އިޓަލީ ޑައިވަރުންނަށް ކޭވް ތެރޭ މަގުއޮޅުނީތަ؟

މި ހާދިސާގައި އިޓަލީގެ 5 ޑައިވަރުން މަރުވެފައިވަނީ، ހޮހަޅައިގެ އެތެރޭގައި އޮތް ވެލިގަނޑެއްގެ ސަބަބުން ނުކުންނަން އޮންނަ އަސްލު މަގު އޮޅި، ބެދިފައިވާ އެހެން ކޮރިޑޯއަކަށް ވަދެވުމުންނެވެ. ތަހުގީގުން ހާމަވާގޮތުގައި، މި ބޮޑު ކޭވްއަށް ވަންނައިރު ފަސޭހައިން ދެވުނު ނަމަވެސް، އެނބުރި ނުކުންނަން އުޅުމުގެ ތެރޭގައި އެ ވެލިގަނޑު ފެންނަނީ ފާރެއްގެ ގޮތުގައެވެ. އެމީހުން ބޭނުންކުރި 12 ލީޓަރުގެ އާދައިގެ ސިލިންޑަރުގައި އެފަދަ ފުންމިނެއްގައި ހޭދަކުރެވޭނީ ގާތްގަނޑަކަށް 10 މިނެޓެވެ. އެހެންކަމުން، މަގުއޮޅި ހާސްވުމުގެ ތެރޭގައި ވައި ހުސްވީކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. މީގެ އިތުރުން މޫސުން ގޯސްވެފައި ވަނިކޮށް، ގަވާއިދާ ޚިލާފަށް ކަމާބެހޭ ފަރާތްތަކަށް ނާންގާ ފީނުމަކީ ވެސް މި ހިތާމަވެރި ހާދިސާއަށް މެދުވެރިވި ބޮޑު ސަބަބެކެވެ.

  • ހޮހަޅައިގެ ތެރޭގައި އުފެދިފައިވާ ވެލިފުންޏެއްގެ ސަބަބުން ނުކުންނަ މަގު އޮޅި، ބެދިފައިވާ މަގަކަށް ޑައިވަރުންނަށް ވަދެވުނެވެ.
  • ޑައިވަރުން ބޭނުންކޮށްފައިވަނީ އާދައިގެ 12 ލީޓަރުގެ ސިލިންޑަރު ކަމަށްވުމުން، އެފަދަ ފުންމިނެއްގައި ވައި ހިފެހެއްޓީ ވަރަށް މަދު ވަގުތުކޮޅަކަށެވެ.
  • ކޭވް ޑައިވިންގައި އާންމުކޮށް ބޭނުންކުރާ ސަލާމަތީ މަގުދައްކާ ވާ (އެރިއަޑްނީސް ތްރެޑް) މި ޑައިވަރުން ބޭނުންކޮށްފައެއް ނުވެއެވެ.
  • ރާއްޖޭގެ ގަވާއިދުގައި ފަތުރުވެރިންނަށް ފީނުމަށް ހުއްދަކުރާ 30 މީޓަރަށްވުރެ ފުނަށް، ކަމާބެހޭ ފަރާތްތަކަށް އެންގުމަކާ ނުލައި ފީނާފައިވެއެވެ.
  • މި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ ޑައިވަރެއް ކަމަށްވާ ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ ފުރާނަ ގޮސްފައެވެ.
  • ނުރައްކާތެރި ހޮހަޅަތަކަށް ފީނާއިރު ފުރިހަމަ ސަލާމަތީ ފިޔަވަޅުތައް (މަގުދައްކާ ވާ ބޭނުންކުރުން ފަދަ) އެޅުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
  • ކަނޑުއަޑީގެ ފުން ސަރަހައްދުތަކަށް ފީނާއިރު، އެކަށީގެންވާ ވަގުތަށް ވައި ހިފަހައްޓާނެ ސިލިންޑަރު ބޭނުންކުރުން މަޖުބޫރެވެ.
  • މޫސުން ގޯސް ވަގުތުތަކުގައާއި، ގަވާއިދުން ކަނޑައަޅާފައިވާ ފުންމިނަށްވުރެ ފުނަށް ފީނުމުން ދުރުހެލިވާން ޖެހެއެވެ.
  • މިފަދަ ހަރަކާތްތައް ހިންގާއިރު އަބަދުވެސް ކަމާބެހޭ އިދާރާތަކަށް ދުރާލާ އަންގައި، ހުއްދަ ހޯދަންވާނެއެވެ.

