ނިންމުން ބަދަލުކޮށް، ކޯޗު ނިސްތާރު ގްރީން ސްޓްރީޓްސްގައި މަޑުކޮށްފި

ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު ނިސްތާރު

ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ވަކިވުމަށް އަލީ ނިސްތާރު މުޙައްމަދު ނިންމި ނިންމުން ބަދަލުކޮށް، އެ ކުލަބުގެ ކޯޗުގެ މަގާމުގައި ދެމިހުރުމަށް އޭނާ ވަނީ ނިންމާފައެވެ. ގްރީން ސްޓްރީޓްސްއާއެކު ހަ އަހަރު ދުވަހު ހޭދަކުރުމަށްފަހު، މަގާމުން ވަކިވާން ނިންމިކަން ނިސްތާރު އެންމެ ފުރަތަމަ ހާމަކުރީ މި މަހުގެ ސަތާރަ ވަނަ ދުވަހުއެވެ. އޭނާ ފާހަގަކުރި ގޮތުގައި، ދިވެހި ފުޓްބޯޅައިގައި އެއް ކުލަބެއްގައި ކޯޗެއްގެ ގޮތުން މިހާ ދިގު މުއްދަތެއް ހޭދަކުރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. މި ނިންމުން ބަދަލުކޮށްފައިވަނީ، ކުލަބުގެ ވައިސް ޗެއާޕާސަން މުއާވިޔަތު ހަލީލްގެ ހާއްސަ އެދިވަޑައިގަތުމަކަށެވެ. މީގެ ކުރިން ނިސްތާރު ކުލަބު ދޫކޮށްލަން ނިންމީ ޓީމުގައި ހުރި ބައެއް މައްސަލަތަކަށް ހައްލު ނުލިބުމުގެ ސަބަބުންނެވެ. ނަމަވެސް، މުއާވިޔަތުއާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު، އެ މައްސަލަތައް ހައްލުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން މިހާރު ލިބިފައިވާކަމަށް ނިސްތާރު ވަނީ ހާމަކޮށްފައެވެ. ހާއްސަކޮށް، އޭނާގެ ދިރިއުޅުމުގެ ދަތި އުނދަގޫ ދުވަސްތަކުގައި މުއާވިޔަތުގެ ފަރާތުން ލިބުނު އެހީތެރިކަމަކީ މި ނިންމުން ބަދަލުކުރުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބެވެ.

  • ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ވަކިވުމަށް ނިންމި ނިންމުން ބަދަލުކޮށް، އަލީ ނިސްތާރު މުޙައްމަދު ކުލަބުގައި މަޑުކުރުމަށް އެއްބަސްވުން.
  • މި ނިންމުން ނިންމީ ކުލަބުގެ ވައިސް ޗެއާޕާސަން މުއާވިޔަތު ހަލީލްގެ ހާއްސަ އެދިވަޑައިގަތުމަކަށް ކަމުގައިވުމާއި، އޭނާގެ ފަރާތުން ލިބުނު އެހީތެރިކަމަށް އިހުތިރާމްކުރުމުގެ ގޮތުންކަން.
  • ޓީމުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކަށްފަހު، އެކަންކަމަށް އަމަލީ ހައްލެއް ލިބޭނެކަމުގެ ޔަގީންކަން ކޯޗަށް ލިބިފައިވުން.
  • ދެހާސް ވިހި ވަނަ އަހަރުން ފެށިގެން ގްރީން ސްޓްރީޓްސްގެ ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާ ނިސްތާރުގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަން ނިންމާލީ ތާވަލުގެ އަށްވަނައިގައިކަން.

ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ވަކިވާން ނިންމި ނިންމުން ބަދަލުކޮށް، އެ ކުލަބުގައި މަޑުކުރުމަށް އަލީ ނިސްތާރު މުޙައްމަދު ނިންމައިފިއެވެ.

ގްރީން ސްޓްރީޓްސްއާ އެކު ހަ އަހަރު ހޭދަކުރުމަށްފަހު، މަގާމުން ވަކިވާން ނިންމިކަން ނިސްތާރު ކުރިން ހާމަކުރީ މި މަހުގެ 17 ވަނަ ދުވަހު ފޭސްބުކް މެދުވެރިކޮށެވެ.

އެ ޕޯސްޓުގައި އޭނާ ވަނީ ރާއްޖޭގެ ފުޓްބޯޅައިގައި އެއް ކުލަބެއްގައި މިހާ ދިގު މުއްދަތެއް ކޯޗެއްގެ ގޮތުގައި ހޭދަކުރުމަކީ މަދުން ނޫނީ ނުފެންނަ ކަމެއްކަން ފާހަގަކޮށް، ގްރީންއާ އެކު ކުރެވުނު ދަތުރަށް ޝުކުރު އަދާކޮށްފައެވެ.

''ސަން'' އާއި ވާހަކަދައްކަމުން ނިސްތާރު މިހާރު ބުނީ، ކުލަބުގައި މަޑުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ގްރީންގެ ވައިސް ޗެއާޕާސަން މުއާވިޔަތު ހަލީލް (މުއާބެ) ގެ އެދުމަކަށް ވާތީ ކަމަށެވެ.

އޭނާގެ ދިރިއުޅުމުގެ ދަތި އުނދަގޫ ދުވަސްތަކުގައި މުއާވިޔަތުގެ ފަރާތުން ލިބުނު އޯގާތެރިކަމާއި އެހީތެރިކަމަކީ ހަނދާން ނައްތާލެވޭނެ ކަންކަމެއް ނޫން ކަމަށާއި، އެހެންކަމުން މުއާވިޔަތުގެ އިލްތިމާސަށް ފުރަގަސްދޭން ބޭނުންނުވީ ކަމަށް ނިސްތާރު ބުންޏެވެ.

ކުރިން ކުލަބު ދޫކޮށްލަން ނިންމި ސަބަބާ ބެހޭގޮތުން ނިސްތާރު ބުނީ، އެއީ ޓީމުގައި ހުރި ބައެއް މައްސަލަތައް ހައްލުކޮށްދޭން އެދުމުން ވެސް އޭރު އެދެވޭ ޖަވާބެއް ނުލިބުމުންނެވެ.

ނަމަވެސް، މުއާވިޔަތުއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އެ މައްސަލަތަކަށް އަލިމަގެއް ފެނި ހައްލުތަކެއް ލިބޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް އޭނާ ހާމަކުރިއެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗުކަމާ ނިސްތާރު ހަވާލުވީ 2020 ވަނަ އަހަރު، އޭރުގެ ކޯޗު އަލީ ސުޒެއިން މަގާމުން ވަކިވުމާ ގުޅިގެންނެވެ.

މީގެ ކުރިން ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމުގައި ވެސް ފާހަގަކޮށްލެވޭ މޮޅު މަސައްކަތްތަކެއް ކުރި ނިސްތާރުގެ އިރުޝާދުގެ ދަށުން، ގްރީން އިން މިދިޔަ ސީޒަން ނިންމާލީ ތާވަލުގެ 8 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު