"އޯވާ ތިންކިން" އިން ދުރުވުމަށް ކުރެވިދާނެ 14 ކަމެއް

މާގިނައިން ކަންކަމާމެދު ވިސްނުމަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. "ހެލްތްލައިން" އިން ބަޔާންކުރާ ގޮތުގައި މި އާދައިން ދުރުވުމަށްޓަކައި އަމިއްލަ ނަފްސު ދެނެގަނެ، ޚިޔާލުތަކުގެ އަސްލު ސަބަބު ހޯދުން މުހިންމެވެ. މީގެ އިތުރުން، އާ ހުނަރުތައް ދަސްކުރުމާއި، ފުންކޮށް ނޭވާލުމާއި، އަދި މެޑިޓޭޓް ކުރުން ފަދަ ކަންކަމަކީ ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭނެ ކަންކަމެވެ. ކަންބޮޑުވާ ކަންކަމާމެދު ދެކޭ ގޮތް ބަދަލުކޮށް، އެހެން މީހުންނަށް އެހީތެރިވުމާއި، ނޭދެވޭ ޚިޔާލުތައް ފޮތެއްގައި ލިޔެ އަމަލީ ފިޔަވަޅުތަކަކަށް ބަދަލުކުރުމަކީވެސް މިކަމަށް އޮތް ހައްލެކެވެ. އަމިއްލަ ނަފްސަށް އޯގާތެރިވެ، ކުދި ކާމިޔާބީތައް ފާހަގަކުރުމުގެ ސަބަބުން މިކަމުން އަރައިގަތުމަށް ފަސޭހަވެގެންދެއެވެ.

  • އަމިއްލަ ނަފްސާއި ޖަޒުބާތުތައް ދެނެގަނެ، ނޭދެވޭ ޚިޔާލުތައް ލިޔެ އަމަލީ ޕްލޭނަކަށް ބަދަލުކުރުން.
  • ސިކުނޑި ތާޒާކުރުމަށްޓަކައި އާ ހުނަރުތައް ދަސްކުރުމާއި، ކުރާހިތްވާ ކަންކަމަށް ވަގުތު ހުސްކުރުން.
  • ހާސްކަން ކުޑަކުރުމަށްޓަކައި ފުންކޮށް ނޭވާލުމުގެ ކަސްރަތުތައް ކުރުމާއި މެޑިޓޭޓް ކުރުން.
  • މުސްތަޤުބަލަށް ކުރާނެ އަސަރާމެދު ވިސްނައި، ކުދިކުދި ކަންކަމާ އަޅައިނުލައި މުހިންމު ކަންކަމަށް އިސްކަންދިނުން.
  • މާޒީގެ ކުށްތަކާމެދު ހިތާމަކުރުން ހުއްޓާލައި، އަމިއްލަ ނަފްސަށް އޯގާތެރިވެ ކާމިޔާބީތައް ބަލައިގަތުން.
  • މާގިނައިން ވިސްނުމަކީ ނަފްސާނީ ބަލިތަކަށް މަގުފަހިކުރުވާ އާދައެއްކަން.
  • ޚިޔާލުތައް ބަދަލުކުރުމަށް އަމަލީ ފިޔަވަޅުތަކެއް އެޅުން މުހިންމުކަން.
  • އަމިއްލައަށް ހައްލުނުކުރެވޭ ހާލަތްތަކުގައި ނަފްސާނީ އެހީތެރިއެއްގެ ލަފާ ހޯދަންޖެހޭކަން.

ހަމަހިމޭން ވަގުތުކޮޅެއް ލިބޭއިރަށް، ފޮނުވަންޖެހޭ އީމެއިލެއް ނުފޮނުވި އޮތްކަމުގެ ހާސްކަން ނުވަތަ ވަޒީފާގެ ކުރިއެރުން ނުލިބިދާނެކަމުގެ ބިރުވެރިކަން ހިތަށް ވަދޭ ހެއްޔެވެ؟ މިއީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ކަންކަމާ މެދު ފިކުރުކުރުމާއި ކަންބޮޑުވުމަކީ އިންސާނީ ތަބީޢަތުގައި ވާ ކަމެއް ނަމަވެސް، އެކަން ހައްދަށްވުރެ މައްޗަށް ގޮސްފިނަމަ، އޭގެ ނޭދެވޭ އަސަރު މީހާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކުރެއެވެ.

ސިއްހީ މަޢުލޫމާތު ގެނެސްދޭ މަޝްހޫރު ވެބްސައިޓެއް ކަމަށްވާ “ހެލްތްލައިން” އިން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން، އެއް ޚިޔާލުތަކެއްގެ ތެރޭގައި ތާށިވެފައި ހުރުމަކީ ނަފްސާނީ ބަލިތަކަށް މަގުފަހިކުރުވާ ކަމެކެވެ. އެހެންކަމުން، ހައްދަށްވުރެ ގިނައިން ވިސްނުމުގެ އާދަ ހުންނަ މީހުންނަށް މިކަމުން ސަލާމަތްވުމަށް އެހީތެރިވެދޭނެ 14 ފިޔަވަޅެއް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ފުރަތަމަ ކަމަކީ، ތިމާގެ އަމިއްލަ ނަފްސު ދެނެގަތުމެވެ. ކަމަކާ މެދު މާގިނައިން ވިސްނޭނަމަ، އެކަމުގެ ސަބަބުން ތިމާގެ މޫޑަށް އަންނަ ބަދަލުތައް ފާހަގަކުރާށެވެ. ރުޅިގަދަވޭ ހެއްޔެވެ؟ ނުވަތަ ހާސްވެ، ކުށްވެރި އިޙުސާސްވޭ ހެއްޔެވެ؟ މި ޚިޔާލުތަކުގެ ފަހަތުގައިވާ އަސްލު ޖަޒުބާތަކީ ކޮބައިކަން ދެނެގަތުމަކީ ވިސްނުން ބަދަލުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ.

މީގެ އިތުރުން، ތިމާ ކުރާހިތްވާ ކަންކަމުގައި ވަގުތު ހޭދަކުރުމަކީ ސިކުނޑި އެހެން ދިމާއަކަށް އަނބުރާލުމަށް އޮތް އެންމެ ރަނގަޅު އެއް މަގެވެ. އާ ކެއުމެއް ތައްޔާރުކުރަން ދަސްކުރުމާއި، ކަސްރަތު ކުލާހަކަށް ދިއުމާއި، ކުރެހުން ފަދަ އާ ހުނަރެއް ދަސްކުރުން ނުވަތަ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތަކާ ގުޅުން ފަދަ ކަންކަން ކުރެވިދާނެއެވެ.

ޚިޔާލުތަކުގެ ތެރޭގައި ޣަރަޤުވެފައިވާ ވަގުތެއްގައި އާ ކަމެއް ފެށުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންކަމުން، ކޮންމެ ދެ ދުވަހަކުން އެއް ދުވަހު، މަދުވެގެން 30 މިނެޓު މިފަދަ ކަމަކަށް ހުސްކުރުމަށް އާދަކުރާށެވެ.

ހާސްކަމާއި ފިކުރުތައް ގިނަވެގެން ނިދަން އުނދަގޫވާ ރޭރޭ، ލޯ މަރާލުމަށްފަހު ފުންކޮށް ނޭވާލާން މަސައްކަތް ކުރާށެވެ. ނޭވާލުމުގެ ނިޒާމަކީ ހަށިގަނޑާއި ސިކުނޑިއާ ސީދާ ގުޅިފައިވާ ނިޒާމަކަށް ވުމުން، ފުންކޮށް ނޭވާލުމަކީ ހައްދަށްވުރެ ގިނައިން ވިސްނުމުގެ ސަބަބުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށްދޭ ކަމެކެވެ. މިކަން ކުރުމަށްޓަކައި، އަރާމު ތަނެއްގައި އިށީނދެ، ކަނދުރާއާއި ކޮނޑު ލުއިކޮށްލާށެވެ. އެއަށްފަހު އެއް އަތް މޭމަތީގައި އަދި އަނެއް އަތް ބަނޑުގައި ބޭއްވުމަށްފަހު، ނޭފަތުން ލަސްލަހުން އެތެރެއަށް ނޭވާލައި އަދި ބޭރުކުރާށެވެ. މިގޮތަށް ނޭވާލާއިރު މެޔާއި ބަނޑަށް އަންނަ ހަރަކާތްތަކަށް ސަމާލުކަން ދޭށެވެ. ދުވާލަކު ތިން ފަހަރު، ފަސް މިނެޓު ވަންދެން މި ކަސްރަތު ކުރުމަކީ ވަރަށް ފައިދާހުރި ކަމެކެވެ.

ހަމައެއާއެކު، މެޑިޓޭޓް ކުރުމަކީވެސް ސިކުނޑީގެ ހަލަބޮލިކަން ކުޑަކޮށްދޭ ކަމެއްކަން ސައިންސުން ސާބިތުވެފައިވެއެވެ. ދުވާލަކު އެންމެ ފަސް މިނެޓު ހިމޭން ތަނެއްގައި ހޭދަކޮށްލުމުން މިކަމުގެ ފައިދާ ފެންނާނެއެވެ.