ރާއްޖޭގެ ކަނޑުއަޑީގެ ހޮހަޅަތަކަކީ ގިނަ ބަޔަކަށް ނޭނގޭ ސިއްރުތަކަކުން ފުރިފައިވާ ތަންތަނެވެ. މީގެ ދިހަ އަހަރު ކުރިން، 2014 ވަނަ އަހަރު ރަޝިއާގެ ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ ވްލަޑިމިއާ ޓޮޗިލޯވް ވަނީ ވ. އަތޮޅުގެ ފުން ހޮހަޅައަކަށް ފީނާފައެވެ. އޭނާ ސިފަކުރި ގޮތުގައި އެއީ އަނދިރި، ބިރުވެރި އަދި ނަފްސާނީ ގޮތުން މީހާ ބަލިކޮށްލާ ފަދަ ތަނެކެވެ. މިއަދު އެ ހޮހަޅަ ވަނީ ފަސް މީހެއްގެ ފުރާނަ ގެންދިޔަ މަރުގެ މަޅިއަކަށް ވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިޓަލީގެ ތަޖުރިބާކާރު ފަސް ޑައިވަރުންގެ ޓީމަކުން މި ހޮހަޅައަށް ފީނިއެވެ. އޭގެ ތެރޭގައި ހިމެނެނީ ގައިޑް ޖިއަންލޫކާ ބެނެޑެއްޓީ، މެރިން ބަޔޮލޮޖީ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން، އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލް، އަދި ދެ ރިސާޗަރުން ކަމަށްވާ ފެޑެރީކޯ ގުއަލްޓިއޭރީ އާއި މުރިއެލް އޮޑެނީނޯއެވެ. ކަނޑު އަޑީގެ ސިއްރުތައް ހޯދުމުގެ ޝައުގުގައި އެ މީހުން ޑައިވްކުރިއިރު އެއީ އެ މީހުންގެ ފަހު ޑައިވަށް ވާނޭ އެކަކަށް ވެސް ނޭނގެއެވެ.

"މަގު އޮޅި ތާށިވުމުގެ ފުރުސަތު ބޮޑު"

މި ހާދިސާގެ ތަހުގީގަށް ފަހު، ހަށިގަނޑުތައް ނެގުމުގައި ހަރަކާތްތެރިވި ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމުން ވަނީ އާ ހޯދުންތަކެއް ހާމަކޮށްފައެވެ. ޑޭން ޔޫރަޕްގެ ސީއީއޯ ލޯރާ މަރޯނީ އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، އެމީހުންނަށް މަގު އޮޅުނީ ކަމަށް ބެލެވެއެވެ.

ސަބަބަކީ ހޮހަޅައިގެ އެތެރެ އޮންނަ ގޮތް ވަރަށް އޮޅުންބޮޑުވުމެވެ.

"ޑޭން ޔޫރަޕް" ގެ ސީއީއޯ ލައުރާ މަރޯނީ އިޓަލީ ނޫހެއްކަމަށްވާ ރިޕަބްލިކާއަށް ދިން އިންޓަވިއުގައި ބުނި ގޮތުގައި، މި ބޮޑު ކޭވްއަށް ވަދެވޭ ހިސާބުގައި ފެން އެނބުރޭ ގޮތުން ވެލި ފުންޏެއް އުފެދިފައި އޮވެއެވެ. އެތަނަށް ވަންނައިރު އެ ވެލިގަނޑު މަތިން ފަސޭހައިން ދެވުނު ނަމަވެސް، އެނބުރި ނިކުންނަން އަންނައިރު ޑައިވަރުންނަށް އެ ވެލިގަނޑު ފެންނަނީ ފާރެއް ނުވަތަ ބަންދުވެފައިވާ ތަނެއްގެ ގޮތުގައި ކަމަށްވެއެވެ. މީގެ ސަބަބުން އަސްލު ނިކުންނަން އޮންނަ މަގު ފޮރުވި، އޭގެ ވާތްފަރާތުން އޮންނަ، ފުލުން އޮމާންކޮށް އޮތް އެހެން ކޮރިޑޯއަކަށް ޑައިވަރުންނަށް ވަދެވުނީ ކަމަށް ބެލެވޭކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ކަނޑުއަޑީގެ އަލިމަތާ ކޭވް އެތެރޭ އޮންނަ ގޮތްކަމަށް ފެންނަ ކުރެހުމެއް -- ފޮޓޯ: އިޓަލީ ނޫހެއްކަމަށްވާ ލަ ރިޕަބްލިކާ

