ލުބުނާނަށް ހަމަލާދޭނަމަ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްނުވެދާނެ ކަމަށް ބުނެ އީރާނުގެ އިންޒާރެއް

އިސްރާއީލުން ހަމަލާދޭތީ ލުބުނާނުގެ އެތައް އާއިލާއެއް އަަންނަނީ ގައުމުން ބޭރަށް ދަމުން. ފޮޓޯ/ރޮއިޓާސް

އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން، އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އަތުވެދާނެކަމުގެ އިންޒާރު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަނީ ދެއްވާފައެވެ. މި މައްސަލައިގައި އީރާނާ ގުޅިފައިވާ ފަރާތްތަކުން އެހެން ސަރަހައްދުތަކުގައިވެސް ހަމަލާތައް ފަށާނެކަމުގެ އިންޒާރު ދީފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާކުރައްވައި، ލުބުނާނަށް އެއްގަމު ސިފައިން ނުފޮނުވާނެކަމުގެ ޔަގީންކަން ހޯއްދަވާފައެވެ. ހަމައެއާއެކު، އެމެރިކާއާއި އީރާނާ ދެމެދު ހޮރްމުޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަމާއި ދެފަރާތުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިގޮތުން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު މިހާރު ވަނީ 97.44 ޑޮލަރަށް އަރާފައެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާއާއި އީރާނާ ދެމެދު ދާއިމީ ސުލްހައިގެ އެއްބަސްވުމަކާ ގާތަށް އާދެވިފައިވާކަން ހާމަކުރައްވާފައެވެ.

  • އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ނުހުއްޓައިފިނަމަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވިދާނެކަމަށް އީރާނުން އިންޒާރުދިނުން.
  • އިސްރާއީލުގެ ބޮޑުވަޒީރާ މަޝްވަރާކުރެއްވުމަށްފަހު، ލުބުނާނަށް އިސްރާއީލު ސިފައިން ނާރާނެކަން ޓްރަމްޕް ޔަގީންކޮށްދެއްވުން.
  • ބެއިރޫތަށް ދޭ ހަމަލާތައް ހުއްޓާލައިފިނަމަ، އުތުރު އިސްރާއީލަށް ދޭ ހަމަލާތައް ހުއްޓާލަން ހިޒްބުﷲ އިން އެއްބަސްވުން.
  • ހޮރްމުޒް ކަނޑުއޮޅީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު ބޮޑުތަނުން އުފުލުން.
  • އިސްރާއީލާއި ލުބުނާނާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ 1.2 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވުން.

އިސްރާއީލުން ލުބުނާނަށް ހަމަލާދޭނަމަ، އެމެރިކާއާއި އީރާނު ހަނގުރާމަ ހުއްޓާލުމަށް ނުރައްކާވެދާނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމަކީ ލުބުނާން ހިމެނޭ ގޮތަށް ހުރިހާ ފަރާތަކުން ވެސް ހަނގުރާމަ ހުއްޓާލުން ހިމަނާފައިވާ އެއްބަސްވުމެއް ކަމަށާއި އެއް ފަރާތަކުން އެ އެއްބަސްވުމާ ހިލާފުވުމަކީ ހުރިހާ ފަރާތަކުން ހަނގުރާމަ ހުއްޓާލުމާ ހިލާފުވުން ކަމަށެވެ.

ލުބުނާނަށް ހަމަލާ ދިނީ އެ ގައުމުގެ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުﷲ އިން އިސްރާއީލުގެ އާންމުންނަ އަމާޒުކޮށް ދިން ރޮކެޓާއި ޑްރޯން ހަމަލާތަކާއި އޭޕްރީލް މަހު ވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިޒްބުﷲ އިން ޚިލާފުވެފައިވާ އިތުރު ކަންތައްތައްވެސް ހުރުމުން ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މީގެކުރިން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން އެމެރިކާއާއެކު ކުރަމުންދާ ނުސީދާ މަޝްވަރާތައް ހުއްޓާލެވިދާނެކަމަށް ވެސް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

އީރާނާއި އެގައުމުގެ އެކުވެރި ގައުމުތަކުން ރަތް ކަނޑު ފެށޭ ހިސާބުގައި އޮންނަ ބާބް އަލް މަންދާބް ކަނޑުއޮޅި ހިމެނޭ ގޮތަށް އެހެން ފްރަންޓްތައް އެކްޓިވޭޓް ކުރާނެ ކަމަށްވެސް އީރާނުގެ ބާރުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅިފައިވާ ތަސްނީމް ނޫސް އެޖެންސީން ވެސް ބުނެފައިވެއެވެ.

ތަސްނީމްގެ ނޫހުން އެގޮތަށް ރިޕޯޓު ކުރި ނަމަވެސް އީރާނުގެ ކަމާބެހޭ ފަރާތްތަކުން އެކަމާ ގުޅިގެން ރަސްމީކޮށް އެއްޗެއް ބުނެފައެއްނުވެއެވެ.

ނަމަވެސް އީރާނުގެ ދައުލަތުގެ ޓީވީން ބުނެފައިވާ ގޮތުގައި ލުބުނާނަށް ހަމަލާ ދިނުން ހުއްޓާނުލާނަމަ، ހަނގުރާމަ ހުއްޓާލާފައި ބާއްވަން އެއްބަސްވެފައިވާ އެއްބަސްވުންވެސް ނިމުމަކަށް ގެނައުމުގެ ފުރުސަތު ބޮޑެވެ. ދެ ގައުމުގެ ދެމެދު ހަނގުރާމަ ހުއްޓާލާފައިވާ ބާއްވަން އެއްބަސްވެފައި ވަނީ އޭޕްރީލް އަށްވަނަ ދުވަހުން ފެށިގެންނެވެ.

އިސްރާއީލާއި ލުބުނާނާ ދެމެދު އޭޕްރީލް 16 ގައި ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށި ފަހުން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބެއިރޫތަށް ދެ ފަހަރެއްގެ މަތިން ހަމަލާދީފައެވެ. ނަމަވެސް ކުރިން ހަމަލާދިން މިންވަރަށްވުރެ މިހާރު ހަމަލާ ދޭ މިންވަރު މަދު ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ހަމަލާ ދިނުން މަދުކުރަން އެމެރިކާއިން އަންނަނީ އިސްރާއީލަށް ޕްރެޝާ ކުރަމުން ކަމަށް ވެސް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ލުބުނާނުގެ ގެދޮރު ގެއްލިފައިވާ މީހުންނަށް ވަގުތީ ހިޔާވަހިކަމެއްގެ ގޮތުގައި ބޭނުންކުރާ ސްކޫލެއްގެ ގޯތިތެރޭގައި ކުޑަކުދިންތަކެއް ކުޅެނީ. ފޮޓޯ/ރޮއިޓާސް

އީރާނުގެ އިންޒާރު ދިނުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އިސްރާއީލުން ލުބުނާނަށް ސިފައިން ނުފޮނުވާނެ ކަމަށް ފޯނު ކޯލަށްފަހު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު އިސްރާއީލުގެ ބޮޑުވަޒީރު ބީބީ ނަތަންޔާހޫއާ އެކު ވަރަށް އުފެއްދުންތެރި ކޯލެއް ކުރިން. އަދި ބެއިރޫތަށް ދާ ސިފައިންނެއް ނުތިބޭނެ، އަދި މަގުމަތީގައި ތިބި ހުރިހާ ސިފައިން މިހާރު ވެސް ވަނީ ފަހަތަށް ޖެހިފައި،" ޓްރަމްޕް ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ލިޔުއްވާފައިވެއެވެ.

"އެފަދައިން މަތީ މަގާމުތަކުގައި ތިބި މަންދޫބުން މެދުވެރިކޮށް އަޅުގަނޑަށް ހިޒްބުﷲއާ ވަރަށް ރަނގަޅު ކޯލެއް ކުރިން. އަދި އެމީހުން އެއްބަސްވީ ހުރިހާ ހަމަލާއެއް ހުއްޓަން،"

އިސްރާއީލާ ވާހަކަތައް ދެއްކެވި ނަމަވެސް މެދުވެރިއަކާއެކުވެސް ހިޒްބުﷲ އާ މީގެކުރިން ޓްރަމްޕް ވާހަކަ ދައްކަވާފައެއްނުވެއެވެ.

ލުބުނާނުގެ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވީ ހިޒްބުالله އިން އެމެރިކާއަށް އަންގާފައި ވަނީ އިސްރާއީލުން ބެއިރޫތާއި އެ ސަރަހައްދުގެ ސަރަހައްދުތަކަށް އެއްވެސް ހަމަލާއެއް ނުދިނުމުގެ ބަދަލުގައި އުތުރު އިސްރާއީލަށް ދޭ ހަމަލާތައް ހުއްޓަން ތައްޔާރަށް ތިބި ކަމަށެވެ.

މާޗު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އިސްރާއިލާއި ލުބުނާނުން ހަމަލާތައް ބަދަލު ކުރަމުން އަންނައިރު، މިހާތަނަށް ލުބުނާނުގެ 1.2 މިިިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ހަފްތާ ބަންދުގައި އީރާނާއި އެމެރިކާއާ ދެމެދު އުފެދުނު ފިތުނަތައް ވެސް ވަނީ ހޮރްމުޒް ކަނޑުއޮޅިގައި އިތުރުވެފައެވެ. އެމެރިކާއިން މިދިޔަ ހަފްތާ ބަންދުގައި އީރާނުގެ އަސްކަރީ ތަންތަނަށް ހަމަލާދީފައިވާ ކަމަށް ބުނެފައިވާއިރު، އީރާނުން ވަނީ އެކަމަށް ރައްދުދީ ކުވޭތުގައި ހުންނަ އެމެރިކާގެ މަރުކަޒަކަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށް ބުނެފައެވެ.

ހަމަލާ ބަދަލުކުރުމާ ގުޅިގެން އިއްޔެ އަނެއްކާވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. ބައިނަލްއަގުވާމީ ތެލުގެ އަގު ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑް ފީފާއެއް ގާތްގަނޑަކަށް ފަސް ޑޮލަރު (3.7 ޕައުންޑް) އުފުލިފައިވާއިރު ފީފާއެއްގެ އަގު ވަނީ 97.44 ޑޮލަރަށް (72.45 ޕައުންޑް) އުފުލިފައެވެ.

އެމެރިކާއާއި އީރާނުން ކުރަމުންދާ ހަނގުރާމައަށް ތިން މަސް ވެފައިވާއިރު، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅި އީރާނުން ވަނީ ބަންދުކޮށްފައެވެ.

ކަނޑުއޮޅިން އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތަކަށް އެމެރިކާއިންވެސް ވަނީ ހުރަސް އަޅާފައެވެ. އެެހެންވެ، ތެލުގެ ސަޕްލައިއަށް ބުރޫއަަރައި ބާޒާރުގައި ތެލުގެ އަގު އަންނަނީ އިންތިހާއަށް އުފުލެމުންނެވެ.

ފާއިތުވި ދުވަސްތަކުގައި ޓްރަމްޕް ވަނީ އެމެރިކާއާއި އީރާނާއި ދެމެދު ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް އައުމަށް ގާތްވެވެފައިވާ ކަމަށާއި މަޝްވަރާތައް ކުރިއަށްދާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

comment ކޮމެންޓް