އެޕަލްގެ ޑިވައިސްތަކަށް އޭއައިގެ އާ ފީޗާތަކެއް ތައާރަފްކޮށްފި

ގޫގުލް ޖެމިނައި އެކޭ އެއްގޮތަށް އައިފޯނުގެ ކެމެރާއަށް ފެންނަ ތަކެތި މިފީޗާގެ އެހީގައި ބުނެދޭނެ ---

ޑަބްލިޔުޑަބްލިޔުޑީސީ 2026 ގެ ކުރިން އެޕަލް ކުންފުނިން ވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މަސައްކަތްކުރާ މުހިންމު އެކްސެސިބިލިޓީ ފީޗާތަކެއް އިއުލާންކޮށްފައެވެ. މި އަޕްޑޭޓްތަކުގެ މައިގަނޑު މަގުސަދަކީ އެޕަލްގެ އުފެއްދުންތައް ބޭނުންކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމެވެ. މިގޮތުން ވޮއިސްއޯވާ، މެގްނިފަޔާ، އަދި ވޮއިސް ކޮންޓްރޯލް ފަދަ ވަސީލަތްތައް ވަނީ އިތުރަށް ތަރައްގީކޮށްފައެވެ. އޭއައި މެދުވެރިކޮށް މަންޒަރުތައް ސިފަކޮށްދިނުމާއި، އޮޓޮމެޓިކުން ސަބްޓައިޓަލް އުފެއްދުމުގެ އިތުރުން، އާންމު ބަހުރުވައިން އެޕްލިކޭޝަންތައް ކޮންޓްރޯލްކުރުމުގެ ގާބިލުކަން ޑިވައިސްތަކަށް ވަނީ ލިބިފައެވެ. އަދި އެޕަލް ވިޜަން ޕްރޯ މެދުވެރިކޮށް ލޮލުގެ ހަރަކާތުން ފުރޮޅުލީ ގޮނޑި ކޮންޓްރޯލްކުރެވޭނެ ނިޒާމެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

  • އެޕަލް އިންޓެލިޖެންސްގެ އެހީގައި ވޮއިސްއޯވާ އަދި މެގްނިފަޔާ އިން މަންޒަރުތަކާއި ލިޔެކިޔުންތައް އަޑުން ތަފްސީލުކޮށްދިނުން.
  • ސަބްޓައިޓަލް ނުހުންނަ ވީޑިއޯތަކަށް އޭއައި ބޭނުންކޮށްގެން އޮޓޮމެޓިކުން ސަބްޓައިޓަލް އުފައްދައިދިނުން.
  • ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާންމުކޮށް ވާހަކަދައްކާ ބަހުރުވައިން ވޮއިސް ކޮންޓްރޯލް މެދުވެރިކޮށް އެޕްތައް ބޭނުންކުރެވޭނެ ގޮތް ހެދުން.
  • އެޕަލް ވިޜަން ޕްރޯގައި ހިމެނޭ އައި-ޓްރެކިން ބޭނުންކޮށްގެން ފުރޮޅުލީ ގޮނޑި ކޮންޓްރޯލްކުރުމުގެ ގާބިލުކަން ތައާރަފްކުރުން.
  • އަތުގެ ބާރު ދެރަ މީހުންނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ "ހިކާވާ ގްރިޕް އެންޑް ސްޓޭންޑް" ބައިނަލްއަގުވާމީގޮތުން ލިބެން ހުރުން.

އެޕަލް ކުންފުނިން އެޕަލް އިންޓެލިޖެންސްގެ އެހީގައި މަސައްކަތްކުރާ އާ އެކްސެސިބިލިޓީ ފީޗާސްތަކެއް އިއުލާންކޮށްފިއެވެ.

ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިޔުޑަބްލިޔުޑީސީ) 2026 ގެ ކުރިން ތައާރަފްކުރި މި ފީޗާތަކުގެ ސަބަބުން ވޮއިސްއޯވާ، މެގްނިފަޔާ، ވޮއިސް ކޮންޓްރޯލް އަދި އެކްސެސިބިލިޓީ ރީޑާ ފަދަ ވަސީލަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން ސަބްޓައިޓަލް ނުހުންނަ ވީޑިއޯތަކަށް އޭއައި ބޭނުންކޮށްގެން އޮޓޮމެޓިކުން ސަބްޓައިޓަލް ޖެނެރޭޓްކޮށްދޭ ފީޗާއެއްވެސް މި އަޕްޑޭޓްގައި ހިމެނެއެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މަސައްކަތްކުރާ މި ފީޗާސްތައް ފަރުމާކޮށްފައިވަނީ އަޑާއި، ފެނުމާއި، ހަރަކާތްތަކުގެ އިތުރުން ބަހުގެ އެހީގައި އެޕަލްގެ ޑިވައިސްތައް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށެވެ. އެގޮތުން ވޮއިސްއޯވާ ފީޗާއަށް އިތުރުކުރި "އިމޭޖް އެކްސްޕްލޯރާ" ގެ އެހީގައި ފޮޓޯތަކާއި، ސްކޭންކޮށްފައިވާ ބިލްތަކާއި ލިޔެކިޔުންތަކުގެ ތަފްސީލު އަޑުން ކިޔައިދޭނެއެވެ.

