މަޝްހޫރު އޯޑިއޯ ސްޓްރީމިންގް ޕްލެޓްފޯމް، ސްޕޮޓިފައިއިން އެ އެޕްލިކޭޝަނަށް އާ ފީޗާއެއް ތައާރަފުކޮށް، ދިގު މަޖައްލާ މަޒުމޫނުތައް އަޑުން، އަޑުއަހާލެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މި އާ ޚިދުމަތް މިހާރު ވަނީ ސްޕޮޓިފައިގެ އޯޑިއޯބުކްސް ލިބެން ހުންނަ 22 މާކެޓެއްގައި ދޫކުރަން ފަށާފައެވެ.
ސްޕޮޓިފައިއިން ހާމަކުރި ގޮތުގައި، ސްޕޮޓިފައި ޕްރީމިއަމް ސަބްސްކްރައިބަރުންނަށް އެއްވެސް އިތުރު އަގަކާ ނުލައި، އެ މީހުންގެ މަހު އޯޑިއޯބުކް އެލަވަންސްގެ ތެރެއިން މި މަޒުމޫނުތައް އަޑުއެހޭނެއެވެ. ނަމަވެސް، ހިލޭ މި ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުން ކޮންމެ މަޒުމޫނެއް ވަކިން ގަންނަން ޖެހޭނީ 1.99 އެމެރިކާ ޑޮލަރަށެވެ.
މި ފީޗާގެ ދަށުން ލިބެން ހުންނަ ކޮންމެ މަޒުމޫނެއްގެ ދިގުމިންވެސް ދެ ގަޑިއިރަށްވުރެ ކުރުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިވަގުތު މި ލައިބްރަރީގައި ރޯލިންގް ސްޓޯން، ވޯގް، ވަޔާޑް، އަދި ޖީކިއު ފަދަ މަގުބޫލު މަޖައްލާތަކުން 650 އަށްވުރެ ގިނަ ދިގު މަޒުމޫނު ހިމަނާފައިވާއިރު، މި ހުރިހާ މަޒުމޫނެއްވެސް މިހާރު ހުރީ އިނގިރޭސި ބަހުންނެވެ.
ސްޕޮޓިފައިއިން ގަބޫލުކުރާ ގޮތުގައި މި އާ ޚިދުމަތަކީ ޕޮޑްކާސްޓް އަޑުއަހާ މީހުން އޯޑިއޯބުކް ފަދަ ދިގު އޯޑިއޯ މީޑިއާތަކަށް އަހުލުވެރިކުރުވުމަށް އެޅޭ މުހިންމު ފާލަމެކެވެ.
މީގެ އިތުރުން، މިއީ ކުންފުނިން މިހާރު ގެންގުޅޭ މިއުޒިކް، ޕޮޑްކާސްޓް އަދި އޯޑިއޯބުކްސްގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށްދޭނެ، އަދި ކަސްޓަމަރުން ގަޔާވާނެ ފަދަ މައުލޫމާތުތަކެއް ފަސޭހައިން ލިބިގެންދާނެ ފީޗާއެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ސްޕޮޓިފައިއަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރަމުންދާ، އޯޑިއޯ ސްޓްރީމް ކުރުމުގެ އެންމެ މަގުބޫލު އެއް ޕްލެޓްފޯމެވެ. މި ކުންފުނިން ގެންދަނީ ކަސްޓަމަރުން ޝައުގުވެރިވާނެ ފަދަ އާ ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމަށްޓަކައި އެޕްލިކޭޝަނަށް ބޮޑެތި ބަދަލުތަކެއް ތައާރަފުކުރަމުންނެވެ.
ކުންފުނީގެ އަމާޒަކީ ހަމައެކަނި ލަވަ އަޑުއަހާލަން ބޭނުންކުރާ އެޕެއްގެ ބަދަލުގައި، މައުލޫމާތާއި މުނިފޫހިފިލުވުމުގެ ހުރިހާ އޯޑިއޯއެއް އެއްތަނަކުން ލިބޭނެ ފުރިހަމަ ހަބަކަށް ސްޕޮޓިފައި ބަދަލުކުރުމެވެ.