ސަލްމާން ބުނީ ބައެއްފަހަރު މީހުންގެތެރޭ މާގިނައިން އުޅުމަކީ ފޫހިވާ ކަމެއް ކަމަށް

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން--ފޮޓޯ/އިންޑިއާޓުޑޭ

މަޝްހޫރު އެކްޓަރު ސަލްމާން ޚާން އެކަނިވެރިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރި ލިޔުމަކާ ގުޅިގެން އާންމުންނާއި އޭނާގެ އާއިލާއިން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައިވެއެވެ. ނަމަވެސް، އެއީ އޭނާގެ އަމިއްލަ ނަފްސާ ގުޅުވައިގެން ދެއްކި ވާހަކައެއް ނޫންކަމާއި، އޭނާ ބޭނުންވަނީ ހަމައެކަނި މީހުންނާ ދުރުގައި ހޭދަކޮށްލާނެ އަމިއްލަ ވަގުތުކޮޅެއްކަން ވަނީ ހާމަކޮށްފައެވެ.

  • ސަލްމާންގެ ފުރަތަމަ ޕޯސްޓުގައި ބަޔާންކޮށްފައިވަނީ އަމިއްލަ އިޚްތިޔާރުގައި އެކަނިވުމާއި މީހުން އަޅާނުލުމުން އެކަނިވެރިވުމުގެ ތަފާތެވެ.
  • މި ލިޔުމުގެ ސަބަބުން ސަޕޯޓަރުންނާއި އޭނާގެ މަންމަ ސަލްމާ ޚާން ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރިއެވެ.
  • ސަލްމާން ހާމަކުރި ގޮތުގައި އޭނާ ފަދަ އާއިލާއަކާއި ގާތް ރައްޓެހިން ތިބި މީހަކު އެކަނިވެރިއެއް ނުވާނެއެވެ.
  • ސަލްމާންގެ ކުރިއަށް ހުރި ފިލްމީ މަސައްކަތްތަކުގެ ތެރޭގައި "މާތުރުބޫމީ" އަދި ބަތަލާ ނަޔަންތާރާއާއެކު ކުޅޭ އައު ފިލްމެއް ހިމެނެއެވެ.

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާންގެ ގާތް އެކުވެރިއަކު މަރުވިތާ ހަފުތާތަކެއް ވެފައިވަނިކޮށް، ސޯޝަލް މީޑިއާގައި އެކްޓަރު ކުރި ޕޯސްޓަކާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދުނެވެ.

ސަލްމާން ކުރި އެ ޕޯސްޓުގައި "އެކަނިވުމާއި" އަދި "އެކަނިވެރިކަން" އިހުސާސްވުމާ ބެހޭގޮތުން ލިޔެފައިވާ ވާހަކަތަކުން، އެކްޓަރަށް ނަފްސާނީ ގޮތުން ދަތި ދުވަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ގިނަބަޔަކަށް ހީވިއެވެ.

މި ޕޯސްޓް އެކި މީޑިއާތަކުގައި ވަރަށް ބާރަށް ފެތުރިގެން ދިޔައިރު، ގިނަ ބަޔަކު މާނަކުރީ އެއީ ސަލްމާންގެ އަމިއްލަ ހާލަތު ބަޔާންކޮށްދިން ވާހަކަތަކެއްގެ ގޮތުގައެވެ.

ނަމަވެސް، ސަލްމާން މިހާރު ވަނީ އެއީ މީހުންނަށް އޮޅުނު ކަމެއް ކަމަށާއި، އެއީ އޭނާގެ އަމިއްލަ ހާލަތު ބަޔާންކޮށް ކުރި ޕޯސްޓެއް ނޫން ކަމަށް ބުނެ، އެކަން ސާފުކޮށްދީފައެވެ. އިއްޔެގެ ވަގުތެއްގައި އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ސަލްމާން ބުނީ، އޭނާ އެ ވާހަކަދެއްކީ އޭނާގެ އަމިއްލަ ނަފްސާ ބެހޭގޮތުން ނޫން ކަމަށެވެ. އަދި އޭނާ ފަދަ އާދަޔާޚިލާފު ރަނގަޅު އާއިލާއަކާއި ގާތް ރައްޓެހިންތަކެއް ތިބި މީހަކު އެކަނިވެރިވާނީ ކިހިނެއްތޯ އެކްޓަރު ވަނީ ސުވާލުކޮށްފައެވެ.

ސަލްމާން އިންސްޓަގްރާމްގައި ކުރި ޕޯސްޓު--ފޮޓޯ/އިންޑިއާޓުޑޭ

ސަލްމާން މިހެން ބުނެފައިވަނީ ކުރީގެ ޕޯސްޓުގެ ސަބަބުން ސަޕޯޓަރުންގެ މެދުގައި ބަހުސްތަކެއް ހިނގައި، އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ސަލްމާން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލަ ހަމައެކަނި ސޯޝަލް މީޑިއާގައި އޮތުމުގެ ބަދަލުގައި، އޭނާގެ މަންމަ ސަލްމާ ޚާންގެ ކަންފަތާ ހަމައަށް ވެސް ވަނީ ފޯރާފައެވެ. މީޑިއާތަކުގައި އެ ވާހަކަ ދެކެވުނު ގޮތުން އޭނާގެ މަންމަ ވެސް ވަނީ ކަންބޮޑުވެ އެކަމާ ސުވާލުކޮށްފައި ކަމަށް ސަލްމާން ބުނެފައިވެއެވެ.

މީގެ އިތުރުން ސަލްމާން ބުނީ، ބައެއް ފަހަރު މީހުންގެ ތެރޭގައި އުޅެ އުޅެ ވަރުބަލިވާ ކަމަށާއި، އަމިއްލަ ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ.

"މިފަހަރު އެއްވެސް ފޮޓޯއެއް އާންމެއް ނުވޭ، އެކަމަކު އެއީ 'ބްރޭކިން ނިއުސް'އަށް ވެއްޖެ. މަގޭ މަންމަ ވެސް އަހަނީ 'ދަރިފުޅާ ކިހިނެއްވީ ހޭ؟'. ހާސްނުވޭ އެންމެންވެސް،" ސަލްމާންގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވެއެވެ.

މި ހުރިހާ ކަމެއް ފެށުނީ ސަލްމާން މީގެ ކުރިން އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯއަކާއި އޭގައި ލިޔެފައިވާ ކެޕްޝަނަކުންނެވެ. އެ ފޮޓޯގެ ކެޕްޝަންގައި ސަލްމާން ލިޔެފައި ވަނީ، އެކަނިވުމުގައި ދެ ގޮތެއް އޮންނަ ކަމަށާއި އެއީ އެކަނިވުމާއި އަދި އެކަނިވެރިވުން ކަމަށެވެ.

އެކަނިވުމަކީ އަމިއްލަ އިޚްތިޔާރުގައި ވާ ކަމެއް ކަމަށާއި އެކަނިވެރިވުމަކީ އެއްވެސް މީހަކު ތިބާއާ އެކު އުޅެން ބޭނުންނުވުމުން ވާ ކަމެއް ކަމަށް އެކްޓަރު ލިޔެފައިވެއެވެ. ދެން މީގެ ފަހުން، ތިބާ ބޭނުންވަނީ ކޮން ގޮތެއްތޯ އަމިއްލައަށް ނިންމުމަށް ސަލްމާން ކުރިން ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ސަލްމާން ވަނީ 42 އަހަރުވީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ސުޝީލް ކުމާރު ވަކިވެދިއުމުގެ ހިތާމަ ފާޅުކޮށްފައެވެ. ސޯޝަލް މީޑިއާގައި އޭނާ ވަނީ އެކުވެރިޔާއަށް އަސަރުގަދަ ތައުރީފުތަކެއް ކޮށްފައެވެ.

ސަލްމާންގެ ކުރިއަށްހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު، ސަލްމާން ދެން އެންމެ އަވަހަށް ފެންނާނީ އަޕޫރްވާ ލަކިއާ ޑައިރެކްޓްކުރާ "މާތުރުބޫމީ"އިންނެވެ.

ކުރިން "ބެޓްލް އޮފް ގަލްވާން"ގެ ނަމުން ނަންދެވިފައިވާ މި ފިލްމަކީ 2020 ވަނަ އަހަރު ހިނގި ގަލްވާން ވާދީގެ ކުރިމަތިލުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ޚަބަރުތައް ބުނާގޮތުން މި ފިލްމުގެ ނަމާއި ވާހަކައަށް މިހާރު ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. ނަމަވެސް ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

މީގެ އިތުރުން، ސައުތު ބަތަލާ ނަޔަންތާރާއާ އެކު ސަލްމާން ކުޅޭ ފިލްމު މި އަންނަ އަހަރުގެ ފިޠުރު އީދުގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ. ވަގުތީ ގޮތުން "SVC63" ގެ ނަން ދެވިފައިވާ މި ފިލްމަކީ ވަމްޝީ ޕައިޑިޕަލީ ޑައިރެކްޓްކޮށް، ދިލް ރާޖޫ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

comment ކޮމެންޓް