އެ ވެލިގަނޑުގެ ވާތްފަރާތުގައި އެހެން ކޮރިޑޯއެއް އޮންނަކަމަށްވެއެވެ. އެއީ ބެދިފައިވާ މަގެއްކަމަށް ވެސް ވެއެވެ.

"އެމީހުންގެ ހަށިގަނޑުތައް ފެނުނީ އެތެރެއިން. އެއީ ރަނގަޅު މަގު ކަމަށް ހީކޮށް އެތެރެއަށް ވަދެވުނީ ކަމަށް ބެލެވޭ،" މަރޯނީ ބުނި ކަމަށް ރިޕަބްލިކާގައި ރިޕޯޓުކޮށްފައި އޮތެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އެތަނުން ބޭރަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނެތެވެ.

ޑައިވަރުންގެ ހަށިތައް ފެނިފައިވަނީ އެއްވެސް ނިކުމެވޭނެ މަގެއް ނެތް އެ އޮޅުވާލި ކޮރިޑޯގެ ތެރެއިންކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. ރިޕަބްލިކާއަށް ދިން އިންޓަވިއުގައި މަރޯނީ ފާހަގަކުރި ގޮތުގައި، މި ޑައިވަރުން ބޭނުންކުރީ 12 ލިޓަރުގެ އާދައިގެ ސިލިންޑަރެވެ. އެހާ އަޑީގައި އެވަރުގެ ސިލިންޑަރަކުން ފީނާއިރު، ދެވަނަ ކޭވްގައި ހޭދަކުރަން ލިބޭނީ ގިނަވެގެން 10 މިނެޓު ކަމަށް މަރޯނީ ބުންޏެވެ. އަދި މަގުއޮޅި، އެކި ކޮޅުކޮޅަށް ދިއުމުގެ ތެރޭގައި ނޭވާލާ މިންވަރު އަވަސްވެ، ސިލިންޑަރުގެ ވައި ހުސްވީ ކަމަށް ބެލެވޭ ކަމަށް ވެސް މަރޯނީ ބުންޏެވެ.

މި ހާދިސާގައި މަރުވި ގައިޑް، ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑު ފެނުނީ ފުރަތަމަ ކޭވްގެ ތެރެއިން ކަމަށް ވެސް މަރޯނީ ބުންޏެވެ. ބެލެވޭ ގޮތުގައި އޭނާ ނިކުންނަން އުޅެނިކޮށް، ފަހަތުން އައި މީހުންނަށް މަގުއޮޅުނުކަން އެނގިގެން އެމީހުން ހޯދަން އެނބުރި ދިޔަ ވަގުތު ވައި ހުސްވީއެވެ.

މި ހިތާމަވެރި ހާދިސާ ހިނގިއިރު ޑައިވަރުންގެ މެދުގައި ބޭނުންކުރާ "އެރިއަޑްނީސް ތްރެޑް" ނުވަތަ މަގު ދައްކާ ވާ ބޭނުންކޮށްފައި ނުވާކަންވެސް ތަހުގީގަށް އެނގިފައިވާކަމަށް މަރޯނީއާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

2014ވަނަ އަހަރު ރަޝިޔާގެ ޑައިވިން މާހިރެއް ކަމަށްވާ ވްލަޑިމިއާ ޓޮޗިލޯވް އަލިމަތާ ކޭވް އަށް ވަދެ ނަގައިފައިވާ ވީޑިއޯއެއްގެ ތެރެއިން ---

