ވަރުގަދަކަމާއި، މިނިވަންކަމާއެކު އޮންނަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއެއް އޮތުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ހަތްދިހަ ނުވަ ވަނަ ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ސިއްހީ ނިޒާމުތައް ސުންނާފަތިވަމުން ދާއިރު މިއީ ދުނިޔޭގެ ސިއްހީ ނިޒާމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށެވެ.
ތަކެތީގެ އަގުބޮޑުވުމާއި، އިންފްލޭޝަންގެ ސަބަބުން ގައުމީ ސިއްހީ ނިޒާމުތަކަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުން ދާއިރު، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކަކީ މިހާރު ވެސް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ގީލާ ސިފަކުރެއްވިއެވެ.
މި ގޮންޖެހުންތަކާ އެކުވެސް، ސާބިތު އަދި ހަމަހަމަ ސިއްހީ ނިޒާމެއް ބިނާކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ގީލާ ވަނީ ދެއްވައިފައެވެ. އެންމެންނަށް ސިއްހީ ހިމާޔަތް ކަށަވަރުކޮށްދިނުމަށްޓަކައި ރާއްޖެއިން ހިފާފައިވާ އަޒުމަކީ ގުޑުމެއް ނެތް ސާބިތު އަޒުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ބެހިފައިވާ ރަށްތަކުގައި އިޖުތިމާއީ ސިއްހީ ރައްކާތެރިކަން ވަރުގަދަކޮށް، ޑިޖިޓަލް ސިއްހީ ޚިދުމަތްތައް ފުޅާކޮށް، އެކަހެރި އަތޮޅުތަކުގައި ދިރިއުޅޭ މީހުން ހިމެނޭހެން ހުރިހާ މުޖުތަމައުތަކަށް ޚިދުމަތް ލިބޭނެ ގޮތް ކަށަވަރުކުރަމުންދާ ކަމަށް ގީލާ ވިދާޅުވިއެވެ. މީގެ އިތުރުން، ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓްކޮށް، ކުރިމަގަށް ބޭނުންވާ ހުނަރުވެރި އަދި ދެމެހެއްޓެނިވި ސިއްހީ މަސައްކަތްތެރިން ތަމްރީނުކުރުމާއި ގާބިލުކަން އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ގީލާ ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އާއި ތަރައްގީގެ ބައިވެރިންގެ ފަންނީ އެހީތެރިކަމާއި އެއްބާރުލުމާ ނުލައި މި ކާމިޔާބީތައް ހާސިލު ނުކުރެވުނީސް ކަމަށް ގީލާ ވިދާޅުވިއެވެ. އަދި ސިއްހީ ނިޒާމުތައް ވަރުގަދަކުރުމަށާއި، ގާބިލުކަން އިތުރުކުރުމަށާއި، އަދި އެންމެންނަށް ހަމަހަމަކަމާއެކު ސިއްހީ ޚިދުމަތް ހޯދައި ދިނުމަށް ރާއްޖެއާއެކު މަސައްކަތްކުރާ ބައިނަލްއަގުވާމީ އަދި ސަރަހައްދީ ބައިވެރިންގެ ދެމެހެއްޓެނިވި ގުޅުން ނުހަނު ބޮޑަށް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރުގަދަ، އެކަށީގެންވާ ބަޖެޓެއް އޮތް، އަދި މިނިވަންކަމާއެކު އޮންނަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއެއް އޮތުމަކީ އަޅުގަނޑުމެން ފަދަ ކުދި ގައުމުތަކަށް ކޮންމެހެން މުހިންމު ކަމެއް،" ގީލާ ވިދާޅުވިއެވެ.