ތާރީޚީ ސޮފުހާއެއް: ދަގަނޑޭ ގައުމީ ޖާޒީގައި 100 މެޗު ހަމަކޮށްފި

ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) 100 މެޗު ހަމަކުރުމަށްފަހު ޓީމު ކުޅުންތެރިންނާއެކު --- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ދިވެހި ފުޓްބޯޅައިގެ ތާރީޚު ދުށް އެންމެ މޮޅު އަދި އެންމެ ނުފޫޒުގަދަ ކުޅުންތެރިޔާ، އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ފުޓްބޯޅަ ޓީމަށް 100 މެޗު ކުޅެދިނުމުގެ ތާރީޚީ ޝަރަފް މިރޭ ހޯދައިފިއެވެ.

އެންމެންގެ އިޙްތިރާމާއި ލޯބި ހޯދާފައިވާ ދަގަނޑޭ މި ޝަރަފް ހޯދީ "ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި މިރޭ އަފްގާނިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފް (ކުރޯ) ގެ ބަދަލުގައި ދަގަނޑޭ ދަނޑަށް އެރުމާއެކު، ދަނޑަށް އެއްވެ ތިބި ހާހުން ބެލުންތެރިން ވަނީ ކޮޅަށް ތެދުވެ، އޭނާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

މިއާއެކު ދަގަނޑޭ ވެގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޓީމަށް 100 މެޗު ހަމަކޮށްދިން ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެކުރިން މި ޝަރަފުވެރި ލަނޑުދަނޑި ހާސިލްކުރީ ރާއްޖޭގެ ކުރީގެ އެއްވަނަ ގޯލްކީޕަރު އިމްރާން މުހައްމަދެވެ.

ޑައިމަންޑް ޖުބިލީ މުބާރާތުގައި އަފްޢާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) --- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

1999 އިން 2016 އަށް ގައުމީ ޓީމަށް ކުޅެ، ޖުމްލަ 111 މެޗަށްފަހު އިމްރާން ރަސްމީކޮށް ކުޅުން ހުއްޓާލިއިރު، ދަގަނޑޭ ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅެދިނީ 2003 ވަނަ އަހަރެވެ.

އޭގެފަހުން ވޭތުވެދިޔަ ދިގު މުއްދަތުގައި އޭނާއަކީ ދިވެހި ޓީމުގެ މައިބަދައެވެ. ފަހަކަށް އައިސް އަނިޔާގެ ސަބަބުން ގައުމީ ޓީމުގެ ގިނަ މެޗުތަކެއް އޭނާއަށް ގެއްލުނު ނަމަވެސް، ދަނޑުމަތީގައި އޭނާ ދައްކުވައިދިން ޖާދޫއަށް ފަނޑުކަމެއް ނާދެއެވެ.

ގައުމީ ޓީމަށް ކުޅެދިން މެޗުތަކުގައި 58 ގޯލު ކާމިޔާބުކޮށް، ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑުވެސް އޮތީ ދަގަނޑޭގެ އަތުގައެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް ފުޓްބޯޅައިން ރަން މެޑަލް ހޯދި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް އޭނާއެވެ. ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ޖުމްލަ 23 ލަނޑާއެކު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް އޮތީ ދަގަނޑޭ އަށެވެ.

އަފްޢާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ދަގަނޑޭ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ޚާއްސަކޮށް 2013 ވަނަ އަހަރުގެ ސާފް މުބާރާތުގައި ސްރީލަންކާ ކޮޅަށް އެއް މެޗެއްގައި 6 ގޯލު (ދެ ހެޓްރިކް) ޖެހި ޖެހުމަކީ މުޅި އޭޝިއާ ސަރަހައްދު ސިއްސުވާލި ކާމިޔާބީއެކެވެ.

މީގެއިތުރުން، އޭޝިއާގެ މައި އިދާރާ (އޭއެފްސީ) އިން ހޮވި އޭޝިއާގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ލިސްޓުގައި 2008 އަދި 2009 ވަނަ އަހަރު އޭނާ ހިމެނުނެވެ.

ދެކުނު އޭޝިއާއިން މިހާތަނަށް 100 މެޗު ހަމަކުރީ ހަ ކުޅުންތެރިންނެވެ. އެއީ ރާއްޖޭގެ އިމްރާނާއި ދަގަނޑޭގެ އިތުރުން، އިންޑިއާގެ ސުނިލް ޗެތުރީ އާއި ބައިޗުން ބުޓިއާ، އަދި ނޭޕާލުގެ ރޯހިތު ޗާންދް އާއި ކިރަން ޝެމްޝޮންއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު