ޕާކިސްތާނުގެ ޗަކްވާލް ސިޓީގައި ހަތިޔާރު އެޅި ފޭރޭ ބަޔަކު ކަމަށް ހީކޮށް، އެ ގައުމުގެ ފުލުހުން އޮޅިގެން ދިން ބަޑީގެ ހަމަލާއެއްގައި އޮސްޓްރޭލިއާއަށް ނިސްބަތްވާ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އޮސްޓްރޭލިއާގެ ޕާތަށް ނިސްބަތްވާ ގްރޭޑް ހަތަރެއްގައި ކިޔަވަމުންދިޔަ ހާނިޔާ އަޙްމަދެވެ.
މި ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ ޕަންޖާބު ޕޮލިސް އެލީޓް ފޯސްގެ އޮފިސަރެކެވެ. ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ހާނިޔާގެ ބައްޕަ، އުމުރުން 39 އަހަރުގެ އަދީލް އަޙްމަދާއި އޭނާގެ 11 އަހަރުގެ ބޭބެ އާފާންއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް ހާނިޔާގެ މަންމައަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ، ބަޑި ދައްކައިގެން ފޭރެން އުޅުނު ބައެއްގެ ކިބައިން ސަލާމަތްވުމަށްޓަކައި އެ އާއިލާއިން ކުއްޔަށް ނަގާފައިވާ ކާރުގައި ފިލަން އުޅުމުގެ ތެރޭގައެވެ. ޕަންޖާބު ފުލުހުންގެ ކްރައިމް ކޮންޓްރޯލް ޑިޕާޓްމަންޓުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ހާސްކަމުގެ ތެރޭގައި ފުލުސް އޮފިސަރަށް އޮޅިގެން ބަޑިޖެހުނީ ފޭރެން އުޅުނު މީހުން އެ ކާރުގައި ފިލަން އުޅެނީ ކަމަށް ހީކޮށް ކަމަށެވެ. އަދި އެ ނުބައި ނިންމުމުގެ ސަބަބުން ކުއްޖާގެ ފުރާނަ ގެއްލި، އާއިލާގެ އެހެން މެންބަރުންނަށް އަނިޔާވެފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މި ހާދިސާ ހިނގައިދިޔަ ގޮތް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އަދި ފުރިހަމައަށް ތަހުގީގުކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން އުންމީދުކުރާ ކަމަށެވެ. އަދި މިއީ ވަރަށް ހިތާމަވެރި ހާލަތެއްގައި ކުޑަކުއްޖެއްގެ ފުރާނަ ގެއްލި، އާއިލާގެ އެހެން މެންބަރުންނަށް އަނިޔާވި ހާދިސާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، އާއިލާއަށް ބަޑިޖެހި ފުލުސް އޮފިސަރު މިހާރު ހުރީ ބަންދުކޮށްފައެވެ. އަދި އެ އާއިލާއަތުން ފޭރެން އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ވަނީ އެހެން ހާދިސާއެއްގައި ފުލުހުންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކެއްގައި މަރުވެފައެވެ.