ރާއްޖޭގެ އެކި ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް، މިނިސްޓާ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް, ޑރ. ޢަބްދުﷲ މުއްޠަލިބް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.
މިނިސްޓަރާ ސުވާލުކުރުމަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ ދަށުންނެވެ. މި ސުވާލު އިއްޔެ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މިނިސްޓަރު މުއްތަލިބާ ސުވާލުކުރުމަށް ހުށަހަޅުއްވާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، އެކި ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ތަފްސީލީ މައުލޫމާތު ހޯދުން ހިމެނެއެވެ. މީގެ ތެރޭގައި މަސައްކަތް ހުއްޓިފައިވަނީ ކޮން ރަށްތަކެއްގައި ކަމާއި، އެ މަސައްކަތްތައް އަލުން ފެށޭނެ ތާރީޚުތަކާއި، އަދި މަސައްކަތް ނިމޭނެ ތާރީޚުތަކުގެ ތަފްސީލު ސާފުކުރުން ހިމެނެއެވެ.

ހައުސިން މިނިސްޓަރު މުއްތަލިބާއި މެންބަރު ކުޑޫ:
މީގެ ކުރިން މެންބަރު ކުޑޫ ފޮނުއްވި ސުވާލުތަކަކަށް މުއްތަލިބު ޖަވާބު ނުދެއްވި މައްސަލަ ވެސް މެންބަރު ވަނީ ފާހަގަ ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބިދެނީ ސަރުކާރުގެ މަސައްކަތްތައް ޖަވާބުދާރީކުރުވުމުގެ މަގްސަދުގައެވެ. މިގޮތުން ގިނަ ރަށްތަކެއްގެ އަސާސީ ޚިދުމަތްތަކާ ގުޅޭ މަޝްރޫޢުތައް ހުއްޓިފައިވާތީ، އެކަމުގެ ކަންބޮޑުވުން މެންބަރުންގެ އިތުރުން އެ ރަށްތަކުގެ ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.
މި މަޝްރޫޢުތަކަކީ ރަށްރަށުގެ ތަރައްގީއާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާ ސީދާ ގުޅިފައިވާ ކަންކަމަށްވާތީ، މިނިސްޓަރު މަޖިލީހުގައި ދެއްވާ ޖަވާބުތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެއެވެ.
ނިމިދިޔަ ސަރުކާރުން އެކި ރަށްރަށުގައި ފަށާފައި ހުރި ގިނަ މަޝްރޫޢުތައް ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުމާއި އެކަމުގެ ޝަކުވާތައް މީގެ ކުރިން ވެސް ކޮށްފައިވެއެވެ. ނަމަވެސް މި ސަރުކާރުން އެކަމާ ގުޅިގެން ކުރިން ބުނެފައިވަނީ އެ ރަށްރަށުގެ ފެނާއި ނަރުދަނާމެ މަޝްރޫޢުތައް ހުއްޓިފައިވަނީ އިދިކޮޅަށް ނިސްބަތްވާ ކައުންސިލްތަކުން އެއްބާރުލުން ނުދޭތީ ކަމަށެވެ.