާދެވޭ ރޭރޭ މުރާދު އާއްމުކޮށް ރޭގަނޑު ނުކާތީއެވެ. ވީވެސް އެހެންނެވެ. ކަރުގައި އޮތް ޓައީ ދޫކޮށްލަމުން މުރާދު ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނަ ބޭނުންވީ ފެންވަރާލާ ތާޒާވެލާށެވެ. ބަސްމާ އަވަސްވެގަތީ މުރާދަށް ލާނެ އެއްޗެހި ނަގައިދޭށެވެ.
"ހާދަ ބުރަ ދުވަސްކޮޅެކޭ ދޯ މިހާރު..." ބަސްމާ ބުނެލިއެވެ.
"އާނ... ވަރަށް ބުރަ. ވަރަށް ވަރުބަލިވެސް ވެފަ މިހުރީ... އަރާމުކޮށްލަން ބޭނުންވަނީ." މުރާދު ބުނެލިއެވެ.
"ނުކަންޏާ ލުނބޯ ޖޫސްތައްޓެއް ކަހަލަ އެއްޗެއް ތައްޔާރުކޮށްދެންތަ؟" ބަސްމާ ސުވާލުކޮށްލުމާއެކު، މިފަހަރުވެސް މުރާދު އެކަމަށް ދެކޮޅު ހެދިއެވެ. އެއަށްފަހު، އޭނަ ވަނީ ފާޚާނާއަށެވެ. ފެންވަރާ ތާޒާވެލައިގެން ޓީޝާޓަކާއި ޓްރެކްޝޫޓެއްލަމުން އައިސް އެނދުގައި މުރާދު އޮށޯވެލިއެވެ.
"މުރާދު...އަހަރެން ބޭނުން ވާހަކަ އެއް ދައްކާލަން." ބަސްމާ ގޮވައިލިއެވެ. ވަރުބަލިވެފައި ހުރިނަމަވެސް، މުރާދު އޭނަގެ އަނބިމީހާއަށް ސަމާލުކަން ދެމުން ބަސްމާއާ ވީ ފަތާތަށް ފަރާތަށް އެބުރިލިއެވެ.
"ޝަބާނާ އެނގެއެއްނު. އޭނަ މިއަދު ގުޅި... ބުނީ އޭނަގެ ދަރިފުޅުގެ ލިވާ ފެއިލްވެގެން އުޅޭ ވާހަކަ. ފަރުވާއަށް އިންޑިއާއަށް ދާތީ އެހީތެރިކަމަކަށް އެދުނީ..." ބަސްމާ ބުނެލިއެވެ.
"ދެން ބަސްމާ ބުނީ ކީކޭ؟" މުރާދު ސުވާލުކޮށްލިއިރު ވެސް ބަސްމާގެ ޖަވާބު އޭނާއަށް އެނގެއެވެ. އެހެންނަމަވެސް، ބަސްމާ ބުނާ އެއްޗެއް ބަލާލަން ބޭނުންވީއެވެ.
"އަހަރެން ބުނިން އެކަންތައް ކޮށްދޭނަމޭ..." މީހަކު އެހީއަށް އެދެފިނަމަ ދުވަހަކުވެސް އެކަމަކަށް ބަސްމާ ނޫނެކޭ ނުބުނެއެވެ. އެއީ އޭނަގެ ތަބީޢަތުގައި ހުންނަ ސިފައަކަށްވެސް ނުވަނީއެވެ. އެ ސިފަ ދެކެ މުރާދު ނުހަނު ގަޔާވެސް ވެއެވެ. އެމީހުންނަށް ދުވަހަކުވެސް ފައިސާގެ ދަތިކަމަކާ ކުރިމަތިލާކަށް ނުޖެހެއެވެ. ވީއިރު އެހީއަށް އެދިގެން އަންނަ މީހުންނަށް އެހީވުމަށް އަބަދުވެސް އެ ދެމަފިރިން ލޯބިކުރެއެވެ. ހައިނޫނުކަމާއި ފަޤީރުކަމުގައި ބައެއް މީހުން އިމްތިހާނު ކުރައްވާއިރު، މުއްސަނދިކަމަކީ ވެސް އިމްތިޙާނެއްކަން އެ ދެމީހުންވެސް ޤަބޫލުކުރެއެވެ. ވީވަރަކުން އަބަދުވެސް މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ސަބަބަކީވެސް އެއީއެވެ. އެ ސިފަ މުރާދުފެ ގައިގައި އަށަގެންނުވީ އޭނަގެ ބައްޕައެވެ.
