ވިހިވަނަ ރައްޔިތުންގެ މަޖިލީހުުގެ މި އަހަރުގެ ފުރަތަމަ ދައުރު ދަންމާލީ އިތުރު އެއްވެސް މަސައްކަތެއް ނުކޮށް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރަންކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ފުރަތަމަ ދައުރުގައި ޖަލްސާތައް އޮންނާނީ ފެބްރުވަރީ މަހުން ފެށިގެން މެއި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ. ގަވައިދުގައިވާ ގޮތުން، ދައުރު ނިމޭ ޖަލްސާ އޮންނާނީ ދައުރުގެ ތެރޭ އޮންނަ ފަހު ބުރާސްފަތި ދުވަސް، ނުވަތަ ހޯމަ ދުވަހެވެ.
އެހެންކަމުން ގަވައިދުގައިވާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިމޭނެއެވެ.
ނަމަވެސް، އެ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ "ދައުރުގައި ނިންމުމަށް މުހިންމު މަސައްކަތްތަކެއް" ހުރި ކަމަށް ވިދާޅުވެ، ދައުރު ދަންމާލަން ހުށަހަޅުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ --- ފޮޓޯ/ ރައީސް އޮފީސް
ބުރާސްފަތި ދުވަހުގެ ޖަލްސާގައި އެ ކަމަށް ވޯޓަށް އެހުމުން ވެރިކަންކުރާ ޕީއެންސީގެ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ މި މަހުގެ ނިޔަލަށް ދައުރު ދަންމާލައިފައެވެ. ދައުރު ދަންމާލަން ފެންނަ ކަމަށް 58 މެންބަރަކު ވޯޓުދެއްވިއިރު، ނުފެންނަ ކަމަށް ވޯޓުދެއްވީ އެމްޑީޕީ 10 މަޖިލިސް މެންބަރަކާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުއްރަޙްމާނެވެ.
ދައުރު ދަންމާލި ނަމަވެސް، ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން މި ހަފުތާގައި އެއްވެސް ޖަލްސާއެއް އަދި ކޮމިޓީ ބައްދަލުވުމެއް ވެސް ބާއްވައިފައި ނެތެވެ.
ނަމަވެސް، އާންމު ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހަވީރު 4:00 އަށް ތާވަލުކޮށްފައި އެބައޮތެވެ.
އެ ބައްދަލުވުމުގައި ތާވަލުކޮށްފައިވަނީ ނާޒިމްގެ އިތުބާރު ނެތް ކަމަށް ޕީއެންސީން ހުށަހެޅި މައްސަލައިގައި ބަހުސްކުރައްވާނެ މެންބަރުންގެ އަދަދާއި، ކޮންމެ މެންބަރަކަށް ލިބޭ ފުރުސަތުގެ ދިގުމިނާއި، ނާޒިމް ވާހަކަދައްކަވަން ލިބޭ ފުރުސަތުގެ އަދަދާއި ދިގުމިން ކަނޑައެޅުމެވެ.
އެހެންވެ، ނާޒިމް ވަކިކުރުމާ ގުޅޭ ޖަލްސާއެއް މި ދައުރު ތެރޭ ބޭއްވުން އެކަށިގެންވެއެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް -- ފޮޓޯ/ މަޖިލިސް
ދައުރު ދަންމާލުމަށް ފަހު ވެސް މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތީ، ޖަލްސާތައް ނުބާއްވާ ސަބަބު އޮޅުންފިލުވުމަށްޓަކައި މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް މަޖިލީހުގެ އިދާރާއަށް ގުޅުމުން ސަބަބު ސާފުވާ ގޮތެއް ނުވިއެވެ.
ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އެކަމަކު، ކުއްލި ގޮތަކަށް ނާޒިމަށް އޮތް އިތުބާރު ގެއްލުނު ސަބަބު އަދިވެސް ހާމަ ނުކުރެއެވެ.
ޕީއެންސީގެ އިސް މެންބަރަކު މީގެ ކުރިން ވިދާޅުވި ގޮތުގައި ނާޒިމަށް ވަނީ އިސްތިއުފާދޭން އަންގާފައެވެ. އެކަމަކު، އޭނާ އެ ކަމަށް ދެކޮޅު ހެއްދެވީއެވެ. ނާޒިމް ވަކިކުރަން ނިންމީ އެހެންވެއެވެ.
ހަތްދިހަ ތިން މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕީއެންސީން ހުށަހެޅި ގަރާރުގައިވަނީ ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރަން ނާޒިމަކީ ހުރަހަކަށް ވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
"މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކުރަމުން ދާތީއާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން މަޖިލީހުގެ ނައިބު ރައީސް ހިތްވަރު ދީ، ޒިންމާއިން ބަރީއަވެފައިވާތީ،" މައްސަލަ ހުށަހެޅި ސަބަބުގެ ގޮތުގައި ގަރާރުގައިވެއެވެ.