ނިމުނު ހަފުތާގައި ސްކޭމުގެ މައްސަލަތަކުގައި ފަސް ލައްކަ ރުފިޔާ ގެއްލިފައިވާކަމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.
ފުލުުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ ނިމިދިޔަ ހަފުތާގައި އެ ސެންޓަރަށް ރިޕޯޓުކޮށްފައިވާ ސްކޭމްގެ މައްސަލަތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އެގޮތުން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އެ ސެންޓަރަށް 29 މައްސަލައެއް ހުށަހަޅާފައިވާއިރު އެ މައްސަލަތަކުގައި ޖުމްލަ 598,467 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެ ފައިސާގެ ތެރެއިން 255،710 ރުފިޔާ ހޯދިފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެ ސެންޓަރުން މައުލޫމާތު ދިންގޮތުގައި ނިމުނު ހަފުތާގައި އެ ސެންޓަރަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 15 މައްސަލައެއް ހުށަހަޅައިފައިވާއިރު ފައިސާ މާރުކުރުމުގެ ހަ މައްސަލައެއް ހުށަހަޅައިފައިވެއެވެ. އަދި ޝަޚުސު އޮޅުވާލުމުގެ ދެ މައްސަލައަކާއި ފިޝިން، ވިޝިން އަދި ޖޮބްސްކޭމްގެ ފަސް މައްސަލައެއްގެ އިތުރުން އެހެނިހެން މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.
އެ ސެންޓަރުން ބުނިގޮތުގައި ސްކޭމަރުން ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ އުކުޅުތަކުގެތެރޭގައި އޮންލައިން މެސެޖިން މަންސަތަކާއި އައިބޭއާއި ފިޝިން ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސް ހިމެނެއެވެ.
ފުލުހުން ވަނީ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ވެސް އާންމުންނާ ހިއްސާކޮށްފައެވެ. އެގޮތުން، ވިޔަފާރި އެކައުންޓަކާ މުއާމަލާތު ކުރާއިރު އެއީ ރަޖިސްޓްރީކޮށްފައިވާ ސައްހަ ވިޔަފާރިއެއްތޯއާއި ވިއްކާ މުދަލާ ގުޅޭ ވިޔަފާރިއެއްތޯ ކަށަވަރުކޮށް، ވިޔަފާރީގެ ނަންބަރު ކަށަވަރުކުމަށް ފުލުހުން ވަނީ އިރުޝާދުދީފައެވެ.
ފައިސާ ފޮނުވުމުގެ ކުރިން އެ ފަރާތެއްގެ ރަސްމީ ނަމްބަރަށް ގުޅައި ޔަގީންކުރުމަށާއި ޑޮލަރު މާރުކުރުމުގައި ލައިސެންސް އޮތް ތަނެއް ނަމަވެސް ވައިބާ ނުވަތަ ވަޓްސްއެޕް ނަމްބަރުގެ ސައްހަކަން ކަށަވަރުކުރުމަށް، ރަސްމީ ނަމްބަރަށް ގުޅައި ނުވަތަ ގޫގުލް މެދުވެރިކޮށް ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ޝައްކުކުރެވޭ ލިންކުތަކަށް ނުފިއްތުމަށާއި އޯޓީޕީ ޝެއާނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.