އާސެނަލްގެ ޕްރިމިއާ ލީގު ކާމިޔާބީ، މިއީ ޖީލުތަކަށް ދެމިގެންދާނެ ބޮޑު ފަހުރެއް

އިނގިރޭސި ޕްރިމިއާ ލީގުގެ ޓްރޮފީއާއެކު އާސެނަލް ކުޅުންތެރިން--

މި ކާމިޔާބީއަކީ 2003-2004 ވަނަ އަހަރުގެ ސީޒަނަށްފަހު އާސެނަލްއިން ލީގު ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން ކުޅުނު މި ޓީމު ވަނީ ފާއިތުވި ތިން ސީޒަނުގައި ލީގުގެ ދެވަނަ މަގާމު ހޯދުމަށްފަހު، މިއަހަރު ކާމިޔާބީގެ އެންމެ އުސްމިނަށް ވާސިލުވެފައެވެ. މިއީ ކެތްތެރިކަމާއި ބުރަ މަސައްކަތުން ނާކާމިޔާބީތައް ގިރާކޮށް، އައު ޖީލަކަށް އުންމީދު ގެނެސްދިން ތާރީޚީ މޮޅެކެވެ. މީގެ އިތުރުން ކުރިއަށް އޮތީ އެ ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އަމާޒުގައި ކުޅޭ ފައިނަލް މެޗެވެ.

  • މުޅި ސީޒަނުގައި 38 މެޗު ކުޅެ، 85 ޕޮއިންޓާއެކު އާސެނަލް ވަނީ ލީގުގެ އެއްވަނަ ހޯދާފައި.
  • މުޅި ލީގުގައިވެސް ބައިކޮޅަށް އެންމެ މަދު ގޯލު ވަން ޓީމަކީ އާސެނަލް ކަމުގައިވާއިރު، ވަދެފައިވަނީ އެންމެ 27 ގޯލު.
  • ގޯލްކީޕަރު ޑޭވިޑް ރާޔާ ވަނީ 19 މެޗުގައި ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފަހައްޓައި، ރަން އަންގި ހާސިލުކޮށްފައި.
  • ކޯނަރުތަކުން 18 ގޯލު ޖަހައިގެން ޕްރިމިއާ ލީގުގެ އައު ރެކޯޑެއް އެ ޓީމުން ވަނީ ގާއިމުކޮށްފައި.
  • ކުރިއަށް އޮތް ހަފުތާގައި އާސެނަލް ނުކުންނާނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް.

ވިލާތުގެ ފުޓްބޯޅައިގެ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުގެ ތަޚުތު 22 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އާސެނަލްއިން މިވަނީ އަލުން ކާމިޔާބުކޮށްފައެވެ.

މިއީ ހަމައެކަނި މުބާރާތެއްގެ ތަށި ހޯދުމެއް ނޫނެވެ. މިއީ ނުގުޑާފަދަ އަޒުމަކާއި، ކެތްތެރިކަމާއި، އަދި ބުރަ މަސައްކަތުން ނާކާމިޔާބީގެ އަނދިރި ހަނދާންތައް ފޮހެލައި، ކާމިޔާބީގެ އާ އުސްމިންތަކަކަށް ވާސިލްވެވޭނެކަން ސާބިތުކޮށްދިން އިބުރަތްތެރި އަދި އުންމީދީ ދަތުރެކެވެ.

ޕްރިމިއާ ލީގު ޓްރޮފީއާއެކު އާސެނަލްގެ ކުޅުންތެރިން--

މިއީ މުޅި ދުނިޔޭގެ އެކިކޮޅުތަކުގައި ތިބި އާސެނަލްގެ މިލިއަނުން ގުނާލެވޭ ސަޕޯޓަރުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުވާލި، އަދި ފުޓްބޯޅައިގެ ތާރީޚުގައި ރަންއަކުރުން ފަވާލެވޭނެ ފަދަ ޝަރަފުވެރި ރެއެކެވެ.

އާސެނަލްއިން އެންމެ ފަހުން ލީގު ތަށި އުފުލާލާފައިވަނީ 2003-2004 ގެ ސީޒަނުގައެވެ. އެއީ މަޝްހޫރު ކޯޗު އާސެން ވެންގާގެ އިރުޝާދުގެ ދަށުން، މުޅި ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ "އިންވިންސިބަލްސް" ގެ ނަމުން މަޝްހޫރުވި ރަން ޖީލެވެ.

