މި އަހަރު އުތުރު އެމެރިކާގެ ތިން ގައުމުކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި އަންނަ ޖޫން މަހުފަށާ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭނީ 16 ސްޓޭޑިއަމެއްގައެވެ. އެއީ އެމެރިކާގެ 11 ސްޓޭޑިއަމް، މެކްސިކޯގެ ތިން ސްޓޭޑިއަމް އަދި ކެނެޑާގެ ދެ ސްޓޭޑިއަމެވެ.
ފީފާ ވޯލްޑް ކަޕް މުބާރާތެއް ތިން ގައުމުގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚީ ފެށުމެކެވެ.
މި ފަހަރުގެ މުބާރާތް ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕަށެވެ. މި މުބާރާތުގައި ޓީމުތަކުގެ އަދަދު 32 އިން 48 އަށް އިތުރުކޮށްފައިވާއިރު، މެޗުތައް އުތުރު އެމެރިކާގެ 16 ސިޓީއެއްގައި ކުޅޭނެއެވެ.
މި މުބާރާތް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ. 12 ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 104 މެޗު ތިން ގައުމުގައި ކުޅޭނެއެވެ. މިއީ ޖިއޮގްރަފީ ގޮތުން އެންމެ ފުޅާ ދާއިރާއެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. އެންމެ ދުރުގައި ހުރި ދެ ދަނޑު ކަމަށްވާ ވެންކޫވަރގެ ބީސީ ޕްލޭސް އާއި މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާ އާ ދެމެދު ގާތްގަނޑަކަށް 4,400 ކިލޯމީޓަރު (2,700 މޭލު) ހުރެއެވެ.
މި ލިޔުމުގައި ބަލާލާނީ މިފަހަރުގެ ވޯލްޑް ކަޕް މުބާރާތް ކުޅޭ 16 ސްޓޭޑިއަމްގެ ތަފްސީލަށެވެ. މުބާރާތް ފެށޭ މެކްސިކޯ ސިޓީގެ ތާރީޚީ އެސްޓާޑިއޯ އަޒްޓެކާ އިން ފެށިގެން، ދުނިޔޭގެ ދެން އަންނަ ޗެމްޕިއަނުން ތަށި އުފުލާލާނެ ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމާ ހަމައަށް ވެސް މި ލިޔުމުގައި ބަލާލާނަމެވެ.
މެކްސިކޯ ސިޓީ ސްޓޭޑިއަމް

މެކްސިކޯ ސިޓީ ސްޓޭޑިއަން.... ވޯލްޑް ކަޕް ފުރަތަމަ މެޗު ކުޅޭނީ މި ސްޓޭޑިއަންގައި
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ މެކްސިކޯ ސިޓީގެ ދަނޑަށް ފީފާއިން ރަސްމީކޮށް ކިޔަނީ 'މެކްސިކޯ ސިޓީ ސްޓޭޑިއަމް' އެވެ. ނަމަވެސް، މި ދަނޑަކީ ދުނިޔޭގެ ފުޓްބޯޅައިގައި މަޝްހޫރު 'އެސްޓާޑިއޯ އަޒްޓެކާ' އެވެ. 1966 ވަނަ އަހަރު ހުޅުވި މި ދަނޑަކީ ގާތްގަނޑަކަށް 83,000 މީހުންގެ ޖާގަ އޮންނަ، ކްލަބް އެމެރިކާ އަދި މެކްސިކޯ ގައުމީ ޓީމުގެ ހޯމް ދަނޑެވެ.
މި ދަނޑަކީ ތާރީޚީ ގޮތުން ވަރަށް މުހިންމު ތަނެކެވެ. މިއީ ތިން ވޯލްޑް ކަޕެއްގެ (1970، 1986 އަދި 2026) މެޗުތައް ބާއްވާ ދުނިޔޭގެ ފުރަތަމަ ދަނޑަށް ވެގެންދާނެއެވެ. ފުޓްބޯޅައިގެ ލެޖެންޑުން ކަމަށްވާ ޕެލޭ އާއި މަރަޑޯނާގެ ތާރީޚީ ކާމިޔާބީތައް މި ދަނޑުގައި ވަނީ ފެނިގެން ގޮސްފައެވެ. މީގެ ތެރޭގައި މަރަޑޯނާގެ މަޝްހޫރު 'ހޭންޑް އޮފް ގޯޑް' ލަނޑު ހިމެނެއެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި މި ދަނޑުގައި މުހިންމު މެޗުތަކެއް ކުޅޭނެއެވެ. އޭގެ ތެރޭގައި މުބާރާތް ހުޅުވާ މެޗާއި، ގްރޫޕް ސްޓޭޖްގެ މެޗުތަކުގެ އިތުރުން ގަދަ 32 އަދި ގަދަ 16 ގެ މެޗުތައް ހިމެނެއެވެ. މި ދަނޑު ހުންނަނީ ކަނޑުގެ ސަތަހައަށްވުރެ 2,200 މީޓަރު މަތީގައި ކަމަށްވާތީ، މިއީ މުބާރާތުގެ އެންމެ އުސް ސަރަހައްދުގައި ހުންނަ އެއް ދަނޑެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ދަނޑުގެ ސީޓުތަކާއި، ވީ.އައި.ޕީ ސަރަހައްދުތަކާއި، ޓެކްނޮލޮޖީ އަދި ސަލާމަތީ ކަންކަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވެއެވެ. މި ބަދަލުތަކާއެކުވެސް ދަނޑުގެ ތާރީޚީ ސިފަތައް ދެމެހެއްޓުމަށް އިސްކަންދީފައިވެއެވެ. ފީފާގެ ވިޔަފާރި އުސޫލުތަކުގެ ސަބަބުން މުބާރާތުގެ ތެރޭގައި މި ދަނޑަށް ރަސްމީކޮށް ބޭނުންކުރާނީ މެކްސިކޯ ސިޓީ ސްޓޭޑިއަމްގެ ނަމެވެ.
ގުއަޑަލަހާރާ ސްޓޭޑިއަމް

ގުއަޑަލަހާރާ ސްޓޭޑިއަމް....
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ މެކްސިކޯގެ ގުއަޑަލަހާރާގައި ހުންނަ ސްޓޭޑިއަމަށް ފީފާއިން ރަސްމީކޮށް ކިޔަނީ 'ގުއަޑަލަހާރާ ސްޓޭޑިއަމް' އެވެ. ނަމަވެސް އާންމުކޮށް މި ތަނަށް ކިޔަނީ 'އެސްޓާޑިއޯ އަކްރޮން' އެވެ.
މިއީ 2010 ވަނަ އަހަރު ހުޅުވި، ގާތްގަނޑަކަށް 49,850 މީހުންގެ ޖާގަ އޮންނަ، ކްލަބް ޑިޕޯޓިވޯ ގުއަޑަލަހާރާ (ޗިވާސް) ގެ ހޯމް ގްރައުންޑެވެ.
މި ސްޓޭޑިއަމަކީ އޭގެ ޒަމާނީ ފަރުމާއަށް މަޝްހޫރު ތަނެކެވެ. އަލިފާން ފަރުބަދައަކުން އިންސްޕަޔަރ ވެގެން ފަރުމާކޮށްފައިވާ މި ބިނާގެ ބޭރު ފަރާތް ފެންނަނީ ވަށައިގެންވާ ގުދުރަތީ މާހައުލާ ގުޅޭގޮތަށް ފެހިކޮށެވެ. މިއީ މެކްސިކޯގައާއި މުޅި ލެޓިން އެމެރިކާގައި ވެސް ހުރި އެންމެ ޒަމާނީ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން އެކެކެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި މި ސްޓޭޑިއަމްގައި ގްރޫޕް ސްޓޭޖުގެ ހަތަރު މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. ގުއަޑަލަހާރާގެ ވަރުގަދަ ފުޓްބޯޅަ ސަގާފަތުގެ ސަބަބުން، މުބާރާތުގެ ދުވަސްވަރު މި ސިޓީ ވެގެންދާނީ ފޯރިގަދަ ފުޓްބޯޅަ އީދެއް ފެނިގެންދާނެ ތަނަކަށެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޑިއަމް އިތުރަށް ޒަމާނީކުރުމާއި، ބްރޯޑްކާސްޓް ކުރާ ވަސީލަތްތައް ރަނގަޅުކުރުމާއި، ދަތުރުފަތުރާއި މީހުން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައް ވަނީ ކުރެވިފަވެ. ފީފާގެ ގަވާއިދުތަކުގެ ސަބަބުން، މުބާރާތުގެ ތެރޭގައި ސްޕޮންސަރުންގެ ނަން ބޭނުން ނުކުރެވޭތީ، 'އެސްޓާޑިއޯ އަކްރޮން' ގެ ބަދަލުގައި 'ގުއަޑަލަހާރާ ސްޓޭޑިއަމް' މި ނަން ބޭނުންކުރަން ޖެހެނީއެވެ.
މި ސްޓޭޑިއަމަކީ މީގެ ކުރިން ވެސް ޕޭން އެމެރިކަން ގޭމްސް އާއި ކޮންކާކަފް ޗެމްޕިއަންސް ކަޕް ފަދަ ބޮޑެތި މުބާރާތްތަކާއި އިވެންޓްތައް ބާއްވާފައިވާ ތަނެކެވެ. ސަޕޯޓަރުންގެ ފޯރިގަދަ މާހައުލާއި، ކޮންމެ ދިމާލަކުން ބެލި ނަމަވެސް ދަނޑު ރީތިކޮށް ފެންނަ ގޮތަށް ހުރުމަކީ މި ސްޓޭޑިއަމަށް ލިބިފައިވާ ހާއްސަ ސިފައެކެވެ.
މޮންޓެރޭ ސްޓޭޑިއަމް

މޮންޓެރޭ ސްޓޭޑިއަމް...
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ މެކްސިކޯގެ މޮންޓެރޭގައި ހުންނަ ސްޓޭޑިއަމަށް ފީފާއިން ރަސްމީކޮށް ކިޔަނީ 'މޮންޓެރޭ ސްޓޭޑިއަމް' އެވެ. ނަމަވެސް އާންމުކޮށް މި ތަނަށް ކިޔަނީ 'އެސްޓާޑިއޯ ބީ.ބީ.ވީ.އޭ' އެވެ. މިއީ 2015 ވަނަ އަހަރު ހުޅުވި، ގާތްގަނޑަކަށް 53,500 މީހުންގެ ޖާގަ އޮންނަ، ސީ.އެފް މޮންޓެރޭ ޓީމުގެ ހޯމް ގްރައުންޑެވެ.
މި ސްޓޭޑިއަމަކީ އޭގެ ފުރިހަމަ ފަރުމާއާއި، 'ސެރޯ ޑެލާ ސިލާ' ފަރުބަދައިގެ ރީތި މަންޒަރުތައް ފެންނާތީ އެމެރިކާ ބައްރުގައި ހުރި އެންމެ ރީތި އެއް ސްޓޭޑިއަމްގެ ގޮތުގައި ބެލެވޭ ތަނެކެވެ. މިއީ ޕޮޕިއުލަސް ކުންފުނިން ފަރުމާކޮށްފައިވާ، ޒަމާނީ ވަސީލަތްތަކުން މުއްސަނދިވެފައިވާ ތަނެކެވެ. މީގެ ބޮޑު މެޓަލިކް ފަރުމާގެ ސަބަބުން ގިނަ ބަޔަކު މި ތަނަށް 'އެލް ގިގަންޓޭ ޑެ އަކޭރޯ' ނުވަތަ 'ދަ ސްޓީލް ޖަޔަންޓް' ގެ ނަމުންވެސް މުޚާތަބު ކުރެއެވެ.
މި ވޯލްޑް ކަޕްގައި މި ސްޓޭޑިއަމްގައި ޖުމްލަ 6 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ 4 މެޗާއި، ގަދަ 32 ގެ މެޗެއްގެ އިތުރުން ގަދަ 16 ގެ މެޗެއް ހިމެނެއެވެ.
މޮންޓެރޭއަކީ ފުޓްބޯޅައަށް ވަރަށް ފޯރި ހުންނަ ސިޓީއަކަށް ވުމުން މި މެޗުތަކަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެއެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޑިއަމްގެ ޓެކްނޮލޮޖީއާއި، ދަތުރުފަތުރުގެ ނިޒާމާއި، މީޑިއާ އަދި މެހެމާނުންނަށް ޚިދުމަތްދޭ ތަންތަން އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރެވިފައިވެއެވެ. ފީފާގެ މުބާރާތްތަކުގައި ސްޕޮންސަރުންގެ ނަން ބޭނުން ނުކުރެވޭތީ، މުބާރާތުގެ ތެރޭގައި މި ތަން ރަސްމީކޮށް ބޭނުންކުރާނީ މޮންޓެރޭ ސްޓޭޑިއަމްގެ ނަމުގައެވެ.
ޓޮރޮންޓޯ ސްޓޭޑިއަމް

ޓޮރޮންޓޯ ސްޓޭޑިއަމް.....
މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ކެނެޑާގެ ޓޮރޮންޓޯގައި ހުންނަ ބީއެމްއޯ ފީލްޑް ވަނީ 'ޓޮރޮންޓޯ ސްޓޭޑިއަމް' ގެ ނަމަށް ބަދަލުކޮށްފައެވެ. މިއީ ފީފާގެ މުބާރާތްތަކުގައި ސްޕޮންސަރުންގެ ނަން ބޭނުންކުރުން މަނާވުމުގެ ސަބަބުން ގެނައި ބަދަލެކެވެ. މި ސްޓޭޑިއަމަކީ 2007 ވަނަ އަހަރު ހުޅުވި، މިހާރު ޓޮރޮންޓޯ އެފްސީ އާއި ޓޮރޮންޓޯ އާގޮނޯޓްސްގެ ހޯމް ދަނޑެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މި ސްޓޭޑިއަމްގެ ޖާގަ 45،000 މީހުންނަށް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން މީޑިއާ ވަސީލަތްތަކާއި ބްރޯޑްކާސްޓިންގް ފެސިލިޓީތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމުގެ މަސައްކަތްތައް ވެސް ވަނީ ކުރެވިފަވެ. މި ސްޓޭޑިއަމަކީ ގުދުރަތީ ވިނަ ހުންނަ، އަދި ސަޕޯޓަރުންނަށް ކުޅިބަލަން ފަސޭހަވާނެހެން ފަރުމާކޮށްފައިވާ ތަނެކެވެ.
މި ވޯލްޑް ކަޕްގައި ޓޮރޮންޓޯ ސްޓޭޑިއަމްގައި ޖުމްލަ 6 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ގްރޫޕް ސްޓޭޖުގެ 5 މެޗާއި، ގަދަ 32 ޓީމު ވާދަކުރާ ބުރުގެ 1 މެޗެވެ. މިއީ އިރުމަތީ ކެނެޑާގައި މި މުބާރާތުގެ މެޗުތައް ކުޅޭނެ މައިގަނޑު މަރުކަޒެވެ.
މި ސްޓޭޑިއަމަކީ މީގެ ކުރިން ވެސް އެމްއެލްއެސް ކަޕް ފައިނަލްތަކާއި، ކޮންކާކަފް ގޯލްޑް ކަޕް އަދި ފީފާ ޔޫ 20 ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް ބާއްވާފައިވާ ތަނެކެވެ. ޓޮރޮންޓޯގެ މެދުތެރޭގައި، ލޭކް އޮންޓޭރިއޯ ކައިރީގައި ހުންނަ މި ސްޓޭޑިއަމަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ސަޕޯޓަރުންގެ މެދުގައި މަގުބޫލު ތަނެކެވެ.
ވެންކޫވަރ ސްޓޭޑިއަމް

ވެންކޫވަރ ސްޓޭޑިއަމް.....
މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި ކެނެޑާގެ ވެންކޫވަރްގައި ބޭނުންކުރާ ސްޓޭޑިއަމަށް ފީފާ އިން ރަސްމީކޮށް ކިޔަނީ 'ވެންކޫވަރް ސްޓޭޑިއަމް' އެވެ. ނަމަވެސް މި ތަނުގެ އާންމު ނަމަކީ 'ބީސީ ޕްލޭސް' އެވެ. 1983 ވަނަ އަހަރު ހުޅުވި މި ސްޓޭޑިއަމަކީ ގާތްގަނޑަކަށް 54,000 މީހުންގެ ޖާގަ ހިމެނޭ، މަތި ހުޅުވާލެވޭ ފުރާޅެއްލީ ޒަމާނީ ބިނާއެކެވެ.
މި ސްޓޭޑިއަމަކީ ވެންކޫވަރްގެ މެދުތެރޭގައި، ފަރުބަދަތަކާއި ކަނޑުގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ހުންނަ ތަނެކެވެ. 2011 ވަނަ އަހަރު މިތަން ވަރަށް ބޮޑަށް މަރާމާތުކޮށް އާބާތުރަ ފިލުވާފައިވާއިރު، މިއީ ކެނެޑާގައި ހުރި އެންމެ ކުރިއަރާފައިވާ އެއް ކުޅިވަރު މައިދާނެވެ. މިތަނުގައި އާންމުކޮށް ބޭނުންކުރަނީ އާޓިފިޝަލް ވިނަ ނަމަވެސް، ވޯލްޑް ކަޕަށްޓަކައި ގުދުރަތީ ވިނަ ވަނީ އިންދާފައިއެވެ.
މި ވޯލްޑް ކަޕްގައި މި ސްޓޭޑިއަމްގައި ޖުމްލަ 7 މެޗެއް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ 5 މެޗާއި، ގަދަ 32 ގެ މެޗަކާއި، ގަދަ 16 ގެ މެޗެއް ހިމެނެއެވެ. މީގެ ކުރިންވެސް މި ސްޓޭޑިއަމްގައި 2015 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕާއި 2010 ވަނަ އަހަރުގެ ވިންޓަރ އޮލިމްޕިކްސް ފަދަ ބޮޑެތި ހަރަކާތްތައް ބާއްވާފައިވެއެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޑިއަމްގެ ޓެކްނޮލޮޖީއާއި، މީޑިއާ ވަސީލަތްތަކާއި، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ފީފާގެ އުސޫލުތަކުގެ ދަށުން މުބާރާތުގެ ތެރޭގައި ސްޕޮންސަރުންގެ ނަންތައް ބޭނުން ނުކުރެވޭތީ، މުބާރާތް ކުރިއަށްދާއިރު މިތަނަށް ރަސްމީކޮށް ކިޔާނީ ވެންކޫވަރް ސްޓޭޑިއަމެވެ.
ސިއެޓްލް ސްޓޭޑިއަމް

ސިއެޓްލް، ވޮޝިންޓަން، އެމެރިކާ....
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި އެމެރިކާގެ ސިއެޓްލްގައި ހުންނަ 'ލޫމެން ފީލްޑް' ބޭނުންކުރާނީ 'ސިއެޓްލް ސްޓޭޑިއަމް' ގެ ނަމުގައެވެ. މިއީ ފީފާގެ މުބާރާތްތަކުގައި ސްޓޭޑިއަމްތަކުގެ ވިޔަފާރި ނަންތައް ބޭނުންކުރުން މަނާކުރާތީ ގެނެވުނު ބަދަލެކެވެ.
މި ސްޓޭޑިއަމަކީ ގާތްގަނޑަކަށް 69،000 މީހުންގެ ޖާގަ ހިމެނޭ، ދުނިޔޭގެ އެންމެ އަޑުގަދަ އެއް ސްޓޭޑިއަމްގެ ގޮތުގައި މަޝްހޫރު ތަނެކެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މި ސްޓޭޑިއަމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މިހާރު ބޭނުންކުރާ އާޓިފިޝަލް ޓާފްގެ ބަދަލުގައި ގުދުރަތީ ވިނަ އިންދުމާއި، ސީޓުތައް ރަނގަޅުކުރުމާއި، މީޑިއާ ވަސީލަތްތަކާއި ސަލާމަތީ ކަންކަން ވަރުގަދަކުރުން ހިމެނެއެވެ. މި ސްޓޭޑިއަމަކީ އާންމުކޮށް ސިއެޓްލް ސީހޯކްސް އަދި ސިއެޓްލް ސައުންޑާސް އެފްސީގެ ހޯމް ދަނޑެވެ.
މި ސްޓޭޑިއަމްގައި މިފަހަރުގެ ވޯލްޑް ކަޕްގެ ޖުމްލަ 6 މެޗެއް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ 4 މެޗާއި، ގަދަ 32 ގެ މެޗެއްގެ އިތުރުން ގަދަ 16 ގެ މެޗެއް ހިމެނެއެވެ. ޚާއްޞަ ގޮތެއްގައި އެމެރިކާގެ ގައުމީ ޓީމާއި އޮސްޓްރޭލިއާ ބައްދަލުކުރާ ގްރޫޕް ސްޓޭޖް މެޗުވެސް އޮންނާނީ މި ދަނޑުގައެވެ.
ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމް

ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމް, އެމެރިކާ، ކެލިފޯނިއާ..
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ކެލިފޯނިއާގެ ސެންޓާ ކްލާރާގައި ހުންނަ ލެވީސް ސްޓޭޑިއަމަށް، މުބާރާތުގެ ދުވަސްވަރު ފީފާއިން ބޭނުންކުރާ ރަސްމީ ނަމަކީ 'ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމް' އެވެ.
މި ސްޓޭޑިއަމަކީ 2014 ވަނަ އަހަރު ހުޅުވި، ގާތްގަނޑަކަށް 68,500 އާއި 71,000 އާ ދެމެދުގެ އަދަދަކަށް މީހުންނަށް ވަދެވޭނެހެން ފަރުމާކޮށްފައިވާ ތަނެކެވެ.
މި ސްޓޭޑިއަމަކީ ދުނިޔޭގެ އެންމެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އެއް ސްޓޭޑިއަމެވެ. މީގެ ތެރޭގައި ހައި-ސްޕީޑް ވައިފައި، މޯބައިލް ފޯނުން ކާބޯތަކެއްޗަށް އޯޑަރު ކުރެވޭ ނިޒާމު، އަދި ތިމާވެއްޓާ ރައްޓެހި ފަރުމާ ހިމެނެއެވެ. މީގެ އިތުރުން މިއީ ތިމާވެށީގެ ރައްކާތެރިކަމަށް ދެވޭ 'ލީޑް ގޯލްޑް' ސެޓްފިކެޓް ލިބިފައިވާ ތަނެކެވެ.
މިގަހަރުގެ ވޯލްޑް ކަޕްގައި މި ސްޓޭޑިއަމްގައި ގްރޫޕް ސްޓޭޖުގެ ފަސް މެޗާއި، ގަދަ 32 ޓީމު ކުޅޭ ބުރުގެ އެއް މެޗު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިންވެސް މި ސްޓޭޑިއަމްގައި ސުޕަ ބޯލް 50 އާއި ކޮޕާ އެމެރިކާ ފަދަ ބޮޑެތި ކުޅިވަރު މުބާރާތްތައް ބާއްވާފައިވެއެވެ.
ފާހަގަކޮށްލެވޭ މުހިންމު ކަމަކީ، ފީފާގެ މުބާރާތްތަކުގައި ސްޓޭޑިއަމްތަކަށް ދީފައިވާ ވިޔަފާރި ކުންފުނިތަކުގެ ނަންތައް ބޭނުން ނުކުރާތީ، 'ލެވީސް ސްޓޭޑިއަމް' ގެ ބަދަލުގައި މުބާރާތުގެ ތެރޭގައި ބޭނުންކުރާނީ 'ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމް' އެވެ.
މި ސްޓޭޑިއަމަކީ ސިލިކަން ވެލީގެ ރީތި މަންޒަރުތައް ފެންނަ، ސަޕޯޓަރުންނަށް ވަރަށް ފުރިހަމަ ތަޖުރިބާއެއް ލިބޭނެ ތަނެކެވެ.
ލޮސް އެންޖެލިސް ސްޓޭޑިއަމް

ލޮސް އެންޖެލިސް ސްޓޭޑިއަމް، ކެލިފޯނިއާ އެމެރިކާ...
މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި ލޮސް އެންޖެލެސްގައި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ "ލޮސް އެންޖެލެސް ސްޓޭޑިއަމް" ގައެވެ. އާންމުކޮށް "ސޯފައި ސްޓޭޑިއަމް" ގެ ނަމުން މަޝްހޫރު މި ދަނޑަކީ އެމެރިކާގެ ކެލިފޯނިއާގެ އިންގްލްވުޑްގައި ހުންނަ، ގާތްގަނޑަކަށް 70،000 މީހުންގެ ޖާގަ ހިމެނޭ ދަނޑެކެވެ.
ވޯލްޑް ކަޕްގެ މެޗުތައް ކުޅޭއިރު، ފީފާގެ ގަވާއިދުތަކާ އެއްގޮތަށް ވިޔަފާރި ކުންފުނިތަކުގެ ނަންތައް ބޭނުން ނުކުރާތީ، މި ދަނޑަށް ރަސްމީކޮށް ކިޔާނީ ލޮސް އެންޖެލެސް ސްޓޭޑިއަމްއެވެ.
މި ސްޓޭޑިއަމަކީ ދުނިޔޭގައި މިހާތަނަށް ބިނާކުރި އެންމެ އަގުބޮޑު އެއް ކުޅިވަރު ބިނާއެވެ. މި ތަން ބިނާކުރުމަށް 5 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޭދަވެފައިވެއެވެ. މި ދަނޑުގެ ހާއްސަ ސިފަތަކުގެ ތެރޭގައި އާދަޔާ ހިލާފު ބޮޑު "އިންފިނިޓީ ސްކްރީން" އާއި، ވައި ދައުރުވާގޮތަށް ހާމައަށް ހުންނަ ފަރާތްތަކާއި، އަދި ޒަމާނީ ފަރުމާ ހިމެނެއެވެ. ވޯލްޑް ކަޕަށްޓަކައި މި ދަނޑުގެ ވިނަގަނޑު ގުދުރަތީ ވިނައަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި މި ދަނޑުގައި ޖުމްލަ 8 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ 5 މެޗާއި، ގަދަ 32 ގެ 2 މެޗުގެ އިތުރުން ކުއާޓާ ފައިނަލްގެ މެޗެއް ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެމެރިކާ ޓީމުގެ ފުރަތަމަ މެޗުވެސް ކުޅޭނީ މި ދަނޑުގައެވެ.
މީގެ ކުރިންވެސް މި ސްޓޭޑިއަމްގައި ވަނީ ސުޕަ ބޯލް އާއި، ގޯލްޑް ކަޕް ފައިނަލް ފަދަ ބޮޑެތި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ދުނިޔޭގެ މަޝްހޫރު ފަންނާނުންގެ ކޮންސަރޓްތައް ބާއްވާފައެވެ. ލޮސް އެންޖެލެސް އެއާޕޯޓާ ކައިރީގައި ހުންނަ މި ދަނޑަކީ ސަޕޯޓަރުންނަށް ވަރަށް ފުރިހަމަ އަދި ލަގްޒަރީ ތަޖުރިބާއެއް ލިބިގެންދާނެ ތަނެކެވެ.
ހިއުސްޓަން ސްޓޭޑިއަމް

ހިއުސްޓަން ސްޓޭޑިއަމް އެމެިކާ ޓެކްސަސް....
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ހިއުސްޓަންގައި ހުންނަ ސްޓޭޑިއަމަށް ފީފާއިން ރަސްމީކޮށް ކިޔަނީ 'ހިއުސްޓަން ސްޓޭޑިއަމް' އެވެ. ނަމަވެސް އާންމުކޮށް މި ތަނަށް ކިޔަނީ 'އެން.އާރު.ޖީ ސްޓޭޑިއަމް' އެވެ. ފީފާގެ ގަވާއިދުތައް ބުނާގޮތުން މުބާރާތުގެ ތެރޭގައި ސްޓޭޑިއަމްތަކަށް ކޮމާޝަލް ނަންތައް ބޭނުމެއް ނުކުރެވޭނެއެވެ.
މި ސްޓޭޑިއަމަކީ 2002 ވަނަ އަހަރު ހުޅުވި، ގާތްގަނޑަކަށް 72,220 މީހުންގެ ޖާގައިގެ ތަނެކެވެ. މިއީ މޫސުމަށް ބަލައި ހުޅުވާލެވޭ އަދި ލެއްޕޭ ފުރާޅެއް ހުންނަ، އެއާކޮންޑިޝަން ކުރެވިފައިވާ ޒަމާނީ ބިނާއެކެވެ. މިއީ ޓެކްސަސްގެ ހޫނު މޫސުމުގައި ސަޕޯޓަރުންނަށް ފަސޭހަކަމާއެކު މެޗުތައް ބަލާލުމަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި މި ސްޓޭޑިއަމްގައި ޖުމްލަ 7 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ 5 މެޗާއި، ގަދަ 32 ގެ މެޗެއްގެ އިތުރުން ގަދަ 16 ގެ މެޗެއް ހިމެނެއެވެ. މި ސްޓޭޑިއަމްގައި ކުޅޭނެ ފާހަގަކޮށްލެވޭ ޓީމުތަކުގެ ތެރޭގައި ޖަރުމަނުވިލާތް، ޕޯޗުގަލް އަދި ނެދަލޭންޑްސް ހިމެނެއެވެ.
މީގެ ކުރިންވެސް މި ސްޓޭޑިއަމްގައި ދުނިޔޭގެ ފެންވަރުގެ ބޮޑެތި އިވެންޓްތައް ބާއްވާފައިވެއެވެ. އޭގެ ތެރޭގައި ސުޕަ ބޯލް، ކޮޕާ އެމެރިކާ، ގޯލްޑް ކަޕް އަދި ރެސްލްމީނިއާ ފަދަ ހަރަކާތްތައް ހިމެނެއެވެ. މި ސްޓޭޑިއަމަކީ ދަތުރުފަތުރުގެ ގޮތުން ފަސޭހަ އަދި ސަޕޯޓަރުންނަށް ވަރަށް ފޯރިގަދަ މާހައުލެއް ލިބިގެންދާނެ ތަނެކެވެ.
ޑަލަސް ސްޓޭޑިއަމް

އެމެރިކާގެ ޓެކްސަސްގެ އާލިންގްޓަންގައި ހުންނަ ޑަލަސް ސްޓޭޑިއަމް...
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ޓެކްސަސްގެ އާލިންގްޓަންގައި ހުންނަ އޭ.ޓީ.އެންޑް.ޓީ ސްޓޭޑިއަމަށް، ފީފާގެ މުބާރާތުގައި ރަސްމީކޮށް ކިޔާނީ 'ޑެލަސް ސްޓޭޑިއަމް' އެވެ. މިއީ 2009 ވަނަ އަހަރު ހުޅުވި، 80،000 އާއި 94،000 އާ ދެމެދުގެ އަދަދަކަށް މީހުންނަށް އިށީނދެވޭނެހެން ފަރުމާކޮށްފައިވާ ދުނިޔޭގެ އެންމެ ޒަމާނީ އެއް ސްޓޭޑިއަމެވެ. މި ސްޓޭޑިއަމަކީ އާންމުކޮށް އެމެރިކަން ފުޓްބޯޅަ ޓީމެއް ކަމަށްވާ ޑެލަސް ކައުބޯއީސް ކުޅޭ ދަނޑެވެ.
މި ސްޓޭޑިއަމް ފާހަގަކުރެވެނީ އޭގެ ހިތްގައިމު ފަރުމާގެ ސަބަބުންނެވެ. މީގެ ތެރޭގައި ހުޅުވާލެވޭ ފުރާޅަކާއި، 'ޖެރީޓްރޯން' ގެ ނަމުން މަޝްހޫރުވެފައިވާ ބޮޑު އެޗް.ޑީ ވީޑިއޯ ބޯޑާއި، އަދި އެތެރޭގެ ފިނިހޫނުމިން ކޮންޓްރޯލް ކުރެވޭ ނިޒާމު ހިމެނެއެވެ. އޭގެ ކުރިމަގުގެ ސިފައަށް ބަލައި ގިނަ ބަޔަކު މިތަނަށް 'ޑެތު ސްޓާ' ގެ ނަމުން ވެސް މުޚާތަބު ކުރެއެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި ސްޓޭޑިއަމްގައެވެ. މީގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ 5 މެޗާއި، ގަދަ 32 ގެ 2 މެޗާއި، ގަދަ 16 ގެ މެޗެއްގެ އިތުރުން 14 ޖުލައި 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް މެޗު ހިމެނެއެވެ. މި ދަނޑުގައި އިންގްލެންޑް، އާޖެންޓީނާ އަދި ނެދަލޭންޑްސް ފަދަ ބޮޑެތި ޓީމުތައް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
ކެންސަސް ސިޓީ ސްޓޭޑިއަމް

އެމެރިކާގެ މިސޫރީ ސްޓޭޓްގެ ކެންސަސް ސިޓީގައި ހުންނަ ކެންސަސް ސިޓީ ސްޓޭޑިއަމް....
އަންނަ ޖޫން މަމުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އެއް ދަނޑަކީ އެމެރިކާގެ މިސޫރީގައި ހުންނަ ކެންސަސް ސިޓީ ސްޓޭޑިއަމްއެވެ. އާންމުކޮށް 'އެރޯހެޑް ސްޓޭޑިއަމް' ގެ ނަމުން މަޝްހޫރުވެފައިވާ މި ދަނޑަކީ ގާތްގަނޑަކަށް 76,000 މީހުންގެ ޖާގަ ހިމެނޭ، 1972 ވަނަ އަހަރު ހުޅުވި ތާރީޚީ ދަނޑެކެވެ.
ފީފާގެ މުބާރާތްތަކުގައި ސްޕޮންސަރުންގެ ނަން ބޭނުންކުރުން މަނާވުމުގެ ސަބަބުން، މި މުބާރާތުގައި މި ދަނޑަށް ރަސްމީކޮށް ކިޔާނީ 'ކެންސަސް ސިޓީ ސްޓޭޑިއަމް' އެވެ.
މި ސްޓޭޑިއަމަކީ ދުނިޔޭގެ ކުޅިވަރު ދަނޑުތަކުގެ ތެރެއިން އެންމެ އަޑުގަދަ ސަޕޯޓަރުން ތިބޭ އެއް ދަނޑުގެ ގޮތުގައި ފާހަގަކުރެވޭ ތަނެކެވެ. އެގޮތުން 142 ޑެސިބެލްއަށް ވުރެ މައްޗަށް އަޑުގަދަވެގެން ގިނިސް ވޯލްޑް ރެކޯޑެއްވެސް މި ދަނޑުން ހޯދާފައިވެއެވެ. މީގެ އިތުރުން، މިއީ އެމެރިކާގެ މަޝްހޫރު އެން.އެފް.އެލް ޓީމެއް ކަމަށްވާ ކެންސަސް ސިޓީ ޗީފްސްގެ ހޯމް ގްރައުންޑްވެސް މެއެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި މި ދަނޑުގައި ޖުމްލަ 6 މެޗެއް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ 4 މެޗާއި، ގަދަ 32 ގެ މެޗެއްގެ އިތުރުން ކުއާޓަރ ފައިނަލްގެ މެޗެއް ހިމެނެއެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބްރޯޑްކާސްޓް ކުރާ ވަސީލަތްތަކާއި، ސަލާމަތީ ކަންކަމާއި، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވިފައިވެއެވެ.
މި ދަނޑަކީ މީގެ ކުރިންވެސް ބައިނަލްއަގުވާމީ ފުޓްބޯޅަ މެޗުތަކާއި، ކޮންކާކަފް ގޯލްޑް ކަޕް އަދި ޓޭލާ ސުވިފްޓް ފަދަ މަޝްހޫރު ފަންނާނުންގެ ކޮންސަރޓްތައް ބާއްވާފައިވާ ތަނެކެވެ.
ކެންސަސް ސިޓީގެ ފޯރިގަދަ ސަޕޯޓަރުންނާއި އެ ސިޓީގައި އޮތް ފުޓްބޯޅަ ސަގާފަތުގެ ސަބަބުން، ވޯލްޑް ކަޕް ދުވަސްވަރު އެ ސިޓީ ވެގެންދާނީ ފުޓްބޯޅައިގެ ބޮޑު އީދެއް ފެނިގެންދާނެ ތަނަކަށެވެ.
އެޓްލާންޓާ ސްޓޭޑިއަމް

އެމެރިކާގެ ޖޯޖިއާގެ އެޓްލާންޓާގައި ހުންނަ، މާސިޑީޒް-ބެންޒް ސްޓޭޑިއަމް ނުވަތަ އެޓްލާންޓާ ސްޓޭޑިއަމް...
އަންނަ ޖޫންމަހުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އެޓްލާންޓާގެ ސްޓޭޑިއަމަށް ފީފާ އިން ރަސްމީކޮށް ކިޔަނީ 'އެޓްލާންޓާ ސްޓޭޑިއަމް' އެވެ. ނަމަވެސް މި ސްޓޭޑިއަމްގެ އާންމު ނަމަކީ 'މާސިޑީޒް-ބެންޒް ސްޓޭޑިއަމް' އެވެ.
2017 ވަނަ އަހަރު ހުޅުވި މި ސްޓޭޑިއަމަކީ ގާތްގަނޑަކަށް 71،000 މީހުންގެ ޖާގަ އޮންނަ، އެމެރިކާގެ އެންމެ ޒަމާނީ އެއް ކުޅިވަރު ބިނާއެވެ.
މި ސްޓޭޑިއަމް ފާހަގަކުރެވެނީ އޭގެ ހާއްސަ ފަރުމާގެ ސަބަބުންނެވެ. އޭގެ ތެރޭގައި ކެމެރާގެ އެޕަރޗާއެއްގެ ބައްޓަމަށް ހުޅުވި ލެއްޕޭ ފުރާޅާއި، ސްޓޭޑިއަމްގެ އެތެރޭގައިވާ ބޮޑު 'ހޭލޯ ބޯޑް' ވީޑިއޯ ސްކްރީން ހިމެނެއެވެ. މީގެ އިތުރުން މިއީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބިނާކޮށްފައިވާ ލީޑް ޕްލެޓިނަމް ސެޓްފިކެޓް ލިބިފައިވާ ތަނެކެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި މި ސްޓޭޑިއަމްގައި ޖުމްލަ 8 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ 5 މެޗާއި، ގަދަ 32 ގެ މެޗަކާއި، ގަދަ 16 ގެ މެޗެއްގެ އިތުރުން 15 ޖުލައި 2026 ގައި ބާއްވާ ސެމީ ފައިނަލް މެޗު ހިމެނެއެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޑިއަމްގެ އާންމުކޮށް ބޭނުންކުރާ އާޓިފިޝަލް ޓާފްގެ ބަދަލުގައި ފީފާ ގަބޫލުކުރާ ފެންވަރުގެ ގުދުރަތީ ވިނަ އިންސްޓޯލް ކޮށް، މީޑިއާ ވަސީލަތްތައް ފުޅާކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ފީފާގެ ގަވާއިދުތަކާ އެއްގޮތަށް ވިޔަފާރި ބްރޭންޑްތަކުގެ ނަންތައް ސްޓޭޑިއަމްއިން ވަގުތީގޮތުން ވަނީ ނަގާފައެވެ.
މި ސްޓޭޑިއަމަކީ މީގެ ކުރިން ވެސް ސުޕަރ ބޯލް ފަދަ ބޮޑެތި ކުޅިވަރު ހަރަކާތްތަކާއި ބިޔަ ކޮންސަރޓްތައް ބާއްވާފައިވާ، ސަޕޯޓަރުންނަށް ފަސޭހަ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ތަނެކެވެ.
މިއާމީ ސްޓޭޑިއަމް

