ނަޝީދުގެ ތުހުމަތު ދޮގުކޮށް ތަރުޖަމާން: ރައީސް ސިންގަޕޫރަށް ވަޑަައިގަތީ އާއިލާއާއެކު ޗުއްޓީއަށް

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަކީ އާއިލީ ޗުއްޓީއެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މިކަން ހާމަކުރެއްވީ، ރައީސް ސިންގަޕޫރަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމާ ބައްދަލުކުރެއްވުމަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ތުހުމަތުތައް ދޮގުކުރައްވަމުންނެވެ. ސަރުކާރުން ވަނީ މި ދަތުރުފުޅުގައި އެއްވެސް ސިޔާސީ މަޤުޞަދެއް ނުވާކަން ކަށަވަރުކޮށްދެއްވާފައެވެ.

  • ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގަތީ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށެވެ.
  • ރައީސް ވަޑައިގަތީ ނާޒިމާ ބައްދަލުކުރައްވަން ކަމަށް ނަޝީދު ކުރެއްވި ތުހުމަތު ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.
  • ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ނާޒިމް މަސައްކަތްކުރައްވާ ކަމަށް ނަޝީދު ތުހުމަތުކުރެއްވިއެވެ.
  • ނާޒިމް މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނެ، އޭނާ މަގާމުން ވަކިކުރުމަށް 73 މެންބަރުންގެ ސޮޔާއެކު ގަރާރެއް ވަނީ ހުށަހަޅާފައެވެ.
  • ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނާޒިމް ވަކިކުރަން ނިންމީ އޭނާ އިސްތިއުފާ ދެއްވަން ދެކޮޅު ހެއްދެވުމުންނެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ވަޑައިގަތީ އާއިލާއާއެކު ޗުއްޓީއަށް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތުހުމަތު ދޮގުކުރައްވައިފިއެވެ.

ނަޝީދު ވަނީ ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމާ ބައްދަލުކުރެއްވުމަށް ކަމަށް ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ނާޒިމް، އެމަނިކުފާނާ ވާހަކަދައްކަފާނެ ކަމަށް ނުބެއްލެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

https://sun.mv/222498

އެކަމާ ގުޅިގެން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) 'ސަން' އަށް ވިދާޅުވީ އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަތީ އާއިލާއާއެކު ޗުއްޓީއަށް ކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު، މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން ޕީއެންސީގެ މެންބަރުން މަސައްކަތްކުރަނީ، ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރައްވައި، ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅުއްވާތީ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް --- ފޮޓޯ: މަޖިލިސް

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމީ މިމަހުގެ 13ވާ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އެކަމަކު، ކުއްލި ގޮތަކަށް ނާޒިމަށް އޮތް އިތުބާރު ގެއްލުނު ސަބަބު އަދިވެސް ހާމައެއް ނުކުރެއެވެ.

ޕީއެންސީގެ އިސް މެންބަރަކު މީގެ ކުރިން ވިދާޅުވި ގޮތުގައި ނާޒިމަށް ވަނީ އިސްތިއުފާ ދޭން އަންގާފައެވެ. އެކަމަކު، އޭނާ އެ ކަމަށް ދެކޮޅު ހެއްދެވީއެވެ. ނާޒިމް ވަކިކުރަން ނިންމީ އެހެންވެއެވެ.

ހަތްދިހަ ތިން މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕީއެންސީން ހުށަހެޅި ގަރާރުގައި ވަނީ ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރަން ނާޒިމަކީ ހުރަހަކަށް ވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

comment ކޮމެންޓް