"ޝަބާނާގެ ފޯނު ނަންބަރު އަހަރެންގެ ފޯނަށް ފޮނުވާލަދީފަ ބައިންދާ އިނގޭ. އިންޝާ ﷲ މާދަމާ ގުޅާލާނަން." މުރާދު ބުނެލިއެވެ.
"ރެން ދިޔައީ ކޮން އިރަކުތަ؟" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، މުރާދު ސުވާލުކޮށްލިއެވެ.
"ވަރަށް ގިނައިރު މަޑުކޮށްފަ ދިޔައީ... މުރާދު! އަހަންނަށް ހީވަނީ އެ އަންހެން ކުއްޖާއާ ޒަހްރާނާ ވަރަށް ގާތް ގުޅުމެއް އެބަ އޮތްހެން..." ބަސްމާ ބުނެލިއެވެ. "ކުރިން ދުވަހުވެސް ފޯނުން އީލު ރެންއާ ދެއްކި ވާހަކަ އަހަރެން މުރާދު ކައިރީގައި ބުދިން ދޯ!
"ބަލާބެލުމަށް ގޯސް ކުއްޖެއް ވައްތަރެއް ނުޖަހާ ދޯ. ކިހިނެކޯ ޒަހްރާންއާ ދިމާވީ. އަދި އެއްވެސް ކަމެއް ނޭނގޭ ދޯ. އީލުއަށް އެނގޭނެ ކަންނޭނގެ. އަޅެ އަހާލަބަލަ." މުރާދުގެ ނަޒަރު ސީދާވެފައިވަނީ ބަސްމާއަށެވެ.
"ހިޔެއް ނުވޭ. ރަނގަޅު ވަގުތެއް ހޯދާލައިގެން އަޅެ އަހާލާނަން... ގޯސް ކުއްޖެއް ނޫން އެއީ... އަހަރެން މިއަދު ހަވީރު ދިޔައިރުވެސް ހުރީ ނަމާދަށް. އަނެއްކާ އެހުންނަނީ ނުލާހިކު ސާދާކޮށް." ބަސްމާއަށް ބުނެވުނެވެ. މުރާދުވެސް ބޯ ޖަހައިލިއެވެ.
"އަހަރެމެން އެކަކަށްޓަކާވެސް މިހާ ޒަމާންވީއިރު ނުކުރެވުނު ކަމެއް ރެން އެ އަންހެން ކުއްޖާއަށްޓަކާ ކުރީމަ ވަރަށް ހައިރާންވެސް ވެއްޖެ. އަދި އެވެސް އެހާ ސާދާ ކުއްޖަކާ... އަހަރެން ރާއްޖޭން ބޭރަށް ރެންއާ ބައްދަލުކުރަން ދާ ފަހަރުތަކުގައިވެސް ރެންގެ ރަޙްމަތްތެރިން ކޮންމެވެސް ވަރަކަށް ފެނިފަ ހުރީ. އެހެންވީމަ ހަމަ ޤަބޫލުކުރަން ދަތިވަނީ..." މުރާދަށް ބުނެވުނެވެ.
