އުޟުޙިޔާގެ މޫސުމް އައިސް ބޯމަތިވީއެވެ. މުސްލިމުން ﷲގެ މަގުގައި ޤުރުބާންކުރަން ތައްޔާރުވަނީއެވެ. މިހާރަކަށް އައިސް ކުރެވޭ އެއް ސުވާލަކީ މަރުވެފައިވާ މީހުންގެ ނަމުގައި އުޟުހިއްޔާ ކަތިލެވިދާނެތޯ ބަލައި އޮޅުންފިލުވަން ކުރާ ސުވާލެވެ.
އައްޝައިޚް މުޙައްމަދު ބިން އުޘައިމީން رحمه الله ވިދާޅުވެފައި ވެއެވެ. "އުޟުޙިޔާގެ އާންމު ޙުކުމަކީ އެ ކަން ދިރިތިބީންގެ މައްޗަށް ޝަރުޢުވެގެން ވުމެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمއާއި އިތުރު އެކަލޭގެފާނުގެ މިތުރު ޞަޙާބީން އަޟްޙާ ޢީދު ދުވަހު ޤުރުބާންކުރެއްވީ އެބޭފުޅުންގެ އަމިއްލަ ނަންފުޅުގައެވެ. އަދި އެބޭބޭފުޅުންގެ ޢާއިލާތަކުގެ ނަމުގައެވެ. ބައެއް މީހުން ދެކޭހެން މަރުވެ ގޮސްފައިވާ މީހުންގެ މަތިން އެ މީހުންގެ ނަމުގައި އެކަނި ޤުރުބާން ކުރުން، މިއީ އެއްވެސް އަސްލެއް އޭގެ މައްޗަށް އޮތް ކަމެއް ނޫނެވެ."
މިއަދު އަޅުގަނޑުމެން މި އުޅޭ މުޖުތަމަޢިން ވަރަށް ގިނައިން ފެންނަ އެއް ކަމަކީ މައިންބަފައިން ދުނިޔެ ދޫކުރީމާ އެ މީހުންނަށް ކަންކަން ކޮށްދޭން އުޅޭތަނެވެ. އެ މީހުންނަށް ޓަކައި އެފަދަ ކަންކަން ނުކޮށްދޭށޭ ބުނަނީއެއް ނޫނެވެ. އެހެނަސް، ހިތާމަޔާ އެކު ބުނަން މި އުޅެނީ އެ މީހުން ދުނިޔޭގައި ތިބޭއިރު މިހައި ފޯރިލާފައި އެ މީހުންނަށް ޚަރަދުކޮށް އެ މީހުންނަށް ޚިދުމަތްތެރި ވާތަން ނުފެންނަ ވާހަކައެވެ.
ޙަޤީޤަތުގައި ވާންޖެހޭ ގޮތަކީ އެ މީހުން ދުނިޔޭގައި ތިބޭއިރު އެ މީހުންނަށް އޯގާތެރިވެ އަޅައިލަން ވީއެވެ. އެ މީހުންނަށް ޤުރުބާނީ ކަތިލެވޭ ވަރަށް ރުފިޔާ ވެސް ދޭންވީއެވެ. ކާންދޭން ވީއެވެ. އުނުއޮރިޔާން ނިވައިކުރާނެ ފޭރާމާއި ޒީނަތްތެރި ގަހަނާ ވެސް ހޯދައިދޭންވީއެވެ. މުނިއަވަސްފިލުވައިދޭންވީއެވެ. އެ މީހުންގެ ކައިރީ އިށީނދެ ވާހަކަ ދައްކަން ވީއެވެ. އެ މީހުންގެ ވާހަކަ އަޑުއަހަން ވަގުތު ދޭންވީއެވެ.
ކޮންމެއަކަސް ބުނަމެވެ. މަރުވެފައި ވާ މައިންބަފައިންނާއި މަރުވެފައި ވާ މީހުންގެ ނަމުގައި ކުރެވޭނެ ވަރަށް ގިނަ ކަންކަން ހުރެއެވެ. އޭގެ އެންމެ ފުރަތަމަ ވެސް އެންމެ އިސްވާނެ ކަމަކީ ދުޢާކުރުމެވެ. އަދި އެ މީހުންގެ ތިމާގެ މީހުންނަށް ހެޔޮކޮށް ހިތުމެވެ. ދެން އެ މީހުންގެ ރައްޓެހިންނަށް ހެޔޮކޮށް ހިތުމެވެ. އެ މީހުންގެ ނަމުގައި ޙައްޖުވުމާއި ޢުމްރާވުމެވެ. އަދި އެ މީހުންގެ ނަމުގައި ޞަދަޤާތްކުރުން ވެސް މެއެވެ.
