މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމާ މެދު ބާއްވާ ޖަލްސާ އާދިއްތައިގައި

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: މަޖިލީހުގެ ނައިބު ރައީސްކަމުން އޭނާ ވަކިކުރުމާ މެދު ބާއްވާ ޖަލްސާ އާދިއްތައިގައި ބާއްވަން ވަނީ އެޖެންޑާކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ޕީއެންސީގެ 72 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ ގަރާރާ މެދު ގޮތެއް ނިންމުމަށް އަންނަ އާދިއްތަ ދުވަހު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. ގާނޫނުއަސާސީގައި ބަޔާންކުރާ 14 ދުވަހުގެ ނޯޓިސް ހަމަވުމުން، މި މައްސަލަ ނިންމުމަށްޓަކައި މަޖިލީހުގެ ދައުރު ވަނީ މި މަހުގެ ނިޔަލަށް ދަންމާލައިފައެވެ. ނާޒިމްގެ މައްޗަށް ތުހުމަތުކުރަނީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ފިތުނަ އުފެއްދުމާއި މަޖިލީހުގެ މަސްލަހަތު ނަގާލުމަށެވެ. ޕީއެންސީން އޭނާއަށް އިސްތިއުފާދޭން އެންގުމުން އެކަމަށް އިންކާރުކުރެއްވުމާ ގުޅިގެން މި ގަރާރު ހުށަހެޅީއެވެ.

  • ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ނާޒިމް ވަކިކުރަން ނިންމައި، 72 މެންބަރުންގެ ސޮޔާއެކު ގަރާރު ހުށަހެޅީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
  • ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސްކުރުމަށް 50 މިނެޓު އަދި އޭނާ ޖަވާބުދާރީވުމަށް 10 މިނެޓު ދިނުމަށް އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
  • ގަރާރުގައި ނާޒިމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވީ ނަމަވެސް، އެކަންކަމުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
  • ކުރީގެ ރައީސް ނަޝީދު ތުހުމަތުކުރައްވާ ގޮތުގައި މިއީ ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅުމާ ގުޅިގެން ހިނގާ ކަމެކެވެ.
  • ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ ނާޒިމާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއްކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.
  • އާދިއްތަ ދުވަހު ބާއްވާ ޖަލްސާއިން ނާޒިމް މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމާނެއެވެ.
  • ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތުމުން، މި ގަރާރު ފާސްވުމުގެ ފުރުސަތު ބޮޑެވެ.
  • މި މައްސަލައިގެ ސަބަބުން ސިޔާސީ މަސްރަހުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން ހާމަވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މަގާމުން ވަކިކުރަން ހުށަހަޅައިފައިވާ މައްސަލައިގައި ގޮތް ނިންމަން ބާއްވާ ޖަލްސާ އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ މި މަހުގެ 13ވަނަ ދުވަހު އެ ޕާޓީން ބޭއްވި ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ. އެކަމަކު، ކުއްލި ގޮތަކަށް ނާޒިމަށް އޮތް އިތުބާރު ގެއްލުނީ ކީއްވެ ކަމެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.

އެއަށްފަހު، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ 72 މެންބަރުން ސޮއިކޮށް މި މަހުގެ 14ގައި ވަނީ، ނާޒިމް ވަކިކުރަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ.

https://sun.mv/221969

ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެއެވެ. އަދި މަޖިލީހުގެ ގަވައިދުގައި އޮންނަނީ އެފަދަ މައްސަލައެއްގައި 14 ދުވަހުގެ ނޯޓިސް ހަމަވުމުން، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި ޖަލްސާ ބާއްވަން ވާނެ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގައި ނާޒިމް: ނާޒިމް ވަކިކުރަން ހުށަހެޅި ގަރާރުގައި އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވޭ -- ފޮޓޯ/ މަޖިލިސް

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ނާޒިމްގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅައިފައިވާ ގަރާރާ ގުޅޭ ގޮތުން ގޮތް ނިންމުމަށް އަންނަ އާދިއްތަ ދުވަހު ޖަލްސާ ބާއްވާނެކަން މެންބަރުންނަށް ވަނީ އަންގައިފައެވެ.

ނާޒިމްގެ އިތުބާރު ނެތް ކަމުގެ ގަރާރަށް މެންބަރުން ބަހުސްކުރަން 50 މިނެޓުދީ، ނާޒިމް ޖަވާބުދާރީވުމަށް ދޭނީ 10 މިނެޓު ކަމަށް މަޖިލީހުގެ އާންމު ކޮމިޓީން މިދިޔަ ހަފުތާގައި ވަނީ ނިންމައިފައެވެ.

https://sun.mv/222278

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ މި ހިނގާ ދައުރު މި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ނިމޭ ނަމަވެސް، ނާޒިމްގެ މައްސަލަ ނިންމުމަށް ޓަކައި ދައުރު ވަނީ މި މަހުގެ ނިޔަލަށް ދަންމާލައިފައެވެ.

ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ހުށަހެޅި ގަރާރުގައި ވަނީ އޭނާ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

https://sun.mv/221984

މީގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރަން ނާޒިމަކީ ހުރަހަކަށް ވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

ޕީއެންސީގެ އިސް މަޖިލީސް މެންބަރަކު މީގެ ކުރިން ވިދާޅުވި ގޮތުގައި ނާޒިމަށް ވަނީ އިސްތިއުފާދޭން އަންގާފައެވެ. އެކަމަކު، އޭނާ އެ ކަމަށް ދެކޮޅު ހެއްދެވީއެވެ. ނާޒިމް ވަކިކުރަން ނިންމީ އެހެންވެއެވެ.

މި މައްސަލައިގައި ނާޒިމްގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

https://sun.mv/222501

ނާޒިމް ވަކިކުރަން އުޅޭ މައްސަލައިގައި، މަޖިލީހުގެ ރައީސްކަން ކުރިން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅައިފައިވަނީ ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރައްވަން އުޅުއްވާތީ ކަމަސެވެ. އަދި އެ މެންބަރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅުއްވާތީ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، މިދިޔަ އާދިއްތަ ދުވަހު ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންފައިވާއިރު، ނަޝީދު ވަނީ އެ މަނިކުފާނު ވަޑައިގަތީ ނާޒިމާ ބައްދަލުކުރެއްވުމަށް ކަމަށް ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ވާހަކަ ދޮގުކޮށް، ރައީސް ވަޑައިގަތީ އާއިލާއާއެކު ޗުއްޓީއަށް ކަމަށް ބުނެފައެވެ.

comment ކޮމެންޓް