2003-2004 ގެ ސީޒަނުގައި އާސެނަލް ހޯދި ޕްރިމިއާ ލީގު ޓްރޮފީ--

އޭގެ ފަހުން ވޭތުވެދިޔަ 22 އަހަރަކީ އާސެނަލްއަށް ބޮޑެތި ގޮންޖެހުންތަކާއި، ލީގު ތަށި ގެއްލުމުގެ ހިތްދަތިކަމާ ކުރިމަތިލާންޖެހުނު ދުވަސްތަކެކެވެ. ޚާއްޞަކޮށް ފާއިތުވި ތިން ސީޒަނުގައިވެސް ލީގުގެ ދެވަނައިގައި ނިންމާލަން ޖެހުމުން، ޓީމުގެ ނަފްސާނީ ވަރުގަދަކަމާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

ނަމަވެސް، ކުރީގެ ކެޕްޓަން އަދި މިހާރުގެ ޒުވާން ކޯޗު މިކޭލް އާޓެޓާގެ ބެލުމުގެ ދަށުން ޓީމު އަލުން ބިނާކޮށް، ކްލަބުގެ މުޅި ސަގާފަތް ބަދަލުކޮށްލީ ސަޕޯޓަރުންގެ އުންމީދުތަކުގައި އަލުން ދިރުން އުފައްދަމުންނެވެ.

މި ސީޒަނުގައި އާސެނަލްއިން ދެއްކި ތަފާސްހިސާބުތަކަށް ބަލާއިރު، އެ ޓީމުގެ ކާމިޔާބީގެ މައިގަނޑު އަސާސަކީ ޑިފެންސްލައިން ވަރުގަދަކަމެވެ.

މުޅި ސީޒަނުގައި ކުޅުނު 38 މެޗުން އެ ޓީމު ވަނީ 26 މެޗުން މޮޅުވެ، ހަތް މެޗުން އެއްވަރުވެ، އަދި ބަލިވެފައިވަނީ އެންމެ ފަސް މެޗުންނެވެ. ޖުމްލަ 85 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދިއިރު، އެ ޓީމުން ވަނީ 71 ގޯލު ޖަހައި، މުޅި ލީގުގައިވެސް އެންމެ މަދު ގޯލު ބައިކޮޅަށް ވަތް ޓީމުގެ ޝަރަފު ހޯދާފައެވެ. އެއީ އެންމެ 27 ގޯލެވެ.

މި ސީޒަނުގައި އާސެނަލް ހޯދި ޕްރިމިއާ ލީގު ޓްރޮފީ--

މީގެ އިތުރުން، ގޯލްކީޕަރު ޑޭވިޑް ރާޔާ ވަނީ 19 މެޗުގައި ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފަހައްޓައި، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ގޯލްޑަން ގްލޯވް ނުވަތަ އެންމެ މޮޅު ކީޕަރުގެ އެވޯޑް ހާސިލްކޮށްފައެވެ. އަދި ކޯނަރުތަކުން އެކަނިވެސް 18 ގޯލު ޖަހައި، ޕްރިމިއާ ލީގުގެ އައު ރެކޯޑެއް އާސެނަލްއިން ވަނީ ގާއިމްކޮށްފައެވެ.

މި ކާމިޔާބީއަކީ ކުރިއަށް އޮތް ޖީލުތަކަށް ދޫކޮށްލި ވަރަށް ވަރުގަދަ މެސެޖެކެވެ. މިއީ ކިތަންމެ ގިނަ ދުވަހެއް ފާއިތުވެ، ކިތަންމެ ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، ރޭވުންތެރިކަމާއެކު ކުރާ ބުރަ މަސައްކަތް ހުއްޓާނުލައިފިނަމަ ހުވަފެންތައް ހަގީގަތަކަށް ހެދިދާނެކަމުގެ ދިރިހުރި މިސާލެކެވެ.

އާސެނަލްގެ ކޯޗު އާޓެޓާ، އަދި އެ ކުލަބުގެ ކުރީގެ ދެ ކުޅުންތެރިން--

މާދަމާގެ ޒުވާން ކުޅުންތެރިންނާއި ސަޕޯޓަރުންނަށް އާސެނަލްގެ މި ދަތުރުން ދަސްކޮށްދެނީ، ވެއްޓޭ ކޮންމެ ފަހަރަކު ކުރިއަށްވުރެ ވަރުގަދަކޮށް ތެދުވުމުގެ މުހިންމުކަމެވެ. މާޓިން އޮޑެގާޑް، ބުކާޔޯ ސަކާ އަދި ޑެކްލަން ރައިސް ފަދަ ޒުވާން ތަރިންގެ މި ލެގަސީއަކީ އަންނާން އޮތް ޖީލުތަކަށް ފުޓްބޯޅައިގެ ރޫހާއި، ކެތްތެރިކަމުގެ ނަމޫނާއަށް ވެގެންދާނެއެވެ.

މި ހިސާބުން އާސެނަލްގެ ދަތުރު ނިމުނީއެއް ނޫނެވެ. މިއީ އާ ރަސްކަމެއްގެ ފެށުމެވެ. ކުރިއަށް އޮތް ހަފުތާގައި ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ޓީމުން ތައްޔާރުވަމުންދާއިރު، އާސެނަލްގެ އަމާޒަކީ އެ ކްލަބުގެ 140 އަހަރުވީ ދިގު ތާރީޚުގައި ދުވަހަކުވެސް ހާސިލްކުރެވިފައި ނުވާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކުރީ ސަފުގައި އެ ޓީމުގެ ނަން ދާއިމީގޮތެއްގައި ފަވާލުމެވެ.

comment ކޮމެންޓް