ޒިންމާދާރު އިދިކޮޅެއް މި ގައުމުގައި ނެތް، ޒިންމާދާރު އިދިކޮޅަކުން ސަރުކާރުގެ ހުރިހާ ކަމަކާ ދެކޮޅެއް ނަހަދާނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ވިދާޅުވީ ޒިންމާދާރު އިދިކޮޅު އެއްވެސް ބައެއް މި ގައުމުގައި މިވަގުތު ނެތް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައި މިވަގުތު ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ނެތްކަމަށާއި، ޒިންމާދާރު އިދިކޮޅަކުން ސަރުކާރުގެ ހުރިހާ ސިޔާސަތަކާ ދެކޮޅު ނަހަދާނެ ކަމަށެވެ. ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދީ، ފުދުންތެރި މުޖުތަމަޢުއެއް ބިނާކުރުމެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ސިޔާސަތުތަކުގެ ޙަޤީޤަތް ނުބަލައި، ދެކޮޅުނުޖެހޭ ވާހަކަތައް ދައްކަމުންދާކަމީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމުގައި ވިދާޅުވިއެވެ. ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ބަދަލުހިފުމުގެ ރޫޙު ދޫކޮށްލައި، ޤައުމީ ވިސްނުން އިސްކުރުމަށް ރައީސް ގޮވާލެއްވިއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރާއިރު އެކަމަށް އެއްބާރުލުން ދިނުމަކީ ޒިންމާދާރު އިދިކޮޅެއްގެ ސިފައެއްކަމުގައި ފާހަގަކުރެއްވިއެވެ. ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޤާނޫނުއަސާސީ ނަގަހައްޓައި، އިސްލާމްދީނަށް ނަޞްރުދީ، ހަމަހަމަކަމާއެކު ޚިދުމަތްކުރުމަށް ކަމުގައި އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

  • މިވަގުތު ރާއްޖޭގައި ސަރުކާރު ޖަވާބުދާރީކުރުވާނެ ޒިންމާދާރު އިދިކޮޅެއް ނެތްކަން ރައީސް ފާހަގަކުރެއްވުން.
  • ޒިންމާދާރު އިދިކޮޅަކީ ސަރުކާރުން ކުރާ ރަނގަޅު ކަންކަން ބަލައިގަނެ، އެކަންކަމަށް އެއްބާރުލުންދޭނެ ބައެއްކަމުގައި ވިދާޅުވުން.
  • ސަރުކާރުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ފައިދާހުރި، ފުދުންތެރި އަދި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުންކަން ކަށަވަރުކޮށްދެއްވުން.
  • ޤައުމުގެ ހަމަޖެހުމަށް ހުރަސްއެޅުމަށް ކުރާ މަސައްކަތްތަކަކީ ޑިމޮކްރަސީއާ ބީރައްޓެހި އަދި އިޚްލާޞްތެރިކަމެއްނެތް އަމަލުތަކެއްކަމަށް ސިފަކުރެއްވުން.
  • ޑިމޮކްރަސީ ފައްކާކުރުމަށްޓަކައި އަމިއްލަ އެދުމާއި ބަދަލުހިފުމުގެ ރޫޙު ދޫކޮށް، ޤައުމީ ވިސްނުން އިސްކުރުމަށް ގޮވާލެއްވުން.

ޒިންމާދާރު އިދިކޮޅު އެއްވެސް ބައެއް މި ގައުމުގައި މިވަގުތު ނެތް ކަމަށާއި، ޒިންމާދާރު އިދިކޮޅެއް ސަރުކާރުގެ ހުރިހާ ސިޔާސަތުތަކަށް ދެކޮޅު ނަހަދާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން މަސައްކަތްކުރަނީ ހުރިހާ މާނައެއްގައި ވެސް ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމަށް ކަމަށާއި، ރައްޔިތުންނަކީ ފުދުންތެރި އަދި ދުޅަހެޔޮ ބަޔަކަށް ހެދުމަށް ކަމަށެވެ.

އެ މަސައްކަތައިގެން މި ސަރުކާރުން ދާނީ ކުރިއަށް ކަމަށް، ރައީސް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، އިދިކޮޅު ބައެއް ފަރާތްތަކުން ދެކޮޅުނުޖެހޭ ވާހަކަ ދެއްކޭ ކަމަށާއި، އެކަން އެހެން ވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ހަގީގަތް ނުބެލޭތީ ކަމަށެވެ. އެހެން ވިދާޅުވެ، އެމަނިކުފާނު ވަނީ، ޒިންމާދާރުކަމާއެކީ މަސައްކަތްކުރުމަށް އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

"މި ގައުމުގައި ނެތީ ޒިންމާދާރު އޮޕޮޒިޝަނެއް މިހާރު، ޒިންމާދާރު އޮޕޮޒިޝަނަކީ ސަރުކާރު ޖަވާބުދާރީކުރުވާނެ ބަޔަކަށް ވާނެ، އަދި ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރާ ނަމަ، ގައުމަށް ފައިދާހުރި ކަމެއް ކުރާ ކަމަށް ވަންޏާ، އެކަން އެކްނޮލެޖްކޮށް އެކަމަށް އެއްބާރުލުން ވެސް ދޭ ބަޔަކަށް ވާނެ،" ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޑިމޮކްރަސީ ފައްކާކުރަންޏާ އިދިކޮޅު ފަރާތްތައް ޒިންމާދާރުވާންޖެހޭ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ އެކަކު އަނެކަކުގެ ކިބައިން ބަދަލުހިފުމުގެ ރޫހާއި އަމިއްލަ މީހާއަށް މޮޅު ގޮތް ހޯދުމަކީ އިސްކުރަންވީ ކަންތައްތަކެއް ނޫން ކަމަށެވެ. ސަރުކާރު ޒިންމާދާރުކުރެވޭނީ ގައުމީ ވިސްނުމެއްގައި ކުރިއަށް ދިއުމުން ކަމަށް، ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނަށް މުހިއްމީ ރާއްޖެއާއި، ހަމަހަމަކަމާއެކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމާއި، ގާނޫނުއަސާސީއާއި ގާނޫނާއި ގަވައިދު ނަގަހައްޓައި އިސްލާމްދީނަށް ނަސްރުދިނުން ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް އަނެއްކާވެސް ތަކުރާރުކުރެއްވިއެވެ.

"ދެން މި ގައުމުގައި ހަމަޖެހުން ގާއިމްކުރުމަށް ހުރަސްއަޅަން ބައެއް ފަރާތްތަކުން އެ ކުރާ މަސައްކަތްތަކަކީ އެއީ ޒިންމާދާރުކަމެއް ނޫން ކަމާއި، އެއީ ޑިމޮކްރަސީގެ ހަމައެއްވެސް ނޫން ކަމާއި، އެ ކަންކަމަކީ އަމުދުން އިޚްލާސްތެރިކަމެއް އޮތް ކަމެއްނޫންކަން، އެއީ ރައްޔިތުން ދެނެގަންނަންވީ ކަމެއްކަން، އަޅުގަނޑު ޔަގީންކުރަނީ އެގޮތުގަ ރައްޔިތުން އެކަން ގަބޫލުކުރައްވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް