އީރާނާ ގުޅިގެން ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ނަގައިފިނަމަ އޮމާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ރިޕޯޓަރަކު ވަނީ ދުނިޔޭގެ ބާޒާރަށް ގެންނަ ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލާ ހުރްމުޒް ކަނޑުއޮޅި އީރާނާއި އޮމާނުން ބެލެހެއްޓުމުގެ އެއްބަސްވުމެއް ގަބޫފުޅު ކުރައްވާނަންތޯ ޓްރަމްޕާ ސުވާލުކޮށްފައެވެ.
"އޮމާން ވެސް ކަންތައް ކުރާނީ އެހެން އެންމެން ފަދައިން. ނޫނީ އަހަރެމެން ޖެހޭނީ އެމީހުން ގޮއްވާލަން. އެމީހުންނަށް އެކަން ވިސްނޭ. އެމީހުން ރަނގަޅުވާނެ," ވައިޓް ހައުސްގައި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
އެއްވެސް ކޮޅަކަށް ނުޖެހި އޮންނަ ގައުމެއްގެ ގޮތުގައި ފާހަގަވެފައިވާ އޮމާނުން އީރާނާ ގުޅިގެން ހުރްމުޒް ކޮންޓްރޯލް ކުރަން ބޭނުންވާ ކަމަށް ބުނެފައެއް ނުވެއެވެ. އެމެރިކާ އާއި އޮމާން އަކީ 200 އަހަރަށް ވުރެ ދިގު މުއްދަތުގެ ގުޅުމެއް އޮންނަ ގާތް އެކުވެރި ދެ ގައުމެވެ.
ދެ ގައުމުގެ މެދުގައި އެއްބާރުލުން ދިނުމުގެ އެތައް މުއާހަދާތަކެއް ވެފަވާއިރު، އޭގެ ތެރޭގައި ސެކިއުރިޓީ ޕާޓްނަޝިޕްތަކާއި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާއި ސައިންސާއި ޓެކްނޮލޮޖީގެ އެއްބަސްވުމެއް ހިމެނެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދިނުމުން ފެބްރުއަރީ 28 ވަނަ ދުވަހު ފެށި ހަނގުރާމައަށް ހައްލެއް ހޯދުމަށް އޮމާނުން މީގެ ކުރިން އެމެރިކާއާއި އީރާނާއި ދެމެދު މުހިއްމު މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވިއެވެ.
އީރާނާއި އެމެރިކާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތަކުގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މަޝްވަރާތަކާމެދު ހިތް ހަމަނުޖެހޭ ކަމަށާއި ނަމަވެސް ރަނގަޅުވާނެ ކަމަށެވެ. އަދި އީރާނުން ދޭންޖެހޭ އެއްޗެހި ދޭން ފަށާފައިވާ ކަަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާ ދިނުމާ ގުޅިގެން ސަރަހައްދުގައި ހަމަނުޖެހުން އުފެދިފައިވާއިރު، ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އީރާނުގެ ބަނދަރުތަކަށް ކަނޑުއޮޅި މެދުވެރިކޮށް ދާ އުޅަނދުތަކަށް އެމެރިކާއިންވެސް އަންނަނީ ހުރަސް އަޅަމުންނެެވެ.
އޭޕްރީލް 8 ވަނަ ދުވަހުން ފެށިގެން ހަމަލާތައް މެދުކަނޑާލާފައި އޮތް ނަމަވެސް ހަނގުރާމަ ނިންމުމުގެ ދާއިމީ އެއްބަސްވުމަކަށް އަދިވެސް އާދެވިފައެއްނުވެއެވެ.