"އެކަމަކު އެއީ ރަނގަޅު ފާލެއްނު. މިގެއަށް ރެން އެއްފަހަރު ވަނިއްޔާ ދެވަނަ ފަހަރަށް ވެސް ވަންނާނެޔޭ އަހަރެންގެ ހިތްބުނަނީ." ބަސްމާ އެހެން ބުނެލިއިރު އޭނަގެ ހިތުގައި އުންމީދެއް އުފަންވެގެން އައެވެ.
*****
ޖެހިގެން އައި ދުވަހުވެސް ޒަހްރާން "މޭޕަލްވިލާ"އަށް އައެވެ. އެއީ ހަވީރުގެ ވަގުތެކެވެ. އައިރާ ވެސް ފޫހިވެގެން ޓެރެސްއަށް އެރީ އީލާފްއަށް މެސެޖުކޮށްލާފައެވެ. އޭނަ ދާނެ ތަނެއްވެސް އޮތީއެއް ނޫނެވެ. ކުރާނެކަމެއްވެސް މެއެވެ. ޓެރެސްއަށް ނުކުމެލުމަށްފަހު، އޭނަ އެއްފަރާތުގައި ހުރި ޖޯލީގައި އޮށޯވެލީ އެ ދިމާލުގައި ހިޔާ އޮތީތީއެވެ. ޙަޔާތުގެ ނައުގެ މިސްރާބު މިވަގުތު ހުރީ ކޮން ދިމާލަކަށްކަމެއް އޭނައަކަށް ނޭނގެއެވެ. އެ ނައުގެ ހުންގާނުގައި އޭނަ ހިފަން އެބަޖެހެއެވެ. ގޮތެއް ފެންނާނީވެސް އޭރުންނެވެ. މަންޒިލެއް ނެތި ދަތުރުކުރަން ވެއްޖެނަމަ ފަރަކަށް އަރާ އެންމެފަހުން ނައު ފުނޑުފުނޑުވެދާނެއެވެ. މިގޮތުގައި އަބަދު ނޫޅެވޭނެއެވެ. ބައެއްގެ އިޙްސާންތެރިކަމުގެ ފައިދާ ނެގުމަކީ އެންމެ ރަނގަޅު ގޮތަކަށް ވެސް ނުވާނެއެވެ.
ތަފާތު ވިސްނުންތަކުން އައިރާގެ ސިކުނޑިވަނީ ފުނިޖެހިފައެވެ. އޭނަ އެހެން އޮށްވާ ސިހުން ނެގުވީ މީހަކު އައިސް ޖޯލީގައި އިށީނުމުންނެވެ. އައިރާ ބަލައިލިއިރު، އެއްޖޯލި ދޫކޮށްފައި ދެން ހުރި ޖޯލީގައި އިށީނދެލީ ޒަހްރާން ނޫން ދެވަނަ މީހެއް ނޫނެވެ. އޭނަގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. އައިރާއަށްވެސް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.
"ރަނގަޅު؟" ޒަހްރާން ސުވާލުކޮށްލުމާއެކު އައިރާ ބޯ ޖަހައިލިއެވެ. ޒަހްރާން ފެނުމުން އޭނަގެ ހިތަށް ފިނިކަން ގެނެސްދިނެވެ. ހިތްހަމަޖެހުން ލިބުނެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް، ނުތަނަވަސްކަންވެސް ފިލައިގެން ހިނގައްޖެއެވެ.
"ހޫމް..." އައިރާ ބުނެލިއެވެ.
"ކޮން ކަމަކާ ތި ވިސްނަނީ؟ އަހަރެން ބުނީމެއްނު މާ ބޮޑަށް ކަންތައްތަކާ ނުވިސްނަން. ޔޫ ސްޓިލް ނީޑް ރެސްޓް. މީހާ ހަމައަކަށް އެޅުނީމަވެސް ކަންތައްތަކާ ވިސްނިދާނެއެއްނު." ޒަހްރާން ފުންކޮށް އައިރާއަށް ބަލަމުން ދިޔައެވެ. އެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތްކުރާ ފަދައެވެ.
