އައިއޯއެސް 27ގައި ގޫގުލް ކާސްޓް ފަދަ ތާޑް ޕާޓީ ޚިދުމަތްތަކަށް ފުރުސަތު ދެނީ

މި ބަދަލަކީ އީޔޫގެ ޑިޖިޓަލް މާކެޓްސް އެކްޓް ޑީއެމްއޭގެ ގަވާއިދާ އެއްގޮތަށް ގެންނަން ނިންމާފައިވާ ބަދަލެއް ---

އެޕަލް ކުންފުނިން އެ ކުންފުނީގެ އޮޕަރޭޓިންގް ސިސްޓަމްގެ އައު ވާޝަން ކަމަށްވާ އައިއޯއެސް 27 ގައި، އެޕަލްގެ އަމިއްލަ އެއާޕްލޭގެ އިތުރުން ގޫގުލް ކާސްޓް ފަދަ ތިންވަނަ ފަރާތްތަކުގެ ސްޓްރީމިންގް ޚިދުމަތްތަކަށް ޖާގަދޭން ނިންމާފައިވާކަން ރިޕޯޓުތަކުން ހާމަވެއްޖެއެވެ. މި ބަދަލަކީ ވިލާތުގެ އިއްތިހާދުގެ ޑިޖިޓަލް މާކެޓްސް އެކްޓުގެ ދަށުން ގެންނަން މަޖުބޫރުވެފައިވާ ބަދަލަކަށްވާއިރު، މިއީ ހަމައެކަނި ޔޫރަޕަށް ޚާއްސަ ބަދަލެއްކަން ނުވަތަ މުޅި ދުނިޔެއަށް ލިބޭނެ ފީޗާއެއްކަން އަދި ކަށަވަރެއް ނުވެއެވެ. މީގެ އިތުރުން، އައިއޯއެސް 27 ގައި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ފޯރުކޮށްދޭ ގިނަ ފީޗާތަކެއް ހިމެނޭނެއެވެ. އޭގެ ތެރޭގައި އައު ސިރީ، ރީޑިޒައިންކޮށްފައިވާ ޝޯޓްކަޓްސް އެޕްލިކޭޝަން، ލިޔުންތައް ރަނގަޅުކުރުމަށް އެހީވެދޭ ވަސީލަތްތައް އަދި އޭއައި މެދުވެރިކޮށް ވޯލްޕޭޕަރު އުފައްދާ ވަސީލަތްތައް ހިމެނެއެވެ. އަންނަ ޖޫން މަހު ބާއްވާ ޑަބްލިއުޑަބްލިއުޑީސީ 2026 ކޮންފަރެންސްގައި މި އޮޕަރޭޓިންގް ސިސްޓަމް ދައްކާލުމަށްފަހު، އާންމުންނަށް ރަސްމީކޮށް ދޫކުރާނީ އަހަރުގެ ތިންވަނަ ކުއާޓަރުގައެވެ.

  • އައިފޯނުން އެހެން އާލާތްތަކަށް ސްޓްރީމްކުރުމަށް ގޫގުލް ކާސްޓް ފަދަ ޚިދުމަތްތައް ޑިފޯލްޓްކޮށް ބޭނުންކުރެވޭނެއެވެ.
  • މިއީ ވިލާތުގެ އިއްތިހާދުގެ ޑިޖިޓަލް މާކެޓްސް އެކްޓާ ގުޅިގެން ގެންނަން ނިންމާފައިވާ މުހިންމު ބަދަލެކެވެ.
  • އެއާޕޮޑްސް ސެޓިންގްސް، ޖެންމޯޖީ އަދި އިމޭޖް ޕްލޭގްރައުންޑަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
  • އައިއޯއެސް 27 ރަސްމީކޮށް ދައްކާލާނީ ޖޫން މަހު އޮންނަ ޑަބްލިއުޑަބްލިއުޑީސީ 2026 ގައެވެ.

އެޕަލްގެ އައިފޯންތަކުގައި ބޭނުންކުރާ އޮޕަރޭޓިންގް ސިސްޓަމްގެ އާ ވާޝަން "އައިއޯއެސް 27" އާއެކު، އެޕަލްގެ އަމިއްލަ އެއާޕްލޭ ނޫން އެހެން ސްޓްރީމިން ޕްރޮޓޮކޯލްތަކަށް ފުރުސަތު ދިނުމަށް އެޕަލް އިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބްލޫމްބާގްގެ މާކް ގާމަންގެ ރިޕޯޓާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، މި ބަދަލުގެ ސަބަބުން އައިފޯނުން ޓީވީ ނުވަތަ ސްޕީކަރުތަކަށް ފޮޓޯ، ވީޑިއޯ އަދި އޯޑިއޯ ސްޓްރީމް ކުރުމަށް ގޫގުލް ކާސްޓް ފަދަ ތިންވަނަ ފަރާތްތަކުގެ ޚިދުމަތްތައް ޑިފޯލްޓްކޮށް ސެޓްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

https://sun.mv/222465

މި ބަދަލަކީ ވިލާތުގެ އިއްތިހާދު (އީޔޫ) ގެ ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) ގެ ގަވާއިދުތަކަށް ފެތުމުގެ ގޮތުން އެޕަލް އިން ގެންނަން ނިންމާފައިވާ ބަދަލެކެވެ. ނަމަވެސް، މި ފީޗާ ދުނިޔޭގެ އެހެން ގައުމުތަކަށް ލިބޭނެކަމެއް ނުވަތަ ހަމައެކަނި ޔޫރަޕްގެ ގައުމުތަކަށް އެކަނި ޚާއްސަވާނެ ކަމެއް އަދި ސާފެއް ނުވެއެވެ. މީގެ ކުރިންވެސް އީޔޫގެ ގަވާއިދުތަކާ ހެދި އެޕަލް އިން ވަނީ އެޕް ސްޓޯރަށް އެމިއުލޭޓަރުތައް ހުއްދަކުރުން ފަދަ ބައެއް ބަދަލުތައް ގެނެސްފައެވެ.

އައިއޯއެސް 27 އާއެކު އިތުރު ބަދަލުތަކެއްވެސް އަންނާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި އެއާޕޮޑްސްގެ ސެޓިންގްސް އިންޓަފޭސް ރީޑިޒައިން ކުރުމާއި، ޖެންމޯޖީ އަދި އިމޭޖް ޕްލޭގްރައުންޑް އަށް ބޮޑެތި އަޕްގްރޭޑްތަކެއް އައުން ހިމެނެއެވެ.

މީގެ އިތުރުން އާ ސިރީ، ރީޑިޒައިން ކުރެވިފައިވާ ޝޯޓްކަޓްސް އެޕް، އޭއައި ބޭނުންކޮށްގެން ވޯލްޕޭޕަރު އުފައްދާ ޓޫލެއް އަދި ރަނގަޅު ކުރެވިފައިވާ ރައިޓިންގް ޓޫލްސްތައް މި ވާޝަންގައި ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެޕަލްގެ އައިއޯއެސް 27 ގެ ފުރަތަމަ ދައްކާލުން އޮންނާނީ އަންނަ ޖޫން މަހުގެ 8 އިން 12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެޕަލްގެ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ 2026) ގައެވެ.

އާންމުކޮށް އެޕަލް އިން އޮޕަރޭޓިން ސިސްޓަމްތައް ނެރޭ ތާވަލަށް ބަލާއިރު، މި އާ އަޕްޑޭޓް އާންމުންނާ ހަމައަށް ލިބޭނީ 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައެވެ.

comment ކޮމެންޓް