އެޕަލްގެ އެންމެ ފަހުގެ އެކްސެސިބިލިޓީ މި ފީޗާތައް ހިމެނޭނީ އެޕަލް އިންޓެލިޖެންސް ގައި --

މި ފީޗާ ސަޕޯޓްކުރާ އައިފޯންތަކުގެ އެކްޝަން ބަޓަން މެދުވެރިކޮށް ކެމެރާއަށް ފެންނަ މަންޒަރުތަކާ ބެހޭގޮތުން ސުވާލުކުރުމުން އަޑުން ޖަވާބު ހޯދައިދެއެވެ.

މެގްނިފަޔާ ފީޗާއަށްވެސް ވަނީ އޭއައިގެ އެހީގައި މަންޒަރުތައް އަޑުން ސިފަކޮށްދޭ ގޮތް ހަދާފައެވެ. އަދި "ޒޫމް އިން" ނުވަތަ "ޓާން އޮން ފްލޭޝްލައިޓް" ފަދަ އަޑުގެ ކޮމާންޑްތަކުން މެގްނިފަޔާ ކޮންޓްރޯލް ކުރެވޭނެއެވެ.

މީގެ އިތުރުން ވޮއިސް ކޮންޓްރޯލް ފީޗާގެ ނެޗުރަލް ލެންގުއޭޖް އަންޑަސްޓޭންޑިން ވަރުގަދަކުރުމުގެ ސަބަބުން، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިވަކި ބަޓަންތަކުގެ ނަންތައް ހަނދާން ބެހެއްޓުމުގެ ބަދަލުގައި އާންމުކޮށް ވާހަކަދައްކާ ބަހުރުވައިން އެޕްތައް ކޮންޓްރޯލް ކުރެވޭނެއެވެ.

އެޕަލްގެ އެކްސެސިބިލިޓީ ރީޑާވެސް މިހާރު ސައިންޓިފިކް ކަރުދާސްތަކާއި، ތާވަލުތަކާއި އަދި މަލްޓި-ކޮލަމް ލިޔުންތައް ފަދަ އުނދަގޫ ފޯމެޓްތަކަށް ސަޕޯޓްކުރާނެއެވެ. އަދި އޭއައި ސަބްޓައިޓަލް ފީޗާގެ އެހީގައި އޮންލައިން ސްޓްރީމްތަކާއި ވީޑިއޯތަކުގައި ދެކެވޭ ވާހަކަތައް އައިފޯން، އައިޕެޑް، މެކް، އެޕަލް ޓީވީ އަދި ވިޜަން ޕްރޯއިން އޮޓޮމެޓިކުން ޓްރާންސްކްރައިބް ކޮށްދޭނެއެވެ. މި ފީޗާ މަސައްކަތްކުރަނީ ޑިވައިސްގެ އެތެރޭގައި ހުންނަ ސްޕީޗް ރިކޮގްނިޝަން ނިޒާމުގެ އެހީގައެވެ.

އެޕަލް ވިޜަން ޕްރޯ ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ލޮލުގެ ހަރަކާތްތަކުން ނުވަތަ އައި-ޓްރެކިންގެ އެހީގައި ދުއްވޭ ފުރޮޅުލީ ގޮނޑި ކޮންޓްރޯލް ކުރެވޭ ފީޗާއެއް ވަނީ ތައާރަފްކޮށްފައެވެ. ބްލޫޓޫތް ނުވަތަ ނަރުގެ އެހީގައި ގުޅާލެވޭ މި ފީޗާ ފުރަތަމަ ސަޕޯޓްކުރާނީ އެމެރިކާގެ ޓޯލްޓް އަދި ލޫސީ ވީލްޗެއާ ސިސްޓަމްތަކަށެވެ. މީގެ އިތުރުން ވެހިކަލް މޯޝަން ކިއުސް، ފޭސް ޖެސްޗާސް، އަދި ޓީވީއޯއެސްއަށް ބޮޑެތި އަކުރުން ލިޔުންތައް ދައްކައިދޭ ފީޗާވެސް ހިމެނެއެވެ.

ހާޑްވެއާ އެކްސެސަރީއަކަށް ބަލާއިރު، އަތުގެ ބާރު ދެރަ މީހުންނަށް އައިފޯން ހިފަހައްޓަން ފަސޭހަވާނެހެން ފަރުމާކޮށްފައިވާ "ހިކާވާ ގްރިޕް އެންޑް ސްޓޭންޑް" މިހާރު އެޕަލް ސްޓޯރުން ބައިނަލްއަގުވާމީކޮށް ލިބެން ހުންނާނެއެވެ.

ޑިޒައިނަރު ބެއިލީ ހިކާވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅިގެން ފަރުމާކުރި މި އެކްސެސަރީ ތިން ކުލައެއްގައި މިހާރު ލިބެން ހުންނާނެ ކަމަށް އެޕަލް އިން ބުނެއެވެ.

comment ކޮމެންޓް