"ހިތަށް މި އަރަނީ ރަށަށް ދާންވިއްޔޭ..." އައިރާއަށް ބުނެވުނެވެ.
"އެއީ... މިގެ ކަމުނުދަނީތަ؟" ޒަހްރާންގެ ސުވާލާއެކު، މިފަހަރު އައިރާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ދެން؟" އައިރާގެ ސިކުނޑީގައިވާ އެއްޗެއް ދެނެގަންނަން ޒަހްރާން ބޭނުންވިއެވެ.
"އައި ޑޯންޓް ނޯ. ޒަހްރާނަށް ތިހެން އުޅެވުނަސް އަހަރެން ކިހިނެއް މިހެން އަބަދު އުޅޭނީ... މިގޭގައި ހުރެވުނަސް، އިތުރު ކިތަންމެ ކަމެއް ހުންނާނެ ދޯ އަހަރެން ބޭނުންވާ." އައިރާ ޒަހްރާނާ ނަޒަރު ވަކިކޮށްލިއެވެ.
"ޓެލްމީ.. އައިރާ ބުނެބަ ބޭނުންވާކަމެއް... އަހަރެމެން އެކަކަށްވެސް އައިރާ ހުރުމަކުން އުނދަގުލެއް ނުވެޔޭ... ނުވެސް ވާނެ..." ޒަހްރާނަށް ބުނެވުނެވެ.
"ކިހާ ދުވަހެއް ވަންދެން މިހެން އުޅޭނީ؟ ރަށަށް ދާން ބޭނުންވަނީ..." އައިރާ އަނެއްކާވެސް ބުންޏެވެ.
"ރަށުގައި އައިރާގެ މީހަކު ވެސް ނެތެއްނު. ދެން އެތަނަށް ގޮސް ކިހިނެއް އެކަނި އުޅޭނީ؟" ޒަހްރާނަށް އެގޮތް ކަމަކު ނުދިޔައެވެ. އޭނައަށް ވެގެންވާނަމަ އައިރާ އަބަދުމެ ބަހައްޓާނީ އޭނަގެ ކައިރީގައެވެ. އޭނަގެ މީހެއްގެ ގޮތުގައެވެ. އެހިތުގެ ޙާލު އައިރާއަށް ހާމަކުރަން ޒަހްރާން ބޭނުންވާން ފެށިއެވެ.
"މާލެއަށް ވުރެ ފަސޭހަވާނެއެއްނު. މިތާ މިހެން ވަޒީފާއެއްނެތި ބައެއްގެ އިހުސާންތެރިކަމުގެ އަބަދު ކިހިނެއް އުޅޭނީ؟" އައިރާ ދެންވެސް ބުނެލިއެވެ. އޭނަ ޒަހްރާނަށް ވިސްނައިދޭން މަސައްކަތްކުރަނީއެވެ. އެގޭގައި އޭނަ ހުރުން އެއީ ރަނގަޅުގޮތެއް ނޫންކަމެވެ.
"ވީ ކޭން ފިކްސް ދެޓް. އަހަރެން އައިރާއަށް ވަޒީފާއެއް ހޯދަދީފާނަން..." އެކަމަކާ ޒަހްރާން ކަންބޮޑެއް ނުވެއެވެ. އޭނަ އެހެން ބުނެލިއިރު އިނީވެސް ނިކަން ހަމެޖެހިލާފައެވެ.
"ޒަހްރާން ވަޒީފާއަކަށް ނުދިޔަޔަސް ދަތިވާ އެއްވެސް ކަމެއް ނެތީމަ، އަހަރެމެން ކަހަލަ މީހުން އުޅޭ ޙާލު އަސްލު އިޙްސާސްނުވަނީ..." އައިރާ ބުނެލިއެވެ. އެވާހަކައާއެކު ޒަހްރާނަށް ދެބުމަ ކުޑަކޮށް އުފުއްލައިލެވުނެވެ. އެހެންނަމަވެސް އައިރާ އެބުނީ ތެދެއްކަން ޚުދު އޭނަގެ ނަފްސުވެސް ޤަބޫލުކުރިއެވެ. އެފަދަ ވާހަކަތަކެއްގައި ތިބެފައި އައިރާ އޭނަގެ މައުޟޫ މިފަހަރު ބަސްމާއަށް އަނބުރައިލިއެވެ. ކޮންމެވެސް މީހަކު ޓެރެސްއަށް ވަންނަން އައިސްފައި އައިރާގެ އަޑު ޖެހިގެން މަޑުޖެހިލީވެސް އެވަގުތެވެ.