"ވަދެނުކުމެ އުޅެން އުނދަގޫ ކޭވްއެއް"

މިފަދަ ނުރައްކާތެރި ކަނޑުއަޑީގެ މާހައުލުތަކަށް ޑައިވްކުރެވިފައިވަނީ ވަރަށް މަދު ޑައިވަރުންނަށެވެ. ރަޝިޔާގެ ޑައިވިން މާހިރެއް ކަމަށްވާ ވްލަޑިމިއާ ޓޮޗިލޯވް އަކީ މީގެ ތެރެއިން އެކަކެވެ.

ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ޓޮޗިލޯވް ބުނި ގޮތުގައި، މި ހޮހަޅައަކީ ހަމައެކަނި މިފަދަ ކަންކަމަށް ހާއްސަ ތަމްރީނާއި، އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ، އަދި ވަކި ހަމަތަކެއްގެ މަތިން ޑައިވް ކުރަން ރާވާފައިވާ ފަންނީ "ކޭވް ޑައިވަރުންނަށް" ނޫނީ ވަދެވޭނެ ތަނެއް ނޫނެވެ.

ދެހާސްސާދަ ވަނަ އަހަރު މި ހޮހަޅައަށް ޑައިވްކުރި ޓޮޗިލޯވް ބުނި ގޮތުގައި، އިޓަލީގެ ޑައިވަރުން ފެނުނު މި ހޮހަޅައިގެ ދިގުމިނުގައި ގާތްގަނޑަކަށް 200 މީޓަރު ހުރެއެވެ. އަދި މީގެ ތެރޭގައި އެކި ބައިތަކަށް ބެހިފައިވާ ބޮޑެތި ހޯލްތަކެއް ހުރެއެވެ.

ޓޮޗިލޯވްގެ ޑައިވިން ކުންފުނި ކަމަށްވާ "ނޭވާ ޑައިވާސް" އިން ޔޫޓިއުބަށް ލައިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މި ހޮހަޅައަކީ އަނދިރި، އަދި ދުނިޔޭގެ އާންމު މާހައުލުތަކާ މުޅިން ތަފާތު ސިފައެއް ހުންނަ ތަނެކެވެ. ބައެއް ހިސާބުތަކުން ޑައިވަރުންނަށް ދަތުރުކުރެވެނީ ފްލޭޝްލައިޓްގެ އަލީގައި، ވަރަށް ހަނި ގޯޅިތަކެއްގެ ތެރެއިންނެވެ.

މި މަންޒަރުތަކުން ފެންނަނީ ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭ ފަދަ މާހައުލެކެވެ.

ސީއެންއެންއަށް ދިން ޓޮޗިލޯވް ފާހަގަކުރި ގޮތުގައި، ހޮހަޅަތަކަށް ޑައިވްކުރުމަކީ ހަމައެކަނި ފަންނީ ތަމްރީނު ބޭނުންވާ ކަމެއް ނޫނެވެ. އެއީ ކުރިމަތިވެދާނެ ބިރުވެރިކަމާއި، މަގު އޮޅުމުގެ އިހުސާސާ ކުރިމަތިލުމަށް ނަފްސާނީ ގޮތުން ވެސް ވަރުގަދަ ތައްޔާރީތަކެއް ބޭނުންވާ ކަމެކެވެ.

މި ހޮހަޅައިގެ އެތެރެއަށް ފުންވަމުންދާ ވަރަކަށް، ބޭރަށް ނުކުމެވޭ ދިމާގެ އަލިކަން މުޅިން ގެއްލި، މުޅި މާހައުލު އަނދިރިގަނޑަކަށް ބަދަލުވެއެވެ. މި ހިސާބުން ދެން ދަތުރުކުރަން ޖެހެނީ އެއްވެސް އަލިކަމެއް ނެތި މުޅިން އަނދިރީގައެވެ.

