ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހޮޅައަކަށް ގެއްލުނު ހަތަރު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންގެ ޓީމުން މަސައްކަތުގައި ދެއްކި ހިތްވަރަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު 'ސާބަސް' ދެއްވައިފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި ފަސް ފަތުރުވެރިންނާއި އެ މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފްގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ މަރުވެފައެވެ.
އިޓަލީއަށް ނިސްބަތްވާ އެ ފަތުރުވެރިންގެ ހަށިގަނޑުތައް މިހާރު ވަނީ އެ ގައުމަށް ގެންގޮސްފައެވެ. އެ ގައުމުން ވަނީ، ފަތުރުވެރިން މަރުވާން ދިމާވި ސަބަބު ހޯދުމަށް ޖިނާއީ ތަހުގީގެއް ހިންގަން ފަށައިފައެވެ.
އެންމެ ފުރަތަމަ އެ އޮޕަރޭޝަން ހިންގަމުން އައީ، ފުލުހުންނާއި ސިފައިން ގުޅިގެންނެވެ. އެކަމަކު، ފުރަތަމަ ޑައިވަށް ފަހުގައި، މަހުދީގެ މަރާއެކު، އޮޕަރޭޝަން މެދުކަނޑާލިއެވެ. އެއަށް ފަހު، އަލުން އޮޕަރޭޝަން ފަށައި، ނިންމާލީ ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ އެހީތެރިކަމާއެކީގައެވެ.
ހޯމް މިނިސްޓަރު އިހުސާނާއި ސީޕީ ވަނީ، އެ އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންގެ ޓީމާ އިއްޔެ ބައްދަލުކުރައްވާފައެވެ.

ޑައިވަރުން ހޯދި އޮޕަރޭޝަންގައި ބައިވެރިވި ޓީމާ މިނިސްޓަރު އިހުސާނާއި ސީޕީ ބައްދަލުކުރެއްވުން ---- ފޮޓޯ/ ފުލުހުން
ސީޕީގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާނާއި ސީޕީގެ ވާހަކަފުޅުގައި ވަނީ، ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، މަސައްކަތުގައި ދެއްކި ހިތްވަރަށް ސާބަސް ދެއްވާފައެވެ. އަދި، އާންމު ރައްޔިތުންނަށް ޚިދުމަތްކުރުމާއި ފުލުހުންގެ ގާނޫނީ ވާޖިބުއަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް އެ ބައްދަލުވުމުގައި ފުލުހުންނަށް ދެ ބޭފުޅުން ވަނީ އިރުޝާދު ދެއްވާފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ ޖެނޯއާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯނޭއާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލްގެ އިތުރުން ރިސާޗަރު މިއުރިއެލް އޮޑެނީނޯ، ރިސާޗް އެސިސްޓެންޓް ފެޑެރީކޯ ގުއަލްޓިއޭރީ އަދި އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެއްޓީއެވެ.
އެ މީހުން އަމިއްލަ އިޚުތިޔާރުގައި ހޮހަޅައިގެ އެތެރެއަށް ވަދެ، ނުކުންނަން އުޅުމުގެ ތެރޭގައި މަގު އޮޅިގެން ބަންދުވެފައިވާ ދިމާލަކަށް ދެވުމުން ތާށިވީ ކަމަށް ރެސްކިއު ޓީމުން ލަފާކުރެއެވެ.
ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ ވިދާޅުވި ގޮތުގައި، ހޮހަޅައިގެ އެތެރޭގައި އޮތް ވެލިގަނޑެއްގެ ސަބަބުން ފެނުމަށް އޮޅުންތަކެއް އަރައި، ނުކުންނަން އޮތް މަގު ކަމަށް ހީކޮށް ޑައިވަރުންނަށް ވަދެވުނީ ބަންދުވެފައިވާ މަގަކަށެވެ. ހަތަރު ޑައިވަރެއްގެ ހަށިގަނޑު ފެނިފައިވަނީ އެއްތަނަކުން ކަމަށްވުމުން، އެންމެންނަށް ވެސް މަގު އޮޅުނީ ކަމަށް ބެލެވެއެވެ. ނަމަވެސް، ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ ފުރަތަމަ ބައިންނެވެ.
އިޓަލީގެ ނޫސްތައް ބުނާ ގޮތުން، އެ މީހުންގެ އޮޓޮޕްސީ ހެދުމަށް ވަނީ ނިންމާފައެވެ. އަދި، މަރުވި ޑައިވަރުންގެ މޯބައިލް ފޯނުތަކާއި އެ ނޫން ވެސް އިލެކްޓްރޯނިކް ސާމާނުތައް އިޓަލީގެ ޖެނޯއާ ފްލައިން ސްކޮޑުން ވަނީ ތަހުގީގަށް ނަގާފައި ކަމަށް އެ ގައުމުގެ ނޫސްތައް ބުނެއެވެ.