1،000 މީހުން ދިރިއުޅޭ ލ. ހިތަދޫގެ ޖަނަރޭޓަރެއް ހަލާކުވެ ކަރަންޓު ކެނޑޭ މައްސަލަ ފެންމަތިވެއްޖެ

ލ. ހިތަދޫ --

ގާތްގަނޑަކަށް 1،000 މީހުންގެ އާބާދީއެއް އޮންނަ ލ. ހިތަދޫގައި ޖަނަރޭޓަރެއް ހަލާކުވެ ކަރަންޓު ކެނޑޭ މައްސަލަ ފެންމަތިވެއްޖެއެވެ.

'ސަން' އަށް މައުލޫމާތު ދެމުން އެ ރަށުގެ މީހަކު ބުނީ އެ ރަށުން އިރުއިރުކޮޅާ ކަރަންޓު ކެނޑޭތާ މިހާރު ދެ ދުވަސް ވެއްޖެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސުވާލުކުރުމުން ހިތަދޫ ފެނަކަ ބްރާންޗުން ބުނީ އެ ރަށުން ކަރަންޓު ދަނީ، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކުގެ ތެރެއިން އެންމެ ބޮޑު ޖަނަރޭޓަރު ހަލާކުވުމުން ކަމަށެވެ.

އެ ރަށުގައި ބޭނުންކުރަމުން އަންނަނީ 600 ވޮޓުގެ ޖަނަރޭޓަރަކާއި 400 ވޮޓުގެ ޖަނަރޭޓަރެއްގެ އިތުރުން 350 ވޮޓުގެ ޖަނަރޭޓަރުތަކެކެވެ. އޭގެތެރެއިން 600 ވޮޓުގެ ޖަނަރޭޓަރު ހަލާކުވުމުން ބާކީ އިން ދެ ޖަނަރޭޓަރުން މުޅި ރަށަށް އެއްފަހަރާ ކަރަންޓު ނުދެވޭ ކަމަށް ފެނަކައިން ވަނީ މައުލޫމާތު ދީފައެވެ.

"މިހާރު ބޭނުންވޭ ދުވާލު ގަޑިއަށް އެއްކޮށް ގާތްގަނޑަކަށް 600 އެއްހާ ކިލޯގެ ކަރަންޓު. މިހާރު ހުރި 400އިގެ ޖަނަރޭޓަރުން ހަދަނީ އެންމެ 250. އަދި 350 ގެ ޖަނަރޭޓަރުން ހަދަނީ 150. އެހެންވީމަ [ކަރަންޓު] ނުހިފަހައްޓަނީ،" ފެނައިން މައުލޫމާތު ދިން މީހާ ވިދާޅުވިއެވެ.

ފެނަކައިން ބުނީ މިހާރު އެރަށަށް ކަރަންޓު ދެމުން ދަނީ ދެ ލޭނަކަށް ބަހާލައިގެން ކަމަށެވެ. އަދި ކޮންމެ ލޭނަކަށް ވެސް ކަރަންޓު ދިނުމަށްފަހު އެއްގަޑިއިރު ވުމުން އަނެއް ލޭނަށް ބަދަލުކުރާ ކަމަށް ފެނަކައިން މައުލޫމާތު ދިނެވެ.

އަދި މިހާރު ހަލާކުވެފައިވާ ޖަނަރޭޓަރު ރަނގަޅުކުރުމަށް ފެނަކައިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިރޭގެ ކޮންމެވެސް ވަގުތެއްގައި ޖަނަރޭޓަރު ރަނގަޅުކުރެވޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ލ. ހިތަދޫގެ އާބާދީއަކީ 1،345 އެކެވެ. ނަމަވެސް މިވަގުތު އެ ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 1،000 މީހުން ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދިނެވެ.

އަވަސް އަވަހަށް ކަރަންޓު ކެނޑޭ މައްސަލައިގައި ހިތަދޫގެ ބައެއް އާންމުން ދަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެގޮތުން ބައެއް ގޭގޭގެ އޭސީ ފަދަ އަގުބޮޑު އިލެކްޓްރޯނިކް ސާމާނު ހަލާކުވެފައިވާ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް