ފިލްމު "ދިލް ބެޗާރާ"އިން 2020ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފްވި ބަތަލާ ސަންޖަނާ ސަންގީ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒްގައި މަސައްކަތް ކުރުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ.
ސަންޖަނާ ބުނި ގޮތުގައި އަލަތު ވެބް ސީރީސްގެ މަސައްކަތް ފެށުމަށް ކެތްމަދުވެފައިވާއިރު، ބައިނަލްއަގުވާމީ ފެންވަރުގެ މަޝްރޫއުތަކުގައި ބައިވެރިވުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އަދި އޭނާގެ ފިލްމު "ދަކް ދަކް"ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށަން ރޭވިފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ސަންޖަނާ ބުނީ، ޝޯއެއްގެ މަސައްކަތް ފެށޭތީ އޭނާހުރީ ވަރަށް އުފަލުންނެވެ. މިއީ މީގެ ކުރިން މަސައްކަތް ނުކުރާ ކަހަލަ ދިގު ފޯމެޓްގެ ޝޯއެއްކަން ވެސް ސަންޖަނާ ވަނީ ފާހަގަކޮށްފައެވެ.

ފިލްމު "ދިލް ބެޗާރާ"ގެ މަންޒަރެއްގައި ސަންޖަނާ ކުރީގެ އެކްޓަރު ސުޝާންތު ސިންގްއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް
"ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ސީރީޒެއްގައި މަސައްކަތް ކުރުމަކީ ބޮޑު ޒިންމާއެއް ކަމަށް އަހަރެން ދެކެން. އެއީ އެ ކެރެކްޓަރެއް ގިނަ ސީޒަންތަކަކަށް ދެމިގެންދާތީ. އެހެންވެ، އަހަރެން މިކަމުގައި ވަރަށް ބޮޑަށް ބަލައިގެން ގޮތްތައް ނިންމީ،" ސަންޖަނާ ބުނެފައިވެއެވެ.
ސަންޖަނާ އިތުރަށް ބުނި ގޮތުގައި އެކްޓަރެއްގެ ގޮތުން އޭނާ މިހާރު އެންމެ ބޭނުން ވަނީ ކޮމެޑީ ފިލްމެއް ކުޅުމަށެވެ.
"އަހަރެންނާ އެކު މަސައްކަތް ކުރި ޑައިރެކްޓަރުން ވެސް ބުނޭ އަހަރެންގެ ކިބައިގައި މަޖާ މިޒާޖެއް ހުންނަކަން. އެހެންވެ، ފުރިހަމަ ކޮމެޑީ ފިލްމެއްގައި މަސައްކަތް ކުރުމަކީ ވަރަށް މަޖާ ކަމަކަށް ވާނެ،" އުމުރުން 29 އަހަރުގެ ބަތަލާ ބުނެފައިވެއެވެ.
ކުރިއަށް ހުރި އެހެން މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ސަންޖަނާ ބުނީ، ފިލްމު "ދަކް ދަކް"ގެ ސީކުއަލްއާ މެދު ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށެވެ.
އަދި ހަމަ އެއާއެކު ނެޓްފްލިކްސް އާއި އެމެޒޯން ފަދަ ވަސީލަތްތަކުގެ ސަބަބުން އިންޑިއާގެ އުފެއްދުންތަކާއި ބޭރުގެ އުފެއްދުންތައް ވެސް ގިނަ ބަޔަކަށް ބެލުމުގެ ފުރުސަތު ލިބޭތީ، ބޭރުގެ އޮޑިޝަންތަކުގައި ވެސް އޭނާ އަންނަނީ ބައިވެރިވަމުން ކަމަށް ސަންޖަނާ ބުނެފައިވެއެވެ.
ސަންޖަނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، 2024ވަނަ އަހަރު ރިލީޒްކުރި ރޮމޭޏްޓިކް ކޮމެޑީ "ވޯ ބީ ދިން ތޭ"އިންނެވެ.