ކުރިން ބުނި ތާރީޚުތަކުގައި މާލީ ހިސާބުތައް ހާމަނުކުރެވި، އަނެއްކާވެސް ވަގުތު އިތުރުކޮށްދިނުމަށް ސަރުކާރުގެ ކުންފުނި، އެމްޓީސީސީން އިއްޔެ އެދިއްޖެއެވެ.
އެ ކުންފުނިން މިހާރު އާންމު ކުރަން ޖެހޭ މާލީ ތިން ރިޕޯޓެއް އެބަ އޮތެވެ. އޭގެތެރޭގައި، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބާއި މިދިޔަ އަހަރުގެ މާލީ ހިސާބާއި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބު ހިމެނެއެވެ.
އޭގެތެރެއިން، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބަކީ އެންމެ ލަސްވެގެން ވެސް މިދިޔަ މާރިޗު 10ގައި އާންމުކުރަން ޖެހޭ ރިޕޯޓެކެވެ. އެކަމަކު، އެ މުއްދަތު ފަހަނައަޅައި ގޮސް، ތިންވަނަ ފަހަރަށް އިތުރު ވަގުތަށް އެމްޓީސީސީން ވަނީ އެދިފައެވެ.
އިއްޔެ އެ ކުންފުނިން ކުރި އިއުލާނެއްގައި ވަނީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގެ އިތުރަށް، މިދިޔަ އަހަރުގެ މާލީ ހިސާބާއި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބު އިއްޔެގެ ކުރިން ހާމަކުރުމަށް މަސައްކަތް ކުރި ކަމަށެވެ.

އެމްޓީސީސީގެ މުވައްޒަފުންތަކެއް މަސައްކަތުގައި ---ފޮޓޯ/ އެމްޓީސީސީ
އެކަމަކު، ކުންފުނީގެ ހިއްސާދާރުންނަށް މަންފާވާނެ ގޮތަށް އެ މާލީ ހިސާބުތައް ނިންމުމަށް އިތުރު ވަގުތު ބޭނުންވާތީ އެ ހިސާބުތައް އާންމުކުރާ މުއްދަތު އަންނަ އޮގަސްޓު 20ގެ ނިޔަލަށް އިތުރުކުރުމުގެ ހުއްދައަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށް އިއުލާނުގައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، އެމްޓީސީސީއަކީ އާންމުންގެ ހިއްސާ ވެސް އޮންނަ ކުންފުންޏެކެވެ. އެހެންވެ، ކުންފުންޏާ ގުޅޭ މާލީ ހިސާބުތައް ހިއްސާދާރުންނަށް ފެންނާނެހެން އާންމުކުރަންޖެހެއެވެ.
އެ ކުންފުނީގެ މާލީ ހިސާބުތައް އާންމުކުރާ ތާރީޚު ފަހަނައަޅައިދިޔައިރު، ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ދަށްކަމުގެ ކަންބޮޑުވުން އިގްތިޞާދީ ބޭފުޅުން އަންނަނީ ފާޅުކުރަމުންނެވެ. އަދި ސަރުކާރުގެ އެތައް މަޝްރޫއެއް އެއްފަހަރާ އެ ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު އެ ކަންކަން ހިންގުމުގައާއި އެ ކަންކަމަށް ފައިސާ ހޯދުމުގައި ވެސް ކުންފުނިތަކަށް ދަތިތަކާ ކުރިމަތިވާކަމުގެ ކަންބޮޑުވުން ސިޔާސީ ވާދަވެރިން އަންނަނީ ފާޅުކުރަމުންނެވެ.