"ޒަހްރާން ކީއްވެ ދައްތަ ދެކެ އެހާ ރުޅި އަންނަނީ؟ އެއީ ޒަހްރާންގެ ބައްޕަ އަންހެނުންނެއްނު. އަދި ޒަހްރާންގެ މަންމައެއްގެ މަޤާމުގައި ހުރި މީހަކީވެސް އެއީއެއްނު.."އައިރާގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ޒަހްރާން ވާހަކަ ދެއްކިއިރު އޭނަގެ އަޑުގައި ނުރުހުންތެރިކަންވިއެވެ.
"އެއީ އަހަރެންގެ މަންމައެއް ނޫން. ދުވަހަކުވެސް އެ މަޤާމެއް އޭނައަކަށް ނުދޭނަން." ޒަހްރާން ބުނެލިއެވެ. ދެވަނަ ސިކުންތުގައި އޭނައަށް ރުޅިއާދެވުމާއެކު އައިރާއަށް ބަލައިލަމުން މާފަށް އެދެފިއެވެ. "ސޮރީ އައިރާ... އައެމް ރިއަލީ ސޮރީ. އޭނަގެ ވާހަކަ ދެއްކީމަ އަހަންނަކަށް ރުޅިގަނޑު ކޮންޓްރޯލެއް ނުކުރެވޭ."
"އަހަރެން ބުނަންތަ ވާހަކައެއް؟ އަހަންނަށް އަޑު އިވުނު މިއަދު ޒަހްރާން ދައްތައާ ވާހަކަ ދެއްކި ގޮތް. އެގޮތަށް ވާހަކަ ދައްކާކަށް ނުވާނެ. އަހަންނަށްވެސް އެނގޭ ދައްތަ ވަރަށް ދެރަވެފަކަން ހުރީ ޒަހްރާން ކަންތައް ކުރި ގޮތުން. ހިތް ގޯސް މީހެއް ނަމަ އެގޮތަކަށް ނޫޅޭނެ. މިގޭގައި މި ހޭދަވި ދުވަސްތަކުގައި، އަހަންނަށް އެއްކަމެއް ޔަޤީންވެއްޖެ. ދައްތަ ޒަހްރާންމެން އެންމެން ދެކެ އަމިއްލަ ދަރިން ފަދައިން ލޯބިވޭ. ތިހެން ކަންތައް ނުކުރޭ ޒަހްރާން. މަންމައެއް ހުރެމެ އަހަންނަށް މަންމައެއްގެ ލޯތްބެއް ނުލިބުނު. އާއިލާއެއްގެ ލޯތްބެއް ނުލިބުނު. މި ދުނިޔެއިން ލިބުމަށް އެންމެ ބޭނުންވި ނަސީބަކީ އެއީ... ޒަހްރާންގެ މަންމަ ނިޔާވުމުން ބައްޕަ އެހެން މީހަކާ ކައިވެނި ކުރީ ކޮންމެހެން ޒަހްރާންގެ މަންމަގެ މަޤާމު އޭނައަށް ދޭކަށް ނޫންހެން އަހަންނަށް ހީވަނީ. މަންމަ ނިޔާވީމަ އެ މަންމަގެ ބަދަލުގައި ލޯބިވާނެ އިތުރު މަންމައެއް ޒަހްރާނަށް ލިބުނީ. ތީ މަދު މީހަކަށް ނޫނީ ލިބޭނެ ނިޢުމަތެއް ނޫން. ޒަހްރާނަށް ޢާއިލާގެ މުހިންމުކަމާއި ފަޅުކަން އިޙްސާސްނުކުރެވެނީ އެންމެން ޒަހްރާން ދެކެ ލޯބިވާތީ... މުޅި އުމުރު އަހަރެން މި ހޭދަކުރަނީ މިހެން... އަހަރެންގެ އެއްވެސް މީހަކު މިހާރަކު ނެތް. ކުޑަމިނުން ބޯ ހިޔާވާން ވަންނާނެ ތަނެއްވެސް." އައިރާގެ ދެލޮލުގައި ކަރުނައިގެ އަސަރުވީތަން ޒަހްރާނަށް ފެނުނެވެ.
"ޒަހްރާނަށް އެނގޭތަ؟ ޒަހްރާންގެ ދޮންމަންމަ އަހަންނާ ދޭތެރޭ ކަންތައް އެ ކުރަނީ ދުވަހަކުވެސް އެހެން މީހަކު އަހަންނާ ދޭތެރޭ ކަންތައްކުރި ގޮތަކަށް ނޫން. އެފަދަ އޯގާތެރިކަމެއް ދުވަހަކުވެސް އަހަންނަކަށް ނުލިބޭ. އެކަހަލަ މީހުން ވަރަށް މަދުވާނެ. އެހެން މީހުންގެ އިޙްސާސްތައް ދަނެ ޤަދަރުކުރަން ދަންނަ މީހުން އިނގިލިން ގުނާލެވޭނެ... މަދު ވަގުތުކޮޅެއްގެ ތެރޭގައި އަހަންނަށްވެސް ދައްތަގެ އޯގާތެރިކަން ފެނިއްޖެ. ޒަހްރާންވެސް ރުޅި މަޑުކޮށްފަ އެންމެ ފަހަރަކުވެސް ދައްތައަށް ތިބަލާ ނަޒަރިއްޔާތު ބަދަލުކޮށްލަބަލަ." އައިރާއަށް ބުނެވުނެވެ.
"އަހަރެން ބޭނުމެއް ނޫން... " ޒަހްރާނަށް ބުނެވުނު ނަމަވެސް، އޭރު އައިރާގެ ވާހަކަތަކާ މެދު ވިސްނަން އޭނަގެ ޒަމީރު އޭނައަށް މަޖުބޫކުރަން ފަށައިފިއެވެ. އައިރާ ދެކެ ރުޅި އަންނާކަށް ވެސް އޭނައަކަށް ނުކުރުނެވެ.
"ޔޫ ޝުޑް އެޕޮލޮޖައިޒް... ޕްލީޒް..." އައިރާ ބުނެލިއެވެ.
"އަހަންނަކަށް ހިޔެއްނުވޭ ތިކަން ކުރެވޭނެހެނެއް. ސޮރީ އައިރާ..." ޒަހްރާން ބުނެލިއެވެ. އޭނަ އައިރާއަށް ދައްކަން މަސައްކަތްކުރަމުން ދިޔައީ އެ ވާހަކަތާ އެކުވެސް އެހިތަށް އަސަރެއް ނުކުރާކަމުގައެވެ. އެހެންނަމަވެސް، ހަޤީޤަތަކީ އައިރާ އެ ދެއްކި ވާހަކަތަކާ މެދު ވިސްނެމުންދާކެމެވެ. އެމީހުންގެ ވާހަކަތައް އަޑު އަހަން ހުރި މީހާވެސް ތިރިއަށް ހިނގައްޖެއެވެ.