އެމެރިކާގެ ފްލޮރިޑާގެ މިއާމީ ގާޑަންސްގައި ހުންނަ ހާޑް ރޮކް ނުވަތަ މިއާމީ ސްޓޭޑިއަން...
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭނެ އެއް ދަނޑަކީ އެމެރިކާގެ މިއާމީ ގާޑްންސްގައި ހުންނަ ހާޑް ރޮކް ސްޓޭޑިއަމްއެވެ. ނަމަވެސް، ފީފާގެ އުސޫލުތަކުގެ ދަށުން ވިޔަފާރި ނަންތައް ބޭނުން ނުކުރެވޭތީ، މި މުބާރާތުގައި މި ދަނޑަށް ރަސްމީކޮށް ކިޔާނީ 'މިއާމީ ސްޓޭޑިއަމް' އެވެ.
މި ސްޓޭޑިއަމަކީ 1987 ވަނަ އަހަރު ހުޅުވި، ގާތްގަނޑަކަށް 65,000 މީހުންގެ ޖާގައިގެ ދަނޑެކެވެ. މިއީ މިއާމީ ޑޮލްފިންސް ޓީމުގެ ހޯމް ގްރައުންޑްގެ އިތުރުން، ޓެނިހާއި ފޯމިއުލާ 1 ފަދަ ކުޅިވަރުތައް ވެސް ބާއްވާ ތަނެކެވެ. މި ދަނޑުގައި ބޭނުންކުރަނީ ގުދުރަތީ ވިނަ ކަމަށްވާއިރު، ބެލުންތެރިންނަށް ހިޔާލިބޭނެ ފަދަ ޒަމާނީ ފުރާޅެއް ވެސް މިތަނުގައި ހުރެއެވެ.
ވޯލްޑް ކަޕް 2026 ގައި މި ދަނޑުގައި ޖުމްލަ ހަތް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ ހަތަރު މެޗާއި، ގަދަ 32 ގެ މެޗަކާއި، ކުއާޓާ ފައިނަލް މެޗެއްގެ އިތުރުން ތިންވަނަ ހޮވާ މެޗު ހިމެނެއެވެ. ބްރެޒިލް، ޕޯޗުގަލް، ކޮލަމްބިއާ، އުރުގުއޭ އަދި ސްކޮޓްލޭންޑް ފަދަ މަޝްހޫރު ޓީމުތައް މި ދަނޑުގައި ކުޅޭނެއެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޑިއަމް އިތުރަށް ޒަމާނީކުރުމާއި، ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމާއި، މީޑިއާ ވަސީލަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ވަނީ ކުރެވިފައިވެ. މީގެ ކުރިން ވެސް މި ދަނޑުގައި ސުޕަ ބޯލް، ކޮޕާ އެމެރިކާ އަދި ފީފާ ކްލަބް ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް ބާއްވާފައިވެއެވެ.
ފިލަޑެލްފިއާ ސްޓޭޑިއަމް

އެމެރިކާގެ ޕެންސިލްވޭނިއާގެ ފިލަޑެލްފިއާގައި ހުންނަ ފިލަޑެލްފިއާ ސްޓޭޑިއަމް...
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި ފިލަޑެލްފިއާގައި މެޗުތައް ކުޅޭނީ 'ފިލަޑެލްފިއާ ސްޓޭޑިއަމް' ގައެވެ. މިއީ އާންމުކޮށް 'ލިންކަން ފައިނޭންޝަލް ފީލްޑް' ގެ ނަމުން މަޝްހޫރުވެފައިވާ، 69،000 މީހުންގެ ޖާގަ ހިމެނޭ ސްޓޭޑިއަމެކެވެ. ފީފާގެ އުސޫލުތަކުގެ ދަށުން ސްޕޮންސަރުންގެ ނަން ބޭނުން ނުކުރެވޭތީ، މުބާރާތުގެ ތެރޭގައި މިތަނަށް ކިޔާނީ ފިލަޑެލްފިއާ ސްޓޭޑިއަމް އެވެ.
މި ސްޓޭޑިއަމަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފައްދާ ތަނެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނެކެވެ. އިރުގެ ހަކަތައާއި ވައިގެ ހަކަތަ ބޭނުންކޮށްގެން ހިންގާ މި ސްޓޭޑިއަމަކީ އެމެރިކާގައި ހުރި އެންމެ 'ގްރީން' އެއް ސްޓޭޑިއަމެވެ. މީގެ އިތުރުން މިއީ އެންއެފްއެލްގެ ފިލަޑެލްފިއާ އީގަލްސްގެ ހޯމް ގްރައުންޑް ވެސް މެއެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި މި ސްޓޭޑިއަމްގައި ޖުމްލަ 7 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ 5 މެޗާއި، ގަދަ 32 ގެ މެޗެއްގެ އިތުރުން ގަދަ 16 ގެ މެޗެއް ހިމެނެއެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޑިއަމް ޒަމާނީ ކުރުމާއި، މީޑިއާ ވަސީލަތްތައް އިތުރުކުރުމާއި، ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތްތައް ވަނީ ކުރެވިފައެވެ.
މި ސްޓޭޑިއަމަކީ މީގެ ކުރިން ވެސް ބައިނަލްއަގުވާމީ ފުޓްބޯޅަ މެޗުތަކާއި، ކޮންކާކަފް ގޯލްޑް ކަޕް އަދި ކޮޕާ އެމެރިކާ ފަދަ ބޮޑެތި މުބާރާތްތައް ބާއްވާފައިވާ ތަނެކެވެ. އަދި މިއީ ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޓޭލާ ސުވިފްޓް އަދި ބިޔޯންސޭ ފަދަ ފަންނާނުންގެ ކޮންސަރޓްތައް ވެސް ބާއްވާފައިވާ، ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ މަގުބޫލު ބިނާއެކެވެ.
ބޮސްޓަން ސްޓޭޑިއަމް