އުޟުޙިޔާއަކީ ޞަދަޤާތެއް ކަމަށް ހީކުރާ މީހުން އެ ވަނީ ކުށްހީއެއްގެ ތެރޭގައެވެ. އިޟުޙިޔާއަކީ އޭގެ ޒާތުގައި ޞަދަޤާތެއް ކަމުގައި ނުބެލެވޭނެއެވެ. އެއީ މުސްތަޤިއްލު އަޅުކަމެކެވެ. އެއީ ﷲގެ ނަމުގައި ޤުރުބާންކުރުމެވެ. ލޭ އޮހޮރުވުމެވެ. އެ ކަން އަންގަވައި ﷲ ވަޙީކުރެއްވިއެވެ. ﴿قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ﴾ (الأنعام: ١٦٢) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ ޤުރުބާންކުރެއްވުމާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުން ވަނީ، ޢާލަމްތަކުގެ ވެރި ﷲއަށެވެ."
އުޟުޙިއްޔާ ކަތިލުމަށް ފަހު އޭގެ މަސް އެކީއެކަށް ޞަދަޤާތްކުރުމެއް ވެސް ނުވެއެވެ. އޭގެ މަސް ތިން ބައިކޮށް އެއްބައި އަމިއްލައަށް ކެއުމަކީ ސުންނަތެކެވެ. އެއްބައި ރައްޓެހިންނަށް ދީފައި، ޞަދަޤާތްކުރަން އޮތީ ދެން އޮންނަ ބައެވެ. އެހެންވީމާ ޞަދަޤާތްކުރުމުގެ އާންމު ޙުކުމުން އުޟުޙިޔާގެ އަޅުކަން ބޭރުވާނެއެވެ. މާނައަކީ ޞަދަޤާތުގެ ތެރޭ އުޟުޙިޔާ ނުހިމެނުނަސް، އުޟުޙިޔާގައި ޞަދަޤާތް ހިމެނެއެވެ.
މަރުވެފައިވާ މީހުންގެ ނަމުގައި އުޟުޙިއްޔާ ކަތިލުމަށް ތިން ޙުކުމެއް އޮވެއެވެ.
ފުރަތަމައީ؛ ދިރިތިބީން ކުރާ ޤުރުބާނީގައި މަރުވެފައި ތިބި މީހުން ވެސް ހިމެނުމެވެ. މިއީ ކޮންމެ މީހަކު ވެސް އަޟްޙާ ޢީދު ދުވަހު ކުރާ ޤުރުބާނީގައި އޭނާގެ މަރުވެފައިވާ މައިންބަފައިން ހިމެނުމަށް ނިޔަތްގަތުމެވެ. ނޫންނަމަ، އޭނާގެ މަރުވެފައިވާ މާމަކާފަ ހިމެނުމެވެ. އަދި އޭނާގެ މަރުވެފައިވާ އަނބިމީހާ ނުވަތަ ދަރީން ނުވަތަ ފިރިމީހާ ހިމެނުމެވެ. ނޫންނަމަ މަރުވެފައިވާ ގާތްތިމާގެ މީހާ ވިޔަސް ހިމަނާހިމެނުމެވެ. މިއީ ހުއްދަ ކަމެކެވެ. މިއީ އިތުރު މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވެސް ޢަމަލީ ގޮތުން ދައްކަވައިފައި އޮތް ނަމޫނާއެކެވެ. އެކަލޭގެފާނު ވަނީ ޚަދީޖަތުގެފާނު އަވަހާރަވީ ފަހުން އެކަލޭގެފާނު ކުރައްވާ ޤުރުބާނީގައި އެ ކަމަނާ ޝާމިލުކުރައްވައިފައެވެ.