ބައެއް ފަހަރު އަޅުގަނޑުމެންނަށް މާ ބޮޑަށް ވިސްނެނީ މާ މުހިންމު ނޫން ކަންކަމާމެދުގައެވެ. މިފަދަ ހާލަތްތަކުގައި، ކަންކަމާ މެދު ދެކޭ ގޮތް ބަދަލުކޮށް، ބޮޑު މަންޒަރަށް ބަލާލުން މުހިންމެވެ. މިހާރު ތިމާ ކަންބޮޑުވާ ކަންކަމުގެ ސަބަބުން ކުރިއަށް އޮތް ފަސް ނުވަތަ 10 އަހަރު ދުވަހުގެ ތެރޭގައި ތިމާއަށް ކުރާނީ ކޮން އަސަރެއްތޯ އަމިއްލަ ނަފްސާ ސުވާލުކުރާށެވެ. އާދައިގެ ކުދިކުދި ކަންކަމާ އަޅައިނުލައި، މުހިންމު ކަންކަމަށް އިސްކަންދިނުމުން ސިކުނޑިއަށް ލުއިކަން ލިބޭނެއެވެ.

މީގެ އިތުރުން، އެހެން މީހުންނަށް އެހީތެރިވުމަކީވެސް އަމިއްލަ ފިކުރުތަކުން ދުރުކޮށްދޭ ކަމެކެވެ. ދަތި ހާލުގައި އުޅޭ މީހަކަށް އެހީތެރިވެދެވޭނެ ގޮތްތަކާމެދު ވިސްނާށެވެ. ބަލިވެ އުޅޭ އަވަށްޓެރިޔާއަށް ބޭނުންވާ ތަކެތި ގަނެދިނުން ފަދަ ކުދިކުދި ކަންކަމުންވެސް މީހެއްގެ ދުވަސް އުޖާލާކޮށްލެވިދާނެކަން އިޙުސާސްވުމަކީ، ނޭދެވޭ ޚިޔާލުތަކުން ސަލާމަތްވުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.

ކުއްލިއަކަށް ސިކުނޑިއަށް އަންނަ ނޭދެވޭ ޚިޔާލުތަކަކީ ގިނަ ފަހަރަށް ބިރުވެރިކަމާއި ރުޅިވެރިކަމާ ގުޅިފައިވާ ޚިޔާލުތަކެކެވެ. މިފަދަ ޚިޔާލުތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށްޓަކައި، ހާސްކަން އުފެދޭ ހާލަތްތަކާއި އެވަގުތު ސިކުނޑިއަށް އަންނަ ފުރަތަމަ ޚިޔާލު ފޮތެއްގައި ލިޔާށެވެ. އަދި އެ ހާލަތަކުން ނޭދެވޭ ޚިޔާލުތައް އުފެދެން މެދުވެރިވި ސަބަބުތައް ވަޒަންކުރާށެވެ. މިސާލަކަށް، “މިކަން ވާނީ ވަރަށް ބޮޑު ނާކާމިޔާބީއަކަށް” ކަމަށް ވިސްނުމުގެ ބަދަލުގައި، “އަހަރެން މި މަސައްކަތް ކުރަނީ އަހަރެންނަށް ކުރެވުނު އެންމެ ރަނގަޅަކަށް” ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދޭށެވެ.

ހަމައެހެންމެ، މާޒީގައި ކުރެވިފައިވާ ކުށްތަކާމެދު ހިތާމަކުރުން ހުއްޓާލައި، އަމިއްލަ ނަފްސަށް އޯގާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާސްކަން އުފެދޭ ޚިޔާލުތައް އަންނަ ވަގުތު، ހަށިގަނޑާއި ޖަޒުބާތުތަކަށް އަންނަ ބަދަލުތަކަށް ސަމާލުކަންދީ، އަމިއްލަ ނަފްސު ބަލައިގަތުމަށް މަސައްކަތް ކުރާށެވެ.

ހައްދަށްވުރެ ގިނައިން ވިސްނޭ ވަގުތުތަކުގައި، ފާއިތުވި ހަފުތާގައި ތިމާއަށް ހާސިލުކުރެވުނު ފަސް ކަމެއް ލިޔެލާށެވެ. މިއީ މާ ބޮޑެތި ކަންތައްތަކަކަށް ވާކަށް ނުޖެހެއެވެ. ކޮފީ ބުއިމަށް ކަނޑައަޅާފައިވާ ބަޖެޓާ އެއްގޮތަށް އުޅެވުން ނުވަތަ ކާރު ސާފުކޮށްލުން ފަދަ ކުދިކުދި ކަންކަންވެސް ހިމެނިދާނެއެވެ. މިފަދަ ކަންކަން ލިޔެފައި އޮންނަތަން ފެނުމުން، ތިމާއަށް ކުރެވިފައިވާ ރަނގަޅު ކަންކަމުގެ އިޙުސާސް ކުރެވިގެންދާނެއެވެ.

