"މަރުވީ 44 އަހަރުގެ ގައްދޫ މީހެއް، ހަށިގަނޑު މޫދުން ނެގިއިރު ވެސް ވިންދެއް ނެތް"

އިސްހާގު ހޯދުމުގެ މަސައްކަތް ކުރަނީ: އޭނާގެ ހަށިގަނޑު މޫދުން ނެގިއިރު ވެސް ވިންދެއް ނެތް ކަމަށް ގައްދޫ އިމަޖެންސީ ސެންޓަރުން ބުނޭ ----- ފޮޓޯ/ ކައުންސިލް

ގދ. މާވެއްދޫ މައިފަރު ބޭރަށް އެންދަމަން ފީނި އުމުރުން 44 އަހަރުގެ ގދ. ގައްދޫ އިސްހާގު ރަޝީދު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ ގެއްލުނީ ފަތިހު 05:00 ހާއިރު އިތުރު މީހަކާއެކު 10 ވަރަކަށް މީޓަރު އަޑިއަށް ފީނުމަށްފަހު، އަނެއް މީހާ މައްޗަށް އެރިއިރު ވެސް އޭނާގެ ހަބަރެއް ނުވުމުންނެވެ. މި ހާދިސާ ރިޕޯޓުކުރުމާ ގުޅިގެން ފުލުހުންނާއި އާންމުން ގުޅިގެން ޑްރޯން ބޭނުންކޮށްގެން ކުރި މަސައްކަތުން، ޑައިވަރުންގެ ޓީމަކަށް އޭނާގެ ހަށިގަނޑު ކަނޑުއަޑިން ފެނިފައިވަނީ ހެނދުނު 07:49 ހާއިރުއެވެ. ހަށިގަނޑު މޫދުން ނެގިއިރު ވެސް ވިންދެއް ނެތްކަމަށް ގައްދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

  • މަރުވެފައިވަނީ ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ އިސްހާގު ރަޝީދެވެ.
  • އޭނާ ގެއްލުނީ ގދ. މާވެއްދޫ މައިފަރު ކައިރިއަށް އެންދަމަން ފީނައި އުޅުމުގެ ތެރޭގައެވެ.
  • އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންނާއި އާންމުންގެ ޑައިވަރުންގެ ދެ ޓީމެއް ހަރަކާތްތެރިވިއެވެ.
  • ހަށިގަނޑު ފެނިފައިވަނީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުންނެވެ.

މަސްވެރިކަން ކުރުމުގެ ތެރޭގައި ޑައިވްކުރަނިކޮށް މަރުވެފައި އޮއްވާ މިއަދު ފެނުނީ 44 އަހަރުގެ ގދ. ގައްދޫ މީހެއް ކަމަށާއި އޭނާގެ ހަށިގަނޑު މޫދުން ނެގިއިރު ވެސް ވިންދެއް ނެތް ކަމަށް އެ ރަށުގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނެފިއެވެ.

މި ހާދިސާގައި މަރުވީ ގައްދޫ، އޭޝިއާގެއަށް ނިސްބަތްވާ 44 އަހަރުގެ އިޞްޙާޤު ރަޝީދެވެ.

ގައްދޫގެ އިމަޖެންސީ ސެންޓަރުން 'ސަން'އަށް ބުނީ، އިޞްޙާޤު ގެއްލުނީ އިތުރު މީހަކާ އެކީ ގދ. މާވެއްދޫގެ މައިފަރު ބޭރުގައި އަތޮޅު ތެރެއަށް ވާގޮތަށް އެންދަމަން ފައިބާ އުޅެނިކޮށް ކަމަށެވެ. އޭނާއާ އެކު ފީނާފައިވަނީ ގއ. ކަނޑުހުޅުދުއަށް ނިސްބަތްވާ ރަޝީދު އިސްމާއިލެވެ.

https://sun.mv/222964

އިސްހާގު ހޯދަން ޑްރޯން ބޭނުންކުރަނީ: އޭނާ ގެއްލުނީ އެންދަމަން ފައިބާ އުޅެނިކޮށް --- ފޮޓޯ/ ކައުންސިލް

އެ ދެ މީހުންނަށް އެންދަމަން ޑައިވިންއަށް ފޭބީ ފަތިހު 05:00 ގައެވެ. ރަޝީދު ޑައިވިން ނިންމައި ދޯންޏަށް އެރީ 05:30 ގައެވެ. އޭނާއާ ހަވާލާދީ ސެންޓަރުން ބުނި ގޮތުގައި، ދެ މީހުން އެކުގައި އެންދާ ހިފައިގެން ދިޔައީ 10 ވަރަކަށް މީޓަރު އަޑިއަށެވެ. އެ ފުންމިނުން ރަޝީދު ދިޔައީ ދާ ހިފައިގެން އެހެން ދިމާއަކަށެވެ. އިޞްޙާޤު ވެސް އެ ދިމާއަށް އަންނާނެ ކަމަށް ބަލައިގެން އޮތް ނަމަވެސް މައްޗަށް އެރިއިރު ވެސް އިޞްޙާޤެއް ނުފެނުނެވެ.