"ހިނގާ ތިރިއަށް." އިރުއޮއްސެން ކައިރިވުމުން އައިރާ އެހެން ބުނެލުމަށްފަހު، ޖޯލިން ތެދުވިއެވެ. ޒަހްރާންވެސް ތެދުވެގެން އައިރާގެ ފަހަތުން ހިނގައިގަތެވެ. ތިރިއަށް ދިޔައިރު އަޔާޝް އައިސް ގެއަށް ވަންނަނީއެވެ. އައިރާއާއި ޒަހްރާނާ ދެމީހުން އެއްކޮށް ފެނުމުން އަޔާޝްއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އޭނައަށް އެނގިފައިވާ ގޮތުން އައިރާއަކީ އީލާފްގެ އެކުވެރިއެކެވެ. އައިރާއާ ޒަހްރާނާ ގުޅުން އޮތްކަމެއް ނޭނގެއެވެ. އަޔާޝްގެ ސިކުނޑީގައި މީހަކު ޓަކި ޖަހައިލި ފަދައެވެ. އޭނައަށް ހުރިހާ މަންޒަރެއް ގުޅުވާލެވުނެވެ. ޒަހްރާން އެގެއަށް އެ އައީ އެހެންވީމަ އައިރާއާ ބައްދަލުކުރަންތާއެވެ.
އައިރާ ގެސްޓް ރޫމާ ދިމާލަށް ހިނގައިގަތް މަންޒަރު ބަލަން ޒަހްރާން ހުއްޓާ އަޔާޝް އައިސް އޭނަގެ ކޮނޑުގައި ޖަހާލައިފިއެވެ.
"ކިހިނެއްމިވަނީ؟ އީލުގެ ފްރެންޑެއް ނޫންތަ އެއީ؟ ރެންއާ ކޮން ގުޅުމެއްތަ؟ ޔޫ ކްލިއަރލީ ހޭވް ފީލިންގްސް ފޯރ ހާ.. އައި ކޭންސީ..." އަޔާޝްއަށް ސުވާލުކޮށްލެވުނެވެ.
"ލޯންގް ސްޓޯރީ...ފަހުން ދޯ... ދަނީ ދެން..." އެހެން ބުނެލާފައި ޒަހްރާން ބޭރަށް ނުކުމެއްޖެއެވެ. އަޔާޝްވެސް ބުމަ އަރުވާލަމުން ސިޑިން މައްޗަށް އަރައިގެން ހިނގައްޖެއެވެ.
ޒަހްރާން ބޭރަށް ނުކުތްއިރު އެއްފަރާތުގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިން ބަސްމާ އިނީ ގޯތިތެރެއަށް ނަޒަރު ހުއްޓާލައިގެންނެވެ. ޒަހްރާނަށް ބަލައިލި ނަމަވެސް، އޭނަ މިފަހަރަކު އެއްވެސް އެއްޗެއް ނުބުނެއެވެ.
*****
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އައިރާގެ ހިތާމަތަކަށް ލުޔެއް ދޭން ކެނޑިނޭޅި ޒަހްރާން މަސައްކަތްކުރަމުން ދިޔައެވެ. އައިރާއަށްޓަކައި އޭނަގެ ހިތުގައިވާ އިޙްސާސްތައް ދުލުން ހާމަ ނުކުރިއެއްކަމަކު، އަމަލުތަކުން އެކަންތައް ސާބިތުވަމުން ދިޔައެވެ. އައިރާއަށްވެސް ޒަހްރާންގެ ފަރާތުން ޚާއްސަކަންތައްތަކެއް ފާހަގަވާން ފަށައިފިއެވެ. އޭނައަށްޓަކައި ޒަހްރާން އެގެއަށް އަންނަ އައުމުން އޭނައަކީ ޒަހްރާނަށް ކިހާ މުހިންމު މީހެއްކަން އޭނަގެ ޒަމީރު އޭނައަށް ވިސްނައިދޭން ފެށިއެވެ. ޒަހްރާންގެ ބެލުމުގައި ތަފާތު ގޮތެއް ހުންނަކަން ޚުދު އޭނައަށްވެސް ފާހަގަކުރެވެން ފަށައިފިއެވެ. ހަމައެއާއެކު އޭނައަށްވެސް ޒަހްރާނަށް އިންތިޒާރުކުރެވެން ފެށިއެވެ. ނުފެނިއްޖެނަމަ ހަނދާންވާން ފެށިއެވެ. ޒަހްރާންގެ މެސެޖު އާއްމުކޮށް ލިބޭ ވަގުތުތަކުގައި ފޯނު އަތަށް ލައިގެން ބަލަހައްޓައިގެން އިނދެގެން ފަށައިފިއެވެ. ޒަހްރާން ފެނުމުން ހިނިތުންވެވެން ފެށިއެވެ. ޒަހްރާނަށްޓަކައި އޭނަގެ ހިތުގައި އައު ވިންދެއް ހޭލައްވައިލީ ނުވެސް އެނގި ހުއްޓައެވެ. އޭނަގެ ހިތް އޭނަގެ އަތުން ވީއްލިގެން ދިޔައީއެވެ. ޒަހްރާނާ ދިމާލަށް ދީލާލައިގެން ދިޔައީއެވެ.