މީގެ އިތުރުން، މިހާރު ހިނގަމުންދާ ވަގުތަށް ސަމާލުކަން ދިނުމަކީވެސް ފިކުރުތަކުން ދުރުކޮށްދޭނެ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ވަކި ވަގުތުކޮޅަކަށް ފޯނާއި ކޮމްޕިއުޓަރު ފަދަ ތަކެތި ނިއްވާލުމަށްފަހު، އެއް ކަމަކަށް ސަމާލުކަން ދޭށެވެ. ކާ ވަގުތުތަކުގައި ކާތަކެތީގެ ރަހައާއި ވަހަށް ސަމާލުކަންދީގެން ކެއުމާއި، ބޭރަށް ނުކުމެ ހިނގާލަން ދިއުން ފަދަ ކަންކަމަކީ ސިކުނޑިއަށް ތާޒާކަން ގެނެސްދޭނެ ކަންކަމެވެ.

ބައެއް ފަހަރު އެއް ކަމަކާމެދު ތަކުރާރުކޮށް ވިސްނެނީ، އެކަމަކާ ގުޅިގެން އަމަލީ ގޮތުން އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާތީއެވެ. އެހެންކަމުން، ޚިޔާލުތައް އަމަލީ ސިފައަކަށް ގެނައުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ ޕްލޭނެއް ހަދާށެވެ. އަދި ތިމާ ވިސްނާ ގޮތް ނޫން އެހެން ގޮތްގޮތަށް ކަންކަމާމެދު ވިސްނަން މަސައްކަތް ކުރާށެވެ. ސިކުނޑީގައި އެނބުރޭ ޚިޔާލުތައް ލިޔެ، އޭގައި ހަގީގަތެއް އެކުލެވިގެންވަނީ ކިހާ ވަރަކަށްތޯ ބަލާށެވެ. ދަތުރަކަށް ދާން ތައްޔާރުވާއިރު ހުރިހާ ކަމެއް ނުނިމިދާނެކަމުގެ ބިރު އޮތް ނަމަވެސް، އެކަން އެގޮތަށް ވާނެކަމުގެ އޮތީ ކޮން ހެއްކެއްތޯ އަމިއްލަ ނަފްސާ ސުވާލުކުރާށެވެ. ހަމައެއާއެކު، ބައެއް ކަންކަމަކީ އަޅުގަނޑުމެންގެ ބާރުގެ ދަށުގައިވާ ކަންކަމެއް ނޫންކަން ގަބޫލުކޮށް، ބިރުތަކާ ކުރިމަތިލާން ދަސްކުރަން ޖެހެއެވެ. ނޭދެވޭ ޚިޔާލުތަކާއި ބިރުތައް ގަބޫލުކުރުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއްކަން 2018 ވަނަ އަހަރުގެ ދިރާސާއަކުންވެސް ދައްކާފައިވެއެވެ.

ހައްދަށްވުރެ ގިނައިން ވިސްނުމަކީ އޭގެ ސަބަބުން ގިނަގުނަ އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ނަމަވެސް، ފުންކޮށް ނޭވާލުމާއި، މެޑިޓޭޓް ކުރުމާއި، ޚިޔާލުތައް ލިޔެ އަމަލީ ފިޔަވަޅުތަކަކަށް ބަދަލުކުރުމާއި، ކާމިޔާބީތަކަށް ސަމާލުކަން ދިނުން ފަދަ ކަންކަމުގެ ތެރެއިން މި އާދައިން ދުރުވެވިދާނެއެވެ. މިކަންކަން އަމިއްލައަށް ކުރުމަށް ދަތިވާނަމަ ނުވަތަ ޚިޔާލުތަކުގެ ސަބަބުން ދިރިއުޅުމަށް މާ ބޮޑަށް ހުރަސްއެޅޭނަމަ، އިތުބާރުކުރެވޭ ރައްޓެއްސެއް ނުވަތަ އާއިލާގެ މީހެއްގެ އެހީތެރިކަން ހޯދިދާނެއެވެ. އަދި މިކަމުން އަރައިގަތުމަށް ބޭނުންވާ ހުނަރުތައް ދަސްކުރުމަށްޓަކައި ނަފްސާނީ ސިއްހަތުގެ ތަޖުރިބާކާރެއް ނުވަތަ ތެރަޕިސްޓެއްގެ އެހީތެރިކަން ހޯދުމަކީ އެންމެ ރައްކާތެރި އަދި އެންމެ އެދެވޭ ގޮތެވެ.

comment ކޮމެންޓް