ވީޑިއޯ އުފައްދާ 'ޖެމިނައި އޮމްނީ' އާއި 'ޖެމިނައި 3.5' މޮޑެލްތައް ގޫގުލް އިން ދައްކާލައިފި

ޓޫލްތައް ދައްކާލީ ބުދަ ދުވަހު ބޭއްވި ގޫގުލްގެ އަހަރީ "އައި/އޯ 2026" ކޮންފަރެންސްގައި ---

ގޫގުލްގެ ފަރާތުން ބޭއްވި އަހަރީ ކޮންފަރެންސްގައި އެ ކުންފުނީގެ އެންމެ ފަހުގެ އޭއައި މޮޑެލްތައް ކަމަށްވާ ޖެމިނައި އޮމްނީ އަދި ޖެމިނައި 3.5 ވަނީ އާންމުކޮށްފައެވެ. މި އާ ހޯދުންތަކުގެ ތެރެއިން ޖެމިނައި 3.5 ފްލޭޝް އަކީ ކޯޑުކުރުމާއި އަމިއްލައަށް ކަންކަން ރާވައިގެން ކުރުމުގެ ހުނަރު ވަރަށް ބޮޑަށް ކުރިއަރާފައިވާ، އަދި ޚަރަދު ކުޑަ ހަލުވި މޮޑެލްއެކެވެ. މީގެ އިތުރުން، ޖެމިނައި އޮމްނީ އަކީ އަޑާއި، މަންޒަރާއި، ލިޔުން ބޭނުންކޮށްގެން އޭއައި މެދުވެރިކޮށް ފަސޭހަކަމާއެކު ވީޑިއޯ އުފައްދައި ބަދަލުގެނެވޭ މަލްޓިމޯޑަލް ނިޒާމެކެވެ. މި ޒަމާނީ މޮޑެލްތަކަކީ ވާދަވެރި އެހެން އޭއައި ނިޒާމުތަކަށްވުރެ ހަލުވި އަދި ފެންވަރު ރަނގަޅު ވަސީލަތްތަކެއްކަން ގޫގުލް އިން ވަނީ ފާހަގަކޮށްފައެވެ. މި ވަސީލަތްތައް މިހާރު ޑިވެލޮޕަރުންނަށާއި އާންމު ބޭނުންތެރިންނަށް އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

  • ޖެމިނައި 3.5 ފްލޭޝް އަކީ ވާދަވެރި މޮޑެލްތަކަށްވުރެ ހަތަރު ގުނަ އަވަސް އަދި އަގުގެ ގޮތުން ދެބައިކުޅަ އެއްބައި ހެޔޮ ނިޒާމެކެވެ.
  • މި މޮޑެލްގެ ގާބިލުކަން ބޭނުންކޮށްގެން ބާރަ ގަޑިއިރު ތެރޭގައި ފުރިހަމަ އޮޕަރޭޓިންގ ސިސްޓަމެއް ވަނީ އުފައްދާފައެވެ.
  • ޖެމިނައި އޮމްނީ މެދުވެރިކޮށް ވާހަކަދައްކައިގެން ވީޑިއޯތަކުގެ ފަސްމަންޒަރާއި އެކުލެވޭ ބައިތައް ވަގުތުން ބަދަލުކޮށްލެވޭނެއެވެ.
  • ޔޫޓިއުބް ޝޯޓްސް އަދި ކްރިއޭޓް އެޕް ބޭނުންކުރާ ފަރާތްތަކަށް ޖެމިނައި އޮމްނީގެ ޚިދުމަތް މުޅިން ހިލޭ ލިބިގެންދާނެއެވެ.

ވީޑިއޯ އުފައްދާ 'ޖެމިނައި އޮމްނީ' އާއި 'ޖެމިނައި 3.5' މޮޑެލްތައް ގޫގުލް އިން ދައްކާލައިފިއެވެ.

ގޫގުލްއިން އާންމުންނަށާއި ވިޔަފާރިތަކަށް ކުރިއަށް އޮތް ތަނުގައި ތައާރަފުކުރާނެ އާ އުފެއްދުންތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްތައް ދައްކާލީ ބުދަ ދުވަހު ބޭއްވި ގޫގުލްގެ އަހަރީ "އައި/އޯ 2026" ކޮންފަރެންސްގައެވެ.

ކޮންފަރެންސް ފައްޓަވައިދެއްވަމުން ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗައި ވަނީ 'ޑޮކްސް ލައިވް' ފަދަ އާ އޭއައި ވަސީލަތްތައް އިއުލާނުކުރައްވާފައެވެ. ނަމަވެސް މި އިވެންޓުގެ އެންމެ ފާހަގަކޮށްލެވޭ އާ ހޯދުން ކަމަށްވާ 'ޖެމިނައި އޮމްނީ' އިއުލާނުކުރެއްވީ ގޫގުލް ޑީޕްމައިންޑްގެ ސީއީއޯ ޑެމިސް ހަސާބިސް އެވެ. މީގެ އިތުރުން، އާންމު ބޭނުންތަކަށް ޚާއްޞަކޮށްގެން 'ޖެމިނައި 3.5' ސީރީޒްގެ މޮޑެލްތައް ވެސް މި ހަފުލާގައި ވަނީ ތައާރަފުކޮށްފައެވެ.

https://sun.mv/222205

މިހާރު ބޭނުންކުރަމުންދާ 'ޖެމިނައި 3.1' ސީރީޒްގެ ބަދަލުގައި ތައާރަފުކުރި 'ޖެމިނައި 3.5' ސީރީޒްގެ މޮޑެލްތަކަކީ އަމިއްލައަށް މަސައްކަތް ކުރުމުގެ ގާބިލުކަމާއި (އޭޖެންޓިކް ކެޕަބިލިޓީސް) ކޯޑިންގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ މޮޑެލްތަކެކެވެ.

މީގެ ތެރެއިން 'ޖެމިނައި 3.5 ފްލޭޝް' މޮޑެލް މިހާރު ވަނީ ޖެމިނައި އެޕްލިކޭޝަނާއި ގޫގުލް ސާޗުގެ 'އޭއައި މޯޑް' މެދުވެރިކޮށް މުޅި ދުނިޔެއަށް އާންމުކޮށް ހުޅުވާލާފައެވެ. އަދި ޑިވެލޮޕަރުންނަށް 'އެންޓިގްރެވިޓީ' ޕްލެޓްފޯމާއި، އޭއައި ސްޓޫޑިއޯ އަދި އެންޑްރޮއިޑް ސްޓޫޑިއޯގެ ޖެމިނައި އޭޕީއައި މެދުވެރިކޮށް މި މޮޑެލް ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ގޫގުލް އިން ހާމަކުރި ގޮތުގައި 'ޖެމިނައި 3.5 ފްލޭޝް' އަކީ އެއާ އެއްފަންތީގެ އެހެން މޮޑެލްތަކާ އަޅާބަލާއިރު ހަތަރު ގުނަ އަވަސް އަދި ޚަރަދުގެ ގޮތުން ދެބައިކުޅަ އެއްބަޔަށް ވުރެ ހެޔޮ މޮޑެލްއެކެވެ.

ކުންފުނީގެ އެތެރޭގެ ދިރާސާތަކުން ދައްކާ ގޮތުގައި، އަމިއްލައަށް މަސައްކަތް ކުރުމާއި، މާލީ ދިރާސާތައް ކުރުމާއި، ގިނަ ބާވަތްތަކުގެ މައުލޫމާތު ދެނެގަތުމުގެ އިތުރުން ގިނަ މައުލޫމާތު އެއްފަހަރާ ދިރާސާކުރުމުގެ ބެންޗްމާކްތަކުން މި މޮޑެލް ވަނީ ކްލޯޑް ސޮނެޓް 4.6، ކްލޯޑް އޯޕަސް 4.7 އަދި ޖީޕީޓީ-5.5 އަށް ވުރެ މަތިން މާކްސް ހޯދާފައެވެ.