"ކޮންމެ މީހަކު ވެސް އަނދިރި ކޮޓަރިއެއްގެ ތެރޭގައި ބަހައްޓާފައި، އެމީހަކު އެނބުރުމަށްފަހު ނުކުންނަ ދޮރު ހޯދަން ބުނެފިނަމަ، އެކަން ކުރަން ވަރަށް އުނދަގޫވާނެ،" ޓޮޗިލޯވް ސީއެންއެންއަށް ކިޔައިދިނެވެ.

ދުނިޔޭގެ މަޝްހޫރު އެހެން ޑައިވިން މަންޒިލްތަކާ ހިލާފަށް، ރާއްޖެއަކީ ކޭވް ޑައިވްކުރުމަށް މާ ބޮޑަށް މަޝްހޫރު ތަނެއް ނޫނެވެ. ޓޮޗިލޯވް ބުނާ ގޮތުގައި، މި ޑައިވަރުން ބެލި ހޮހަޅައަކީ އެ ސަރަހައްދުގައި ހުރި މިފަދަ ހަމައެކަނި ހޮހަޅައަށް ވުން އެކަށީގެންވެއެވެ.

"މިއީ މި ތަނަށް ޑައިވަރުންނާއި، ސައިންސްވެރިންނާއި، ބަޔޮލޮޖިސްޓުންގެ އިތުރުން ދިރާސާކުރާ ފަރާތްތަކުގެ ސަމާލުކަން ލިބުނު ސަބަބަކަށް ވެދާނެ،"

މޮނިކާގެ ފިރިމީހާ ކާލޯ ސޮމަކާލް ވަނީ އޭނާގެ އަންހެނުންނަކީ ދުނިޔޭގެ އެންމެ މޮޅު އެއް ޑައިވަރު ކަމަށް ބުނެފައެވެ.

“އޭނާ ދުވަހަކުވެސް އަހަރެމެންގެ ދަރިފުޅުގެ ފުރާނަ ނުރައްކަލަކަށް ހުށައެއް ނާޅާނެ. އެތެރޭގައި ކޮންމެވެސް ކަމެއް ގޯސްވީކަން ޔަގީން،” މި ހާދިސާއާ ގުޅިގެން ކާލޯ މީގެކުރިން ބުންޏެވެ.

އޭނާ ބުނި ގޮތުގައި މޮނިކާ އާންމުކޮށް ގޯޕްރޯ ކެމެރާއެއް ގެންގުޅޭނެއެވެ. އަދި އެ ކެމެރާ ފެނިއްޖެނަމަ ހިނގި ކަންތައް ސާފުވާނެ ކަމަށް އޭނާ އުންމީދުކުރެއެވެ. ފިންލޭންޑުގެ ޓީމުން ވަނީ ބައެއް ކެމެރާތައް ހޯދާފައެވެ.

ރާއްޖޭގެ ގަވާއިދުތައް ބުނާ ގޮތުން ފަތުރުވެރިންނަށް ފީނޭނީ އެންމެ ފުންވެގެން 30 މީޓަރަށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ސީއެންއެންއަށް ވިދާޅުވި ގޮތުގައި، އެމީހުން ހޮހަޅައަކަށް ފީނަން އުޅޭކަން ކަމާބެހޭ ފަރާތްތަކަށް އަންގާފައެއް ނުވެއެވެ. އެކަން އެންގިނަމަ އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުނީސްކަމަށް އޭނާ ވިދާޅުވިކަމަށް ސީއެންއެންގައިވެއެވެ. ހާދިސާ ހިނގި ދުވަހު މޫސުން ވެސް ގޯހެވެ. ވައިގަދަވެ ކަނޑު ގަދަވުމުގެ ސަބަބުން ޔެލޯ އެލާޓް ވެސް އޮތީ ނެރެފައެވެ.

އިޓަލީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ‘ވެންޗޫރީ އިފެކްޓް’ ގެ ސަބަބުން އުފެދުނު ގަދަ އޮއިވަރެއްގައި އެމީހުން އެތެރެއަށް ދަމައިގަތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ދިވެހި ސިފައިންގެ ޑައިވަރެއް ކަމަށްވާ ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ މަރުވެފައެވެ.

comment ކޮމެންޓް