އެމެރިކާގެ މެސެޗޫސެޓްސްގެ ފޮކްސްބޮރޯގައި ހުންނަ ބޮސްޓަން ސްޓޭޑިއަމް..
މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި ބޮސްޓަންގައި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 'ބޮސްޓަން ސްޓޭޑިއަމް' ގައެވެ. މިއީ އާންމު ނަމުން ނަމަ 'ޖިލެޓް ސްޓޭޑިއަމް' އެވެ. އެމެރިކާގެ މެސަޗޫސެޓްސްގެ ފޮކްސްބަރޯގައި ހުންނަ މި ސްޓޭޑިއަމަކީ 65,000 މީހުންގެ ޖާގަ ހިމެނޭ، ނިއު އިންގްލަންޑް ޕެޓްރިއަޓްސް އަދި ނިއު އިންގްލަންޑް ރިވޮލިއުޝަން ޓީމުގެ ހޯމް ގްރައުންޑެވެ.
މި ސްޓޭޑިއަމަކީ އޭގެ އައިކޮނިކް ލައިޓްހައުސް އާއި ބްރިޖްގެ ސަބަބުން މަޝްހޫރު ތަނެކެވެ. ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިހާރު ހުރި އާޓިފިޝަލް ޓާފްގެ ބަދަލުގައި ފީފާ ގަބޫލުކުރާ ގުދުރަތީ ވިނަ އިންދުމާއި، މީޑިއާ އާއި ބްރޯޑްކާސްޓިންގް ސަރަހައްދުތައް ފުޅާކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. މީގެ އިތުރުން ސްޓޭޑިއަމްގެ ޓެކްނޮލޮޖީ އާއި ދަތުރުފަތުރުގެ ނިޒާމުވެސް ވަނީ އިތުރަށް ހަރުދަނާ ކުރެވިފައިއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި މި ސްޓޭޑިއަމްގައި ޖުމްލަ 7 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ 5 މެޗާއި، ގަދަ 32 ގެ މެޗެއްގެ އިތުރުން ކުއާޓާ ފައިނަލް މެޗެއް ހިމެނެއެވެ. މީގެ ކުރިންވެސް މި ސްޓޭޑިއަމްގައި ކޮޕާ އެމެރިކާ އާއި ގޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް ބާއްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ފީފާގެ މުބާރާތްތަކުގައި ވިޔަފާރި އުސޫލުން ދީފައިވާ ނަންތައް ބޭނުން ނުކުރާތީ، މި ސްޓޭޑިއަމަށް ރަސްމީކޮށް ކިޔާނީ 'ބޮސްޓަން ސްޓޭޑިއަމް' އެވެ. ބޮސްޓަންގެ ވަރުގަދަ ކުޅިވަރު ސަގާފަތާއި ތާރީޚީ މުހިންމުކަމުގެ ސަބަބުން މި ސްޓޭޑިއަމަށް ގިނަ އަދަދެއްގެ ބައިނަލްއަގުވާމީ ސަޕޯޓަރުން ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ.
ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމް

އެމެރިކާގެ ނިއު ޖާޒީގެ އީސްޓް ރަދަފޯޑްގައި ހުންނަ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމް..
މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ނިއު ޖާޒީގައި ހުންނަ މެޓްލައިފް ސްޓޭޑިއަމްގައެވެ. ނަމަވެސް ފީފާގެ މުބާރާތްތަކުގައި ސްޕޮންސަރުންގެ ނަން ބޭނުންނުކުރާތީ، މި މުބާރާތުގައި މި ސްޓޭޑިއަމަށް ކިޔާނީ 'ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމް' އެވެ. މިއީ އެމެރިކާގެ އެންއެފްއެލްގައި ބޭނުންކުރާ އެންމެ ބޮޑު ސްޓޭޑިއަމް ކަމަށްވާއިރު، މީގެ ޖާގައަކީ ގާތްގަނޑަކަށް 82,500 އެވެ.
މި ސްޓޭޑިއަމްގައި ވޯލްޑް ކަޕްގެ ޖުމްލަ އަށް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ ފަސް މެޗާއި، ގަދަ 32 ގެ މެޗަކާއި، ގަދަ 16 ގެ މެޗެއްގެ އިތުރުން، 19 ޖުލައި 2026 ގައި ބާއްވާ ފޯރިގަދަ ފައިނަލް މެޗު ހިމެނެއެވެ. މިއީ ނިއު ޔޯކް ސަރަހައްދުގައި ވޯލްޑް ކަޕް ފައިނަލެއް ކުޅޭ ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޑިއަމްއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައިއެވެ. މީގެ ތެރޭގައި ކުރިން އޮތް އާޓިފިޝަލް ޓާފްގެ ބަދަލުގައި ފީފާ ގަބޫލުކުރާ ފެންވަރުގެ ގުދުރަތީ ވިނަ އިންދުމާއި، މީޑިއާ އަދި ވީއައިޕީ ފެސިލިޓީތައް ފުޅާކުރުން ހިމެނެއެވެ. މީގެ އިތުރުން ސަލާމަތީ ކަންކަމާއި ދަތުރުފަތުރުގެ ނިޒާމުވެސް އިތުރަށް ވަނީ ވަރުގަދަ ކޮށްފައެވެ.
2010 ވަނަ އަހަރު ހުޅުވި މި ސްޓޭޑިއަމަކީ މީގެ ކުރިންވެސް ބޮޑެތި ކުޅިވަރު ހަރަކާތްތަކާއި މިއުޒިކް ކޮންސަރޓްތައް ބާއްވާފައިވާ ތަނެކެވެ. އޭގެ ތެރޭގައި ސުޕަރ ބޯލް، ކޮޕާ އެމެރިކާ، އަދި ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޓޭލާ ސުވިފްޓް އަދި ބިޔޯންސޭ ފަދަ ފަންނާނުންގެ ޝޯތައް ހިމެނެއެވެ.