މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ނެގި މިސްރުގެ 27 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގެ ކެޕްޓަންކަން މުޙައްމަދު ސަލާހަށް ދީފިއެވެ.
މި ސީޒަން ނިމުމުން 9 އަހަރަށްފަހު ލިވަޕޫލް ދޫކޮށްލާނެކަން އިޢުލާންކޮށްފައިވާ އުމުރުން 33 އަހަރުގެ ފޯވާޑް ސަލާހް ވަނީ މިހާތަނަށް މިޞްރު ޤައުމީ ޓީމަށް ކުޅުނު 115 މެޗުގައި 67 ލަނޑު ޖަހައިދީފައެވެ.
ސަލާހްގެ އިތުރުން މި ސްކޮޑުގައި ދެން އެންމެ ފާހަގަކޮށްލެވެނީ މެންޗެސްޓާ ސިޓީގެ ވިންގް އުމަރު މާމޫޝް އާއި، ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅޭ އުމުރުން 18 އަހަރުގެ ހަމްޒާ އަބްދުލްކަރީމެވެ. މިއީ އަބްދުލްކަރީމް ޤައުމީ ޓީމަށް ނެގި ފުރަތަމަ ފަހަރެވެ.
ނޯންޓްސްގެ ފޯވާޑް މުސްޠަފާ މުޙައްމަދަށް މި ސްކޮޑުން ޖާގަ ލިބިފައިނުވާއިރު، މި މަހުގެ 28 ވަނަ ދުވަހު ގާހިރާގައި ރަޝިޔާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށްފަހު، ހެޑް ކޯޗު ހުސާމް ޙަސަން ސްކޮޑުން އެއް ކުޅުންތެރިއަކު އުނިކުރާނެއެވެ.
އެއީ ފީފާގެ ގަވާއިދު ބުނާ ގޮތުން ވޯލްޑް ކަޕަށް ރަސްމީކޮށް ރަޖިސްޓްރީ ކުރެވޭނީ 26 ކުޅުންތެރިން ކަމަށްވާތީއެވެ. ވޯލްޑް ކަޕްގެ ކުރިން ޖޫން 6 ވަނަ ދުވަހު ކްލީވްލޭންޑްގައި ބްރެޒިލްއާ ދެކޮޅަށް ވެސް މިސްރުން އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި 48 ޓީމާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ މި ފަހަރުގެ ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ.
މުބާރާތުގެ ގްރޫޕް ޖީ އެއްގައި ހިމެނޭ މިޞްރު ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15 ގައި ނިކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. އެއަށްފަހު ޖޫން 22 ގައި ނިއުޒިލޭންޑާ އަދި ޖޫން 27 ގައި އީރާނާ ދެކޮޅަށް އެ ޓީމު ނިކުންނާނެއެވެ.
ވޯލްޑް ކަޕަށް ނެގި މިސްރުގެ ސްކޮޑު:
- ގޯލްކީޕަރުން: މުޙައްމަދު އަލް ޝެނާވީ (އަލް އަހްލީ)، މުސްޠަފާ ޝުބައިރު (އަލް އަހްލީ)، އަލް މަހްދީ ސުލައިމާން (ޒަމާލެކް)، މުޙައްމަދު އަލާ (އެލް ގޫނާ).
- ޑިފެންޑަރުން: މުޙައްމަދު ހާނީ (އަލް އަހްލީ)، ޠާރިޤް އަލާ (ޒެޑް)، ހަމްދީ ފަތުހީ (އަލް ވަކްރާ)، ރާމީ ރާބިއާ (އަލް އައިން)، ޔާސިރު އިބްރާހީމް (އަލް އަހްލީ)، ހުސާމް އަބްދުލްމަޖީދު (ޒަމާލެކް)، މުޙައްމަދު އަބްދުލްމޮނެމް (ނީސް)، އަޙްމަދު ފަތޫހް (ޒަމާލެކް)، ކަރީމް ޙާފިޛް (ޕިރަމިޑްސް).
- މިޑްފީލްޑަރުން: މަރްވާން އަތިއްޔާ (އަލް އަހްލީ)، މުހަންނަދު ލަޝީން (ޕިރަމިޑްސް)، ނަބީލް ޢިމާދު (އަލް ނަޖްމާ)، މަހްމޫދު ސާބިރު (ޒެޑް)، އަޙްމަދު ޒީޒޯ (އަލް އަހްލީ)، އިމާމް ޢާޝޫރު (އަލް އަހްލީ)، މުސްޠަފާ ޒީކޯ (ޕިރަމިޑްސް)، މަޙްމޫދު ޓްރެޒެގޭ (އަލް އަހްލީ)، އިބްރާހީމް ޢާދިލް (ނޯޑްސްޖަލޭންޑް)، ހައިސަމް ޙަސަން (ރެއާލް އޮވިއެޑޯ).
- ފޯވާޑުން: އުމަރު މާމޫޝް (މެންޗެސްޓާ ސިޓީ)، މުޙައްމަދު ސަލާހް (ލިވަޕޫލް)، އަޤްޠާއި ޢަބްދުﷲ (އެންޕީ)، ހަމްޒާ ޢަބްދުލްކަރީމް (ބާސެލޯނާ).