ގޮދަޑިއެއްގައި ރޯވެ މާލޭގެ އެޕާޓްމެންޓަކަށް ބޮޑެތި ގެއްލުންތަކެއް؛ ހަތަރު މީހަކު ފަރުވާއަށް އައިޖީއެމްއެޗަށް

ގޮދަޑިއެއްގައި ރޯވެ މާލޭގެ އެޕާޓްމެންޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި --- ފޮޓޯ: އެމްއެންޑީއެފް

މާލޭގެ މާފަންނު ކާނިމާގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގެ ގޮދަޑިއެއްގައި އަލިފާން ރޯވެ، އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވެ، މި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ނިއްވާލާފައެވެ. މި ހާދިސާއާ ގުޅިގެން އަނިޔާވި ހަތަރު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު، އެ މީހުންނަށް ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ސިފައިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާން ރޯވި ކޮޓަރީގައި ހުރި ބަންކް އެނދުތައް ވަނީ އެއްކޮށް އަނދައިފައެވެ. އަދި އެޕާޓްމެންޓްގެ ބަދިގެއަށް ވެސް ދުމުގެ އަސަރުކޮށް ކަޅުދިލަ ހިފާފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.

  • ހާދިސާ ހިނގާފައިވަނީ މާފަންނު ކާނިމާގޭގެ ހަތަރުވަނަ ފަންގިފިލާގައެވެ.
  • އަލިފާން ރޯވާން ފެށީ އެޕާޓްމެންޓްގައި އޮތް ގޮދަޑިއެއްގައެވެ.
  • ސިފައިން ހަރަކާތްތެރިވެ އަލިފާންގަނޑު ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައެވެ.
  • ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
  • ކޮޓަރީގެ އެނދުތައް އަނދައި، ބަދިގެއަށް ވެސް ވަނީ ދުމުގެ އަސަރުކޮށްފައެވެ.

މާލޭގެ މާފަންނުގެ ގެއެއްގައި އަލިފާން ރޯވެ, ހަތަރު މީހަކު ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފްއިން ބުނީ މާފަންނު، ކާނިމާގޭގެ ހަތަރުވަނަ ފަންގިފިލާގައި ރޯވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދުގެ 16:50 ހާއިރު ކަމަށާއި އެއާއެކު މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އަލިފާން ނިއްވުމަށް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ފަޔާފައިޓަރުންގެ މަސައްކަތުން 17:27 ހާއިރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ އެޕާޓްމެންޓްގައި އޮތް ގޮދަޑިއެއްގައި ކަމަށާއި އެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފްއިން ހިއްސާކޮށްފައިވާ ފޮޓޯތަކުން އެ ކޮޓަރީގެ ތެރޭގައި ދެ ބަންކް ބެޑް ހުރިއިރު، އެނދުތައް އެއްކޮށް އަނދައި، ކޮޓަރިއަށް ބޮޑެތި ގެއްލުންތައް ވެފައިވާ މަންޒަރު ފެނެއެވެ.

އޭގެ އިތުރުން އެ އެޕާޓްމެންޓްގެ ބަދިގެއަށް ވެސް ދުމުގެ އަަސަރުކޮށް، ކަޅު ދިލަ ހިފާފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.

އެ އެޕާޓްމެންޓްގައި ރޯވާން މެދުވެރިވި ސަބަބެއް ސިފައިން ހާމަކޮށްފައިނުވެއެވެ.

comment ކޮމެންޓް