ސްޕީޑުގެ ގޮތުން ބަލާއިރު ވެސް 'ޖެމިނައި 3.5 ފްލޭޝް' އިން ސިކުންތަކު 289 ޓޯކަންގެ ލިޔުންތައް އުފައްދައިދޭއިރު، މިއީ ކްލޯޑް އޯޕަސް 4.7 އަދި ޖީޕީޓީ-5.5 އަށް ވުރެ މާ އަވަސް ދުވެއްޔެކެވެ. ގޫގުލް އިން ބުނި ގޮތުގައި މިއީ މިހާތަނަށް ކޯޑިން އާއި އެހެނިހެން މަސައްކަތްތައް އަމިއްލައަށް ކުރުމަށް އެ ކުންފުނިން އުފެއްދި އެންމެ ވަރުގަދަ މޮޑެލްއެވެ.

މި މޮޑެލްގެ އެންމެ ޚާއްޞަ ސިފައަކީ އޭގެ އޭޖެންޓިކް ޕާފޯމެންސް ނުވަތަ އަމިއްލައަށް ކަންކަން ރާވައިގެން ކުރުމުގެ ގާބިލުކަމެވެ. އެގޮތުން 'އެންޓިގްރެވިޓީ' ޕްލެޓްފޯމް ބޭނުންކޮށްގެން، އެއްވަގުތެއްގައި 93 އޭއައި އޭޖެންޓުން އެކުއެކީގައި މަސައްކަތް ކުރުވައިގެން، އެންމެ 12 ގަޑިއިރުގެ ތެރޭގައި ފުރިހަމައަށް މަސައްކަތްކުރާ އޮޕަރޭޓިން ސިސްޓަމެއް މި މޮޑެލްއިން ވަނީ އުފައްދާފައެވެ. އަދި މި މަސައްކަތަށް އޭޕީއައި ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 1،000 އެމެރިކާ ޑޮލަރަށް ވުރެ ކުޑަ މިންވަރެކެވެ.

އާންމުކުރި 'ޖެމިނައި އޮމްނީ' މޮޑެލްއަކީ އެއް ޕްރޮމްޕްޓެއްގެ ތެރޭގައި ވީޑިއޯ، އޯޑިއޯ، ލިޔުން އަދި ކުރެހުން އެއްކޮށްލައިގެން ބޭނުންކުރެވޭ ގޫގުލްގެ ފުރަތަމަ މަލްޓިމޯޑަލް ވީޑިއޯ އުފައްދާ މޮޑެލްއެވެ. މި މޮޑެލް މެދުވެރިކޮށް ބޭނުންކުރާ މީހާއަށް އޭއައިއާ ވާހަކަދައްކަމުން ވީޑިއޯތައް އެޑިޓްކޮށް، ވީޑިއޯގައި ހިމެނޭ ވަކިވަކި ކެރެކްޓަރުންނާއި، ތަކެއްޗާއި، އަދި ބެކްގްރައުންޑް ފަދަ ބައިތައް ފަސޭހަކަމާއެކު ބަދަލުކޮށްލެވެއެވެ.

'ޖެމިނައި އޮމްނީ ފްލޭޝް' މޮޑެލް މިހާރު ވަނީ ގޫގުލް އޭއައި ޕްލަސް، ޕްރޯ އަދި އަލްޓްރާ ސަބްސްކްރައިބަރުންނަށް ޖެމިނައި އެޕް އަދި 'ގޫގުލް ފްލޯ' މެދުވެރިކޮށް ދޫކުރަން ފަށާފައެވެ.

މީގެ އިތުރުން ޔޫޓިއުބް ޝޯޓްސް އަދި ޔޫޓިއުބް ކްރިއޭޓް އެޕް ބޭނުންކުރާ ފަރާތްތަކަށް މި ހަފުތައިން ފެށިގެން މި ވަސީލަތް މުޅިން ހިލޭ ލިބޭނެ ކަމަށް ގޫގުލް އިން ހާމަކުރެއެވެ.

comment ކޮމެންޓް