އައިރާ ހުރީ ރެއިލިންގައި އަތް ޖައްސާލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެންނެވެ. އުޑުމަތީގައި ބުރުހަމަ ހަނދެއް ރަސްކަން ކުރަމުން ދިޔަ ނަމަވެސް ވިލާ ގިނަ ރެއެއްކަމުން އިރުއިރުކޮޅުން ހަނދު ފަރުދާކޮށްލައެވެ. މި ފާއިތުވެދިޔަ ދުވަސްތަކުގައި ފަހަރަކު އޭނަ އެގެއިން ދާން ބޭނުންވެގެން އުޅެފިއެވެ. ބަސްމާގެ ހތްހެޔޮކަމުން އޭނައަށް ބޭނުންވާ ހުރިހާކަމެއް ދިޔައީ ކޮށްދެމުންނެވެ. ބައެއްފަހަރު ބޭރަށް ދާއިރުވެސް އޭނަ އައިރާ ގެންދެއެވެ. އައިރާގެ ހާސްކަން އޭނައަށް ފަހުމްވަނީ ކަންނޭނގެއެވެ.
އަޔާޝްއަކީ ރޭގަނޑު ފޯނުގައި ޓެރެސްގައި ގިނަ ވަގުތުތަކެއް ހޭދަކުރާ ޒުވާނެއްކަމުން މިރޭވެސް އޭނަ ޓެރެސްއަށް އެއީ ލޯބިވެރިޔާ ލަޔާލީއަށް ގުޅާލުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް ޓެރެސްއިން އައިރާ ފެނުމާއެކު، އަޔާޝް އައިސް ރެއިލިންގެ ކައިރީގައި މަޑުކޮށްލިއެވެ. އައިރާ އަޔާޝްއަށް ބަލައިލާފައި ހިނިތުންވެލިއެވެ.
"ތެންކިއު އައިރާ..." އަޔާޝް ބުނެލިއެވެ. އައިރާއަށް ބުމަ އަރުވައިލެވުނީ އަޔާޝް އޭނައަށް ޝުކުރު އަދާކުރަން ޖެހޭކަމެއް ނޭނގުމުންނެވެ.
"ރެން ވަރަށް ބޮޑަށް ބަދަލުވޭ އެބަ. އިޓްސް އޯލް ބިކޯޒް އޮފް ޔޫ... މިގެއަށް ރެން އަންނަ ސަބަބަކީ އައިރާއަސް ވިޔަސް، އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ޗޭންޖަސް ތަކެއް އެބަ އާދޭ.... ސޯ ތެންކިއު ފޯރ ދެޓް. އެތަކެއް އަހަރުތަކެއް ވީއިރުވެސް އެކަކަށްވެސް ނުކުރެވުނުކަމެއް އައިރާ ތި ކޮށްދެނީ..." އަޔާޝް ބުނެލިއެވެ. އައިރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
(ނުނިމޭ)