ދެވަނައީ؛ މަރުވެފައިވާ މީހާ ބުނެފައިވާ ނަދުރެއް ފުއްދުމަށް ނުވަތަ ކޮށްފައި އޮތް ވަޞިއްޔަތެއް އަދާކުރުމަށް އޭނާގެ ނަމުގައި ޤުރުބާން ކުރުމެވެ. މިއީ ވާޖިބުވާނޭ ކަމެކެވެ. ޚާއްޞަކޮށް ވަޞިއްޔަތެވެ. ވާރުތަވެރިންނަށް ކުޅަދާނަކަން ކިރިޔާ ވެސް ލިބިގެން ވަންޏާ އޭނާގެ ވަޞިއްޔަތް ފުއްދައިދޭންވާނެއެވެ. ވަޞިއްޔަތް އަޑުއެހުމަށް ފަހު އެ ވަޞިއްޔަތް ބަދަލުކޮށްފި މީހާއާ ބެހޭ ގޮތުން ﷲ ވަނީ ކީރިތި ޤުރުއާނުގައި ބަސްފުޅު ވަޙީކުރައްވައިފައެވެ. ﴿فَمَن بَدَّلَهُ بَعْدَ مَا سَمِعَهُ فَإِنَّمَا إِثْمُهُ عَلَى الَّذِينَ يُبَدِّلُونَهُ إِنَّ اللهَ سَمِيعٌ عَلِيمٌ﴾ (البقرة: ١٨١) މާނައީ: "ފަހެ، އެ ވަޞިއްޔަތްއިވުމަށްފަހު، އެ ވަޞިއްޔަތްބަދަލުކުޅަ މީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެ ކަމުގެ ފާފަ އޮތީ، އެ ކަން ބަދަލުކުރާ މީހުންގެ މައްޗަށެވެ. ހަމަކަށަވަރުން، ﷲއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ތިންވަނައީ؛ މަރުވެފައި އޮތް މީހާގެ ނަމުގައި މުސްތަޤިއްލުކޮށް ވަކި ޤުރުބާނީއެއް ކުރުމެވެ. ހަންބަލީ މަޒުހަބުގައި މިއީ ހުއްދަ ކަމެކެވެ. އަދި ޞަދަޤާތުގެ އާންމު ޙުކުމަށް ބަލައި އޭގެ އަޖުރު އެ މީހަކަށް ފޯރާނެ ކަމަށް ވެސް އެބޭފުޅުން ދެކިލައްވައެވެ. އެހެނަސް، މިއީ އުޟުޙިޔާގެ އަދަބުތަކާއި ސުންނަތުގެ ތެރޭ ހިމެނޭ ކަމެއް ނޫންކަން ދަންނަން ވާނެވެ.
އުޟުޙިޔާގެ ސުންނަތަކީ ނަބީކަލޭގެފާނު އަރިހުން އެ ކަން ބަޔާންވެގެން އައިސްފައި އޮތް ގޮތެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީބޭކަލުން އެ ކަން ކުރެއްވި މަގެވެ. މި ކަމަކީ ރަނގަޅު ކަމެއް ނަމަ އެބޭބޭފުޅުން ކުރެއްވީހެވެ. އަދި މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވެސް އެ ކަން އެ ގޮތަށް ކުރެއްވީސްކަން ކަށަވަރެވެ. އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ހަމްޒަތުގެފާނުގެ ނަމުގައި ޤުރުބާން ނުކުރައްވައެވެ. އެކަލޭގެފާނުގެ ލޯބިވާ ދަރިދަރިކަލުން ތުއްޕުޅުއިރު ދުނިޔެދޫކޮށްފައި ވީއިރު ވެސް އެ ކުދިންގެ ނަންނަމުގައި ޤުރުބާންކޮށްފައެއް ނުވެއެވެ. އަދި ހަމައެހެންމެ ޚަދީޖަތުގެފާނުގެ ނަންފުޅުގައި ވެސް ޚާއްޞަކޮށްގެން އެއްވެސް އުޟުޙިއްޔާއެއް ޤުރުބާންކޮށްފައެއް ނުވެއެވެ.
އެކަލޭގެފާނަށްފަހު އެކަލޭގެފާނުގެ މިތުރު ޞަޙާބީއަކު ވެސް މަރުވެފައި އޮތް މީހެއްގެ ނަމުގައި އެކަނި އުޟުޙިއްޔާ ޤުރުބާންކޮށްފައި ވާތީ ފެންނާކަށް ނެތެވެ. ބައެއް މީހުން މި ޒަމާނުގައި މި ކަން މި ގޮތަށް ކުރާ ކަމީ ހިތާމަ ހުރި ކަމެކެވެ.
ބައެއް މީހުން އެ މީހުންގެ މަރުވެފައިވާ މައިންބަފައިން ދުނިޔެ ދޫކުރާފަހުން އަންނަ ފުރަތަމަ ބޮޑު ޢީދުގައި އެ މީހުންގެ ނަމުގައި ޤުރުބާން ކުރުން އެއީ ވަރަށް މަތިވެރި ކަމެއްގެ ގޮތުގައި ދެކިގެން އެ ކަން ކޮށްއުޅޭ ކަމުގެ ޚަބަރު ވެސް އެބަ ލިބެއެވެ. މި ހުންނަނީ މީހުންނަށް ނޭނގިތިބެ ދީނުގެ ތެރެއަށް އަލަށް ވެއްދޭ ކަންކަމެވެ. މިއީ ދުރު މުސްތަޤުބަލުގައި ބަޔަކު ބިދުޢަވެރިވެ މަގުފުރެދިގެން ދިޔުމަށް ދޮރުހުޅުވޭ ގޮތްގޮތެވެ. މިފަދަ ކަންކަމާ ދުރުހެލިވާށެވެ!