ރަޝީދު މައްޗަށް އެރުމުން ދޯނީގައި ދެންތިބި މީހުން ވެސް އިޞްޙާޤު ފެނޭތޯ ބަލަން ފެށިއެވެ. ހޯދަމުން ދަނިކޮށް، އެ ދޯނީގައި ހުރި ބިދޭސީއަކަށް ދޯނީގެ ކުރީކޮޅުން ކަނޑުގެ އަޑިން ބައްތީގެ އަލި ފެނުނު ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ. އަދި، އެ ވަގުތުން ފެށިގެން މަތިން ބަލައި ފާސްކުރަން ފެށި ކަމަށް ގައްދޫ އިމަޖެންސީ ސެންޓަރުން ބުންޏެވެ.

ނަމަވެސް، ދޯނީގައި އިތުރު ޑައިވަރުން ނެތުމުން އިޞްޙާޤު ހޯދަން ޑައިވް ކުރެވޭނެ ގޮތެއް ނެތެވެ. އެހެންވެ، އެ ވަގުތު ކަނޑުގެ އަޑި ބަލަން ނުފެށުނު ކަމަށް އެ ސެންޓަރުން މައުލޫމާތު ދިނެވެ.

އިސްހާގު މަހަށް ދިޔަ ދޯންޏާއި ލޯންޗެއް އޭނާ ހޯދުމުގެ މަސައްކަތުގައި ---- ފޮޓޯ/ ކައުންސިލް

އިޞްޙާޤު ގެއްލިގެން އުޅޭކަން ގައްދޫ ކައުންސިލަށް އެނގުނީ 05:30ހާއިރެވެ. ފުލުހުންނަށް ރިޕޯޓުކުރީ އޭގެ ހަ މިނެޓު ފަހުން 05:36 ގައެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންނާ އެކު، އެހެން މީހުން ވެސް ހަރަކާތްތެރިވިއެވެ. ޖުމުލަ ހަތް މީހުންގެ ދެ ޓީމަކުން އޭނާ ހޯދުމުގައި ހަރަކާތްތެރިވިއެވެ.

ފުލުހުން ޑްރޯން ވެސް ބޭނުންކުރިއެވެ. ފުރަތަމަ ފޭބި ޑައިވަރުންގެ ޓީމަށް ފީނަން ފޭބުނީ ހެނދުނު 07:35 ގައެވެ. ދެވަނަ ޓީމު ފީނަން ފޭބުނީ 07:38ގައެވެ. އެއީ އޭނާ ގެއްލުނުތާ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހެވެ.

އިޞްޙާޤުގެ ހަށިގަނޑު ފެނުނީ ފުރަތަމަ ޓީމަށެވެ. އިމަޖެންސީ ސެންޓަރުން ކިޔައިދިން ގޮތުގައި، އެ ޓީމަށް އިޞްޙާޤު ހަށިގަނޑު ނަގައިގެން މޫދުން މައްޗަށް އެރުނީ 07:49 އެހާކަންހާއިރެވެ. އޭރު ވެސް ހަށިގަނޑުގައި ވިންދު ނެތް ކަމަށް ޑައިވަރުންނާ ހަވާލާދީ އެ ސެންޓަރުން މައުލޫމާތު ދިނެވެ.

އިޞްޙާޤުގެ ހަށިގަނޑު ލޯންޗުގައި ގައްދުއަށް ގެނައިއިރު 07:58 ވެއްޖެއެވެ.

އެކަމަކު، އޭރު މާ ލަސްވެއްޖެއެވެ. މި ފަދަ ހިތާމަވެރި ހާދިސާތައް މީގެ ކުރިން ވެސް ކަނޑުމަތީގައި ހިނގާފައި އެބަހުއްޓެވެ. ޚާއްސަކޮށް ޑައިވްކުރުމުގެ ތެރޭގައި މަސްވެރިން މަރުވެފައި އެބަހުއްޓެވެ.

comment ކޮމެންޓް